Support Us

ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އަދިވެސް ހައުސިން މިނިސްްޓްރީއަށް ނުލިބޭ: ރައީސް ޑރ. މުއިއްޒު

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ "ގެދޮރުވެރިޔާ" ސްކީމަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޕޯޓަލްއަށް އަދިވެސް މިނިސްޓްރީއަށް އެކްސެސް ނުލިބޭ ކަމަށާއި އެ ޕޯޓަލްއަށް އެކްސެސް ނުލިބެނީސް އެކަންތައް ހިނގާފައިވާ ގޮތް ހޯދައި ބެލުމަށް އަދިވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް އާއި ވަޒީރުން ޖަވާބުދެއްވުމަށް މި ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި މިރޭ ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުމުން، އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާ ގުޅިގެން އޭސީސީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އޭސީސީން ނިންމުމެއް ނިންމާފައިވާ ކަމަށާއި އެ ނިންމުން އޭސީސީން މިނިސްޓްރީއަށް ވެސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީއަށް އެ ނިންމުން ފޮނުވާފައި ވީނަމަވެސް އެ މައުލޫމާތުތައް ބެލުމަށް ޕޯޓަލްއަށް ވަނުމަށް މިނިސްޓްރީއަށް އަދިވެސް އެކްސެސް ނުލިބޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަން ފޮނުވާފައި އޮތްއިރުގައި އަދިވެސް އެ އެޕްލިކޭޝަންތައް ހުށަހަޅާފައި ހުރި މައުލޫމާތު ހިމެނޭ ޕޯޓަލްއަކަށް އެކްސެސްއެއް އަނބުރާ މިނިސްްޓްރީއަކަށް ނުދޭ. ޕޯޓަލްއަށް އެކްސެސް ނުލިބޭ އަދިވެސް. ނުލިބެންޏާ އަޅުގަނޑުމެންނަށް އޭގައި ހުރި ތިޔަބޭފުޅުން ފަދަ އެޕްލައިކުރެއްވި ބޭފުޅުންގެ އަދި ޝަރުތު ހަމަނުވާ ކަމަށް އެ ކަނޑައެޅި ބޭފުޅުންގެ މައުލޫމާތުތައް ބަލައެއް ވެސް ނެހެދޭ. އަދި އަޅުގަނޑުމެން އާއްމުކުރަން ވެސް ބޭނުންވޭ ހަގީގަތުގައި ޗެކްކުރުމަށްފަހު. އެކަމަކު އާއްމުކުރަން ވެސް އެކްސެސް ނުދެންޏާ ނުވެގެން މިއުޅެނީ،" އާންމުންގެ ގިނަ ބަޔަކާއެކު ސަލްޓަންޕާކުގައި މިރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިނިސްޓްރީ ތެރެއިން ހަމައެކަނި މުވައްޒަފުން އެކަނި ޗެކްކުރުމުގެ ބަދަލުގައި މުޖުތަމައުގައި މީހުން ބަލައިގަންނަ ރަނގަޅު ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދަވަން ނިންމަވައިފައިވާ ކަމަށާއި އެއަށްފަހު އެ ކޮމިޓީން އެ ކަންކަން ބަލާނެ ކަމަށެވެ.

"އިތުބާރު ގެންނަން އަޅުގަނޑުމެން ކުރާ ކަމެއް އެއީ. ސަރުކާރުގެ ތެރެއިން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ނަހަދަންވެގެން. ރައްޔިތުން ވެސް އެ ބައެއްގެ ބަސް ގަބޫލްކުރާ ކަހަލަ ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދައިފައި އޭސީސީން އެ ނިންމި ނިންމުން އެ ލިސްޓު އަޅުގަނޑުމެން ކޮމިޓީ ލައްވާ ބަލާނީ… މުރާޖާކުރާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ކޮމިޓީން ބެލުމަށްފަހު ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށާއި އެ ޕްރޮސެސްއަށް ވެސް ދެވޭނީ ޕޯޓަލްއަށް އެކްސެސް ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އޭސީސީން ނިންމި ނިންމުންތައް ބެލުމަށް އެކުލާވާ ކޮމިޓީން ބަލައިގެން ވެސް ފްލެޓް ނުލިބޭ ކަމަށް ކަނޑައެޅޭ ފަރާތްތަކުގެ ހައްގުވެސް ގެއްލޭނެ ގޮތެއް މެދުވެރިވިޔަ ނުދެއްވާނެ ކަމަށާއި އެންމެ ފުރަތަމަ މި ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ހިންގޭ ސްކީމްގެ ތެރެއިން އެ ފަރާތްތަކަށް ގެދޮރުވެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

"ފްލެޓް ނުލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ވާސްޓް ކޭސްގައި، މާނައަކީ އަޅުގަނޑުމެންގެ ކޮމިޓީން ބަލައިގެން ވެސް ހަމަ ހަގީގަތުގައި ވެސް (ފްލެޓް) ނުލިބޭ މީހެއްގެ ގޮތަށް ކަނޑައެޅުނީއޯ އެ ހިސާބަށް ދިޔަސް އެމީހާގެ ހައްގު އެއްކޮށް ގެއްލޭ ގޮތް ވިޔަކަނުދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މި ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގައި އެއްވެސް ރައްޔިތަކު ގެދޮރުވެރިން ނުލިބި ނުހުންނާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެގޮތުން މި ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއުގެ ގޮތުގައި ކަނޑައަޅާފައިވާ "ރަސްމާލެ" މަޝްރޫއުގެ ދަށުން 65،000 މީހުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން ކުރިން ހިއްކަން ހަމަޖެހިފައިވާ މިންވަރަށް ވުރެ ބޮޑުކޮށް އެ ތަންތަން ހިއްކައިގެން ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް މިސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *