Support Us

ޗާގޮސް މޮރިޝަސްއާ ހަވާލު ނުކުރާން އިނގިރޭސި ވިލާތުން ނިންމައިފި

އިންޑިއާ ކަނޑުގައި ދިވެހި ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ޗާގޮސް ޖަޒީރާ، މޮރިޝަސް ޖަޒީރާއާ ހަވާލު ނުކުރަން އިނގިރޭސި ވިލާތުން ނިންމައިފިއެވެ.

އިނގިރޭސި ވިލާތުން މި ގޮތަށް ނިންމީ އެ ގައުމުގެ ދިފާއީ ވަޒީރު ގްރޭންޓް ޝެޕްސްގެ ނިންމުމަކާ އެއްގޮތަށް ކަމަށް، އިނގިރޭސި ވިލާތުގެ ނޫސް "ދަ ޓެލެގްރާފު"ން ރިޕޯޓް ކޮށްފައިވެއެވެ.

އިނގިރޭސި ވިލާތުން މި ގޮތަށް ނިންމީ، 1814 ވަނަ އަހަރުއްސުރެ އިނގިރޭސީންގެ އަތްދަށުގައި ޗާގޮސް އޮތީ ގާނޫނާ ހިލާފަށް ކަމަށް އދ.އިން ނިންމާފައިވަނިކޮށެވެ.

ޗާގޮސް އޮންނަނީ ދިވެހި ރާއްޖެއާ ބަރާބަރު 310 މޭލު ދެކުނުގައެވެ. އަދި މި ޖަޒީރާއަކީ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިނގިރޭސީން ކުއްޔަށް ދީފައިވާ ޖަޒީރާއެކެވެ. އެ ގޮތުން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާއަކީ މެދުއިރުމަތީގައިވާ އެމެރިކާގެ ހަތުރުންނަށް ހަމަލަ ދޭން ބޭނުން ކުރާ އަސްކަރީ މަރުކަޒެކެވެ.

ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން މި އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އިނގިރޭސި ވިލާތުގެ ރަސްމީ ލިޔެކިޔުންތަކުގައި ޗާގޮސް އަށް ދީފައިވާ ނަމަކީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ"އެވެ.

ޝެޕްސް އާއި އިނގިރޭސި ބޮޑު ވަޒީރުގެ ނައިބު އޮލިވާ ޑައުޑަން ވަނީ މި މައްސަލާގައި އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރު ލޯޑް ކެމެރުން އާ ބައްދަލު ކުރައްވާފައި ކަމަށް ޓެލެގްރާފްގެ ރިޕޯޓްގައިވެއެވެ.

ތިން ވަޒީރުން ވެސް އިއްތިފާގު ވެވަޑައިގަތީ ޗައިނާ އަށް ތާއީދު ކުރާ މޮރިޝަސް އަށް ޗާގޮސް ދީފި ނަމަ، އިނގިރޭސި ވިލާތާއި އެމެރިކާ އާ ދެމެދު އޮންނަ "ހާއްސަ ގުޅުމަށް" ބުރޫ އަރާނެ ކަމަށެވެ. އަދި މިހެންވެ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އިނގިރޭސީންނަށާއި އެމެރިކާ އަށް ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ޗާގޮސް އަކީ އިނގިރޭސި ވިލާތާއި މޮރިޝަސް އާ ދޭތެރޭ ގިނަ އަހަރުތަކެއް ވަންދެން ދެމިގެންދާ މައްސަލައެކެވެ. ނަމަވެސް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ އދ.ގެ މެންބަރު ގައުމުތަކުގެ ދެމެދުގައި ހިނގާ މައްސަލަތަކުގައި ގޮތް ނިންމުމަށް 1945 ގައި އުފައްދާފައިވާ ކޯޓުން 2019 ގައި ނިންމީ ޗާގޮސް އިނގިރޭސި ވިލާތުގެ އަތްދަށުގައި އޮތީ ގާނޫނާ ހިލާފަށް ކަމަށާއި "ވީ އެންމެ އަވަސް މުއްދަތެއްގައި" މޮރިޝަސް އާ ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގެ މެންބަރު ގައުމުތަކުން ވޯޓު ދިނީ މި ނިންމުމާ އެއްކޮޅަށެވެ. އިނގިރޭސި ވިލާތުގެ އަތްދަށުގައި ޗާގޮސް ބާއްވަން ވޯޓު ދިނީ ހަމައެކަނި އެމެރިކާ އަދި އޮސްޓްރޭލިއާ އިންނެވެ.

މީގެ ފަހުން 2021 ވަނަ އަހަރު ޖަރުމަނުގެ ހެމްބަގްގައި ހުންނަ ކަނޑުތަކާ ބެހޭ ހާއްސަ ކޯޓަކުން ވެސް ސިފަކޮށްފައިވަނީ އިނގިރޭސި ވިލާތަކީ ޗާގޮސް އަށް "ގާނޫނާ ހިލާފަށް ވެރިވެގަތްފައިވާ" ބާރެއްގެ ގޮތުގައެވެ.

މޮރިޝަސް އާ އެކު އިނގިރޭސީން "ޑީލް"އެއް ހަދާ ގޮތަށް ރާވާފައިވާއިރު، އޭގައި ހިމެނެނީ ޗާގޮސްގައިވާ 60 ރަށްތައް މޮރިޝަސް އަށް ދިނަސް، އަސްކަރީ މަރުކަޒު ހިމެނޭ ޑިއެގޯ ގާސިއާ އިނގިރޭސީންގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. އަދި މި ޑީލްގެ ދަށުން، އަސްކަރީ މަރުކަޒު އިނގިރޭސީންގެ އަތްދަށުގައި ބޭއްވުމަށް، މޮރިޝަސް ސަރުކާރަށް ދެ ބިލިއަން އިނގިރޭސި ޕައުންޑް (2.5 ބިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ރާވާފައިވެއެވެ.

މީގެ އިތުރުން އެހެން ޑީލެއް ހެދުމުގެ މަޝްވަރާތަކުގައި ހިމެނެނީ މުޅި ޗާގޮސް މޮރިޝަސް އަށް ދީފައި، އިނގިރޭސި ވިލާތާއި އެމެރިކާ އަށް އަސްކަރީ މަރުކަޒުގެ ގޮތުގައި މޮރިޝަސް އިން ޑިއެގޯ ގާސިއާ އަލުން ކުއްޔަށް ދިނުމެވެ.

ނަމަވެސް، އޮގަސްޓް މަހު މަގާމާ ހަވާލުވެވަޑައިގަތް، ޝެޕްސްގެ ހިޔާލުފުޅަކީ އިނގިރޭސީންގެ އަތްދަށުގައި ޗާގޮސް ބޭއްވުން ކަމަށާއި އދ. އާއި ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމާ ދެކޮޅު ހެދުން ކަމަށް ޓެލެގްރާފް ނޫހުން ރިޕޯޓް ކުރިއެވެ.

ޝެޕްސް އާ ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ ހިޔާލާ އެމެރިކާގެ ހިޔާލާ ދިމާވާ ކަމަށް ޓެލެގްރާފުން ބުނެއެވެ. އެ ގޮތުން ޗާގޮސް މޮރިޝަސްގެ އަތްދަށަށް ހިނގައްޖެ ނަމަ، ޑިއެގޯ ގާސިއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުރިމަގަށް ހިޔަނި އެޅޭނެ ކަމަށާއި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އެމެރިކާ އާއި ޗައިނާގެ ދެމެދުގައި ހިނގަމުންދާ ކޯޅުންތައް އިތުރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ މިހާރު ވެސް މި ދެ ކަނޑުގައި އެމެރިކާ އާއި ޗައިނާ އިން ތަފާތު ގޮތްގޮތުން ވާދަ ކުރަމުންދާތީއެވެ.

އިނގިރޭސި ވިލާތުގެ އަސްކަރީ އޮފިޝަލަކު ޓެލެގްރާފް ނޫހަށް ދެއްވި ކޮމެންޓެއްގައި ވިދާޅުވެފައިވަނީ ޗާގޮސްގެ މައްސަލާގައި އެންމެ ފަހު ގޮތް ނިންމާނީ އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓެގަން"އިން ކަމަށާއި، ޑިއެގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒުގެ މިހާރުގެ "ހާލަތަށް" އެއްވެސް ބަދަލެއް އަންނަން ޕެންޓެގަން އިން ބޭނުން ނުވާ ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލަކު ޓެލެގްރާފް ނޫހަށް ދެއްވި ކޮމެންޓެއްގައި ވިދާޅުވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އަންނަ ހަފުތާގައި ކެމެރުން އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއެކު ބާއްވާ ބައްދަލުކުރެއްވުމެއްގެ "ހަވާސާ"ގައި ޗާގޮސް މައްސަލަ އާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ ޓްވިން ޓަވަރަށް 2001ގެ ސެޕްޓެމްބަރު 11 ގައި ދިން ހަމަލައާ ގުޅިގެން އެމެރިކާއިން އަފްގާނިސްތާނަށް ދޭން ފެށި ހަމަލަތަކުގައި ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު ފުޅާ ދާއިރާއެއްގައި ބޭނުން ކޮށްފައިވެއެވެ. މީގެ އިތުރުން 2003 ގައި ފެށި އިރާގު ހަނގުރާމައިގެ އިތުރުން 2006 އިން ފެށިގެން މެދުއިރުމަތީގައި ބޭނުން ކުރާ، އެމެރިކާގެ "ފައްތާ ނުލެވޭނެ ކަމަށް" ދައުވާ ކުރާ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުފަހަރު އުފުލާ މަނަވަރުތަކުގައި، މެދުއިރުމައްޗަށް އެމެރިކާ ސިފައިން ގެންދިއުމަށް ވެސް ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު އެމެރިކާއިން ބޭނުން ކުރަމުންދެއެވެ.

ޗާގޮސް ދޫކޮށް ނުލުމަށް އިނގިރޭސި ސަރުކާރުން ނިންމުމުން ބައިނަލްއަގުވާމީ ގާނޫތަކާ ހިލާފު ވާނެތީ، މިއީ އދ. އާ އެކު އިނގިރޭސި ވިލާތުން ބާއްވާ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް އަނެއްކޮޅުން އެމެރިކާ އާއެކު އިނގިރޭސީން ބާއްވާ ގުޅުން "ރައްކާތެރިވާނެ" ކަމަށް ވެސް ބެލެވެއެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ސެޕްޓެމްބަރު މަހު ވިދާޅުވީ ޗާގޮސް ދޫކޮށްލުމަކީ "އާދަޔާ ހިލާފަށް ބޮޑު ނުރަނގަޅު ނިންމުމަކަށް ވާނެ" ކަމަށާއި މި ކަމުގެ ސަބަބުން "ހުޅަނގު"ގެ މުހިންމު އަސްކަރީ "ހަރުމުދަލަކަށް" ގެއްލުން ވާނެ ކަމަށެވެ.

ޗާގޮސް ޖަޒީރާ އިނގިރޭސި ވިލާތަށް ލިބުނީ 1814 ގައި "ޕެރިސް މުއާހަދާ"ގެ ދަށުން ފަރަންސޭސި ވިލާތުގެ ބާރުގެ ދަށުންނެވެ. އަދި މި އެއްބަސްވުމުގެ ދަށުން ފަރަންސޭސީން ވަނީ މޮރިޝަސްގެ އިތުރުން ފަރަންސޭސީންގެ އަތްދަށުގައިވާ އެހެން ބިންތަކެއް ވެސް އިނގިރޭސީންނަށް ދޫކޮށްލައިފައެވެ.

މޮރިޝަސް އަށް ޗާގޮސް ގެއްލުނީ 1965 ގައެވެ. އެއީ 1968 ގައި މޮރިޝަސް އަށް ފުރިހަމަ މިނިވަންކަން ލިބެން ދިޔަ މަގުމަތީގައެވެ.

އިނގިރޭސީން ވަނީ ޗާގޮސްގެ 2،000 އަށް ވުރެ ގިނަ އަސްލު ވަޒަންވެރިން ބޭރުކޮށްލައި، މޮރިޝަސް އަށާއި ސީޝެލްސް އަށް އެ މީހުން ބަދަލުކޮށްފައެވެ. އެއީ ޗާގޮސްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހެދުމަށްޓަކައެވެ. މި ކަމުގެ ސަބަބުން "އިންސާނީ ހައްގުތަކަށް ގޮވާލާ އަޑުތައް" ގަދަވެ، 2016 ގައި، ޗާގޮސްގެ މި ރައްޔިތުންނަށް ބަދަލު ދިނުމަށްޓަކައި 40 މިލިއަން ޕައުންޑް (50 މިލިއަން ޑޮލަރު)ގެ ފަންޑެއް ގާއިމު ކުރެވުނެވެ.

ޗާގޮސްގެ 3،000 އެއްހާ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ އިނގިރޭސި ވިލާތުގައެވެ. އެއީ ގެޓްވިކް އެއާޕޯޓް ކައިރީގައި އޮންނަ ކްރޯލީ ނަމަކަށް ކިޔާ ސަރަހައްދެއްގައެވެ.

"އަހަރެމެންގެ ސާފު މަގުސަދަކީ އިނގިރޭސި ވިލާތާ އެމެރިކާ ގުޅިގެން ކުރިއަށްގެންދާ، ޑިއެގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒު އެ ގޮތުގައި ކުރިއަށް ގެންދިއުން. އެއީ ގައުމީ، ސަރަހައްދީ، އަދި މުޅި ދުނިޔޭގެ ފެންވަރުގައި ބެލި ނަމަވެސް، ސަލާމަތީ ގޮތުން މުހިންމު ދައުރެއް އަދާ ކުރާ އަސްކަރީ މަރުކަޒެއް،" އިނގިރޭސި ވިލާތުގެ ހާރިޖިއްޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

"އިނގިރޭސި ވިލާތުން މުއާހަދާއަކަށް އެއްބަސްވާނީ އެ ކަމުން އަހަރެމެންގެ ގައުމީ މަސްލަހަތާއި އަހަރެމެންގެ ބައިވެރިންގެ ގައުމީ މަސްލަހަތު ސަލާމަތް ކޮށްދޭ ނަމަ،" ކަމަށް އޭނާ ވިދާޅުވި ކަމަށް ޓެލެގްރާފް ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *