Support Us

ސްވިޑްންގެ ބިންވެރިޔާއަށް ކޯޓުން ގިނިހިލަ ދީފި

ސްވިޑްންއަށް ވެއްޓުނު ގިނިހިލައެއްގެ ވެރިޔަކީ އެ ވެއްޓުނު ބިމުގެ ވެރިޔާ ކަމަށް އެޕީލް ކުރާ ކޯޓުން ކަނޑައަޅައިފިއެވެ.

ބަރުދަނުގައި 14 ކިލޯ ހުރި ގިނިހިލަ ބެލެވޭނީ އެ ވެއްޓުނު ބިމުން "ނުގުޑުވޭނެ" އެއްޗެއް ކަމަށާއި އެހެންކަމުން މި ގިނިހިލައިގެ ވެރިޔަކީ މީތި ވެއްޓުނު ބިމުގެ ވެރިޔާ ކަމަށް ކޯޓުން ނިންމިއެވެ.

"ގިނިހިލައިގެ މައުދަނުގެ ގޮތުގައި ވަނީ ދަނގަޑު. އަދި ވެއްޓުނު ބިމުގައި ވެސް މައިގަނޑު ގޮތުގައި ވަނީ ދަގަނޑު. އެހެންކަމުން މި ގިނިހިލައަކީ އެ ބިމުގެ ބައެއްގެ ގޮތުގައި ނޫން ކަމަށް ބެލެވޭނެ ގޮތެއް ނެތް،" ސްވިއާގައި ހުންނަ އެޕީލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައި ކޯޓުގެ މި ނިންމުން ނިންމި ގިނިހިލައަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަތްވަނަ ދުވަހު، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ އުތުރުގައިވާ އުޕްލާންޑް ކިޔާ ސަރަހައްދެއްގައި އޮތް އަމިއްލަ މީހެއްގެ ބިމަކަށް ވެއްޓުނު ގިނިހިލައެކެވެ.

އެ އަހަރުގެ ޑިސެމްބަރު މަހު ބިމާ ގުޅޭ އިލްމް ހޯދާ ދެ ޖިއޮލޮޖީ ސައިންސްވެރިންނަށް މި ގިނިހިލަ ވަނީ ފެނިފައެވެ. އަދި އެ ދެ މީހުން ވަނީ މި ގިނިހިލަ ސްޓޮކްހޯމްގައި ހުންނަ ގުދުރަތީ ތާރީހު ނުވަތަ ނެޗުރަލް ހިސްޓްރީ އާ ގުޅޭ ދާރުލް އާސާރަށް ފޮނުވާލައިފައެވެ.

ގިނިހިލަ ވެއްޓުނީ ޔޫއަން ބެންޒެލްހުއެނާ ސޮން އެންގެސްތުރަމް ނަމަކަށް ކިޔާ މީހެއްގެ ބިމަކަށެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުޕްސަލަ އަވަށުގެ ކޯޓުން ވަނީ މި ގިނިހިލައިގެ ވެރިންނަކީ މި ގިނިހިލަ ފެނުނު އެންޑްރިއަސް ފޯޝްބަރީ އާއި އަންދަޝް ސެޓަކުއިސްޓް ކަމަށް ކަނޑައަޅައިފައެވެ. ސަބަބެއް ކަމަށް ކަނޑައެޅީ މި ގިނިހިލައަކީ މި ގިނިހިލަ ވެއްޓުނު ބިމުގެ ބައެއް ކަމަށް ނުވާތީ އާއި އެއް ތަނުން އަނެއް ތަނަށް ގެންދެވޭ، ވެރިޔަކު ނުވާ ގިނިހިލައެއް ކަމަށް ވާތީއެވެ.

މި ނިންމުމާ ހިލާފަށް އެޕީލްސް ކޯޓުން ނިންމީ މި ގިނިހިލައިގައި ވަނީ ދަގަނޑުގެ މާއްދާ ކަމަށާއި ގިނިހިލަ ވެއްޓުނު ބިމުގައި ވެސް ދަގަނޑުގެ މާއްދާ ހުރީތީ، މި ގިނިހިލައަކީ، މި ގިނިހިލަ ވެއްޓުނު ބިމުގެ ބައެއް ނޫން ކަމަށް ބެލުމުގެ ޖާގަ ކުޑަ ކަމަށް ނިންމައިފައެވެ.

"ގިނިހިލައަކީ މި ދުނިޔޭގެ އެއްޗެހި ނޫން ކަމަށް ވިޔަސް، ގިނިހިލައާމެދު އަމަލު ކުރަން ޖެހޭނީ އެހެންވެސް ހިލައާމެދު އަމަލު ކުރާ ގޮތަށް. އެއީ ނުގުޑުވޭ ހިލައިގެ ގޮތަށް،" އެޕީލްސް ކޯޓުގެ ފަނޑިޔާރު ރޮބަޓް ގްރީން ވިދާޅުވިއެވެ.

ފުރިހަމަ މިނިވަންކަމާއެކު ސްވިޑްންގެ ބިމުގައި އެއް ތަނުން އަނެއްތަނަށް ދަތުރު ކުރެވޭ ގާނޫނެއްވެއެވެ. އެ ގާނޫނުގެ ދަށުން ދިރޭތަކެއްޗާއި އެހެނިހެން ގުދުރަތީ އެއްޗެހި ތަންތަނަށް ގެންދިއުމަކީ މަނާ ކަމެކެވެ.

"އެހެންކަމުން، މީހެއްގެ ބިމަކުން ގިނިހިލައެއް އެހެން މީހަކު ގެންދިއުމުގެ ހައްގެއް ނޯންނާނެ،" އެޕީލްސް ކޯޓުން ބުންޏެވެ.

މި ގިނިހިލަ ފެނުނު މީހުން ކޯޓުގައި ބުނީ ގިނިހިލަ ގެންދިއުމަށް ހުއްދަ ދޭ އެއްބަސްވުމެއް ބިމުގެ ވެރިޔާއާއެކު ހަދާފައިވާ ކަމަށެވެ. ނަމަވެސް ކޯޓުން ބުނީ މި ފަދަ ހެއްކެއް ފެންނަން ނެތް ކަމަށެވެ. ގިނިހިލަ ފެނުނު ދެ މީހުން މި މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންދާނެ ކަމާމެދު އަދި ސާފު މައުލޫމާތެއް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *