Support Us

އދ.ގެ ރީޖަނަލް ކަމިޝަންސްގެ ނިއު ޔޯކް އޮފީހުގެ ޑިރެކްޓަރުކަމަށް ތިލްމީޒާ

އދ.ގެ ރީޖަނަލް ކަމިޝަންސްގެ ނިއު ޔޯކް އޮފީހުގެ ޑިރެކްޓަރަކަށް އދ.ގައި ހުންނެވި ރާއްޖޭގެ ކުރީގެ ސަފީރު ތިލްމީޒާ ހުސައިން ހަމަޖައްސައިފިއެވެ.

ޔުނައިޓަޑް ނޭޝަންސް ރީޖަނަލް ކަމިޝަންސް ނިއު ޔޯކް (އާރް.ސީ.އެން.ވައި.އޯ.) އަކީ އދ.ގެ ފަސް ސަރަހައްދީ އޮފީހެއް ވިލަރެސްކުރާ މައި އޮފީހެވެ. އެ ގޮތުން އާރް.ސީ.އެން.ވައި.އޯ އިން މުޅި ދުނިޔޭގެ ފެންވަރުގައި އދ. އަށް މަޝްވަރާ ދެއެވެ.

އދ.އިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކަށް ވެސް މި އޮފީހުން މަޝްވަރާ ފޯރުކޮށްދެއެވެ. އެގޮތުން އދ.ގެ އާއްމު ބައްދަލުވުން ކަމަށްވާ ޔޫ.އެން. ޖެނެރަލް އެސެމްބްލީ (ޔޫ.އެން.ޖީ.އޭ.) އާއި އދ.ގެ އިގުތިސާދީ އަދި އިޖުތިމާއީ ޖަމާއަތް ކަމަށްވާ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް އަށް ވެސް ލަފާދޭ އިދާރާ އަކީ އާރް.ސީ.އެން.ވައި.އޯ.އެވެ.

ތިލްމީޒާ މި މަގާމަށް ހަމަޖެއްސީ މި މަހު ހަތަރު ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ދިވެހި ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުގައެވެ. މީގެ އިތުރުން 2019 އިން ފެށިގެން ތިލްމީޒާ ހުންނެވީ ދިވެހި ރާއްޖެއިން އެމެރިކާއަށާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމުގައިވެސް މެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ތުޅާދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު ހިސާން ހުސެއިންގެ ކޮއްކޮ ތިލްމީޒާ ވަނީ 2021 އިން 2022 އަށް އދ.ގެ އާއްމު ބައްދަލުވުން ނުވަތަ ޔޫ.އެން. ޖެނެރަލް އެސެމްބްލީ (ޔޫ.އެން.ޖީ.އޭ.) އަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހާއްސަ މަންދޫބު ނުވަތަ "ސްޕެޝަލް އެންވޯއި"ގެ މަގާމު ވެސް ފުރުއްވައިފައެވެ.

ޑިޕްލޮމެޓިކް ދާއިރާގެ މި މަގާމުތައް ފުރުއްވުމުގެ ކުރިން ތިލްމީޒާ ވަނީ އެމެރިކާގެ ރެމަޕޯ ކޮލެޖްގެ ވަގުތީ މުދައްރިސެއްގެ މަގާމުގައި ހިދުމަތް ކުރައްވައިފައެވެ. އެ މަގާމުގައި ހުންނަވައި އޭނާ ކިޔަވައިދެއްވީ އިޖުތިމާއީ ގުޅުންތަކާއި އިންސާނީ ތަރައްގީއާ ގުޅޭ މައުލޫތަކެވެ.

ތިލްމީޒާ 2009 އިން 2012 އަށް މަސައްކަތް ކުރެއްވީ ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބުގެ މަގާމެވެ. އެ މަގާމުގައި ހުންނަވައިގެން އޭނާ މަސައްކަތް ކުރެއްވީ ޖެންޑާ (ދެ ޖިންސުގެ ހަމަހަމަކަން) އާއި ކްލައިމެޓް ޗޭންޖް (މޫސުމަށް އަންނަ ބަދަލު) އަދި ސަސްޓެއިނަބްލް ޑެވެލޮޕްމަންޓް (ދެމެހެއްޓެނިވި ތަރައްގީ) ދާއިރާއިންނެވެ.

ތިލްމީޒާ ރާއްޖޭގައި ހުންނެވިއިރު ވަނީ އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އެއީ ދާހިލީ ވުޒާރާ ނުވަތަ ހޯމް އެފެއާޒްގައި މަސައްކަތް ކުރެއްވިއިރުއެވެ.

އޭނާ ވަނީ ވިޔަފާރި ހިންގުން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ޑިގްރީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީން ހޯއްދަވައިފައެވެ. އޭގެ ކުރިން، އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ މާޑޮކް ޔުނިވާސިޓީން ވިޔަފާރި ނުވަތަ ކޮމާސްގެ ދާއިރާއިން އޭނާ ވަނީ ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *