Support Us

މަޖިލީސް އިންތިހާބު އޮންނާނީ މާޗް 17ގައި ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހެއް ގެނެސްފައި އޮތް ނަމަވެސް، އެ އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އަތޮޅު ތެެރޭގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ އިންތިހާބު އަންނަ ރަމަޟާން މަހަށް ފަހު އަންނަ 10 ދުވަހުގެ ތެރޭގައި ބޭއްވުމަށް އިންތިހާބާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން ގެނެސްފައިވާ އިސްލާހުގައިވާ ގޮތަށް މަޖިލީހުން ވަނީ ފާސްކޮށް، އެބިލް ތަސްދީގުކުރުމަށް ރައީސަށް ހުށަހަޅައިފަ އެވެ. އެ އިސްލާހަށް އަމަލްކުރެވޭނީ ރައީސް ތަސްދީގު ކުރެއްވުމުންނެވެ.

އެމްޑީޕީން މި އިސްލާހު ފާސްކޮށްފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަޖިލީސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވަނިކޮށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ރައްޔިތުން ވޯޓްދޭއިރު ވިސްނާލަން ޖެހޭ ކަންކަމަށް ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގައި އަލިއަޅުއްވާލައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އިގުތިސާދީ ތަރައްގީއަށް މިސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދަނިކޮށް އަދި ވަކިން ހާއްސަކޮށް މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް އައިއެމްއެފުން ތާއީދުކޮށްފައި އޮއްވައި ރައްޔިތުން ނުވިސްނާ ގޮތެއް ނިންމައިފި ނަމަ އެކަމުގެ ގެއްލުންވާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ ހުރިހާ މަޝްރޫއެއްގެ ވެސް ނަތީޖާ ނެރެވޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހެއް އޮވެގެން ކަމަށެވެ.

"ޒާތީ، އާއިލީ، ޕާޓީ ނިޒާމަށް އެކަނި ވިސްނާލާފައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކަންކަން ނިންމިއްޖެއްޔާ ގެއްލުންވާނީ ރައްޔިތުންނަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރާ ދެކޮޅަށް އެއްވެސް އަސާސެއް ނެތި ފާއިތުވި ތިން މަހެއްހާ ދުވަހު ކަންކަން ކުރަމުން ދިޔަ ގޮތް ރައްޔިތުންނަށް ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

"މިހާރުގެ ދުސްތޫރީ ނިޒާމު އޮންނަ ގޮތުން ވަރަށް ވަރުގަަދަކޮށް މި އޮންނަނީ ސަރުކާރުން ކިތަންމެ ބައިވަރުކަމެއް ކުރަން ބޭނުންވިޔަސް ހަމަ ހުއްޓުން ގެނެވޭ ގޮތަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވަން މަހަކަށް ވުރެ ވެސް ގާތްވެފައިވާ ކަމަށާއި އެ އިންތިހާބުގައި ރައްޔިތުން ވިސްނާފައި ކަންކަން ނިންމުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"މާޗް މަހުގެ 17 ގައި މި އޮތީ އިންތިހާބު، އެ ދުވަހު އޮންނަ އިންތިހާބާ ދޭތެރޭގައި މާ ގިނަ ދުވަހެއް ނެތް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުގައި ކުރެވޭ ހުރިހާ މަސައްކަތެއްގައި އަދި ރާއްޖޭގެ ތަރައްގީ ރައްޔިތުން އެދޭ އަމާޒަށް ގެންގޮސްދީ، ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދައިދެއްވޭނީ މަޖިލީސް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *