Support Us

އެއީ ޒިންމާދާރު ޕާޓީއެއް ނަމަ 13 މެމްބަރުން އެމްޑީޕީ ދޫކޮށެއްނުލާނެ: ރައީސް މުއިއްޒު

އިދިކޮޅު އެމްޑީޕީ އަކީ ޒިންމާދާރު ޕާޓީއެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުން އެ ޕާޓީ ދޫކޮށް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މަޖިލިސްއަށް ވަޑައިގެންނެވި 13 މެމްބަރަކު އެ ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ ޕީ.އެން.ސީއާ ގުޅިވަޑައިގަތީ، ރިޔާސީ އިންތިހާބުގެ ކެންޕެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ އެކު، އިދިކޮޅު އެމްޑީޕީން ރައީސް އަޒުލް ކުރުމުގެ މަސައްކަތް މަޖިލިސް ތެރެއިން ފަށައިފައިވަނިކޮށެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ، އެ 13 މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެން، ސަރުކާރާ ގުޅިވަޑައިގަތީ އިދިކޮޅު އެމްޑީޕީން ޒިންމާދާރުކަމާ އެކު މަސައްކަތް ނުކުރާތީ "ސަރުކާރަށް ތާއީދު ދެއްވުމުގެ ގޮތުން" ކަމަށެވެ.

"މިހާރު އޮތް އިދިކޮޅު ޕާޓީ، އެމްޑީޕީން ޒިންމާދާރުކަމާ އެކީގައި މަސައްކަތް ނުކުރާތީ، ރައްޔިތުންނަށް އޭގެން ގެއްލުންވާތީ ގައުމުގެ ހައްގުގައި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް އެއްބާރުލުން ދެއްވަން ބޭނުންވެލައްވާތީ (އެ ބޭފުޅުން) އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ބޭފުޅުން ނިންމެވި އެ ނިންމެވުމަކީ ވަރަށް ރަނގަޅު، ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި އެކަމަށްޓަކައި މިއަދު ވެސް އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ހަގީގަތުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަމަ އެބޭފުޅުން މަޑުކުރައްވާނީ އެމްޑީޕީގައި ކަމަށް އަޅުގަނޑަށް ހަމަ ގަބޫލްކުރެވޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރި ނަމަ ކުރާނީ ސަރުކާރުން ރަނގަޅު ކަންތައްތަކެއް ކުރަންޏާ އެކަމަކަށް އެހީތެރިކަން ދީގެން ކަމަށާއި އަދި ގޯސް ކަމެއް ކުރަންޏާ އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކޮށްގެން ކަަމަށެވެ. ނަމަވެސް އެމްޑީޕީން މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ އެއާ މުޅިން ހިލާފަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކެބިނެޓަށް ރުހުން ދިނީއެއް ނޫން. އިންޕީޗްމަންޓް (އަޒުލް ކުރުމުގެ) މަސައްކަތްތައް ވެސް އެއްވެސް އަސާސެއް ނެތި ފަށައިގަތީ. ބަޖެޓް ފާސްކުރުމުގައި ވެސް މި ސަރުކާރުގެ ޕޮލިސީތަކަށް ފުރުސަތު ނުދިނީ، ރައްޔިތުންނަށް އަޅުގަނޑުވީ ވައުދުތައް ފުއްދުމަށް ވެސް ފުރުސަތު ނުދިނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން މިހެން ގޮސް އެތައް ކަމެއް މަޖިލިސްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްގެން އެމްޑީޕީން ކުރަމުން ގެންދި ކަމަށް ރައީސް ވިދާޅުވި އެވެ.

މަޖިލީސްގެ މެޖޯރިޓީ ސަރުކާރަށް ލިބުމަކީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ގޮތް ކަމުގައިވާއިރު މަޖިލިސް މެޖޯރިޓީ ނުލިބިއްޖެ ނަމަ ދެން ވާނީ ކިހިނެއްތޯ ޕްރެޒެންޓަރު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ "ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހުގައި ގިނައިން ތިބުމަކީ ރައްޔިތުންނަށް އޭގެ ފުރިހަމަ ފައިދާވާނެ ކަމެއްކަން މި ހަތަރު މަސް ދުވަހުގެ ތެރޭގައި ކަންކަން މަޖިލިސް ތެރެއިން ކުރަމުން ދިޔަ ގޮތުން ފެންނަ އެބަ އޮތް" ކަމަށެވެ.

"ކަންކަން ހުއްޓުވުމާއި ކަންކަން ހުރަސް އެޅުމާއި އެއްވެސް ސަބަބެއް ނުދައްކާ އެެއްވެސް އަސާސެއް ނެތި ކުރަމުން ގެންދާ ކަންކަމުން ރައްޔިތުންނަށް ގެއްލުންވަމުންދާތަން ފެންނަމުން މިދަނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ކެނޑިޑޭޓުންނަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށާއި ނަމަވެސް އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ މެމްބަރަކު ކޮޮންމެ ދާއިރާއެއްގައި ވެސް ހުރުމަކީ ސަރުކާރަށް ކަންކަން ކުރަން ވަރަށް ފަސޭހަވާނެ ކަމެއް ކަމަށާއި އެއްބާރުލުން ނުދެންޏާ އެކި ކަހަލަ އުނދަގޫތައް ކުރިމަތިކުރަމުން ގެންްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *