ދެބޯ ލީ ހަރުފައެއްގެ އޯވަރީ ނަގައިފިއެވެ. ނަމަވެސް އެމެރިކާގައި ހިންގި މި އޮޕަރޭޝަނަކީ މިއީ އިތުރު ދެ ބޯ ލީ ހަރުފައެއް ވިހާފާނެތީ ކުރި ކަމެއް ނޫނެވެ.
އެމެރިކާގެ މިޒުރީ ސްޓޭޓްގެ ގުދުރަތީ މަހުލޫގުން އާއްމުންނަށް ދައްކާ މަރުކަޒެއްގައި ގެންގުޅޭ މި ހަރުފަގެ އޯވަރީ ނެގީ އޯވަރީގައި އުފެދޭ ބިސް ގަރުބަނުގަނެ އޯވަރީ ދުޅަވާތީއެވެ.
"ޓައިގާ-ލިލީ"ގެ ނަން ދީފައިވާ މި ހަރުފަގެ އޯވަރީގައި މައްސަލައެއް އުޅޭކަން އެނގުނީ އެއް ދުވަހަކު އެސޮރު ކައިނިމިގެން ކިނބިއްސެއް އެޅިއިރު އަނގައިން ލޭ އައުމުން ކަމަށްވެއެވެ.
"މައްސަލައަކީ ކޮބައިކަން ދެނެގަތުމަށް ޓައިގާ-ލިލީ ފޮނުވާލީ ސައިންޓް ލުއިސްގައި ހުންނަ ހައިވާނު ބަގީޗާއަކަށް،" މިޒުރީ ސްޓޭޓްގެ ގުދުރަތީ އެއްޗެހި ހިމާޔަތް ކުރާ މަރުކަޒުގެ އޮފިޝަލެއް ކަމަށްވާ ލޯރެން ބޭކާ ބުންޏެވެ.
"ވެސްޓަން ރެޓް ސްނޭކް" ނަމަކަށް ކިޔާ މި ބާވަތުގެ ހަރުފައިގެ ތެރެއިން، ދެ ބޯ ލީ މި ހަރުފައަކީ އަސްލު ދެ ހަރުފަ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ. މި ހަރުފައަށް ކަން ދިމާވެފައިވާ ގޮތަކީ ބިހުގެ ތެރޭގައި ގަރުބަގަތްއިރު ދެ ހަރުފަ ވަކި ދެ ހަރުފައަކަށް ނުވެ، ދޭތި އެއްވެ، ހަމައެކަނި ދެ ބޯ ވަކިން ގަރުބަގަތީ ކަމަށްވެއެވެ.
ދެ ބޯ ލީ ހަރުފަ ދުނިޔޭގައި މާ ގިނަ ދުވަސްތަކަކު ދިރިނޯންނަ ކަމަށް ބެލެވޭއިރު، މި ހަރުފައިގެ އޯވަރީ ނަގަން ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އަލުން މީހުންނަށް ފެންނާނެހެން މިޒުރީގެ މަރުކަޒުގައި އެއް މަސް ފަހުން ބާއްވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މި ހަރުފަ ފެނުނީ 2017 ވަނަ އަހަރު މިޒުރީގައި ދިރިއުޅޭ އާއިލާއަކަށެވެ. މި ވައްތަރުގެ ހަރުފައަކީ އިންސާނުންނަށް ނުރައްކަލެއް ނެތް ބާވަތެއްގެ ހަރުފަ ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.