Support Us

ސިފައިންނާއި ފުލުހުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުވާނެ: ރައީސް

ސިފައިންނާއި ފުލުހުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންނާއި ފުލުުހުންގެ މުސާރަ ބޮޑުކުރުމަކީ ރިޔާސީ އިންތިހާބުގައި ކެންޕެއިން ތެރޭގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސާއި ވަޒީރުން ޖަވާބު ދެއްވުމަށް މިސަރުކާރުން ކުރިއަށް ގެންދާ "އަހާ" ފޯރަމްގައި ރޭ ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުމުން، އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާއްމުންގެ ގިނަ ބަޔަކާ އެކު ސަލްޓަންޕާކްގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފުލުހުން އަދި ސިފައިންގެ މުސާރަ އަންނަ މާޗް މަހުން ފެށިގެން ބޮޑު ވެގެންދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރައީސް ރޭގެ ފޯރަމްގައި ނުދެއްވަ އެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އެއަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ އިތުރު ކުރެވިގެންދާނީ ފަސް އަހަރަށް ބަހާލައިގެން ކަމަށާއި އެއީ 2024 ގައި 35 ޕަސެންޓް 2026 ގައި 35 ޕަސެންޓް އަދި 2028 ގައި ބާކީ 30 ޕަސެންޓް އިތުރުކޮށްގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްވި ޖަވާބުތަކުގެ ތެރޭގައި މި ސަރުކާރުން ފެއްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހަފުތާ 14ގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ %100 ހާސިލުކުރެވިއްޖެކަމާއި ބާކީހުރި ވައުދުތަކުގެ %80 އަށްވުރެ މައްޗަށް ހާސިލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އަދި އިޤްތިޞާދު ހަރުދަނާކޮށް ފުޅާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމާއި، ޕަރފޯމިންގ އާޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ޤާއިމުކުރުމާއި، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ އެކި މައުޟޫޢުތަކަށް އާންމުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހަދާނެކަމަށާއި، ޑްރިފްޓިންގ ސްޓޭޑިއަމެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި، ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވައެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފައެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ފަށްޓަވައިފައެވެ. 'އަހާ' ސިލްސިލާގެ ފޯރަމްތައް ބޭއްވެވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *