...

Support Us

ބްރިޖެއް ވެއްޓި ހަ މީހުން މަރުވެއްޖެ ކަމަށް ބެލެވެން ފަށައިފި

އެމެރިކާގެ ބަލްޓިމޯގެ ބްރިޖެއްގެ ތަނބެއްގައި މުދާ އުފުލާ ބޯޓަކުން ޖެހި ބްރިޖް ވެއްޓުމުގެ ސަބަބުން ހަ މީހުން މަރުވެއްޖެ ކަމަށް ބެލެވެން ފަށައިފިއެވެ.

އޮފިޝަލުން ވިދާޅުވީ ދިގުމިނުގައި 1.6 މޭލު ހުރި ފްރާންސިސް ސްކޮޓް ކީ ބްރިޖްގެ މަސައްކަތެއް ކުރަން ހަ މީހުން ތިބި ކަމަށާއި ކޯރުގެ ފިނިހޫނުމިން ހުރީ ތިނެއް ޑިގްރީ ސެލްސިއަސްގައި ކަމަށް ވާތީ އެ އެންމެން ގަނޑުވެގެން މަރުވެއްޖެ ކަމަށް ބެލެވޭ ކަމަށެވެ.

ބްރިޖް ވެއްޓެން ދިޔައިރު އޭގައި ވަރަށް ގިނަ އުޅަނދު ދުއްވަމުން ދިޔައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް ބޭނުން ކުރާ ޓްރެކްޓަރެއް ވެސް ހިމެނެއެވެ.

ސަލާމަތް ކުރެވުނީ ދެ މީހުން ކަމަށް ބެލެވެއެވެ. އެ މީހުން ނެގީ ކޯރު ތެރެއިންނެވެ. އެ ތަނުން އެކަކުގެ ހާލު ވަރަށް ސީރިއަސްއެވެ. މި ދެ މީހުން ސަލާމަތް ކުރުމުގައި ކަނޑުގެ އުޅަނދުފަހަރާއި ހެލިކޮޕްޓަރު ބޭނުން ކުރިއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ނުވަތަ ކޯސްޓް ގާޑުގެ ރެއާ އެޑްމިރަލް ޝެނޮން ގިލްރެތު ވިދާޅުވީ ކޯރުގެ ފިނިހޫނުމިން ހުރި ޓެމްޕަރޭޗަރާއި އަދި ކޯރަށް ވެއްޓި އޭގައި ހޭދަވި ވަގުތަށް ބަލާއިރު ކޯރަށް ވެއްޓުނު އެއްވެސް މީހަކު މިހާރު ސަލާމަތުން ހުރި ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ "ދާލީ" ނަމަކަށް ކިޔާ ބޯޓު ޖެހުނީ 47 އަހަރުވެފައިވާ ބްރިޖްގެ ތަނބެއްގައެވެ. އޮފިޝަލުން ވިދާޅުވީ ބޯޓަށް ކަރަންޓްގެ މައްސަލައެއް ދިމާވި ކަމަށާއި ބްރިޖްގެ ތަނބުގައި ޖެހުމުގެ ކުރިން ބޯޓުގެ ކޮންޓްރޯލް ގެއްލުނުކަން ބަނދަރު ބަލަހައްޓާ ފަރާތަށް ވަގުތުން ބޯޓުން އެންގި ކަމަށެވެ.

ބޯޓު ތަނބުގައި ޖެހުނީ ޖީ.އެމް.ޓީ. ގަޑިން 5.30 ގައެވެ. އަދި ހަމަ ވަގުތުން ބްރިޖް ބިނދި، ކޯރުގެ ތެރެއަށް ވެއްޓުނެވެ.

އެމެރިކާގެ ޕޯޓް ބްރީޒް ބަނދަރުން ނައްޓާލީ ޖީ.އެމް.ޓީ. ގަޑިން 0.45 ގައެވެ. ދަތުރު ކުރީ ޝްރީ ލަންކާއަށް ދިއުމަށެވެ.

ބޯޓުފަހަރު ދުއްވާ ކުންފުންޏެއް ކަމަށްވާ ސިނަޖީ މެރިން ގްރޫޕުން ބުނީ މި ހާދިސާ ހިނގިއިރު 22 މީހުން ބޯޓުގައި ތިބި ކަމަށާއި އެއީ އިންޑިއާގެ 20 ފަޅުވެރިންނާއި ބަނދަރުން ބޯޓު ނެރެން މަގުދައްކައިދިނުމުގައި އެހީވާ "ޕައިލެޓު"ންގެ ގޮތުގައި މަސައްކަތް ކުރާ ބަލްޓިމޯގެ ދެ ރަށްވެހިން ކަމަށެވެ. މިއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށްވެއެވެ.

ބޯޓު ކޮންޓްރޯލުން ނެއްޓުނު އަސްލު ސަބަބު އަދިވެސް ނޭނގޭ ކަމަށާއި މޭރީލޭންޑް ސްޓޭޓްގެ ރަސްމީ އިދާރާތައް ހިންގަމުން އަންނަ ތަހުގީގަށް ފުރިހަމަ އެއްބާރުލުން އެބަ ދޭ ކަމަށް ސިނަޖީން ބުންޏެވެ.

މޭރީލޭންޑްގެ ދަތުރުފަތުރާ ބެހޭ ސެކްރެޓެރީ ޕޯލް ވައިޑްފެލްޑް ވިދާޅުވީ ބްރިޖް ވެއްޓުމުން އޭގެ އޮނިގަނޑަށް ވެފައިވާ ގެއްލުންތައް ބަލަން އިންޖިނިއަރުންގެ ޓީމަކުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރުމުގެ ފުންނާބު އުސް ކުންފުންޏެއް ކަމަށްވާ މެއާސްކުން ބުނީ ދާލީ ވަނީ ޗާޓަރު ކޮށްފައި ކަމަށާއި އެއީ މެއާސްކްގެ ކަސްޓަމަރުންގެ މުދާތަކެއް އުފުލަން ކަމަށެވެ.

"މި ވާހަކަ އަޑުއެހީ ވަރަށް ހިތާމައާއެކު. އަހަރެމެންގެ ހަމްދަރްދީ ވަނީ މި ހާދިސާގެ ގެއްލުން ލިބުނު ހުރިހާ ފަރާތްތަކާއެކު،" މެއާސްކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މެއާސްކްގެ އެއްވެސް ފަޅުވެރިއަކު އަދި މުވައްޒަފަކު ދާލީގައި ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ވީހާ ވެސް އަވަހަކަށް އޭނާ ބަލްޓިމޯއަށް ވަޑައިގަންނަވާނެ ކަމަށާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތަށް އެންމެ އިސްކަމެއް ދެއްވާނެ ކަމަށެވެ.

"ވީހާވެސް އަވަހަކަށް ބަނދަރު ހުޅުވާ، ބްރިޖް އަލުން ހެދުމުގެ މަސައްކަތް ކުރަން އިންސާނުންނަށް ކުރެވޭ ވަރު ކުރާނަން،" ބައިޑަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބްރިޖް ވެއްޓުމަކީ "އެކްސިޑެންޓެއް" ކަމަށާއި ބްރިޖް އަލުން ހެދުމުގެ ހުރިހާ ހަރަދެއް އޭނާގެ ސަރުކާރުން ކުރާނެ ކަމަށާއި ނަމަވެސް އެ ކަމަށް ބޭނުންވާ ހަރަދު ގާނޫނު ހަދާ މަޖިލީހުން ފާސް ކުރަން ޖެހޭ ކަމަށް ފެންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.