...

Support Us

މިޔަންމާގައި އަހުލީ ހަނގުރާމައެއްގެ ހުޅުގަނޑު ފެތުރެނީ

މިޔަންމާއަށް ލޭއޮހޮރުވައިގެން ގެނައި އަސްކަރީ ބަގާވާތުގައި ތިން އަހަރުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ ރައްޔިތުންނަށް އެންމެ ފަހުން ހިންދެމިލުމުގެ ނޭވާއެއް ލެވިއްޖެއެވެ. އެ ގައުމުގެ އިދިކޮޅުން ގުޅިގެން މުޅި ގައުމު ހިމެނޭހެން އަހުލީ ހަނގުރާމައެއް ފެށުމުންނެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރިން އަންނަނީ އަސްކަރިއްޔާއާ އިދިކޮޅު ކޮންމެ ފަރާތަކާވެސް ގުޅެމުންނެވެ. މިހެންވެ އަސްކަރީ ސަރުކާރަށް މިހާރު ޖެހިފައިވަނީ ދެކުނު އިރުމަތީ އޭޝިއާގެ މި ގައުމުގެ ހުރިހާ ދިމާއަކުން ހަނގުރާމަ ކުރާށެވެ. އެހެންކަމުން މިއީ މިހާތަނަށް އަސްކަރިއްޔާއަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ނުރައްކަލެވެ.

އަސްކަރީ ސަރުކާރު ނުވަތަ މިޔަންމާގެ "ޖަންތާ" އަށް މިހާރު ވަނީ އެތައް އަވަށަކާއި އަސްކަރީ ގޮތުން މުހިންމު އެތައް ސަރަހައްދަކާއި އަދި ވިޔަފާރިތައް ދަތުރުކުރާ މަގުތައް ގެއްލިފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު މިހާ ފުޅާ ދާއިރާއެއްގައި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

"އަސްކަރިއްޔާ މިހާރު ދަނީ ވެއްޓެމުން. މިހެން ދިމާވީ ހުރިހާ އިދިކޮޅު ފަރާތްތަކުން އެއްބައިވަންތަކަމާއެކު އަސްކަރީ ވެރިކަމާ ދެކޮޅަށް މި ހަފުތާގައި ކެމްޕޭން ފެށުމުން،" މިނިވަން ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ މެޓްހިއު އާނޯލްޑް ވިދާޅުވިއެވެ.

"މިއީ އަސްކަރީ ސަރުކާރުގެ ދިރިހުރުމާ ގުޅިފައިވާ ކަމެއް. އިދިކޮޅު ހަނގުރާމަވެރިން އަންނަނީ ބައިބޯ އަވަށްތައް ފަތަހަ ކުރަން އިސްކަންދެމުން،" އޭނާ ވިދާޅުވިއެވެ.

އަސްކަރީވެރިކަން ވައްޓާލަން އިދިކޮޅުން ފެށި ކެމްޕޭނަށް މި ހަފުތާގައި ކާމިޔާބު ލިބެން ފެށީ، ހަތިޔާރު އެޅި ޖަމާއަތްތަކުން، މިދިޔަ އަހަރު އޮކްޓޫބަރު މަހު 27 ވަނަ ދުވަހު އިދިކޮޅާ ގުޅުނީމައެވެ. "އޮޕަރޭޝަން 1027″ގެ ނަން ދީފައިވާ މި ހަރަކާތް ފެށީ ތިން ނަސްލެއްގެ ހަނގުރާމަވެރިންނެވެ. އެއީ ގައުމުގެ އުތުރު އިރުމަތީ ހިސާބުން ފެށި ހަނގުރާމައެކެވެ. މިހާރު މި ހަނގުރާމަ ވަނީ ގައުމުގެ އުތުރާއި ހުޅަނގާއި ދެކުނު އިރުމަތީ ސަރަހައްދަށް ވެސް ފޯރާފައެވެ.

މި ކުރިމަތިލުންތަކުގައި މިހާތަނަށް އާއްމުންގެ 200 މީހުން މަރުވެ، 335،000 މީހުންގެ ގެދޮރު ނެތިގެން ގޮސްފައިވާ ކަމަށް އދ.އިން ބުންޏެވެ.

މިޔަންމާގެ ވަކިވަކި ސަރަހައްދުތަކުގައި އަހުލީ ހަނގުރާމައެއްގެ ސިފަ ޖެހިގެން ކުރިމަތިލުންތައް މީގެ ކުރިން ކުރިއަށް ދިޔަ ނަމަވެސް، މިއީ މުޅި ގައުމުގެ ހުރިހާ އިދިކޮޅު ފަރާތްތަކުން އެކުއެކީގައި ގުޅިގެން އަސްކަރީ ސަރުކާރާ ދެކޮޅަށް ފުޅާކޮށްލި ހަނގުރާމައެކެވެ.

އަސްކަރީ ވެރިޔާ މިން އޮން ހުލައިންގެ އަސްކަރީ ވެރިކަމެއް މިޔަންމާއަށް ގެނައީ 2021 ވަނަ އަހަރު އަންގް ސަން ސޫ ކީގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައިފައެވެ.

ހުލައިންގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ގައުމުގެ އިދިކޮޅު އެންމެން އެއްބައިވެ ގައުމީ އަހުލީ ހަނގުރާމައަކާ ދިމާއަށް މި ހަފުތާގައި މި ދިޔައީ އަސްކަރިއްޔާގެ ވެރިން ފެށި އަނިޔާވެރިކަމުގެ ހަރަކާތްތައް ހައްދުފަހަނަޅާ ވަރަށް ދިއުމުންނެވެ. އެ ގޮތުން ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން އަންނަ ޒުވާނުންނަކީ ޓެރަރިސްޓުން ކަމަށް ތުހުމަތުކޮށް، ކިރިޔާ ވިއްސަކަށް އަހަރުވީ ޒުވާނުން އަތްފައިބަނދެ ހުޅުޖަހާ ރޯކޮށްލާ މަންޒަރުތައް ވެސް އަސްކަރިއްޔާއިން އާއްމު ކުރަން ފެށުމުން ރައްޔިތުން ކެކިއެރީއެވެ.

ޖަންތާއާ ދެކޮޅަށް ގައުމުން ބޭރުގައި އިދިކޮޅުން ހިންގާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ނުވަތަ "ނެޝަނަލް ޔުނިޓީ ގަވަންމަންޓް"ގެ "ޓެރަރިސްޓުން" ކަމަށް ބުނެ އަސްކަރީ ސަރުކާރުން ދިން ހަމަލަތަކުގައި ވަނީ އާއްމުންގެ އެތައް ހާސް ބަޔަކު މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނެއެވެ. އަދި ދެ މިލިއަން މީހުންގެ ގެދޮރު ވަނީ ނެތިގޮސްފައެވެ.

މިޔަންމާގެ މައިގަނޑު ސިޓީތައް ކަމަށްވާ ޔަންގޮން އާއި މެންޑެލޭ އަދި ނޭޕީޑޯ އާ ހިސާބަށް މި އަހުލީ ހަނގުރާމަ އަދި ނުފޯރައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.