Support Us

ބްރިޓްނީ ސްޕިއާސް: ބައިޕޯލާ ޑިސްއޯޑާގެ ސަބަބުން "ގެއްލުނު ފުރާވަރު" ހަމައަކަށް އެޅުނީ އަދި ކިރިޔާ

ސަމާލުވޭ! ބައިޕޯލާ ޑިސްއޯޑާގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ބިރު!

މީގެ ދިހަ ވަރަކަށް އަހަރު ކުރިން އަވައްޓެރި ގައުމެއްގައި އުޅުނު ރައްޓެއްސެއްގެ ގޭގައި ދުވަސްކޮޅަކު އަހަރެން އުޅުނީމެވެ. އޭނާގެ ކުޑަ ފިރިހެން ދަރިފުޅެއް ހުރެއެވެ. ފިރިމީހާ ނުފެންނަނީ ކީއްވެތޯ އަހާކަށް ނުކުރެއެވެ. ޒާތީ ހަޔާތުގެ ކަންތައްތަކާ ނުބެހޭންވެގެންނެވެ.

އަނބުރާ ދިވެހި ރާއްޖެ އަށް އަހަރެން އައުމަށް ފަހު ދެން އެ ދަރިފުޅު ފެނުނީ ފުރަތަމަ ޑިގްރީއަށް ކިޔަވަން މި އަހަރު މި ކޮޅަށް އައުމުންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެވެން ނެތީ، އުމުރުން 18 ފުރެން އޮތީ ފުރަތަމަ ބުރު އޮންނަތާ އެންމެ ހަތަރު ދުވަސް ފަހުން ކަމަށް ވާތީއެވެ. އުމުރުން ފުރަތަމަ ފަހަރު ރާއްޖޭގެ އިންތިހާބެއްގައި ވޯޓު ލުމުގެ ނަސީބު މި ފަހަރު ނުލިބޭނެ ކަމަށް ފެންނާތީ އެކަމާ ދެރަވާކަމަށް އޭނާ ބުންޏެވެ. ދެވަނަ ބުރަކަށް ނުގޮސްފާނެތީ އެވެ. ދެވަނަ ބުރަކަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި އެ ކަމަށް އުއްމީދުކޮށްގެން ހުރުމަށް އަހަރެން އޭނާއަށް ހިތްވަރު ދިނީމެވެ.

ވީވެސް އެހެންނެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި އެހާމެ ހިތާމަވެރި ހަބަރެއް ވެސް ދިނެވެ. އޭނާގެ ބައްޕައަށް ހަގީގަތުގައި ވީގޮތް އޭނާގެ މަންމަ އޭނާއަށް އެންމެ ފަހުން، 18 އަހަރު ވުމުން ކިޔައިދިނީ ކަމަށް ބުންޏެވެ.

އޭނާގެ ބައްޕައަކީ "ބައިޕޯލާ ޑިސްއޯޑާ" ނަމަކަށް ކިޔާ ނަފުސާނީ ބައްޔެއް ހުރި މީހެއް ކަމުގައިވި ކަމަށެވެ. އަދި ނުބައި ބޭހެއް ދިނުމުން، ދިރިއުޅުމާމެދު މާޔޫސް ވާފަދަ ޖަޒުބާތުތަކެއް އުފެދި، ދުނިޔެއަށް ބޭކާރު ވެފައިވާ މީހެއް ކަމަށް އިހުސާސް ކުރެވެން ފެށިކަމަށެވެ. އަދި އެންމެ ފަހުން އަމިއްލައަށް މަރުވީ ކަމަށެވެ.

ބައިޕޯލާ ޑިސްއޯޑާ އަށް ރަނގަޅު ފަރުވާ ނުދެވިއްޖެ ނަމަ، އެ ބަލީގައި އުޅޭ ވިއްސަކަށް ޕަސެންޓް މީހުން އަމިއްލައަށް މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިހާ ވެސް ނުރައްކާތެރި ނަފުސާނީ ބައްޔެކެވެ. އަދި މި ބަލީގެ ވޭން ތަހައްމަލު ކުރާ އެތައް ދިވެހިންނެއް ވެސް އެބަތިއްބެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުފުޅެއްގެ ދަށުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި ނަފުސާނީ ފަރުވާ ދިނުމަށް 25 މާރިޗު 2019 ގައި ވަކި މަރުކަޒެއް ގާއިމު ކުރެއްވެވިއެވެ. ސެންޓަރ ފޮ މެންޓަލް ހެލްތުގެ ނަމުގައެވެ. އަދި އެ މަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހްމަދާއެކު، ނަފުސާނީ ބައްޔަކީ ހަގީގަތުގައި ވެސް އަސްލު ބަލިތަކެއްކަން ދިވެހިންގެ މެދުގައި ހޭލުންތެރިކުރެއްވެވިއެވެ.

އެ ސެންޓަރު ހުޅުވި ދުވަސްވަރު ރަޖިސްޓްރީ ކޮށްފައިވަނީ ގާތްގަނޑަކަށް 2،500 ވަރަކަށް މީހުންނެވެ. ނަމަވެސް މިހާރު 8،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީގައިވެއެވެ. މީގެ މާނައަކީ ނަފުސާނީ ބަލީގެ މީހުން ފަސް އަހަރުގެ ތެރޭގައި އިތުރުވީކީ ނޫން ކަމެވެ. ނަމަވެސް، "މެންޓަލް އިލްނަސް" ނުވަތަ "ނަފުސާނީ ބައްޔާ"މެދު އާއްމުން ހޭލުންތެރިވުމެވެ.

ބައިޕޯލާ ޑިސްއޯޑާ އަކީ މުޅި އުމުރު އެ ބަލީގައި ތަހައްމަލު ކުރަން ޖެހޭ ނަފުސާނީ ބައްޔެކެވެ. ނަމަވެސް ރަނގަޅު އަދި އެކަށީގެންވާ ފަރުވާ އާއެކު މިއީ ދިރިއުޅުން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭ ބައްޔެކެވެ. އެ ގޮތުން އެކި މީހުންނަށް ދޭ ބޭސް ތަފާތު ވެދާނެއެވެ. އަދި ދެވޭ ކައުންސެލިން ވެސް ތަފާތު ވެދާނެއެވެ. ނަމަވެސް ރަނގަޅު ނަތީޖާ އަކީ އެ މީހެއްގެ ހާލަތަށް އެންމެ އެކަށޭނަ ބޭހާއި ކައުންސެލިންނާއި ތެރަޕީ ދެވިއްޖެ ނަމަ، ހަމަ އެހެން މީހުންނާ އެއް ގޮތަށް އާދައިގެ ދިރިއުޅުމެއް އުޅެވޭ ކަމެވެ.

މި ކަން މި ފަހުގެ ތާރީޚެއްގައި އެންމެ ސާފުކޮށް ފެނިގެން ދިޔައީ، ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް މަޝްހޫރު އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ހަޔާތުންނެވެ. ބްރިޓްނީ ސްޕިއާސްގެ ހާލަތު ގޯސްވިވީނުން އޭނާގެ މިލްކިއްޔާތު ބެލެހެއްޓުން ވެސް ކޯޓުން އޭނާގެ ބައްޕަ އާ ހަވާލު ކުރިއެވެ. އަދި ބްރިޓްނީ އާ، ޝަރުއީ ނިޒާމުން އޭނާގެ އެތައް މިލިއަން ޑޮލަރެއް އަލުން ހަވާލު ކުރީ ބޭހާއި ކައުންސެލިންގެ ޒަރީއާއިން އަލުން އެނބުރި އާދައިގެ ދިރިއުޅުމަކަށް ވާސިލު ވެވުމުންނެވެ.

ބްރިޓްނީގެ އިތުރުން ދިވެހިން ދަންނަ ވަރަށް މަޝްހޫރު އެހެން "ސެލެބްރިޓީ"ންނަކީ ވެސް ބައިޕޯލާ ޑިސްއޯޑާ ތަހައްމަލު ކުރަމުންދާ ބައެކެވެ. އޭގެ ތެރޭގައި އެމެރިކާގެ ލަވަކިޔުންތެރިން ކަމަށްވާ ޑެމީ ލޮވަޓޯ އާއި މަރާޔާ ކެރީ އާއި ސެލެނާ ގޮމެޒް އާއި ކަންޔެ ވެސްޓް ހިމެނެއެވެ. އޭގެ އިތުރުން އަމިއްލަ އަށް މަރުވި ލަވަކިޔުންތެރިޔާ ކާޓް ކޮބެއިން ވެސް ހިމެނެއެވެ. ކޮބެއިން ފިޔަވާ ކުރިން މި ނަންގަނެވުނު އެންމެންވެސް މިހާރު އާދައިގެ ދިރިއުޅުމަކައިގެން ކުރިއަށްދެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ފިލްމީ ތަރި އަދި ފިލްމް ޑައިރެކްޓަރު މެލް ގިބްސަން އާއި ބެލްޖިއަމްގެ މާޝަލް އާޓްސް އަދި އެކްޝަން ތަރި ޖޯން ކްލޯޑް ވޭން ޑޭމް ހިމެނެއެވެ.

ބައިޕޯލާ ޑިސްއޯޑާގެ ސިފަތަކަކީ ކޮބާ؟ 

މި ނަފުސާނީ ބަލި ހުންނަ މީހުންގެ ފަރާތުން އެންމެ ބޮޑަށް ފެންނާނީ ދެ ފަހަރު ދެ ގޮތަށް "ހައްދުފަހަނަޅާ ވަރަށް" މީހާގެ މޫޑު ބަދަލުވާ ތަނެވެ. އެ ގޮތުން "މެނިއާ" ހާލަތަށް ހިނގައްޖެ ނަމަ، މޫޑު ރަނގަޅުވެ، މީހާގެ ހަކަތައާއި ހަރަކާތްތެރިކަން އިތުރުވެއެވެ. އަނެއްކޮޅުން "ޑިޕްރެޝަން" އަށް ހިނގައްޖެ ނަމަ، މީހާގެ މޫޑު މުޅިން "ތިރިވެ" އެ މީހެއްގެ ހަކަތާ އާއި ހަރަކާތްތެރިކަން ދަށްވެއެވެ.

ބައިޕޯލާ ޑިސްއޯޑާގެ ސިފަތައް މި ނޫން ގޮތްގޮތަށް ވެސް ފެނިދާނެއެވެ. މިސާލަކަށް، ރުންކުރުވުން، ނިދުމަށް ބޭނުން ނުވުން، ހިޔާލުތައް ބުހުތާނެއްހެން އަވަސް އަވަހަށް އެނބުރުން، އަވަސް އަވަހަށް ވާހަކަ ދެއްކުން އިތުރުވުން، ވިސްނާނުލާ ގެއްލުމަކަށް ނުވަތަ ނުރައްކަލަކަށް ހުށަހެޅިދާނެ ފަދަ އަމަލުތައް ކުރުން، ތިމާގެ ނެތް ފެންވަރު ހުރި ކަމަށް ހީވުން، ކަންތައްތަކާމެދު ނުބައި ނިންމުންތައް ނިންމުން، ދިގު މުއްދަތަކަށް ހިތާމަވެރިވެފައި ހުރުން، ހަށިގަނޑުގެ ހަކަތަ ދަށްވުން، ކަންތައްތައް ކުރަން ޝައުގުވެރި ނުވުން، އަދި ކާހިތްވުމާއި މީހާގެ ބަރުދަނަށް ބަދަލު އައުން ހިމެނެއެވެ.

މީގެ އިތުރުން "އިންސޮމްނިއާ" ނުވަތަ ނިދި ނައުމާއި، "ހައިޕަސޮމްނިއާ" ނުވަތަ ދުވާލު ގަޑީގައި އާދަޔާ ހިލާފަށް ވަރުބަލިވުމާއި އާދަޔާ ހިލާފަށް ގިނަ އިރު ރޭގަނޑު ނިދުން ހިމެނެއެވެ. ތިމާ އަކީ ބޭކާރު މީހެއްގެ ގޮތުގައި ފިކުރު ކުރެވުމާއި ކުށް ކުރެވުމުގެ އިހުސާސް ނުވަތަ "ގިލްޓް" އިހުސާސް ކުރެވުމާއި، ކަންތައްތަކަށް ސަމާލުކަން ދިނުމަށް އުނދަގޫ ވުމާއި ނިންމުންތައް ނިންމަން ދަތިވުން ހިމެނެއެވެ. މީގެ އިތުރުން މީހާ އަމިއްލައަށް މަރުވާން ބޭނުންވާ ހިޔާލުތައް އައުމާއި އެ ފަދަ އަމަލުތައް ކުރާ ފަހަރު ވެސް އާދެއެވެ.

މި ފަދަ ކަންތައްތަކާ ހުރެ، ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހުންނަށް، އެހެން މީހުންނާއެކު ބާއްވާ ގުޅުން ރަނގަޅަށް ބޭއްވުމަށް ނުކުޅެދިދާނެއެވެ. އާއިލާ އާއި ރަހްމަތްތެރިންނާއި އަދި އެކުގައި މަސައްކަތް ކުރާ މީހުންނާއެކު އޮންނަ ގުޅުންތައް، މިހެންވެ، ގޯސްވެއެވެ.

މޫޑު ބަދަލުވުމުގެ އަސަރުތައް ހައްދުފަހަނަޅާ ހިސާބަށް ދިއުމުން މަސައްކަތް ކުރުމަށާއި ކިޔެވުމަށް ހުރަސް އެޅެއެވެ. އަދި މި ފަދަ މޫޑު ބަދަލުވުންތަކަށް "އަމިއްލަ ހައްލެއް ހޯދައިގަތުމަށް" މަސްތުވާތަކެތި ބޭނުން ކުރަން ވެސް ފަށާފާނެއެވެ. މިހެންވެ، ސިއްހަތަށް ގެއްލުން ވުމާއި ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް ނޭދެވޭ އަސަރު ކުރާނެއެވެ.

ބައިޕޯލާ ޑިސްއޯޑާ އަށް ދެވިދާނެ ފަރުވާތަކަކީ ކޮބާ؟

ބައިޕޯލާ ޑިސްއޯޑާ އަށް ބޭސް ވެސް ދެއެވެ. އޭގެ ތެރޭގައި މޫޑު ވަކި އިންތަކެއްގެ ދެމެދުގައި ހިފެހެއްޓުމަށް "ލިތިއަމް" ދެއެވެ. ކޮބެއިން ވަނީ މި ނަމުގައި ލަވައެއް ވެސް ކިޔައިފައެވެ.

މީގެ އިތުރުން "އެންޓައި-ސައިކޮޓިކް" ބޭހަކީ ބަލިމީހާގެ ހާލަތު ވަރަށް ނުރައްކާވާ ހިސާބަށް ދާ ކަމަށް ފެންނަ ނަމަ، ނަފުސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުން ނުވަތަ "ސައިކިއެޓްރިސްޓު"ން ދޭ ބޭހެކެވެ. އެ ގޮތުން އެހެން މީހުންނަށް ނުފެންނަ ނުވަތަ އަޑު ނުއިވޭ އެއްޗެހި ނުވަތަ ކަންތައްތައް ފެންނަން ފަށައި ނުވަތަ އަޑު އިވޭ ކަމަށް، ބަލިމީހާ އަށް ފާހަގަ ކުރެވޭ ނަމަ، މި ފަދަ ބޭސްތައް ދެއެވެ. އަދި މިފަދަ "ހެލޫސިނޭޝަންސް" އަށް ހުށަހެޅުމުގެ އިތުރުން، ހަގީގަތާ ހިލާފު ނުވަތަ "ޑިލޫޝަންސް"ތައް ގަބޫލު ކުރަން ފަށައިފި ނަމަ، މި ފަދަ ބޭސްތައް ދެއެވެ.

ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހުންނަށް "އެންޓައި-ޑިޕްރެސެންޓްސް" ވެސް ދެއެވެ. މި ފަދަ ބޭހަކީ "ކްލިނިކަލް ޑިޕްރެޝަން" ފަދަ "ސީރިއަސް ދަރަޖައަކަށް" މީހާގެ ނަފުސާނީ ހާލަތު ވެއްޓުމުން ދޭ ބެހެވެ. އެ ގޮތުން މީހުންނާއެކު ބާއްވާ ގުޅުންތަކާއި މަސައްކަތުގެ މާހައުލާއި ސްކޫލާއި އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިވުމަށް މީހާގެ މޫޑު ހުރަސް އެޅޭ ވަރަށް ދިއުމުން މި ފަދަ ބޭސް ދެއެވެ. އަދި މިއީ ވަކި އުމުރަކަށް ދިމާވާ ކަމެއް ނޫނެވެ. މާނައަކީ "ކްލިނިކަލް ޑިޕްރެޝަން" އަށް ކުޑަކުދިން ވެސް ހުށަހެޅެއެވެ. ނަމަވެސް އުފާވެރި ހަބަރަކީ ބޭހުން ނުވަތަ ކައުންސެލިން އިން، ނުވަތަ މި ދެ ކަންތައް އެއް ފަހަރާ ކުރިއަށް ގެންދިއުމުން ވެސް ރަނގަޅު ފަރުވާއަކަށް ވެއެވެ.

"ޑިޕްރެޝަން" އަކީ އެކި "ފެންވަރު"ގައި ތަހައްމަލު ކުރެވޭ ހާލަތެކެވެ. އޭގެ ތެރޭގައި ވަގުތީ ހިތާމަ އާއި ދިގުދެމިގެންދާ ހިތާމަ ހިމެނެއެވެ. އެ ގޮތުން "ކްލިނިކަލް ޑިޕްރެޝަން" އަކީ "ޑިޕްރެޝަން"ގެ އެންމެ ނުރައްކާ ހާލަތެވެ. މި ކަމަށް "މޭޖާ ޑިޕްރެޝަން" އަދި "މޭޖާ ޑިޕްރެސިވް ޑިސްއޯޑާ" ވެސް ކިޔައެވެ. މިއީ، މިސާލަކަށް، ގާތް މީހަކު ނިޔާވުމުން، ނުވަތަ "ތައިރޮއިޑް"ގެ މައްސަލައަކުން ކުރިމަތިވާ ހިތާމައާ ތަފާތު ޑިޕްރެޝަންއެކެވެ.

ކްލިނިކަލް ޑިޕްރެޝަންގެ ސިފަތަކުގެ ތެރޭގައި ދެރަވުން، ލޮލުން ހިތާމައިގެ ކަރުނަ އައުން، މީހާގެ ނަފުސުގެ ތެރޭގައި ފަޅުކަމެއް އިހުސާސް ކުރެވުން އަދި އުއްމީދު ގެއްލުމުގެ އިހުސާސްވުން ހިމެނެއެވެ. ކުދިކުދި ކަންތައްތަކާ ވެސް ރުޅިގަނޑު ބާލައިލުން، ރުންކުރުވުން، އަދި މާޔޫސްވުން ހިމެނެއެވެ.

އާދައިގެ މަތިން ކޮށް އުޅޭ ކަންތައްތަކާމެދު ޝައުގުވެރިކަން ނުވަތަ އުފާވުމުގެ އިހުސާސް ގެއްލުން ވެސް މިއީ ފެންނަ އަސަރުތަކެކެވެ. އޭގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމާއި ހޮބީ ނުވަތަ މުނިފޫހިފިލުވަން ކުރާ ކަންތައްތަކާއި ކުޅިވަރު ކުޅުމަށް ހުންނަ ޝައުގުވެރިކަން ނެތި ދިއުން ހިމެނެއެވެ.

ނިދި "ހަރާބުވުން"، ނިދި ނައުން، ނުވަތަ މާ ގިނަ އިރު ނިދުމާއި، ކުދިކުދި ކަންތައްތައް ކުރުމުގައި ވެސް ވަރުބަލިވުމާއި ހަށިގަނޑުގައި ހަކަތަ ނެތުމުގެ އިހުސާސް ކުރެވުން ވެސް ހިމެނެއެވެ. ކާހިތް ނުވުމާއި ހަށިގަނޑުގެ ބަރުދަން ލުއި ވުމާއި އަދި އަނެއްކޮޅުން، މާ ބޮޑަށް ކާހިތްވުމާއި ހަށިގަނޑުގެ ބަރުދަން އިތުރު ވުމާއި، ކަންތައްތަކާ ހާސްވުމާއި، ކަންތައްތަކުން ސިކުނޑިއަށް އުނދަގޫ ވުމާއި އަދި މަޑުން ނުހުރެވުން ހިމެނެއެވެ.

ކަންތައްތަކާމެދު ވިސްނުމުގައާއި ވާހަކަ ދެއްކުމާއި އަދި ހަށިގަނޑުގެ ހަރަކާތްތެރިކަމުގައި "ލަސްކަމެއް" އައުމާއި "ކުށް ކުރެވުމުގެ އިހުސާސް" ނުވަތަ "ގިލްޓް" އިހުސާސް ކުރެވުމާއި މާޒީގައި ދިމާވެފައިވާ ނާކާމިޔާބުތަކާމެދު ވިސްނުން ދިގުދެމިގެންދިއުމާއި އަދި އަމިއްލަ ނަފުސު ކުށްވެރިކުރުމަކީ ވެސް ކްލިނިކަލް ޑިޕްރެޝަންގެ އަސަރުތަކެވެ.

ވިސްނުމާއި ކަންތައްތަކަށް ސަމާލުކަން ދިނުމާއި ކަންތައްތަކުގައި ނިންމުންތައް ނިންމުމާއި ކަންތައްތައް ހަނދާނަށް ގެނައުމާއި މަރުވެދާނެ ކަމުގެ އިހުސާސްތައް ގިނަގިނައިން ހިޔާލަށް އައުމާއި އަމިއްލަ އަށް މަރުވުމުގެ ހިޔާލުތައް ވެސް ސިކުނޑިއަށް އައުމާއި އަމިއްލައަށް މަރުވެދާނެ އަމަލުތައް ކުރުމާއި އަދި ޚުދު އަމިއްލައަށް މަރުވުމަކީ ވެސް ކްލިނިކަލް ޑިޕްރެޝަންގެ ސިފަތަކެވެ. އަދި ގޮތް ނޭނގޭ ބައެއް ޖިސްމާނީ މައްލަސަތައް ވެސް ކުރިމަތިވުން ހިމެނެއެވެ. އޭގެ ތެރޭގައި ބުރަކަށީގައި ރިއްސުމާއި ބޮލުގައި ރިހުން ހިމެނެއެވެ.

ބައިޕޯލާ ޑިސްއޯޑާގެ ދަށުން އަތުވެދާނެ ކްލިނިކަލް ޑިޕްރެޝަން އަށް ދޭ ފަރުވާތަކުގެ އިތުރުން ބައިޕޯލާ ޑިސްއޯޑާ އަށް ދޭ އިތުރު ފަރުވާތަކުގެ ތެރޭގައި "ސައިކޮތެރަޕީ" ހިމެނެއެވެ. "ޓޯކް ތެރަޕީ"ގެ ނަމުން ވެސް ނަންދީފައިވާ މި ފަރުވާގެ މަގުސަދަކީ ބަލިމީހާގައިވާ ނަފުސަށް އުނދަގޫ ކުރާ ޖަޒުބާތުތަކާއި ހިޔާލުތަކާއި އަމަލުތައް ދެނެގަތުމެވެ. މި ގޮތަށް "ވާހަކަ ދައްކައިގެން" ދޭ ފަރުވާ ބަލިމީހާ އާއި ސިއްހީ ހިދުމަތްތެރިޔާ އެކަނި ބައިވެރިވާ "ސެޝަން" އަކުން ވެސް ނިންމާލެވިދާނެއެވެ. ނުވަތަ ހަމަ މި ކަހަލަ ނަފުސާނީ ބަލިތަކެއް ތަހައްމަލު ކުރަމުންދާ ބަލިމީހުންނާއެކު ގްރޫޕް ހަދައިގެން ވެސް މި ފަދަ ކައުންސެލިން ސެޝަންތައް ކުރިއަށް ގެންދެވިދާނެއެވެ.

ސައިކޮތެރަޕީގެ ތެރޭގައި "ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ" (ސީ.ބީ.ޓީ.) ވެސް ހިމެނެއެވެ. ވާހަކަ ދައްކައިގެން ކައުންސެލިން ދޭ ގޮތަށް ކުރިއަށްގެންދާ މި ފަރުވާގެ ސަބަބުން ބަލިމީހާ ކަންތައްތަކާމެދު ވިސްނާ ގޮތާއި އަމަލު ކުރާ ގޮތް ބަދަލު ކުރަން ފަސޭހަ ވެއެވެ. މިހެންވެ، "އެންސައިޓީ" ނުވަތަ ކަންތައްތަކާ ހާސްވުމާއި ޑިޕްރެޝަން އަށް މި ފަރުވާ ދިނުމުގެ އިތުރުން، ނަފުސާނީ އެހެން ބަލިތަކަށާއި އަދި ޖިސްމާނީ ސިއްހަތުގެ މައްސަލަތަކަށް ވެސް މި ފަރުވާ ދެއެވެ.

ސައިކޮތެރަޕީގެ ކުޑަދަށުން ދެވޭ އަނެއް ފަރުވާ އަކީ "ސައިކޮ-އެޑިއުކޭޝަން"އެވެ. މިއީ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ އާއި ގްރޫޕް ހަދައިގެންދޭ ކައުންސެލިން ސެޝަންތަކުގެ އިތުރުން މައުލޫމާތު ފޯރުކޮށްދީގެން ކުރިއަށްގެންދާ ފަރުވާއެކެވެ. މަގުސަދަކީ ބަލިމީހާއަށާއި އާއިލާތަކަށް ބައިޕޯލާ ޑިސްއޯޑާގެ ތަފާތު ސިފަތަކާއި ފަރުވާތަކާ ބެހޭ މައުލޫމާތު އަންގައިދިނުމާއި މި ގޮތުގެ މަތިން ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއެކު، ޖުމްލަ ގޮތެއްގައި ވަށާ ޖެހޭ ފަރުވާ އެއް ދިނުމަށް މަގުފަހި ކުރުމެވެ.

"ފެމިލީ ތެރަޕީ" އަކީ މި ގޮތުން މުޅި އާއިލާގެ ނަފުސާނީ ދުޅަހެޔޮ ކަމާއި ހަރަކާތްތެރިކަމަށް ފަރުވާ ދިނުމެވެ. އެ ގޮތުން، އާއިލާގެ ވަކިވަކި ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާއި، މުއާމަލާތް ކުރުން ހަރުދަނާ ކުރުމާއި، އާއިލާގެ ތެރޭގައި ހުރި "ތަޅާފޮޅުން"ތައް ރަނގަޅު ކުރުން ހިމެނެއެވެ.

މިހެންވެ، ސައިކޮތެރަޕީގެ ކުޑަދަށުން ދެވޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ އާއި ސައިކޮ-އެޑިއުކޭޝަން އާއި ފެމިލީ ތެރަޕީ އަކީ ވަކިވަކި ފަރުދުންނާއި އެ މީހުންގެ ގާތް މީހުންގެ މެދުގައި، ބައިޕޯލާ ޑިސްއޯޑާ ފަހުމް ވުމަށާއި އެ ކަމަށް ފަރުވާ ދިނުމަށް އެހީވެދޭ ފަރުވާތަކެވެ.

ބައިޕޯލާ ޑިސްއޯޑާ އަށް ދޭ ފަރުވާތަކުގެ ތެރޭގައި ފޭޑި ނުވަތަ ތިބާގެ ލައިފްސްޓައިލް އަށް ބަދަލު ގެނައުން ހިމެނެއެވެ. އެ ގޮތުން، ގަވައިދުން ނިދި ހަމަކުރުމާއި ސްޓްރެސް ނުވަތަ ކުރިމަތިވާ ތަފާތު ނަފުސާނީ ޕްރެޝަރުތައް ހަމައަކަށް އެޅުވުމާއި "އެލްކޮހޯލް" ނުވަތަ ބަނގުރަލާއި "ޑްރަގްސް" ނުވަތަ މަސްތުވާތަކެއްޗާއި ދުރުވާން ޖެހެއެވެ.

އާއިލާ އާއި ރަހްމަތްތެރިން މެދުގައި ބަލިމީހާއަށް ހިތްވަރުދޭ ނިޒާމެއް ނުވަތަ "ސަޕޯޓް ސިސްޓަމެއް" ގާއިމު ކުރަން ޖެހެއެވެ.

އެންމެ ނުރައްކާ ހާލަތްތަކުގައި، ބަލިމީހާގެ ރައްކާތެރިކަމާއި ނަފުސާނީ ކޮންޓްރޯލް ދިފާއު ކުރުމަށް، ހޮސްޕިޓަލެއްގައި އެޑްމިޓް ކުރަން ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ.

އެހެންކަމުން، ކޮންމެ ބައިޕޯލާ ޑިސްއޯޑާ ބަލިމީހަކަށް ވެސް، އެ މީހެއްގެ ހާލަތާ ގުޅޭ ގޮތަށް، ފަރުވާގެ "ޕްލޭނެއް" ނުވަތަ ރޭވުމެއް ރާވާލަން ޖެހެއެވެ. ސިއްހީ ހިދުމަތްތެރިންނާއެކު ވަރަށް ގާތުން މަސައްކަތް ކޮށްގެންނެވެ. ބައިޕޯލާ ޑިސްއޯޑާ ހުރިކަން އޭގެ އެންމެ ކުރީގައި ދެނެގަނެވުމާއި އަދި އެ ކަމަށް ދޭ ފަރުވާ މެދު ނުކެޑި ކުރިއަށް ގެންދިއުމުން، ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހުންނަށް "ފުރާފުރިހަމަވެގެންވާ" ދިރިއުޅުމެއް ލިބެން މަގުފަހިވެއެވެ. އަދި މިހެންވެ، މި ބަލި ތިބާގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަށް ވެސް އެހީވެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *