ރައްޔިޔުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެމްޑީޕީގެ ސަރުކާރުގެ ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ނިންމި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން އާއްމުކޮށްފި އެވެ.
އެޗްޑީސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސްޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އަދި ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެ އެވެ.
"ތައުލީމީ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވޭ،" އެޗްޑީސީން ބުނެ އެވެ.

މީގެ އިތުުރުން ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.
"ގުޅީފަޅާއި މާލެ އާއި ތިލަމާލެ ބުރިޖަކުން ގުޅާލައިފައިވުމަކީ ވެސް ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެއް،" އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.
އެޗްޑީސީން ބުނީ ދިރިއުޅުމުގެ ގިނަ ފަސޭހަތަކަކާ އެކު ތަރައްގީ ކުރުމަށް ޕްލޭންކޮށްފައިވާ ގުޅީފަޅުގައި އިގުތިސާދީ މަސައްކަތަށް ވެސް ހާއްސަ ސަރަަހައްދުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
"ހޯލްސޭލް ވިޔަފާރިއާއި ރީޓޭލް ވިޔަފާރިއަށް ހާއްސަ ސަރަހައްދުތަކެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވޭ،" އެޗްޑީސީން ބުނެއެވެ.
ގުޅީފަޅު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ވެސް ކަނޑައަޅައިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 65 ހެކްޓަރުގެ ބިން ހިއްކުމަށް އޭރު ހަމަޖެހިފައި އޮތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ނިންމައިފަ އެވެ.



advertisment