Support Us

ބަނޑަށްޖެހެމުންދާ ސޫދާނަށް އދ.އިން ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި

އެފްރިކާ ބައްރުގައި މުސްލިމުންގެ 91 ޕަސެންޓް އާބާދީއެއް އޮންނަ ސޫދާން ބަނޑަށްޖެހެން ކައިރިވެފައި ވަނިކޮށް އެންމެ ފަހުން އދ.އިން ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފިއެވެ.

މިއީ އެއް އަހަރާ ގާތް ކުރާ އަހުލީ ހަނގުރާމަ އެންމެ ހޫނުކޮށް ހިނގަމުންދާ ދަރުފޫރު ސަރަހައްދަށް އދ.ގެ އެހީ އެތައް މަހެއް ފަހުން ފޯރުކޮށްދެވުނު ފުރަތަމަ ފަހަރެވެ.

އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ) އިން ބުނީ 250،000 މީހުންނަށް މަހަކަށްވާ ވަރަށް ކާބޯތަކެތި، ޗާޑް އާއި ސޫދާން ގުޅޭ އިމުގެ މަގުން ފޯރުކޮށްދީފައިވާ ކަމަށެވެ.

"ދަރުފޫރުގެ ހުޅަނގާއި މެދުތެރޭ ސަރަހައްދުތަކަށް ކާބޯތަކެތި މިހާރު އަންނަނީ ބަހަމުން،" ޑަބްލިޔު.އެފް.ޕީގެ ތަރުޖަމާނު ލެނީ ކިންޒްލީ ވިދާޅުވިއެވެ.

ސޫދާނުގެ ހުޅަނގުގައި އޮންނަ ދަރުފޫރު ސަރަހައްދަށް ޑަބްލިޔު.އެފް.ޕީގެ ކާބޯތަކެތި މި ފޯރުކޮށްދިނީ ސޫދާންގެ އަސްކަރިއްޔާ އެތައް މަހެއް ފަހުން ހުއްދަ ދިނުމުންނެވެ. އަސްކަރިއްޔާއިން ވަނީ ޗާޑު މަގުން ސޫދާނަށް އެހީދިނުމަށް އދ.އިން ކުރަމުން އައި މަސައްކަތަށް އެތައް މަހެއް ވަންދެން ހުރަސްއަޅައިފައެވެ. އެ ގޮތުން މިދިޔަ ފެބްރުއަރީ މަހުއްސުރެ އދ.އަށް ސޫދާނަށް ވަނުން ވަނީ މަނާ ކޮށްފައެވެ.

ސޫދާނުގައި އަހުލީ ހަނގުރާމައެއް ފެށުނީ މިދިޔަ އަހަރުގެ އެޕްރިލް މަހު އަސްކަރީ ވެރިޔާ އަބްދުލްފައްތާހު އަލް-ބުރްހާން އާއި މުހައްމަދު ހަމްދާން ދަގަލޫގެ ހަތިޔާރު އެޅި ފައުޖުތަކާ ހަމަލަތައް ބަދަލު ކުރަން ފެށުމުންނެވެ.

ސޫދާން އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ބަނޑަށްޖެހުމުގެ ކާރިސާ ކުރިމަތިވެފައިވާ ގައުމެވެ. އދ.އިން ބުނީ އާބާދީގެ ތިންބައިކުޅައެއްބައި މީހުން ބަނޑަށްޖެހުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެއީ 18 މިލިއަން މީހުންނެވެ.

މިދިޔަ މަހު އދ.އިން އިންޒާރު ދީފައިވާ ގޮތުގައި އަވަސް ގޮތެއްގައި ސޫދާނަށް ކާބޯތަކެތި ނުލިބިއްޖެ ނަމަ 222،000 ކުޑަކުދިންގެ ފުރާނައަށް ނުރައްކާ ވާނެއެވެ.

ދަރުފޫރުގައި މިހާރު ވަނީ އަނެއްކާވެސް "ޖެނޮސައިޑް" ނުވަތަ ނަސްލެއް ނައްތާލުމުގެ ކުލަ ޖެހެން ފަށައިފައެވެ. މީގެ ކުރިން 2003 ގައި 300،000 މީހުން މަރާލައި، 2.7 މިލިއަން މީހުން ގެދޮރުން ބޭރުކޮށްލާފައިވެއެވެ. މި ކަމެއް ހިންގީ ސަރުކާރުގެ އެހީގައި އަރަބި ކުލީ ސިފައިންނެވެ.

އިއްޔެ ފޯރުކޮށްދެވުނު ކާބޯތަކެތީގެ އިތުރުން ވެސް ގިނަ އަދަދަކަށް ކާބޯތަކެތި ފޯރުކޮށްދޭން ޖެހޭ ކަމަށް ލެނީ ވިދާޅުވިއެވެ.

"އަވައްޓެރި ގައުމުތަކާއި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތައް ހުރަސްކޮށް ވެސް ދާއިމީ އެހީ ފޯރުކޮށްދޭންޖެހޭ. އެހެން ނޫނީ ބަނޑަށްޖެހުމުގެ ކާރިސާ އިތުރަށް ގޯސްވާނެ،" ލެނީ ވިދާޅުވިއެވެ.

އދ.ގެ ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފް.އޭ.އޯ)އިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ސޫދާނުގެ ދަނޑުގޮވާން މަސައްކަތް މިދިޔަ އަހަރު ދެބައިކުޅައެއްބައި ދަށްވެފައިވާ ކަމަށެވެ. މި މައްސަލަ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުންނެވެ. އެ ގޮތުން ކުރުދުފާން އާއި ދަރުފޫރުގެ ދަނޑުގޮވާން ކުރުން ދަށްވެފައިވާ ނިސްބަތް 80 ޕަސެންޓަށް ވުރެ ދަށް ކަމަށް އެފް.އޭ.އޯއިން ބުނެފައިވެއެވެ.

"ދަރުފޫރުގެ ހުޅަނގު ސަރަހައްދުތަކުގައި ބަނޑުހައިހޫނުކަން ވަނީ ސިހުން ލިބޭ މިންވަރަކަށް ގޯސްވެފައި،" ލެނީ ވިދާޅުވިއެވެ.

ރަތް ކަނޑުގައިވާ ސޫދާނުގެ ބަނދަރަކުން މިދިޔަ މަހު ދަރުފޫރުގެ އުތުރު ސަރަހައްދަށް ކާބޯތަކެތި ފޯރުކޮށްދީފައިވީ ނަމަވެސް ޗާޑް މަގުން އެހީ ފޯރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ލެނީ ވިދާޅުވިއެވެ.

"ޗާޑްގެ އިމުން އެހީ ފޯރުކޮށް ނުދެވިއްޖެ ނަމަ ބަނޑަށްޖެހުމުގެ މައްސަލަ ހައްލުކޮށެއް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޑަބްލިޔު.އެފް.ޕީން ސޫދާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އެޑީ ރޯވް އިއްޔެ ވިދާޅުވީ ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އަންނަ "ލީން ސީޒަން" ނުވަތަ ވާރޭ ވެހި، ކާބޯތަކެތީގެ އަގުތައް މައްޗަށްދާ ދުވަސްވަރު ސޫދާނުގެ ބަނޑަށްޖެހުމުގެ މައްސަލަ ނާޒުކު ފައްތަރަކަށް ވެއްޓޭނެ ކަމަށެވެ.

"ކުރިން ނުދެކޭހާ ސީރިއަސް ދަރަޖައަކަށް ސޫދާނުގައި ބަނޑުހައިހޫނުކަން ފެތުރުމަކީ އަހަރެން ބިރުގަންނަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *