ރައްޔިތުންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވާ ހާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.
މި ޕޯޓަލްގެ ވާހަކަ ވެރިކަމުގެ ހުވާކުރެއްވުމަށްފަހު މި މަހު ފަސް ވަނަ ދުވަހު ފުރަތަމަ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެމަނިކުފާނަށް ހުށަހެޅޭނެ ޕޯޓަލެއް ރައީސް އޮފީހުން ހުޅުވާލައްވާނެ ކަމަށާއި އެ ސުވާލުތަކަށް ސީދާ އެމަނިކުފާނު ޖަވާބު ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު އެ ދުވަހު ވަނީ ވިދާޅުވެފަ އެވެ.
"ރައްޔިޔުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް އާއި ވަޒީރުން ޖަވާބު ދެއްވުމަށް މިސަރުކާރުން ކުރިއަށް ގެންދާ "އަހާ" ފޯރަމްގައި މިރޭ ރައީސް ޑރ. މުއިއްޒާ ސުވާލުކުރުމަށް ބޭއްވި ބައްދަލުވުމުގަ އެވެ.

އާންމުންގެ ގިނަ ބަޔަކާއެކު ސަލްޓަންޕާކުގައި މިރޭ ބޭއްވި ފޯރަމްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން ކަންކަން ކުރެއްވުމަށް ކަމަށާއި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުންނަވައުގެން މަސައްކަތް ކުރައްވަންޏާ އެކަމަށް މަގުތައް ފަހިކުރަންޖެހޭ ކަމަށެވެ. އެގޮތުން "އަހާ" ފޯރަމަކީ އެ މަގުސަދު ހާސިލްކުުރެއްވުމަށް ކުރިއަށް ގެންދަވާ ފޯރަމެއް ކަމަށާއި "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ކޮންމެ ވާހަކައެއް ވެސް ރައްޔިތުންނަށް އެހޭނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޮންލައިންކޮށް މިއަދު މި ހުޅުވާލި ޕޯޓަލްއިން ހަމަ ކޮންމެ ކަމެއް ވެސް ތިބޭފުޅުންނަށް އަޅުގަނޑު ގާތުގައި އެހޭނެ. އަޅުގަނޑު އެއަށް ޖަވާބު ދޭނީ. ދެ ފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިިމްކުރާނެ ކަމަށް އަޅުގަނޑު ވައުދުވީ. ޖަވާބު ދޭނަން އިރާދަކުރެއްވިއްޔާ. ޖަވާބު ނުދީ ވާނުވާ ނޭނގޭ ގޮތަށް އޮތުމަކީ އަޅުގަނޑު ގަބޫލްކުރާ ކަމެއް ނޫން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ޕޯޓަލްގެ ބޭނުން ހިފުމަށާއި ޕޯޓަލް މެދުވެރިކޮށް ރައްޔިޔުން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށާއި އޭރުން އެއްވެސް ކަމެއް އޮޅުން އަރާފައި ނޯންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ވީޑިއޯ ސުވާލުގެ ޖަވާބު ކޮންމެ ވެސް އެއް ރައްޔިތަކަށް ދެއްވަމުން ގެންދަވާކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.
"އެގޮތަށް އެކަން ކުރީމަ އަޅުގަނޑު ލިބޭ ހިތްހަމަޖެހުމަކީ އަޅުގަނޑަށް ރައްޔިތުންގެ އުއްމީދާ އެެއްވަރަށް މަސައްކަތް ކުރެވޭ ނުނިއްޔާ ކިހާވަރަކަށްތޯ އަޅުގަނޑުގެ މަސައްކަތް އަދި އިތުރަށް ރަނގަޅު ކުރަންޖެހެނީ ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ކަންކަން ގެންދަންޏާ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިފާނު މަސައްކަތް ކުރައްވާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީފައި ހުންނަވައިގެން ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުރެގެން ރައްޔިތުން އެދޭ އަމާޒަށް ރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށެވެ.

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވައެވެ. މިގޮތުން މިހާތަނަށް ރައްޔިތުންނާ އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ތަފާތު އެކި އައު ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ވަނީ ފައްޓަަވައިފައެވެ. އޭގެތެރޭގައި ވެރިކަމުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފައްޓަވައިފައެވެ. އަދި ފެބްރުވަރީ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު "ރައީސްގެ ޖަވާބު"ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ވަނީ ފައްޓަވައިފައެވެ. މީގެ އިތުރުން، "އަހާ" ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދިއުމަށާއި، ކޮންމެ ތިން މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް އަށް ވަނުމަށް އީފާސް މެދުވެރިކޮށް ލޮގިންވުމަށް ފަހު ރައީސް ޑރ. މުއިއްޒާ ކުރަން ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.



advertisment