Support Us

ބެޓްމޭނެއް ނޫން އެކަމަކު ހަގީގީ "ވާލު ކުއްޖެއް"

ވާލަކީ އޭގެ ފިޔަގަނޑުގެ ކަށިތައް ހަންގަނޑަކުން ގުޅި، ފިޔަގަނޑުގައި ވައި އެޅޭތީ އުދުހެވޭ އެއްޗެކެވެ. ކޮމިކްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ބެޓްމޭން" ފިލްމްތަކުގައި ދައްކައިދެނީ ވެސް މި ކަހަލަ ފިޔައެއް ހަދައިގެން އޭގެ ބަތަލު ވައިގެ ތެރެއިން ދަތުރުކުރާ ތަނެވެ.

ނާދިރު ކަމެއް ނަމަވެސް "ވާލު ކުއްޖެއް" އިންސާނުންގެ ތެރޭގައި އެބައުޅެއެވެ. އެއީ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޮންގޯއަށް އުފަންވި ޑިއެލާ ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ.

ޑިއެލާ އަށް ވާލު ކުއްޖާގެ ވަނަން ދެވުނީ އޭނާގެ ކަރާއި ކޮނޑު ހަންގަނޑަކުން ގުޅިފައިވާތީއެވެ. އޭނާ އުޅޭ ސްކޫލާއި ވިލެޖްގެ ރައްޓެހިން އޭނާ އަށް ކިޔަނީ "ވާ"ލެވެ.

އެފްރިމެކްސް އިންގްލިޝް މީޑިއާއަށް ދިން ހާއްސަ އިންޓަވިޔުއެއްގައި ޑިއެލާގެ މައިންބަފައިން ބުނީ އެ މީހުންނަށް ލިބުނު އަށް ކުދިންގެ ތެރެއިން މަދުން ނޫނީ ނުފެންނަ މި "ނުކުޅެދުންތެރިކަން" ދިމާވީ ޑިއެލާ އަށް އެކަނި ކަމަށެވެ. ޑިއެލާގެ މައިންބަފައިން ދެކެނީ މިއީ ނުކުޅެދުންތެރިކަމެއް ކަމަށެވެ.

ސަކަ މިޒާޖެއް ހުރި ނަމަވެސް ޑިއެލާގެ ބައްޕަ ބިރުގަންނަނީ ޑިއެލާ އާ ކައިވެނި ކުރާނެ ފިރިއަކު ނުވެދާނެތީއެވެ.

"މިއީ އަހަރެމެންނަށް ލިބުނު ފަސް ވަނަ ދަރިފުޅު. އަހަރެންގެ އެހެން ހުރިހާ ކުދިންގައި އެއްވެސް އައިބެއް ނެތް. ނަމަވެސް ޑިއެލާ އަށް ތަފާތު ގޮތެއް ދިމާވީ ކީއްވެ ކަމެއް ނޭނގޭ،" ޑިއެލާގެ މަންމަ ސިސިލް ބުންޏެވެ.

ޑިއެލާ އުފަންވިއިރު ޑޮކްޓަރުން ވިދާޅުވީ އޭނާގެ "ނުކުޅެދުންތެރިކަން" ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް ޑިއެލާގެ އުމުރުން މިހާރު ނުވަ އަހަރު ވެފައިވާއިރު މި ހަންގަނޑު އަދިވެސް ހުރުމުން އޭނާގެ މައިންބަފައިންނަށް ވަނީ ހާސްކަމެއް ލިބިފައެވެ. ހާއްސަކޮށް އޭނާގެ ބައްޕައަށެވެ.

"އަހަރެމެންނަށް ފެނުނީ އަހަރެމެންގެ ދަރިފުޅު އަހަރެމެން ބިރުގަތް މި އައިބާއެކު އުފަންވިތަން. އަހަރެމެން އެތައް ބައެއް ގާތުގައި އެހުމުން ވެސް ހިތްހަމަޖެހޭ ޖަވާބެއް ނުލިބުނު،" ޑިއެލާގެ ބައްޕަ ކިޓުމައިނީ ޖިޖުކާ ބުންޏެވެ.

ސިސިލް ބުނީ ޑިއެލާއަށް ބަލިވެއިންއިރު އޭނާގެ ސިއްހަތު ރަނގަޅު ކަމަށާއި ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

ދެމަފިރިންގެ އެހެން ދަރިން ފުރަތަމަކޮޅު ޑިއެލާ އާމެދު ޖެހިލުން ވިޔަސް ފަހުން ޑިއެލާ ބަލައިގަތް ކަމަށް ދެމަފިރިން ބުންޏެވެ.

ޑިއެލާގެ ޑޮކްޓަރު ޖޯސެފް ވިދާޅުވީ އައިބު ހުންނަ ކުދިން އާއްމު ގޮތެއްގައި ލިބެނީ މާބަނޑުއިރު މައިމީހާއަށް ކުރިމަތިވާ އިންފެކްޝަންއެއްގެ ސަބަބުން ކަމަށާއި ނަމަވެސް ސިސިލް އަށް މި ކަހަލަ ކަމެއް ދިމާ ނުވާ ކަމަށެވެ.

އުމުރުން ފަސް އަހަރު ވަންދެން ނޭވާ ލުމުގެ ނިޒާމާއި ބައެއް އެހެން ކަހަލަ ސިއްހީ މައްސަލަތައް ދިމާވިޔަސް މިހާރު ޑިއެލާގެ ހާލު ރަނގަޅު ކަމަށާއި އޭނާ އަކީ ވިސްނުން ތޫނު ކުއްޖެއް ކަމަށް އޭނާގެ ސްކޫލުން ބުންޏެވެ. މި ގޮތުން ސްކޫލްގެ އެންމެ މަތީ ފާސް ލިބޭ ފަސް ކުދިންގެ ތެރޭގައި ޑިއެލާ އަބަދުވެސް ހިމެނެއެވެ.

ޑިއެލާ ކިޔަވަން ދަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ދާ ސްކޫލްއަކަށް ނޫނެވެ. ހަމަ އެހެން ވެސް ކުޑަކުދިން ދާ އާދައިގެ ސްކޫލްއަކަށެވެ. އެ ސްކޫލްގެ ވެރިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ހަނގާ ކުރުން މަނާކޮށްފައެވެ. ސަބަބަކީ ހަނގާ ކުރުމުގެ ސަބަބުން ދުވަސްކޮޅެއް ވަންދެން ޑިއެލާ ސްކޫލްއަށް ނުގޮސްފައިވާތީއެވެ.

ޑިއެލާގެ މައިންބަފައިން ބުނީ ޑިއެލާގެ ހަންގަނޑު އޮޕަރޭޝަންކޮށްގެން ނެގުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

"ނަމަވެސް އަހަރެމެންގެ އަތުގައި އެ ކަހަލަ ކަމަކަށް ފައިސާއެއް ނެތް،" ސިސިލް ބުންޏެވެ.

ކިޓުމައިނީ ބުނީ ބޮލުގައި ރިހުމާއި އަނބުރައިގަތުން ކަހަލަ ސިއްހީ މައްސަލަތައް ޑިއެލާ އަށް ކުރިމަތިވާ ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވަނީ އުމުރުން މިހާރު ނުވަ އަހަރުވެފައިވާ އިރު އަދިވެސް ޑިއެލާ ހީވަނީ ހަ އަހަރުގެ ކުއްޖެއްހެން ކަމަށްވުމަކީ ސިއްހީ މައްސަލައެއް ކަމަށާއި އަދި ސާޖަރީއަކުން ޑިއެލާ ރަނގަޅު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ކަމަށް ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށް ވެއެވެ.

ކިޓުމައިނީ ބުނީ އަށް ކުދިން ސްކޫލަށް ދާތީ ޑިއެލާގެ އޮޕަރޭޝަނަށް ކުރަން ޖެހޭ ބޮޑު ހަރަދު ކުރެވެން އޮތީ އެހެން ބައެއްގެ ދީލަތި އެހީގެ ޒަރީއާއިން ކަމަށެވެ. މި ކަމަށްޓަކައި ޗަންދާ ހޯދުމަށް ވަނީ ވެބްސައިޓެއް ގާއިމުކޮށްފައެވެ. އެއީ givinglife.com އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *