Support Us

ފޮތަކަށް ބަލައިލުމެއް: "ލޯންޗިންގ" އަކީ ރާއްޖޭގެ ކުށުގެ ވެށި ހާމަކޮށްލާ މޮޅު، ހިޔާލީ ވާހަކައެއް

ކުރުކޮށް ބުނާ ނަމަ، "ލޯންޗިންގ" އަކީ ސުވަރުގެއެއް ފަދަ އަލިގަދަ ރާއްޖޭގެ އަނދިރި ފަރާތުގައިވާ ކުށުގެ ވެށި ދައްކާލަދޭ މޮޅު ހިޔާލީ ވާހަކައެކެވެ. ރާއްޖޭގެ މުޖުތަމައުގައި މިހާރު ވަކި ހިއްޕާލާފައިވާ ކުށުގެ މާހައުލު ކޮންމެވެސް ސިފައެއްގައި ނުފެންނަ ދިވެއްސަކު މިހާރު މަދުވާނެއެވެ. މަގުތަކުގައި ހާމައަށް އެތައް ބަޔަކު މަސްތުވާތަކެތި ވިއްކަމުންދާއިރު، ބަނގުރާގެ ކޭސްތައް ފެންނަމުންދާ އުޅަނދުތައް ވެސް ވަކި މަދެކޭ ނުބުނެވޭނެއެވެ.

ވާހަކަ ލިޔުމުގެ ދާއިރާއިން ރަން ވަނަތަކެއް ލިބިފައިވާ، އަދި އިލްމީ ދިރާސާ މަސައްކަތްތަކާއި ދިވެހި މުދައްރިސެއްގެ ގޮތުގައި ވެސް އެތައް އަހަރެއްގެ މަސައްކަތްކޮށް، ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިވެހި ބަހާއި ސަގާފަތުގެ ރޮނގުން ފުރަތަމަ ޑިގްރީ އާއި މާސްޓާޒް ޑިގްރީ ހާސިލުކޮށް، ކުޑަކުދިންގެ އެތައް ފޮތްތަކެއް ލިޔެ، މިހާރު ރިޓަޔާ ކޮށްފައިވާ ގ. އައިނާ އެޑަމްސްގެ އާމިނަތު އިބްރާހިމް ލިޔެފައިވާ "ލޯންޗިންގ" އިން ދައްކައިދެނީ ޝަރަފުވެރި މޫނެއް ދައްކައިގެން ރާއްޖޭގައި "އޯގަނައިޒްޑް ކްރައިމް" ނުވަތަ "ރޭވިގެން ހިންގާ ޖިނާއީ ކުށްތައް" ހިންގުމުގައި ހަރަކާތްތެރިވާ ވިއުގައެއްގައި ހިމެނޭ ބައެއްގެ ހަރަކާތްތައް ހުންނަ ގޮތުގެ ވާހަކައެވެ.

ބަނގުރަލާއި މަސްތުވާތަކެތީގެ ހާއްޔަކަށް ދިވެހި ރާއްޖެ މިހާރު ވެފައިވާއިރު، މި ކަންތައްތައް ކުށްވެރިން ހިންގަނީ ކިހިނެތް ކަމާއި އަދި ފުލުހުން ފަދަ ތަހުގީގި އިދާރާތަކުން މި ފަދަ ކުށުގެ ވިއުގަތައް ހޯދައިގަނެ ނައްތާލާ ގޮތް ވަރަށް ރަނގަޅަށް މި ވާހަކާގައި ކިޔައިދީފައިވެއެވެ.

ވަކިން ފާހަގަކޮށްލެވެނީ ކިޔުންތެރިންގެ ޝައުގުވެރިކަން ވާހަކަ ފެށިގެން އަންނަ ހިސާބުން ވެސް ފެށިގެން ވާހަކަ ނިމެންދެން ކިޔުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓޭނެ ގޮތަށް "ސަސްޕެންސް" ނުވަތަ ވާހަކަ ކުރިއަށްދާނީ ކިހިނެއްތޯ ބަލާހިތްވުމުގެ ޝައުގުވެރިކަމެއް އުފެދޭ ގޮތަށް ވާހަކައިގެ "ނެރެޓިވް" ނުވަތަ ވާހަކަ ކިޔާދީފައިވާ ގޮތެވެ. ފަށަލައަކަށް ފަހު ފަށަލައެއް ނިއުޅެމުން ގޮސް ވާހަކައިގެ އެންމެ ނިމޭ ހިސާބުން ހުރިހާ އެއްޗެއް ހާމަވެގެންދާ ގޮތެވެ. މިހެންވުމުން މި ވާހަކައަކީ "ތްރިލާ"އެކޭ ވެސް ބުނެވިދާނެއެވެ.

އަދި ފާހަގަކޮށްލެވޭ އިތުރު ކަމަކީ ވާހަކައިގެ ނިމޭ ބައި އިތުރު އެއްވެސް "ރިޑަންޑަންޓް" ގޮތަކަށް ގެނެސްދީފައި ނުވުމެވެ. މާނަ އަކީ، މިސާލަކަށް، ހައްޔަރު ކުރަން ޖެހޭ ކުށްވެރިއަކު ހައްޔަރުވާނެ ގޮތް ކަށަވަރުވުމުން، އޭނާ ހިފައިހައްޔަރު ކުރާ "މަންޒަރު" ކޮންމެހެން ގެނެސްދީފައިނުވާ ކަމެވެ. ސަބަބަކީ މިކަން ވާނެ ގޮތް ކިޔުންތެރިންނަށް ފަހުމް ކޮށްދީފައިވާތީއެވެ.

މި ވާހަކަ ފޮތަށް އިނގިރޭސި ނަމެއް ކަމަށްވާ "ލޯންޗިންގ"ގެ ނަމުން ނަން ދިނީ ކީއްވެތޯ ސުވާލު ކުރުމުން އާމިނަތު ބުނީ މި ފޮތުގައި ހިމެނޭ މައި ޝަޚުސިއްޔަތަކީ ވާހަކަ ލިޔުންތެރިއަކަށް ވެފައި، އޭނާގެ ވާހަކަތަކުގެ ނަންތަކަށް ދިނީ އާމިނަތު މިހާރު ރާއްޖޭގައި ނެރެފައިވާ ދިވެހި ފޮތްތަކުގެ ނަންތައް ކަމަށް ވާތީ އެވެ. އެއް ގޮތަކުން ބަލާއިރު، އާމިނަތުގެ ފޮތްތަކުގެ ނަންތައް ވެސް ކިޔުންތެރިންނަށް "ތައާރަފު" ކޮށްދެވުނީމައެވެ. މިހެން ބަލާއިރު، އެއްޗެއް ތައާރަފު ކުރުމަށް ކުރު ދިވެހި ލަފުޒެއް ނެތީމާ މި މާނަ ނެގޭ ކުރު އިނގިރޭސި ބަހެއް ކަމަށްވާ "ލޯންޗިންގ" ބޭނުން ކުރީ ކަމަށެވެ. އެއީ ލިޔުންތެރިއްގެ ގޮތަށް ބަލާއިރު، ފޮތް ކަހަލަ އެއްޗެއްސަށް ކުރު ނަމެއް ދިނުމުގެ މުހިންމުކަން ވެސް ވިސްނޭތީ ކަމަށެވެ.

މިއީ އަހަރެން ކިޔާލި، ބޮޑެތި މީހުންނަށް އާމިނަތު ލިޔުނު ވާހަކަތަކުގެ ތެރެއިން ފުރަތަމަ ވާހަކައެވެ. އަހަރެން ކުރިން ވަނީ އޭނާ ކުޑަކުދިންނަށް ލިޔުނު "ކޮއެމަލާ" އަދި "ރަންނަމާރި"ގެ ވާހަކަ ކިޔައިފައެވެ. އެއީ އޭނާގެ އެދުމުގެ މަތިން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށެވެ. އިނގިރޭސި ބަހުން ކިޔަން ބޭނުންވާ ބޮޑެތި މީހުންނަށާއި ބިދޭސީ ޓޫރިސްޓުންނަށް އަމާޒުކޮށެވެ.

"ލޯންޗިންގ"ގެ ފުރިހަމަކަމުން، އަދި ވަކިން ހާއްސަކޮށް، ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އޭނާ ހިޔާލީ ވާހަކަ ލިޔާކަން އެނގުނު ފަހުން އަހަރެން މިހާރު ވަނީ އާމިނަތުގެ ދިވެހި ވާހަކަތައް ކިޔަން ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. ދިވެހި މުދައްރިސުކަން ކޮށްފައިވާތީ ކަމަށް ވެސް ވެދާނެއެވެ؛ އޭނާ ބޭނުން ކުރާ ބަހުރުވައިގެ ވައްޓަފާޅި ވަރަށް އޮމާނެވެ.

މިހެންވެ އޭނާ ލިޔުނު ވާހަކަތަކުގެ ތެރެއިން އެތައް ބަޔަކަށް ކަމުދިޔަ ވާހަކަތައް އަހަރެން މިހާރު ގަނެފައިވާނެއެވެ. އޭގެ ތެރޭގައި އާމިނަތުގެ ކުރުވާހަކަތަކުގެ ފުރަތަމަ ބައި ވެސް ހޯދައިފައިވާނެއެވެ. އަދި މިހާރު ކިޔަން ފަށައިފީމެވެ. އެ ގޮތުން އޭގައިވާ ފުރަތަމަ ވާހަކަ، ރާއްޖޭގެ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދައިފައިވާ "މާލަސްވެއްޖެ" ވެސް ތަފާތުވެފައި ޝައުގުވެރިކަން ދަމައިގަނެއެވެ. މި ކުރު ވާހަކަ "ކަލެކްޝަން"ގައިވާ ފަސް ވާހަކަ ވެސް ބިނާކޮށްފައިވަނީ ހަގީގީ ހާދިސާތަކުގެ މައްޗަށް ކަމަށް ވާތީ، މި ކަލެކްޝަން ވެސް ކިޔާ ނިންމާލަން އަހަރެންގެ ޝައުގުވެރިކަން ވަނީ ވަރަށް ބޮޑު ވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *