Support Us

ޕްރިންސަސް ކޭޓްއަށް ވީގޮތެއް ނޭނގިގެން ރައްޔިތުން ހާސްވަނީ

އިނގިރޭސި ވިލާތުގެ ވަލީ އަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ޕްރިންސަސް ކޭޓްގެ ހަށިގަނޑުގެ އޮޕަރޭޝަނެއް ޖަނަވަރީ މަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކެންސިންޓަން ގަނޑުވަރުން އިއުލާން ކުރިއެވެ. އަދި މާރިޗު މަހާ ހަމައަށް ވެސް އާއްމު ތަންތަނުން އެ ކަމަނާ ނުފެންނާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މިހެން ބުނުމަށް ފަހު ގަނޑުވަރުން ވަނީ ނުސާފު ފޮޓޯތަކާއި ފޮޓޯޝޮޕް ސޮފްޓްވެއާއިން ބަދަލުކޮށްފައިވާ "ފޭކު" ފޮޓޯއަކާއި މާބޮޑު ތަފުސީލެއް ނުހިމެނޭ ސިއްހީ މައުލޫމާތާއި ވަގުތުން ވަގުތަށް މައުލޫމާތު ނުދީ އަޕްޑޭޓްތައް އާއްމު ނުކޮށްފައެވެ. މި ކަމުގެ ސަބަބުން ގިނަ މީހުން ތިބެން ޖެހިފައި މިހާރު ވަނީ "ވާނުވާ"ގައެވެ.

މިކަމާ ހުރެ ޓިކްޓޮކް އާއި އެކްސްގެ އަހުލުވެރިން ދަނީ އެ މީހުންނަށް ހިޔާލަށް ގެނެވޭ "ތިއަރީތައް" ނުވަތަ ހަމައެކަނި ލަފާކޮށްލެވޭ ލަފާކޮށްލުމެއްގެ މައްޗަށް މައުލޫމާތު "ހަދަމުން"ނެވެ. އެ ގޮތުން ޑިސެމްބަރު މަހުގެ ކުރިން ކޭޓްގެ ހަރަކާތްތައް ހުރި ގޮތް ދިރާސާކޮށް، އެކި މީހުންނަށް ފެންނަ އެކި އެއްޗެހި ސޯޝަލް މީޑިއާގައި ކިޔަމުންދެއެވެ.

ކޭޓް "ގެއްލުނު"ކަމުގެ ވާހަކަ ދައްކަން ފެށީ މިދިޔަ ޑިސެމްބަރު މަހުއްސުރެ އޭނާ އާއްމު ތަނަކުން ނުފެންނާތީއެވެ. އަދި މިހެންވެ ސޯޝަލް މީޑިއާއިން އެކަމާ ގުޅޭ ސަކަރާތްތައް ޖަހަން ފެށިއެވެ. އެންމެ ސީރިއަސް ހިސާބަކަށް މި "މައްސަލަ" ދިޔައީ "މަދާސް ޑޭ" ނުވަތަ މަންމައިންގެ ދުވަހު ގަނޑުވަރުން ނެރުނު ފޮޓޯއަކާ ގުޅިގެންނެވެ. އޭގައި ދައްކަނީ ކޭޓް އާއި އޭނާ ތިން ކުދިންނެވެ. ނަމަވެސް ފަހުން ގަނޑުވަރުން މިއީ ފޮޓޯޝޮޕް ސޮފްޓްވެއާއިން ހެދި "ފޭކު" ފޮޓޯއެއް ކަމަށް އެއްބަސްވުމުން ނޫސް އެޖެންސީތަކުން ވަނީ މި ފޮޓޯ ފޮހެލައިފައެވެ. އެއަށް ފަހު އިނގިރޭސި ވިލާތާއި އަދި އެމެރިކާގެ މީޑިއާތަކުން އަންނަނީ ޕަޕަރާޒީން ކުރާ ކަހަލަ ސުވާލުތައް ކުރަމުންނެވެ.

އޭއެފްޕީ ފަދަ އިތުބާރު ކުރެވޭ ފުންނާބު އުސް ނޫސް އޭޖެންސީތަކުން ބުނީ ކެންސިންޓަން ގަނޑުވަރަކީ މިހާރު އިތުބާރު ކުރެވޭ މަސްދަރެއް ނޫން ކަމަށާއި ސަބަބަކީ އެއީ ފޭކް ފޮޓޮއެއް ކަމަށް ޚުދު ކޭޓް ވެސް އެއްބަސްވެފައިވާތީ ކަމަށެވެ.

"މަސްދަރެއްގެ އިތުބާރު ގެއްލުމަކީ ކުޑަކަމެއް ނޫން. ދެން ފަތުރާނީ ކޮންކަހަލަ މައުލޫމާތެއްތޯ އެއީ މީޑިއާގެ އެތެރޭގައި ދެން ބަހުސް ކުރެވޭ މައުލޫ،" ފަރަންސޭސި ވިލާތަށް ނިސްބަތްވާ އޭއެފްޕީގެ ވެރިޔާ ފިލް ޗެޓްވިންޑް، ބީބީސީއަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ފޮޓޯ ނަގާ ނޫސްވެރިންގެ ޖަމިއްޔާއިން ބުނީ ފޭކް ހަދާފައިވާ ފޮޓޯތަކުގެ އަސްލުތައް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެއިރުން މި ފަދަ ފޮޓޯތަކުގެ އަސްލަކީ ކޮބައިކަން ދެނެގަނެ، މީޑިއާއަށް ދޭ މިކަހަލަ ލަނޑުތަކުން ސަލާމަތްވާން އެނގޭނީ،" އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގެ ނޫސްތަކުން މިހާރު އަންނަނީ ކޭޓްގެ "އަސްލު ހަބަރުތަކަކީ" ކޮބައިކަން ކެންސިންޓަން ގަނޑުވަރުން އާއްމުކުރަން ޖެހޭ ކަމަށް ބުނަން ފަށައިފައެވެ.

އެ ގޮތުން އިނގިރޭސި ނޫހެއް ކަމަށްވާ "ދަ ޑެއިލީ މެއިލް"އިން ބުނީ ކޭޓްގެ "މައްސަލާގައި" އިނގިރޭސި ސަރުކާރުން "ދެ ފުށް ފެންނަ މައުލޫމާތު" މީޑިއާއަށް ދޭންޖެހޭނެ ކަމަށެވެ.

ކެންސިންޓަން ގަނޑުވަރަކީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ވިލިއަމް އަދި ކޭޓް ދިރިއުޅުއްވާ ގަނޑުވަރެވެ. އަދި މި ގަނޑުވަރަކީ މި ދެކަނބަލުން އޮފީހެއްގެ ގޮތުގައި ވެސް ބޭނުން ކުރައްވާ ގަނޑުވަރެވެ.

އިނގިރޭސި ޝާހީ އާއިލާ އާމެދު މީހުން ދައްކާ ޔޯލަޔޯލަ ވާހަކަތަކަށް އިނގިރޭސި ޝާހީ އާއިލާއިން އާއްމު ގޮތެއްގައި ޖަވާބުދާރީއެއް ނުވެއެވެ. ނަމަވެސް ކޭޓް އަށް ވީ ގޮތް ނޭނގިގެން އެތައް ބަޔަކު އުޅެނިކޮށް އޭނާ ހިމެނޭ ފޭކް ފޮޓޮއެއް ނެރުމަކީ ޒިންމާދާރުކަން ކުޑަކަން ދައްކުވައިދޭ ކަމެއް ކަމަށާއި މި ކަމުގެ ސަބަބުން އިނގިރޭސި ރައްޔިތުން އިތުރަށް މާޔޫސްވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ފާހަގަކުރެއެވެ.

ކަން މިހެން ހުރި ނަމަވެސް، ކެންސިންޓަން ގަނޑުވަރުން ނެރުނު ފޭކް ފޮޓޯގެ އަސްލު އަދިވެސް ހާމައެއް ނުކުރެއެވެ. އަދި ކޭޓް މި ވަގުތު ހުންނެވީ ކޮން ތާކު، ކޮން ހާލެއްގައިކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ޕޮލިޓިކޯ"ގެ އިނގިރޭސި ވިލާތުގެ ގޮފީގެ ޑެޕިއުޓީ އެޑިޓަރު ރޯސާ ޕްރިންސް ސީ.އެން.އެން އަށް ވިދާޅުވީ އިނގިރޭސި ޝާހީ އާއިލާއަކީ ގައުމުގެ ބާރުތަކެއް ލިބިފައިވާ އާއިލާއަކަށް ނުވިޔަސް އިނގިރޭސީންގެ ކަންތައްތަކުގައި ބައިވެރިވާ ބައެއް ކަމަށާއި މިހެންވެ އެ އާއިލާގެ ތެރޭގައި ހިނގާ ކަންތައްތައް އާއްމުންނާ ހިސާބަށް ތިލަކޮށްދޭން ޖެހޭނެ ކަމަށެވެ.

"ގާނޫނުތައް ތަންފީޒު ކުރުމާއި މުއާހަދާތަކުގައި ސޮއިކުރުމާއި ހަނގުރާމައަށް އަސްކަރީ ފައުޖުތައް ފޮނުވުމުގެ ބާރު ނެތަސް އިނގިރޭސި ޝާހީ އާއިލާއަކީ ސުޕަމާކެޓްތައް ހުޅުވުމާއި ފިލްމްތަކުގެ ޕްރިމިއާ ޝޯތަކަށް ދިއުމާއި އަދި ބަލި މީހުންގެ ހާލު ބަލަންދާ ބައެއް. މި ކަހަލަ ކަންތައްތައް ކުރުމަށް، ބާބީ ފަދައިން، ޝާހީ އާއިލާއެއް އޮތުމުގެ ބޭނުމަކީ ކޮބާ؟" ރޯސާ ސުވާލު އުފެއްދެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *