Support Us

ދުނިޔޭގެ ދެ ވަނައަށް އެންމެ އަގުބޮޑު ގެ އިންޑިއާގެ އަމްބާނީގެ އަތުގައި

ދިރިއުޅޭނެ ބޯހިޔާވަހިކަމަކީ ކޮންމެ މަހުލޫގެއްގެ ވެސް އެންމެ އަސާސީ އެއް ބޭނުމެވެ. ނަމަވެސް ބައެއް އިންސާނުން، ހާއްސަކޮށް މަހުޖަނުން، އެ މީހުން ދިރިއުޅޭ ތަންތަން ހަދައިފައިވަނީ އެ މީހުންގެ މުއްސަނދިކަމާއި މުޖުތަމައުގައި އެ މީހުން ހުރި ހިސާބު ނުވަތަ "ސޯޝަލް ސްޓޭޓަސް" ކަހަލަ ދެއްކުންތެރި ކަންކަން އިސްކޮށްގެންނެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އަގު ބޮޑު ގެ ކަމަށްވާ "އެންޓީލިއާ" އަކީ އިންޑިއާގެ ވިޔަފާރިވެރިވެރިޔާ މުކޭޝް އަމްބާނީގެ ގެއެވެ. އުމުރުން 66 އަހަރުގެ މަލްޓި ބިލިނިއަރުގެ މިލްކިއްޔާތުގައި 117 ބިލިއަން ޑޮލަރު އެބަހުއްޓެވެ. "ރިލަޔަންސް"ގެ ނަމުން ނަންދީފައިވާ ސިނާއަތްތަކުގެ ވެރިޔަކީ އަމްބާނީއެވެ. އޭޝިއާ ބައްރުގެ އެންމެ މުއްސަނދި މީހަކީ އަމްބާނީއެވެ. އަދި މުޅި ދުނިޔޭގެ ނިސްބަތުން އަމްބާނީއަކީ ދުނިޔޭގައި މި ވަގުތު ހުރި ނުވަ ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

އެންޓީލިއާއަކީ ހިޔާލީ ވާހަކައެއްގައި ނަންގަނެވޭ ޖަޒީރާއެއްގެ ނަމެވެ. އަމްބާނީގެ މި ގެ ހަދައިފައިވަނީ 27 ބުރިއަށެވެ. އަގަކީ ދެ ބިލިއަން ޑޮލަރެވެ. އިމާރާތް ކުރަހާފައިވަނީ އެމެރިކާގެ "އާކިޓެކްޓް" ވިޔަފާރީގެ މަސައްކަތް ކުރާ ޕާކިންސް އެންޑް ވިލް ކުންފުނިންނެވެ. މި އިމާރާތް ހަދައިފައިވަނީ އޮސްޓްރޭލިޔާގެ ކުންފުންޏެއް ކަމަށްވާ ލެއިޓަން ހޯލްޑިންސް އިންނެވެ.

އަމްބާނީގެ މި ހުވަފެނީ ގެ ހުންނަނީ އިންޑިއާގެ ފިލްމީ މަހެފިލްތައް ހިނގާ ސަހަރު ކަމަށްވާ މުމްބާއީގައެވެ. އެއީ ކުމްބައްލާ ނަމަކަށް ކިޔާ ފަރުބަދައެއްގެ މަތީގައެވެ. ގޭގެ ބިމުގެ ބޮޑު މިނަކީ 400،000 އަކަ ފޫޓެވެ.

މި ގޭގެ ހަ ބުރި ހާއްސަކޮށްފައިވަނީ ކާރު ޕާކު ކުރުމަށެވެ. އެ ގޮތުން 160 އަށްވުރެ ގިނަ ކާރަށް ޕާކުކުރެވެއެވެ.

މަޑުކޮށްލާނެ އެތައް ލޯންޖެއްގެ އިތުރުން ނެށުމާއި ހަފުލާތައް ބޭއްވުމަށް ބޯލްރޫމެއް ވެސް ވެއެވެ. މީގެ އިތުރުން ސިނަމާއަކާއި ހެލިކޮޕްޓަރު ޖައްސާނެ ތިން ހެލިޕެޑް އާއި ނުވަ ލިފްޓާއި ފަތާ ފެންގަނޑަކާއި ކަސްރަތު ކުރާނެ ޖިމްއަކާއި އަޅުކަން ކުރާނެ ފައްޅިއަކާއި ޔޯގާ ހަދާނެ ސްޓޫޑިއޯއެއްވެއެވެ. އަދި ފާރުތަކުގައި ގަސްގަހާގެހި ހަރުކޮށްފައި ނުވަތަ "ހޭންގިން ގާޑަން" ހަދާފައިވާއިރު، މައިނަސް 10 ޑިގްރީގެ ފިނިކަން ހުންނަ، މަސްނޫއި ސްނޯ އެކުލެވޭ "ސްނޯ ރޫމެއް"ވެސް ހިމެނެއެވެ.

މި ހުރިހާ ކަންކަން އެންޓީލިއާގައި ހުންނައިރު، މި ބޮޑު ގެ ބެލެހެއްޓުމަށް 600 އެއްހާ މުވައްޒަފުން ވާޒީފާގައި ގެންގުޅެއެވެ. އަދި މި އެންމެންގެ ދިރިއުޅުން ހަމަޖައްސާފައިވަނީ ވެސް މި ގޭގެ ތެރޭގައެވެ.

ވަކިން ހާއްސަކޮށް ފާހަގަ ކޮށްލެވެނީ، އެންމެ ބާރު ގަދަ ބިންހެލުމެއް ކަމަށް ބެލެވޭ ރިކްޓާ މިންގަނޑުން އަށެއްގައި އައިސްފާނެ ބިންހެލުމަކަށް ވެސް މި އިމާރާތް ނުގުޑާނެ ގޮތަކަށް ހަދާފައިވާ ކަމެވެ.

މި ގެއަށް ކަރަންޓް ގުޅާފައިވާ އެންމެ ބޮޑު އެއް ވަސީލަތަކީ އިރުގެ ހަކަތަ ލިއްބައިދޭ ސޯލާ ޕެނަލްތަކެވެ. އަދި ފެން ވެސް ރައްކާކޮށްފައި ބަހައްޓަން ވާރޭ ފެން ނެގޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވެއެވެ. ތިމާވެއްޓާ ރައްޓެހި މި ފަދަ ސިފަތައް ހުންނާތީ ބައެއް މީހުން މި ގެއަށް ވަނަމެއްގެ ގޮތުގައި "ގްރީން ޓަވާ އޮފް މުމްބާއީ" ނުވަތަ "މުމްބާއީގެ ފެހި ޓަވަރު" ކިޔައެވެ.

އެންޓީލިއާގައި ހަދައިފައިވާ ފައްޅި ހާއްސަ ކޮށްފައިވަނީ ހިންދީ ދީނުގައި އަޅުކަންކުރާ "ކަލާނގެ"އެއް ކަމަށްވާ "ގަނޭޝާ"އަށެވެ.

މި ފަދަ ގެއެއްގެ ވާހަކަ އަޑުއިވުމުން ހަނދާނަށް އަންނަނީ ދުނިޔޭގެ ކުރު ހަޔާތުގައި ކިތައްމެ ދެއްކުންތެރިކޮށް އުޅެވުނަސް، މި ދުނިޔެއާ ވަކިވުމުން މި ހުރިހާ މުއްސަނދިކަން ދޫކޮށްދާންޖެހޭ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *