އާދަޔާ ހިލާފު ގަހެއް ކަމަށްވާ ވީނަސް ފްލައިޓްރެޕް ގަސްތަކެއް ވަގަށް ނެގި ދެ މީހުން ފުލުހުން ހޯދަން ފަށައިފިއެވެ.
ދުނިޔޭގައި މަދުވަމުންދާ މި ގަހަކީ އޭގެ ކާނާ އާދަޔާ ހިލާފު ގޮތަކަށް ހޯދާ އެއްޗެކެވެ. އެ ގޮތުން އިރުގެ ދޯދިންނާއި ކާބަންޑައި އޮކްސައިޑު ގޭހުން ލިއްބައިދޭ ހަކަތައިގެ އިތުރުން މި ގަހުން ކާނާ ހޯދާ އިތުރު ގޮތަކީ އޭގެ ފަތްތަކުގައި ޖައްސާ މެހި ފަދަ ކުދި ސޫފިތައް "އަތުލައިގަނެ ކާލަނީ"އެވެ.
ވީނަސް ފްލައިޓްރެޕްގެ ކޮންމެ ތަނޑިއެއްގައި ދެ ފަތް ހުރެއެވެ. މި އިން ކޮންމެ ފަތެއްގެ އެތެރެއަށް ވާ ގޮތަށް ދެ ފަތުގެ އެތެރެ ފަރާތުގައި އިސްތަށިތަކެއް ކަހަލަ ކެހެރިތަކެއްވެއެވެ. މެއްސެއް، ފައިދިގުމަކުނެއް ނުވަތަ އެހެން ވެސް ސުއިއްޕެއް މި ދެ ފަތް ދޭތެރޭގައި ޖައްސައި، ކެހެރިތަކުގައި ޖެހުމުން ވަގުތުން ދެ ފަތް އެއްކޮށް ލައްޕާލައެވެ. އަދި އަހަރެމެން އިންސާނުންގެ ހަޖަމުކުރާ ނިޒާމުގައި ހުންނަ ހަޖަމު ކުރާ ދިޔަ ކަމަށްވާ "އެންޒައިމު" މި ފަތްތަކުގެ ތެރޭގައި އަށަގަންނުވާލައެވެ. ދެން އެ އަތުލައިގަނެވުނު ސޫފި މަޑުމަޑުން ހަޖަމުވެގެން ދެއެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓްގެ ފުލުހުން ބުނީ އެ ސްޓޭޓްގައި ގުދުރަތީ ގޮތުން ހެދޭ މި ގަސްތަކުގެ ހައެއްކަ ސަތޭކަ ގަސް މި ދެ މީހުން ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުންގެ އޮފިޝަލެއް ބުނީ ވީނަސް ފްލައިޓްރެޕް ގުދުރަތީ ގޮތުން ހެދެނީ ނޯތް ކެރޮލައިނާގެ އިރުދެކުނު ސަރަހައްދުތަކުގައި ކަމަށާއި މިއީ މާ އަޅާ ދުވަސްވަރު ކަމަށް ވާތީ އެ ގަސްތައް ފާހަގަކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.
"މި ގަސްތައް ކަޅު ބާޒާރުގައި ވެސް ވިއްކާ،" އޭނާ ބުންޏެވެ.
ކްރިސްކޯ ބުނީ މި ދިޔަ މަހު ވެސް މި ކަހަލަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ފަހަރު އަތުލައިގަތް ދެ މީހުންގެ ދަބަހުން 590 ވީނަސް ފްލައިޓްރެޕް ގަސް ފެނިފައިވާ ކަމަށެވެ.
ވީނަސް ފްލައިޓްރެޕްގެ ގޮނޑި އާއި ގަސް ވެސް ވަގަށް ނެގުމަކީ ނޯތް ކެރޮލައިނާގައި ޖިނާއީ ކުށެކެވެ. އެ ގޮތުން އާންމު ތަނަކުން ނުވަތަ އަމިއްލަ މީހެއްގެ ބިމަކުން ވިޔަސް މި ގަސް ވަގަށް ނަގައިފި ނަމަ ޖިނާއީ ދައުވާ ކުރެވެއެވެ.