Support Us

ހަށިގަނޑު ގުޅިފައިވާ މި ދެބެންނަށް 21 ދަރިން ލިބުނު

މިއީ ކޮން ކަހަލަ އަޖައިބުކުރުވަނިވި ވާހަކައެއް ހެއްޔެވެ؟ މިއީ ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ދެބެންނެވެ. އެކަމަކު އެ ދެބެންނަށް 21 ދަރިން ވަނީ ލިބިފައެވެ.

މުޅި ދުނިޔެއަށް ވެސް މަޝްހޫރުވެގެންދިޔަ ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ދެބެން ކަމަށްވާ ޗެންގް އަދި އެންގް އުފަންވީ މީގެ 213 އަހަރު ކުރިން، 1،811 ވަނަ އަހަރު ސަޔާމް އަށެވެ. އެއީ މިހާރުގެ ތައިލެންޑެވެ. ހަށިގަނޑު ގުޅިފައިވާ މި ދެބެންނަށް "ސަޔަމީޒް ޓްވިންސް" ކިޔަން ފެށުނީ މި ދެބެން ދުނިޔޭގައި މަޝްހޫރު ވުމުންނެވެ.

ދުނިޔޭގެ ރެކޯޑް ބަލަހައްޓާ ގިނެސްއިން ބުނެފައިވަނީ ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑުދެބެން ނުވަތަ "ކޮންޖޮއިންޑް ޓްވިންސް"ގެ މަންމަ މި ދެބެން އަޅުންގެ ގޮތުގައި ވިއްކާލީ ކަމަށެވެ.

ނަވާރަ ވަނަ ގަރުނާއި 20 ވަނަ ގަރުނުގެ މެދުތެރޭގައި ޔޫރަޕްގެ މީހުންގެ އާދައަކަށް ވެފައިވަނީ އާދަޔާ ހިލާފު ސިފައަށް ނުވަތަ އައިބު ހުންނަ މީހުން ބަލަން ދިއުމެވެ. މިހެންވެ ޗެންގް އަދި އެންގް އުޅުނީ ޗަރުކޭސް ގްރޫޕެއްގައެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރުކުރުމުގެ ކުރިން މި ދެބެން ވަނީ ތައިލެންޑްގެ ރަސްގެފާނާ ބައްދަލުކޮށްފައެވެ. އެއަށް ފަހު ދެބެން ވަނީ އެމެރިކާ، ކެނެޑާ، ކިއުބާ އަދި ޔޫރަޕަށް ދަތުރުކޮށްފައެވެ.

ދެބެންނަށް އުމުރުން 21 އަހަރު ވުމުން ޗަރުކޭހުގައި އެ މީހުން އަދާކުރި ބައިގެ ކޮންޓްރޯލް ވަނީ ދެބެންގެ ދަށަށް ގެނެސްފައެވެ. އަދި މި ކަމުގެ ސަބަބުން ދެބެންނަށް ވަރަށް ގިނަ ފައިސާ ލިބުނެވެ.

އެންމެ ފަހުން ދެބެން ކުރި ކަމަކީ އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓުން ދަނޑެއް ގަތީއެވެ. އަދި އެ ތަނުގައި ދިރިއުޅެން ފެށިއެވެ.

ދެބެންގެ ހަށިގަނޑު ވަކި ކުރުމަށް އޮޕަރޭޝަނެއް ކުރުމަށް ހުށަހެޅުނެވެ. ނަމަވެސް މި ކަހަލަ ސާޖަރީއެއް ކުރުމަށް ދެބެން ދެކޮޅު ހެދިއެވެ.

ދެބެންގެ ހަށިގަނޑު ގުޅިފައިވަނީ ކުޑަ މަސްކޮޅަކުންނެވެ. އަދި ދެބެން މަރުވުމަށް ފަހު ހެދި އޯޓޮޕްސީން ދެއްކި ގޮތުގައި ދެބެންގެ މޭ ވެސް ވަނީ ގުޅިފައެވެ.

ޗެންގް އަދި އެންގް ކައިވެނި ކުރީ އެޑިލެއިޑް އަދި ސާރާ ޔޭޓްސް ކިޔާ ދެބެންނާއެވެ. އަދި އެއަށް ފަހު އެމެރިކާ ރައްޔިތުންނަށް ބަދަލުވެ، ފަހަތު ނަމެއްގެ ގޮތުގައި "ބަންކާ" ކިޔަން ފެށިއެވެ.

ދެބެންގެ އަނބިން އާއްމުންގެ ސަމާލުކަމުން ރައްކާތެރި ކުރުމަށް އެޑިލެއިޑް އަދި ސާރާ އަށް ވަކިން ގެ އަޅައިދިނެވެ.

ދެބެންނަށް 21 ދަރިން ލިބުމުން ގިނެސް ރެކޯޑް ފޮތަށް އެރިއެވެ. އެއީ އެންމެ ގިނަ ދަރިން ލިބުނު ކޮންޖޮއިންޑް ޓްވިންސް ކަމަށް ޗެންގް އަދި އެންގް ވުމުންނެވެ.

ޗެންގް އަދި އެޑިލެއިޑް އަށް ލިބުނީ 10 ކުދިންނެވެ. އެންގް އަދި ސާރާ އަށް ލިބުނީ 11 ކުދިންނެވެ.

ގިނެސް ފޮތުގެ ޗީފް އެޑިޓަރު ކްރެއިގް ގްލެންޑޭ ވިދާޅުވީ ދެބެން ދަރިން ހޯދަން ޖިންސީ އަމަލުތައް ބެހެއްޓީ ކިހިނެތްކަން ނޭނގޭ ކަމަށެވެ.

"އެކަމަކު ޝައުގުވެރި ގޮތަކަށް ފާހަގަ ކުރެވުނު ގޮތުގައި ދެ އަނބިން ވިހެއުމުގައި ހަތަރު ފަސް ދުވަހުގެ ތަފާތެއް އައި. ބެލެވޭ ގޮތުގައި ޖިންސީ ގުޅުން ހިންގުމުގައި ކޮންމެވެސް ގޮތަކަށް ތަރުތީބަކާއި ރޭވުމެއް ގެންގުޅުނު،" ކްރެއިގް ވިދާޅުވިއެވެ.

ޗެންގް އާއި އެންގް އަންބިންނާއެކު ވަގުތު ހޭދަ ކުރީ ތިން ދުވަހުން ތިން ދުވަހުންނެވެ. އެއީ އެޑިލެއިޑް އަދި ސާރާ އާއެކު ހޭދަ ކުރާ ވަގުތު އިންސާފުވެރި ކަމާއެކު ބަހާލުމަށެވެ.

ދެބެން ކެރޮލައިނާގައި އުޅުނު ދުވަސްވަރުގައި އެ ސްޓޭޓްގައި އަޅުން ގެންގުޅުން ހުއްދައެވެ. އަދި ދެބެން ވެސް އަޅުން ގެންގުޅުނެވެ.

ދެބެން މަރުވީ ހަމަ އެއް ރެއެއްގައެވެ. އެއީ 17 ޖަނަވަރީ 1874 ގައެވެ. އުމުރުން 63 އަހަރުގައެވެ. ފުރަތަމަ މަރުވީ ޗެންގްއެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން އެންގްގެ ފުރާނަ ވެސް ދިޔައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *