...

Support Us

ޕެންގުއިން ޕޯސްޓް އޮފީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު

އެންޓާކްޓިކާ ބައްރުގައި ދިރިއުޅޭ "ޕެންގުއިން" ދޫނިތައް ބަލަން ދާ ޓޫރިސްޓުން ފޮނުވާ ސިޓީތަކާއި ޕޯސްޓް ކާޑު ފޮނުވައިދޭ "ޕެންގުއިން ޕޯސްޓް އޮފީހު"ގެ މުވައްޒަފަކަށް ވުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ. މިއީ ދުނިޔޭގެ އެންމެ ދެކުނުގައި ހުރި ޕޯސްޓް އޮފީހެވެ. މި ޕޯސްޓް އޮފީސް ގާއިމު ކޮށްފައިވަނީ "ޕޯޓް ލޮކްރޯއި" ކިޔާ ބަނދަރެއްގައެވެ.

"އެންޓާކްޓިކާ ހެރިޓޭޖް ޓްރަސްޓް"އިން ކޮންމެ އަހަރަކު ހުޅުވާލާ މި މަގާމަށް އެތައް ބަޔަކު ކުރިމަތިލައެވެ. މި ފަހަރު ކުރިމަތިލެވޭ ގޮތަށް އޮތީ ހަމައެކަނި އިނގިރިސޭ ވިލާތުގެ ރައްޔިތުންނަށެވެ. އެ ގޮތުން ޕޯސްޓް އޮފީހުގައި މަސައްކަތް ކުރުމުގެ ތިން މަގާމަކަށް މުވައްޒަފުން ނަގާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އަހަރަކު ގާތްގަނޑަކަށް 80،000 ސިޓީ އާއި ސްޓޭމްޕުގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން ކްރޫޒް ލައިނާ ފަދަ ބޮޑެތި މަނަވަރުތަކުގައި އަންނަ 18،000 ޓޫރިސްޓުންގެ ކަންތައްތައް ބެލެހެއްޓުމުގެ އިދާރާ އަކީ ވެސް މި އޮފީހެވެ. މި އިމާރާތުގައި ހުންނަ ހަދިޔާ ވިއްކާ ފިހާރައިގެ ކަންތައްތައް ބަލަހައްޓަން ޖެހެނީ ވެސް ޕެންގުއިން ޕޯސްޓް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

އެންޓާކްޓިކާ ހެރިޓޭޖް ޓްރަސްޓުން ބުނީ މި މަގާމަށް ނަގާ މުވައްޒަފުން އުޅެން ޖެހޭނީ ތަރައްގީނުވާ ރަށެއްގައި އުޅެން ޖެހޭ ކަހަލަ ހާލެއްގައި ކަމަށެވެ. އެ ގޮތުން ޕެންގުއިންގެ ނަޖިހުގެ ވަހުން ފުރިފައިވާ މި ޕޯސްޓް އޮފީހުގެ އިމާރާތުގައި ފެން ލިބެން ނެތުމުން ގައިންތާހިރު ވެވެން އަންނަނީ މަނަވަރުތަކުން ގެންނަ ހުސްކުރި ތެޔޮހަމަށް ޖަމާކުރާ ފެނުންނެވެ. އަދި ހިތްހަމަޖެހޭ މިންވަރަށް ފެންވަރާލަން ފުރުސަތު ލިބެނީ ވެސް ކޮންމެ ދެ ހަފުތާއިން އެއް ފަހަރު ބަނދަރުގައި މަޑު ކުރާ ޓޫރިސްޓް ކުރޫޒް ލައިނާ މަނަވަރުތަކުންނެވެ.

"މިއީ ވަރަށް އެކަނިވެރިކަން އިހުސާސް ކުރަންޖެހޭ ވަޒީފާއެއް. ތިމާގެ ގާތުގައި އެހެން މީހަކު ނުހުންނާނެ،" އެންޓާކްޓިކާ ހެރިޓޭޖް ޓްރަސްޓުން ބުންޏެވެ.

މިހެންވެ މި މަގާމަށް ހޮވޭ މުވައްޒަފުން ޕެންގުއިން ޕޯސްޓް އޮފީހުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ނަފުސުން ހިތްވަރު ހޯދައިގެންނެވެ. މީގެ އިތުރުން ޕެންގުއިންތަކާއި ޓޫރިސްޓުންނާ މެދު ހަމްދަރުދީ ބެހެއްޓުމަކީ ވެސް ވަޒީފާ އަށް މުވައްޒަފުން ހަމަޖެއްސުމުގައި ބަލާ ޝަރުތެކެވެ.

މި ފަހަރު ވަޒީފާއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ އިސް މަގާމެއް ފުރާ ކޭޓީ ޝޯ ހިމެނެއެވެ. އޭނާ ޕެންގުއިން ޕޯސްޓް އޮފީހުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ބޮޑުކަމުން އޭނާ ވަނީ އޭނާގެ އެއް ފައިގައި އެންޓާކްޓިކާގެ ޗާޓު ޓެޓޫއެއް ގޮތުގައި ޖަހައިފައެވެ. އަނެއް ފައިގައި ޖަހާފައިވަނީ އާނަސްޓް ޝެކްލްޓަންގެ ފޮޓޯއެކެވެ. ޝެކްލްޓަން އަކީ އެންޓާކްޓިކާގެ ކަންތައްތައް ހޯދުމަށް މަސައްކަތްކުރި އިނގިރޭސި ވިލާތުގެ މަޝްހޫރު ދަތުރުވެރިއެކެވެ.

"އަހަރެންގެ ފުރަތަމަ ހުވަފެނަކަށްވީ އެންޓާކްޓިކާގައި މެރިން ބަޔޮލޮޖިސްޓެއް (ނުވަތަ ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިއެއް)ގެ ވަޒީފާ އަދާކުރަން. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ނުހެދުނު،" ކޭޓީ ބުންޏެވެ.

"އެންޓާކްޓިކާ އަކީ ތިމާވެށީ ގޮތުން އަހަރެމެން އިންސާނުން މިހާތަނަށް ހަލާކުކޮށް ނުލެވިފައިވާ ބައްރެއް،" ކޭޓީ އިތުރަށް ބުންޏެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.