Support Us

ބަޤަރާ ސޫރަތުގެ މައްޗަށް އަވަސް ކަޅިއެއް

މި ލިޔުމުގައި ގަސްދުކުރަނީ ބަޤަރާ ސޫރަތުގެ މައްޗަށް ނަޒަރެއް ހިންގާލާށެވެ. އެ ގޮތުން، ބަޤަރާ ސޫރަތުގެ މައްޗަށް ބަލާލައި އެސޫރަތުގެ ވަށަރޮނގެއް ހުށަހަޅާލާށެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މިދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވާލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނައެވެ. އެއަށްފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ.

ސޫރަތުގެ ނަމާއި ބާވާލެއްވުނު ތާރީޚް

ކީރިތި ޤުރްއާނުގެ ސޫރަތް ސޫރަތުގެ ނަމުގެ ވާހަކަ ދައްކާއިރު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކަށް ނަންދެވިފައިވަނީ ސޫރަތްތައް ފާހަގަކޮށް، ކީރިތި ޤުރުއާނުގެ އެއް ސޫރަތާއި އަނެއް ސޫރަތް ވަކިކުރުމުގެ ބޭނުމުގައި ކަމެވެ. އާއްމު ގޮތެއްގައި، ސޫރަތްތަކަށް ނަންދެވިފައި ވަނީ، އެސޫރަތުގައި ނަންގަނެވިފައިވާ މުހިއްމު ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ނުވަތަ ޝަޚްޞިއްޔަތަކަށް ނިސްބަތްކޮށެވެ. ބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73ވަނަ އާޔާތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައަކާއެވެ. ބަނޫ އިސްރާއީލު ބާގައިގެ މީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ގެރިއެއް ކަތިލުމަށް، އެމީހުންނަށް އަމުރު ކުރެވުނު ހިނދު، އެމީހުން ކަންތައްތައްކުރި ގޮތުގެ ވާހަކައާއެވެ. (މީގެ ތަފްސީލު، އަޅުގަނޑު ލިޔަމުންދާ ކީރިތި ޤުރުއާނުގެ ތަރުޖަމާއި ތަފްސީރުގައި، އެއާޔަތްތަކުގެ ތަފްސީރުގެ ވާހަކަ ލިޔެވޭއިރު ބަޔާން ކުރެވޭނެއެވެ.)

މިކަމުން ފާހަގަކޮށްލަން ބޭނުންވަނީ، އާންމު ގޮތެއްގައި، ކީރިތި ޤުރުއާނުގެ ސޫރަތަކަށް ދެވިފައިވާ ނަމަކުން، އެސޫރަތުގެ މައުޟޫއުގެ މައްޗަކަށް އިޝާރާތެއް ނުކުރެވޭ ކަމެވެ. މީގެ މިސާލަކީ މީސްމީހުންނަށް ކިޔޭ ނަންނަމުގެ މިސާލެވެ. 'އަސަދު' (ސިންގާ)، މިނަމުން މީހަކަށް ނަންކިޔުމުގެ މާނައަކީ އޭނާ 'ސިންގާ’އަކަށް ވުމެއް، ނުވަތަ އޭނާއަށް، ސިންގާއެއްގެ ސިފަ ލިބިގެންވުމެއް، ނޫނެވެ. ހަމަ އެހެންމެ، އިނގިރޭސި ބަހުން މީހަކަށް 'މރ. ބްލެކް' (ކަޅު) އޭ ކިޔުމުން އޭނާއަކީ 'ކަޅު' މީހަކަށްވުން ލާޒިމެއް ނުކުރެއެވެ.

މީސްމީހުންނަށް ނަން ދެވެނީ މީސްމީހުން ކަނޑައަޅައި ފާހަގަކުރުމުގެ ގޮތުންނެވެ. އަދި، އެމީހުންނަށް ދެވިފައިވާ ނަން މެދުވެރިކޮށް، އެމީސްމީހުން، އެހެން މީހުންނާއި ވަކި ކުރުމުގެ ބޭނުމުގައެވެ. ހަމަ މިފަދައިން، ކީރިތި ޤުރުއާނުގައި، ސޫރަތް ސޫރަތަށް ނަންދެވިފައިވަނީ ވެސް، އެއް ސޫރަތް އަނެއް ސޫރަތާއި ވަކިކުރުމުގެ ބޭނުމުގައެވެ. މިހެންވެ، ކީރިތި ޤުރުއާނުގެ ސޫރަތްތައް ތަރުޖަމާ ކުރާއިރު، ސޫރަތް ސޫރަތުގެ ނަން ތަރުޖަމާނުކޮށް، އެނަން އޮންނަ ގޮތަށް ބޭއްވެއެވެ. އާދެ، 'އަލްބަޤަރާ’ގެ މާނައަކީ 'ގެރި' ކަމުގައި ވިޔަސް، އަލްބަޤަރާ ސޫރަތަކީ 'ގެރީ’ގެ މައުޟޫއުގެ މައްޗަށް އިންސާފުކުރެވޭ ސޫރަތެއްގެ ގޮތުގައި ނުބެލެވެއެވެ. އަލްބަޤަރާ، އެއީ އެސޫރަތުގެ ނަން ކަމުގައި ބެލެވި، އެސޫރަތަކީ އަލްބަޤަރާ ސޫރަތޭ ބުނެ، އެގޮތުގައި ބޭއްވެއެވެ.

އަލްބަޤަރާ ސޫރަތަކީ މަދަނީ ދައުރުގައި ބާވާލެއްވުނު ސޫރަތަކެވެ. އެސޫރަތުގެ ބޮޑުބައި، ބާވާލެއްވުނީ މަދަނީ ދައުރުގެ ކުރީކޮޅުގައެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި މަދީނާގައި ހޭދަކުރެއްވި ފުރަތަމަ ދެއަހަރުގެ ތެރޭގައެވެ. ނަމަވެސް އަލްބަޤަރާ ސޫރަތުގެ 271ވަނަ އާޔަތުން ފެށިގެން 281ވަނަ އާޔަތުގެ ނިޔަލަށް ބާވާލެއްވުނީ މަދަނީ ދައުރުގެ ފަހުކޮޅުގައެވެ. އަދި، 281 ވަނަ އާޔަތަކީ ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައިވެސް ބެލެވެއެވެ.

މައިގަނޑު މައުޟޫއުއާއި ޖުމްލަ މާނަ

އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކައެވެ. އާދެ، ހެޔޮ ގޮތުގެ މަގު ބަޔާން ކުރުމުގެ ވާހަކައެވެ. އިންސާނާގެ ފަރުދީ ހަޔާތާއި އަދި ޖަމާއީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާ ބެހޭ ގޮތުން ދެވޭ ތައުލީމާތުތަކާއި އިރުޝާދުތަކުގެ ވާހަކައެވެ. އެކަމާ ބެހޭ ގޮތުން އުނގަންނައިދެވޭ އުނގަންނައިދިނުންތަކާއި ބުނެދެވޭ ބުނެދިނުންތަކުގެ ވާހަކައެވެ. އެސޫރަތުގެ ދެވަނަ އާޔަތުގައި މިމައުޟޫއު ކަނޑައަޅައި ބަޔާންކޮށްދެވިފައި ވެއެވެ. ذلك الكتاب لا ريب فيه هدى للمتقين، (މިއީ އެފޮތެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި، އެފޮތުގައި ހިދާޔަތު، (އިލާހީ ހެޔޮ މަގު، ބަޔާން ކުރެވިފައި)، ވެއެވެ’، މިއާޔަތުގައެވެ.

މި މައިގަނޑު މައުޟޫއާއި މެދު ވިސްނާލުމުން، ބަޤަރާ ސޫރަތާއި އެސޫރަތުގެ ކުރިން އޮތް އަލްފާތިޙާ ސޫރަތާއި ގުޅޭގޮތް އެނގިގެންދެއެވެ. އާދެ، އަލްބަޤަރާ ސޫރަތް ހިމެނެނީ، އަލްފާތިޙާ ސޫރަތުގައި، ތެދުމަގު އެދިގެން މާތްﷲގެ ޚަޟުރަތުގައި ދެންނެވިފައިވާ اهدنا الصراط المستقيم 'އަޅަމެނަށް ތެދު މަގު ދައްކަވާފާނދޭވެ!، މިދުއާގެ އިޖާބައެވެ. އާދެ، އެގޮތުން، ބަޤަރާ ސޫރަތަކީ ކީރިތި ޤުރުއާނުގައި ހުށަހަޅާލެވޭ އިލާހީ ތެދުމަގު ބަޔާންކޮށްދިނުމުގެ ފެށުމެވެ.

ކީރިތި ޤުރުއާނުގައި ހުށަހަޅާލެވިފައި އޮތް އިލާހީ ހިޔާޔަތުގެ ވާހަކައާއި، އަދުގެ މުސްލިމު ދުނިޔޭގައި އެ ހިދާޔަތުގެ މާނައަކީ ކޮބައިކަމާ ބެހޭ ގޮތުން، ވޭތުވެ ދިޔަ ދޮޅު ގަރުނެއްހާ ދުވަހުގެ ތެރޭގައި، މުސްލިމުންގެ މެދުގައި ގިނަ ވާހަކަތަކެއް ދެކެވިފައިވެއެވެ. މި މަގާމަކީ މިވާހަކަތަކުގެ ތަފްސީލަށް ދެވެން އޮތް މަގާމެއް ނޫނެވެ. ނަމަވެސް، މިތަނުގައި، މިމައްސަލައިގެ ކުރު ޚުލާސާއެއް ހުށަހަޅާލަމެވެ. މިވާހަކަތަކުގެ މުހިއްމުކަމަށްޓަކައެވެ.

ދެންމެ އިޝާރަތްކޮށްލި ފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ވާހަކަ ގުޅެނީ މުއުމިނާގެ ފަރުދީ އަދި އޭނާގެ މުޖުތަމައީ ހަޔާތާއިއެވެ. އޭނާގެ އަމިއްލަ ޒާތީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި އޭނާގެ މުޖުތަމައުގެ ކަންތައްތައް ރަނގަޅު ގޮތުގައި ރާވައި އިންތިޒާމު ކުރާނީ ކިހިނެއްކަމާއެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ އިލާހީ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަކޮށް، 'ޝަރީޢަތް' (’ހިނގަން ކަނޑައެޅިފައި އޮތް މަގު') މިލަފްޒުން އިޝާރަތް ކުރެވެއެވެ. ކީރިތި ޤުރުއާނުގެ އަލްޖާޘިޔާ ސޫރަތުގެ އަށާރަ ވަނަ އާޔަތުގައެވެ.

ކީރިތި ޤުރުއާނުގައި، ޝަރީއަތާ ބެހޭ ތައުލީމާތުތައް، ބަޔާން ކުރެވިފައިވަނީ ތަފާތު ސިފަސިފައި ގައެވެ. ބައެއްފަހަރު ހިއްސީ ސިފައެއްގައެވެ. މިސާލަކަށް، ރޯދަ ހިފުން ފަރުޟުކުރެވިފައިވަނީ ފަޖުރުއްސާދިގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެން ދެންނެވެ، މިކަމަށް ބައްލަވާލައްވާށެވެ. އަނެއް ބައިފަހަރު މައުނަވީ ސިފައެއްގައެވެ. މަބްދައުތަކެއްގެ، ނުވަތަ އުސޫލުތަކެއްގެ، ސިފައިގައެވެ. މިސާލަކަށް، ވެރިކަންކުރުމާއި މުޖުތަމައުގެ ކަންތައްތައް ރާވާއި ހިންގުން ބިނާވެފައި އޮންނަން ވާނީ މަޝްވަރާގެ މައްޗަށް ކަމަށް ބަޔާންކުރެވި ދެވިފައިވާ އިރުޝާދެވެ؛ ވެރިކަމުގެ ނިޒާމު އޮންނަން ޖެހޭ ވަކި ޚާއްސަ ސިފައެއް ކަނޑައެޅިފައެއް ނެތެވެ. އަދި، އެކަން އޮންނަން ޖެހޭނީ ކަނޑައެޅިގެން މިވެނި ސިފައެއްގައިކަން، ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ އަލްޚުލަފާއުއްރާޝިދޫންގެ (ފުރަތަމަ ހަތަރު ޚަލީފާއިން ކަމުގައި ހިމެނުނު އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި އުސްމާނުގެފާނާއި އަލީގެފާނުންގެ) އަމަލުފުޅުތަކުން ވެސް ދޭހައެއް ނުވެއެވެ.

މީގެ އިތުރުން، ޝަރީއަތުގެ ތައުލީމާތުތައް އިބާރަތް ކުރެވިފައިވާ ގޮތް ވެސް ތަފާތެވެ. ބައެއްފަހަރު، މި ތައުލީމާތުތައް އިޝާރަތްކުރެވިފައިވަނީ، އެ އިބާރާތްތަކުގެ ލަފްޒީ މާނައަށް ބާރުލެވި އެކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، އޫރުމަހާއި މުޅަތަކެތި ފަދަ ބައެއް ކާނާ ހަރާންކުރުން އިބާރަތްކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. އަދި މިނޫންވެސް ހަރާން-ހަލާލު ކަންތައް ބަޔާންކުރުމަށް ބޭނުންކުރެވިފައިވާ އިބާރާތްތަކުގެ މައްޗަށްވެސް ބައްލަވާލައްވާށެވެ. އަނެއްބައި ފަހަރު، އެތައުލީމާތުތަކުގެ ވާހަކަތައް އިބާރާތްކުރެވިފައިވަނީ އޭގެ މަޤާސިދުތަކަށް، އެބަހީ އެކަމުން ހާސިލުކުރަން ގަސްދުކުރެވޭ ކަންތައްތަކަށް، ބާރުލެވި، އެކަންކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ، އަދި، ފިޤުހު އިލްމުގައި އެކަންކަމަށް، ޙުދޫދުގެ ނަމުން ނަންދެވިފައިވާ، އުޤޫބާތްތަކަށާއި، އަދި ޤިޞާޞުގެ ނުވަތަ މަރަށް މަރު ހިފުމާއި ޖިސްމާނީ އަނިޔާތަކާ ގުޅޭ ހުކުމްތައް އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ. މިހުރިހާ ކަމެއްގައިވެސް ބާރުއެޅިފައިވަނީ، ކުށްވެރިޔާއަށް އަދަބު ދިނުމަށްވުރެ ބޮޑަށް، އޭނާ އިސްލާހު ކުރުމުގެ މައްޗަށް ބެލިގެންނެވެ.

ކީރިތި ޤުރުއާނުގައި ޝަރީއަތާއި ބެހޭ ތައުލީމާތުތަކުގެ ހުރިހާ ތަފްސީލެއް ލިޔެވިފައި ނެތަސް، އެތައުލީމާތުތައް މީސްތަކުންގެ ހަޔާތުގައްޔާއި އަދި މުޖުތަމުގައި ހިންގާލާނޭ ގޮތް، އެންމެ ފުރަތަމަ، ކީރިތި ރަސޫލާގެ ސުންނަތުން، އެބަހީ، އެކަލޭގެފާނުގެ އަމަލުފުޅުތަކުން ފެނިގެންދިޔައެވެ. އަދި އެއަށްފަހު، އަލްޚުލަފާއުއްރާޝިދޫންގެ ދުވަސްވަރު ވެސް، މިކަން، އަމަލީގޮތެއްގައި ފެނިގެން ދިޔައެވެ. އެދުވަސްވަރު ކުރިމަތިވި އާ ހާލަތްތަކަށް، ޝަރިއަތުގެ ތައުލީމާތުގެ އަލީގައި، އާ ހުކުމްތައް ބަޔާންކުރެވިދިޔަ ތަން ވެސް ފެނުނެވެ. ދެން އައި ދުވަސްތަކުގައި، އާދެ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅާއި އަދި ދެވަނަ ގަރުނުގެ ތެރޭގައި، މިތައުލީމާތުތައް އިތުރަށް ތަރައްގީ ކުރެވުނެވެ. އަދި މީގެ ނަތީޖާއަކަށްވީ އިސްލީމީ ފިޤުހު އުފެދި ފުރިހަމަވުމެވެ.

އިސްލާމީ ފިޤުހު އިލްމު ތަރައްގީވެ، އެއަށް ފުރިހަމަ ސޫރަ ލިބުމާއި ވިދިގެން، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ، ޝަރީއަތުގެ ތައުލީމާތުތަކަށް، ލިޔުމުން، ފުރިހަމަ ހިއްސީ ސިފައެއް، ގެނެސްދެވުނެވެ. އިސްލާމީ ފިޤުހުގެ މާއްދީ-މަސްދަރުތަކާއި (ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި) އަދި މިމާއްދީ މަސްދަރުތައް މާނަކުރުމަށް އެހީވެދިން ވަސީލާތްތަކުގެ، (އިޖްތިހާދު-ޤިޔާސް އަދި އިޖުމާޢުގެ،) އަލީގައެވެ. އަދި އެދުވަސްވަރުގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށާއި އަދި އެދުވަސްވަރުގެ މުޖުތަމައީ އަގުތަކަށް ވެސް ރިއާޔަތްކުރެވިގެންނެވެ. އަދި ހަމަ އެހެންމެ، އެދުވަސްވަރު، އިންސާނީ ފިކުރާއި އަގުލާނިއްޔަތު، ތަރައްގީވެ، ކުރިއަރާފައިވާ  މިންވަރުގެ އަލީގައި ވެސް މެއެވެ.

މިއައި ތަރައްގީއާއި ވިދިގެން ޝަރީއަތާއި އަދި ފިޤުހުގެ ގުޅުމަށްވެސް ބަދަލެއް އައެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު، އާދެ، ފުރަތަމަ ދެގަރުނުގެ ތެރޭގައި، 'ޝަރީއަތް’، މިލަފްޒު ބޭނުންކުރެވިފައިވަނީ، ކުރިން ނަންގަނެވިދިޔަ ފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަ ގޮތެއްގައި، އިޝާރަތްކުރުމަށެވެ. ފިޤުހު ބޭނުން ކުރެވުނީ މިތައުލީމާތުތަކާއި މެދު ވިސްނައި ފިކުރުކޮށް، މިތައުލީމާތުތަކުން، އެކިއެކި ކަންކަމާ ބެހޭ ހުކުމްތައް ނެރެ، އިސްތިންބާތު ކުރުމަށެވެ. އެތައުލީމާތުތަކަށް އަމަލުކޮށް، އެކަންކަން މުޖުތަމައުގައި ހިންގާލެވޭ ސިފައެއް އެކަންކަމަށް ގެނެސްގަތުމައްޓަކައެވެ. ފިޤުހު އިލްމު ތަރައްގީވެ އެއަށް އޭގެ އެންމެ ފަހުގެ ސޫރަ ލިބުމުން، ފިޤުހާއި ޝަރީއަތް މިދެ މަފްހޫމު ވެސް އެކައްޗަކަށްވެ، އެއް މާނައެއްގައި ބޭނުންކުރެވެން ފެށިއެވެ. އާދެ، އިސްލާމީ ޝަރީއަތަކީ އިސްލާމީ ފިޤުހުކަމުގައި ވެގެން ދިޔައެވެ.

މިއަދު އިންސާނީ ހަޔާތުގެ ކަންތައްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިންސާނުންގެ ވިސްނުމާއި ފިކުރަށެވެ. އޭނާ މަސައްކަތްކޮށް އުޅޭ ގޮތްތަކަށެވެ. އޭނާ ގަބޫލުކުރާ ބައެއް އަގުތަކަށެވެ. މިސާލަކަށް އިންސާނުން އަޅުވެތިކުރުމާއި އަޅުން ގެންގުޅުމަކީ އެއްދުވަސް ވަރެއްގައި ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބެލެވިދިޔަ ކަމަށް ވިޔަސް، މިއަދު، މިކަން ވަނީ ބަދަލުވެފައެވެ. އިސްލާމީ ޝަރީއަތުގައި އަޅުން މިނިވަން ކުރަން އިރުޝާދުދެވި އެކަމަށް ބާރުއެޅިފައި އޮތްކަމުގައި ވިޔަސް، އެކަން، ސީދާ ސަރީހަ އިބާރާތުން މަނާ ކުރެވިފައި ނެތުމުން، އިސްލާމީ ފިގުހުގައި އެކަން އޮތީ ހުއްދަކުރެވިފައެވެ. އަދި ހަމަ އެފަދައިން، އިންސާނުން އަތުން ފައިން ކުރަމުން އައި ގިނަ މަސައްކަތްތަކެއް، މިއަދު، ކުރެވެމުން އަންނަނީ މެޝީންތަކުގެ ޒަރިއްޔާއިންނެވެ.

މީގެ އިތުރުން، އިސްލާމީ ފިޤުހު ތަރައްގީ ކުރެވުނު ދުވަސްވަރުގައި ފައިސާ މާނަ ކުރެވުނު ގޮތާއި މިއަދު ފައިސާ މާނަ ކުރެވޭ ގޮތް ވަނީ ބަދަލުވެފައެވެ. ގެރިބަކަރިއާއި ގޮވާމުގެ ބާވަތްތަކާއި ރަނާއި ރިއްސާއި މިފަދަ ހުރިހާ މުދަލަކީ، އެދުވަސްވަރު، ފައިސާގެ ގޮތުގައި ބޭނުން ކުރެވުނެ އެއްޗިއްސެވެ. އެހެންވެ، އިސްލާމީ ފިޤުހުގައި ޒަކާތުގެ ހުކުމްތައް ބަޔާންކުރެވިފައިވަނީ ފައިސާގެ މި ތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. މި ތަކެއްޗަކީ ފައިސާކަމުގައި ބެލެވިގެންނެވެ. ނަމަވެސް މިއަދު މިކަން ވަނީ ބަދަލުވެފައިވެ. އާދެ، ފައިސާގެ މަފްހޫމު މުޅިން އާވެ، ފައިސާގެ އަގު ގުޅިފައިވަނީ އޭގެ ޒާތަކާއި ނޫނެވެ. ދައުލަތަކުން އެއަށް ދެވިފައިވާ އިތުބާރާއި އަދި އިގްތިސާދީ އަވާމިލު ނުވަތަ ސަބަބުތަކާއެވެ. އަދި މީނޫންވެސް، އިސްލާމީ ފިޤުހުގެ ހުކުމްތައް، އޭގެ މައްޗަށް ބިނާވެފައިވާ ގިނަ ތަސައްވުރުތަކެއް، މިއަދު، ވަނީ ބަދަލުވެފައެވެ. މިބަދަލުތައް އަންނާން ފެށީ ގާތްގަނޑަކަށް މީލާދީ ސަނަތުން އަށާރަ ވަނަ ގަރުނުގެ ހިސާބުން ފެށިގެންނެވެ. ސިނާއީ އިންގިލާބު، ނުވަތަ އިންޑަސްޓްރިއަލް ރެވޮލޫޝަން، އާއި ތަންވީރީ ފިކުރުގެ ނުވަތަ އެންލައިޓްންމަންޓްގެ ފެށުމާއި، މިކަންކަމުގެ އަސަރު އިސްލާމީ ދުނިޔެއަށްވެސް ފޯރައި މުޅި ދުނިޔެއަށް މިކަންފެތުރި އާއްމުވެގެން ދިޔުމުގެ ސަބަބުންނެވެ.

އާދެ، 'އަސްރާނިއްޔަތު’ގެ ނުވަތަ 'މޮޑާރނިޓީ’ގެ ނަމުން ނަންދެވޭ ޒަމާނީ މިބޮޑު ބަދަލުގެ އަލީގައި، ކީރިތި ޤުރުއާނުގެ ޝަރީއަތުގެ ތައުލީމާތުތައް މުޖުތަމައުގައި ހިންގާލުމަށްޓަކައި އިހުގައި މާނަކުރި ފަދައިން، އަލުން އެތައުލީމާތުތައް މާނަކޮށް، އިސްލާމީ ފިޤުހު އިލްމު ތަޖުދީދުކޮށް، އާކުރުމަކީ، މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖު ކަމުގައި، ގޮންޖެހުން ކަމުގައި، މިމައްސަލަ ބަހުސް ކުރައްވާ އިސްލާމީ ދިރާސާތުގެ ބައެއް މުސްލިމު އިލްމުވެރިން ވިދާޅުވެއެވެ. މީގެ ދޮޅު ގަރުނެއްހާ ދުވަސްކުރިން، މި މަސައްކަތްވަނީ ފެށިފައެވެ. ހިޖުރީ ފަނަރަ ވަނަ ގަރުނު ގޮވަމުންދަނީ މިކަމަށް މުސްލިމު މުޖުތަމައުތައް ހޭލުންތެރިވެ، މުސްލިމުންގެ ތެރެއިން މިކަން ކުރާނޭ ގާބިލު ގިނަ ބަޔަކު އުފަންވުމަށެވެ! ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު މިކަމާ ދޭތެރޭ ވިސްނައި ފިކުރުކުރުމަކީ ނުހަނު މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މީގެ މާނައަކީ އިސްލާމީ ޝަރީއަތް ބަދަލު ކުރުމެއް ނޫނެވެ. ބަދަލުވެ ތަރައްގިވާނީ އިސްލާމީ ފިޤުހެވެ. އާދެ، ދެން، އަލްބަޤަރާ ސޫރަތުގެ މައުޟޫއުގެ ވާހަކައާއިގެން ކުރިއަށް ދަމާތޯއެވެ؟

ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅާލުމަށް ފަހު، ކީރިތި ޤުރުއާނުގެ އަސާސީ ތަޢުލީމާތުތައް މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މާތްﷲ ވޮޑިގެންވާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން މިސޫރަތުގައި މާތްﷲގެ މުހިއްމު ސިފަފުޅެއް، ތަސައްވުރެއް، ހުށަހަޅާލެވިފައި ވެއެވެ އެކަލާނގެއީ 'އަލް ގައްޔޫމު' ކަމުގައި ބަޔާންކުރެވި ސިފަކުރެވިފައި ވެއެވެ. އެކަލާނގެއީ އެކަލާނގެ ވޮޑިގެންވުމުގައި، އެހެން އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެންނުވާ، އަމިއްލަ ޒާތީ ފުދުންތެރިކަން ލިބިވޮޑިގެންވާ، މުޅި ވުޖޫދުގެ ފަނާރު ކަމުގައެވެ. އަސްލު ކަމުގައެވެ. އަދި، އިންސާނާގެ ބުއްދި އާއި ވިސްނުން ބޭނުންކޮށްގެން، މިކަން، މާތްﷲ ވޮޑިގެންވާކަން، ރަނގަޅަށް ދެނެގަނެވޭނޭ ކަންވެސް މިސޫރަތުގައި ބަޔާކޮށްދެވިފައި ވެއެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެން، މީސްތަކުންގެ ތެރެއަށް ރަސޫލު ބޭކަލުން ފޮނުއްވައި، އެބޭކަލުންގެ ގައުމުތަކުގެ މީސްތަކުންނަށް ކެނޑިނޭޅި އުނގަންނައިދެއްވި އުނގަންނައި ދެއްވުމަކީ މިއީ ކަންވެސް ބަޔާން ކުރެވިފައި ވެއެވެ. އަދި، މިކަން ދެނެގެނެ، މާތް ﷲއަށް އީމާންވެ، މި އީމާންކަން ނިޔާކުރާ ގޮތެއްގައި މުއުމިނާގެ ހަޔާތް ބައްޓަންކުރުމަށް، މިސޫރަތުގައި، މީސްތަކުންނަށް ގޮވާލައި، ދައުވަތުދެވިފައި ވެއެވެ.

އަލްބަޤަރާ ސޫރަތުގައި ހުށަހަޅާލެވިފައިވާ އިސްލާމީ ތައުލީމާތުގެ ވާހަކަތަކުގެ ތެރެއިން ދެވަނަ ކަމަކަށް ފާހަގަ ކުރެވެނީ އާޚިރަތުގެ ވާހަކައެވެ. އިންސާނާ، އޭނާގެ ދުނިޔެވީ އަމަލުތަކުގެ މަސްއޫލިއްޔަތު އުފަލަން ޖެހޭނޭ ދުވަހެއް އަންނާނޭކަމާއި އެދުވަހުން އޭނާގެ އަމަލުތަކާއި މެދު ޖަވާބުދާރީވާން ޖެހޭނެކަމުގެ ވާހަކައެވެ. އުޚްރަވީ ހަޔާތެއް ނެތް ނަމަ، އިންސާނާ، އޭނާގެ އަމަލުތަކާ ދޭތެރޭ ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ. މިފަދަ ދުވަހެއް ނެތްނަމަ، އެއްވެސް އަޚުލާގީ މިންގަނޑަކަށް ބެލުމެއް ނެތި، ބޭނުން ގޮތަކަށް، އިންސާނާ، އޭނާގެ ދުނިޔަވީ ހަޔާތް، ވޭތުކޮށްލަންވީއެވެ. ހެވާ ނުބައި، ރަނގަޅާއި ނުރަނގަޅު، ހުރިހާ ހާލަތެއްގައިވެސް ނިސްބީ ގޮތެއްގައި މާނަކުރެވިގެންނެވެ. މީގެ މާނައަކީ ހުރިހާ ހާލަތެއްގައި 'ރަނގަޅު' ރަނގަޅަށް ނުވުމެވެ. އަދި 'ނުބައި' ނުބަޔަށްވެސް ނުވުމެވެ. މިސާލަކަށް، ތެދުބުނުމާއި އަމާނަތްތެރިކަމުގެ ސިފަތަކަކީ ރަނގަޅު މާތް ސިފަތަކެއް ކަމުގައި ވިޔަސް، ބައެއް ހާލަތްތަކަށް މިކަންކަން ނިސްބަތް ކުރާއިރު، އެއީ ރަނގަޅު ސިފަތަކެއްގެ ގޮތުގައި ނުބެލެވި ދިޔުމެވެ. ތިމާގެ އަމިއްލަ ނުވަތަ ތިމާގެ ގައުމީ މަސްލަހަތު ރައްކާ ކުރުމަށްޓަކައި ދޮގުހެދުމާއި ޚިޔާނަތްތެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބެލެވިގެންނެއެވެ. އެހެންވެ، އުޚްރަވީ ހިސާބު ބެއްލެވުމެއް ނެތް ކަމުގައި ބެލެވިއްޖެ ނަމަ ރަނގަޅައި ނުބައިގެ  މާނަ ގެއްލިގެން ދެއެވެ. މިއީ ސަލާމަތް ބުއްދި ގަބޫލު ކުރާނޭ ކަމަކަށް ނުފެނެއެވެ. އަދި، އެހެންވެ، ސަލާމަތް ބުއްދި، އުޚުރަވީ ހަޔާތެއް އޮތުން ލާޒިކުރުވައެވެ.

މިސަބަބަށްޓަކައި، އުޚްރަވީ ހަޔާތެއް އޮންނާނޭކަން ގަބޫލުކުރަމަކީ، އިންސާނާ ހެޔޮގޮތަށް ލެނބިގެން ދިޔުމަށް ބާރު އަޅައިދޭ ގަބޫލު ކުރުމެއް ކަމުގައި، އަލްބަޤަރާ ސޫރަތުގައި ފާހަގަކޮށްދެވިފައި ވެއެވެ. އާދެ، އިންސާނާ، އޭނާގެ ދުނިޔަވީ ހަޔާތުގެ އަމަލުތަކާ މެދު މަސްއޫލުވާން ޖެހޭނޭކަން، ހިތުގެ އަޑިން ގަބޫލުކުރުން ހިމެނިފައިވަނީ އޭނާގެ ހަޔާތް ސީދާ މަގަށް އަޅުވައި ދިނުމަށް އެހީވެދޭނޭ ވަރަށް މުހިއްމު ބާރަކަށެވެ. އެހެނީ، އާޚިރަތުގައި އިންސާނާގެ މިންޖުވުން ބިނާވެފައި އޮތީ ހަމަ އެކަނި ތިމަން އީމާން ވެއްޖައީމުއޭ ބުނުމުގެ މައްޗަކަށް ނޫނެވެ. މީގެ އިތުރުން، އެކަން ބިނާވެފައި އޮތީ، އޭނާގެ ހަޔާތް، މި އީމާންކަން ނިޔާކުރާ ގޮތެއްގެ މަތީގައި ވޭތުކޮށްލެވިގެން ވެސް މެއެވެ. އާދެ، މިއީމާންކަން މަތީ ދެމިހުރެ، ހެޔޮ އަމަލު ކުރެވިގެންނެވެ. މާތްﷲއަށް އީމާންވެ، ހެޔޮއަމަލު ކުރުންމަތީ، އެމީހުންގެ ހަޔާތް ވޭތު ކޮށްލާމިހުން، ހިތާމަކުރަން ޖެހޭނޭ ކަމެއް، ބިރުގަނެ، ޖެހިލުންވާން ޖެހޭނޭ ކަމެއްވެސް، އާޚިރަތް ދުވަހުން، ނޯންނާނޭކަން، މިސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ.

ސޫރަތް ބިނާވެފައިވާ ގޮތް  

އަލްބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތެވެ. އެ ސޫރަތުގައި 286 އާޔަތް ވެއެވެ. އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަށާއި އަދި އެސޫރަތުގެ އާޔަތްތަކުގެ މާނައަށް ރިއާޔަތްކޮށް، އެސޫރަތް ފަސް ބަޔަކަށް ބަހާލެވިދާނެ އެވެ. މިގޮތުގެ މަތީން އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ބައެއް ކުދި ކުދި ތަފާތުތަކާއި އެކު، ބައެއް މުފައްސިރުން ބައްސަވާލައްވައެވެ. އަބްދުﷲ ޔޫސުފު އަލީ، އޭނާގެ ކީރިތި ޤުރްއާނުގެ 'ތަރުޖަމާއާއި ތަފްސީރު' ގައްޔާއި، އަލްމައުދޫދީ، އޭނާގެ 'ތަފްހީމު' ގައްޔާއި އަދި ސައްޔިދު ޤުޠްބު އޭނާގެ ޡިލާލު ގައެވެ. އަލްބަޤަރާ ސޫރަތުގެ އާޔަތްތައް، ތިރީގައި، އަޅުގަނޑު ބަހާލައި، އެކިބައިބަޔަށް ބައިކޮށްލުން ކުޑަ ތަފާތަކާއި އެކު، ބިނާވެފައި ވަނީ މިނަންގަނެވުނު ތަފްސީރުތަކުގައިވާ ބައިކޮށްލުމާއި ބަހާލުމުގެ މައްޗަށެވެ. ޝައްކެއްނެތް ގޮތުގައި މިގޮތުން ބައިބަޔަށް ބަހާލުން، އަލްބަޤަރާ ސޫރަތުގެ މާނާ ފަހުމްކޮށް ދެނެގަތުމަށް އެހީވެދެއެވެ. އަދި މީގެ އިތުރުން، އެ ސޫރަތަކީ، އެ ސޫރަތުގެ އާޔަތްތައް، އެއް އާޔަތާއި އަނެއް އާޔަތް، ގުޅި ލާމެހިފައިވާ ވަހުދާއެއް (ޔުނިޓްއެއް) ކަން ވެސް ފެނިގެންދެއެވެ. އަދި މުޅި ސޫރަތުގެ މާނަ ހިތުގައި ހަރުކޮށްލަން ވެސް ފަސޭހަވެދެއެވެ.

އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައި އެކުލެވިގެންވަނީ 1 ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި، އެންމެ ފުރަތަމަ ކީރިތި ޤުރުއާނުގެ މައިގަނޑު މައުޟޫއު ކަނޑައަޅާލެވިފައި ވެއެވެ. ކީރިތި ޤުރުއާނަކީ އިލާހީ ހިދާޔަތުގެ ވާހަކަތައް ބަޔާން ކުރެވޭ ފޮތެއް ކަމުގައެވެ. އެއަށްފަހު، މިހިދާޔަތު، އާންމު ގޮތެއްގައި، ގަބޫލުކޮށް، އިންސާނުން ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މީސްތަކުން ތިން ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއްބަޔަކީ އިލާހީ ހިދާޔަތު ގަބޫލުކޮށް އެކަން ބަލައިގަންނަ މީހުންނެވެ. އަނެއްބަޔަކީ އެ ހިދާޔަތާ ދެކޮޅުހަދައި އެކަމަށް ފުރަގަސްދީ އިންކާރުކުރާ މީހުންނެވެ. ތިންވަނަ ބަޔަކީ މިދެބައި މީހުންގެ ދެމެދުގައި ހިމެނޭ ބަޔެކެވެ. ދެފުށް ދެގޮތް މުނާފިގުންނެވެ. ބައެއްފަހަރު، އިލާހީ ހިދާޔަތު ގަބޫލުކޮށް، ބަލައި ގަންނަ މީހުންގެ ގޮތް، އެމީހުންގެ ބޭރު ފުށުން ފެނެއެވެ. އެހެން ނަމަވެސް، އެމީހުންގެ ހިތުގެ އަޑީން އިލާހީ ހިދާޔަތުގެ މަގު ބަލައެއް ނުގަނެއެވެ. މިތިން ބައި މީހުންގެ ވާހަކަ ބަޔާން ކުރުމަށް ފަހު، ކީރިތި ޤުރްއާނުގައި ހުށަހަޅާ ލެވޭ އިލާހީ ހިދާޔަތުގެ މަގަށް، މި ފުރަތަމަ ބައިގައި، ދައުވަތު ދެވިފައިވެއެވެ. އަދި ކީރިތި ޤުރްއާނުގައި އެކުލެވޭ ހިދާޔަތާއި ބެހޭގޮތުން ޝައްކުކޮށް، އަރަބި މުޝްރިކުން ކުރިމަތި ކުރި ބައެއް ފާޑުކިޔުންތަކަށް ޖަވާބުދެވިފައި ވެސް ވެއެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނުގެ ދައުވަތު ގަބޫލުކުރާ މީހުންނަށް ހުރި ބާއްޖަވެރިކަމުގެ ވާހަކައާއި އަދި އެދައުވަތަށް ފުރަގަސްދީ އިންކާރުކުރާ މީހުންނަށް ހުރި އަބާއްޖެވެރިކަމުގެ މައްޗަށް ވެސް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި، އިޝާރަތް ކުރެވިފައިވެއެވެ.

އަލްބަޤަރާ ސޫރަތުގެ ދެވަނަ ބައި އެކުލެވިގެންވަނީ 29ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ބަޔާން ކުރެވިފައިވަނީ ކައުނާއި އަދި ކާއިނާތުތައް ޚަލްގު ކުރައްވައި ހެއްދުވުމުގެ ވާހަކައެވެ. އަދި އެއަށްފަހު، އިންސާނުން ޚަލްޤުކޮށް ވުޖޫދަށް ގެންނެވުގެ ވާހަކައެވެ. ބުއްދިއާއި ވިސްނުމުގެ ބާރުގެ އަލީގައި ހެޔޮގޮތް ކަނޑައަޅާލުމުގެ އެކަށޭނަކަން ދެއްވައި، އާދަމްގެފާނާއި ހައްވާގެފާނު ޚަލްގު ކުރައްވައި، އިންސާނުން ދުނިޔޭގައި ލެއްވުނު ގޮތުގެ ވާހަކައެވެ. މިބައިގައި ފާހަގަކޮށްލެވެނީ އިލާހީ ހިދާޔަތުގެ އަލީގެ ފެށުމަށެވެ. އިންސާނުން ދުނިޔޭގައި ލެއްވުނީއްސުރެން، އެމީހުންނަށް ތެދުމަގުގެ ވާހަކަ ބަޔާންކޮށްދެވިފައިވާ ކަމެވެ.

ތިންވަނަ ބައި އެކުލެވިގެންވަނީ 40 ވަނ އާޔަތުން ފެށިގެން 141 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ހުށަހަޅާލެވިފައި ވަނީ ތާރީޚީ ވާހަކަތަކެކެވެ. ބަނޫ އިސްރާއީލު ބާގައިގެ ތާރީޚުގެ ބައެއް ވާހަކަތަކެވެ. މާތްﷲ އެމީނުންނަށް ދެއްވި ނިއުމަތްތަކުގެ ވާހަކަތަކެވެ. އިލާހީ ހިދާޔަތް އެމީހުންނަށް ދެވުނު ކަމާއި އަދި އެހިދާޔަތުގެ އަލީގައި އެމީހުންގެ ހަޔާތް ވޭތުކޮށް، އެހެން މީސްތަކުންނަށް އޮތް ނަމޫނާއަކަށް ވުމުގެ ޝަރަފުދެވި، މިމަތިވެރި ވާޖިބު، އެމީހުންނާއި ހަވާލުކުރެވުނުކަމުގެ ވާހަކައެވެ. އަދި އެވާޖިބު އަދާކުރުމުގައި އެމީހުން އަމަލުކުރިގޮތާއި އޭގެ ނަތީޖާގެ މައްޗަށްވެސް މިބައިގައި އަލިއަޅުވާލެވިފައި ވެއެވެ.

މިވާހަކަތައް ހުށަހަޅާލެވިފައިވަނީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރައްވައި މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރައްވައި، މަދީނާގައި ދިރިއުޅެމުންއައި ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުމާއި ދެކޮޅުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައެވެ. އެގޮތުން، މިބައިގައި، މަދީނާގެ ބައެއް ޔަހޫދީންގެ އަމަލުތައް ހުރިގޮތުގެ މައްޗަށްވެސް ބަލައިލެވިފައިވެއެވެ. މިބައިން ފާހަގަކުރެވެނީ އިލާހީ ހިދާޔަތުގެ ސިލްސިލާގެ ވަރަށް މުހިއްމު ބޮޅެއްގެ ވާހަކައެވެ. އިލާހީ ހިދާޔަތު، އިހުގައި އެބަޔަކަށް ދެވި، އެކަމުގެ ތަފްސީލީ ތާރީޚެއް މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް، އެންމެ އިހުގެ މީހުންގެ ވާހަކައެވެ.

މިވާހަކަތައް ހުށަހަޅާލުމުގައި މައިގަނޑު ދެބޭނުމެއް ވެއެވެ. ފުރަތަމަ ބޭނުމަކީ، ދެންމެ އިޝާރާތްކޮށްލި ފަދައިން، މަދީނާގެ ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާ ދެމެދު މައްސަލަ ޖެހި، ދެކޮޅުވެރިކަން އުފެދި، ހަނގުރާމަ ކުރުމާ ހިސާބަށް ގޮސްފައިވުމުން، މިކަމަށް ހައްލެއް ހޯދުމެވެ. ޔަހޫދީންގެ ދީނީ ތާރީޚަށް ނަޒަރު ހިންގާލައި، އެމީހުންނަށް، މާތްﷲ ދެއްވި ނިއުމަތްތަކުގެ މަތީން ހަނދާންކޮށްދީ، އެމީހުންގެ ހިތްތައް މަޑުމޮޅިކޮށް، އިސްލާމީ ދައުވަތު ގަބޫލުކޮށް، މިދެންނެވި ދެކޮޅުވެރިކަމަށް ހައްލު ހޯދުމެވެ. ދެވަނަ މަގުސަދަކީ، ޔަހޫދީންގެ ދީނީ ތާރީޚުން މުސްލިމުން ފިލާވަޅު ލިބިގަނެ، އިބުރަތް ހާސިލުކުރުމެވެ. އިހުގެ އުއްމަތްތަކުގެ މީހުންނަށް އިލާހީ ހިދާޔަތް ދެވި، އެމީހުންނަށް ކުރެވި ދިޔަފަދަ ކުށްތަކުން އެއްކިބާވެ، ރަނގަޅު ގޮތުގައި ހިފަހައްޓައިގެން ތިބުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. އަދި ހަމަ އެހެންމެ، އިލާހީ ތެދުމަގު ބަޔަކަށް ދެވުމުގެ މާނައަކީ، އެބަޔަކީ މާތްﷲގެ ހަޟްރަތުގައި ޚާއްސަ ބަޔަކަށްވެ، އެމީހުންގެ އަމަލުތަކަށް ބެލުމެއްނެތި، އެމީހުންނަށް އިލާހީ ރުހުން ލިބިމުގެ އިޝާރަތެއްނޫންކަމުގެ ފިލާވަޅުވެސް ލިބިގަތުމެވެ.

އަލްބަޤަރާ ސޫރަތުގެ ތިންވަނަ ބައި އެކުލެވިގެންވަނީ 142 އާޔަތުން ފެށިގެން 283 ގެ ނިޔަލަށެވެ. މިބައިގައި މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ބައެއް ވާހަކަތައް ހުށަހަޅާލެވިފައި ވެއެވެ. އަޅުކަމާ ބެހޭ ދީނީ ބައެއް ވާހަކަތަކާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ވާހަކަތައް ވެސް މެއެވެ. އިސްލާމީ ގިބުލައަކީ މައްކާގެ ކައުބަތުﷲކަން ކަނޑައެޅުމާއި، ނަމާދާއި، ރޯދައާއި، ޒަކާތާއި، ހައްޖާއި، އަދި ޖިހާދާއި ބެހޭ ބައެއް ވާހަކަތަކެވެ. މީގެ އިތުރުން، ކައިވަންޏާއި ވަރިއާއި ތަރިކަ މުދަލާ ބެހޭ ބައެއް ވާހަކަތައްވެސް މެއެވެ. އަދި ދަރަނީގެ މައްޗަށް ބިނާކޮށް ކުރެވޭ ވިޔާފާރީގެ މުއާމަލާތްތަކާއި އަދި މިފަދަ މުއާމަލާތައް ކުރެވޭ ހިނދު ހެކިން ބޭތިއްބުމާއި ބެހޭ ބައެއް ވާހަކަތަކެވެ. އަދި ރިބާއާއި ގަނެވިއްކުމާއި ސަދަގާތުގެ ހޭދަކުރުމާއި ބެހޭ ބައެއް ވާހަކަތައް ވެސް މެއެވެ.

މިހިސާބުން، މިހާތަނަށް ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ބައިތައް ޚުލާސާކޮށްލައި، އޭގެމައްޗަށް އަލުން ބަލައިލަމާތޯއެވެ؟ ހިތުގައި މިބައިތައް ރަނގަޅަށް ހަރުކޮށްލެވި ދިޔުމަށްޓަކައެވެ.

އެންމެ ފުރަތަމަ 1ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރެވިފައި އޮތީ ކީރިތި ޤުރުއާނަކީ އިލާހީ ހިދާޔަތުގެ ފޮތެއް ކަމާއި އިލާހީ ހިދާޔަތު ބަލައިގަތުމުގައި މީހުން ބަހާލެވިފައިވާ ގޮތެވެ. އިލާހީ ހިދާޔަތު ބަލައިގަންނަ މުއުމިނުންނާއި އެގޮތާއި ދެކޮޅުހަދައި އިންކާރުކުރާ ކާފަރުންނާއި އަދި ދެފުށް ދެގޮތް މުނާފިގުންނާއި  މި ތިންބަޔަށް ބަހާލެވިފައިވެއެވެ. ދެން، 29ވަނަ އާޔަތުން ފެށިގެން 39ވަނަ އާޔަތުގެ ނިޔަލަށް އޮތީ ކާއިނާތުތައް ހެއްދެވުމުގެ ވާހަކައާއި، އެންމެ ފުރަތަމަ އިންސާނާ، އާދެ، އާދަމުގެފާނުއްސުރެން ފެށިގެން ވެސް، އިންސާނުންނަށް، އިލާހީ ހިދާޔަތު ދެވުނުކަމުގެ ވާހަކައެވެ. ތިންވަނައަށް، 40ވަނަ އާޔަތުން ފެށިގެން 141ވަނަ އާޔަތުގެ ނިޔަލަށް، އޮތީ އިލާހީ ހިދާޔަތު ވަރަށް މުހިއްމު މަރުހަލާއެއްގެ ވާހަކައެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް ދެވުނު ހިދާޔަތު ވާހަކައާއި އެމީހުންނާއި ބެހޭ ބައެއް ތާރީޚީ ވާހަކަތަކެވެ. ދެން 142ވަނަ އާޔަތުން ފެށިގެން 283 އޮތީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ވާހަކައެވެ. އަޅުކަމާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ތައުލީމާތުތަކުގެ ވާހަކައެވެ.

ދެން އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތް، – 284ވަނަ އާޔަތާއި 285ވަނަ އާޔަތާއި އަދި 286ވަނަ އާޔަތް – ހިމެނެނީ ސޫރަތުގެ ޚާތިމާކަމުގައެވެ. އާދެ، ސޫރަތް ނިންމާލާ ނިންމާލުން ކަމުގައެވެ. މި ޚާތިމާގެ ފުރަތަމަ ދެއާޔަތުގައި އޮތީ، އިލާހީ ތެދުމަގުގެ ކުރިމަތީގައި، މުއުމިނުންގެ ގޮތަކީ ކޮބައިކަން ބަޔާންކޮށްދެވިފައެވެ. އިލާހީ ތެދުމަގު އެމީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުންނަކީ އެކަން ގަބޫލުކޮށް ބަލައިގަންނަ ބައެއް ކަމުގައެވެ. އަދި އެއީ ހެޔޮ ގޮތްކަން އެނގި ވިސްނުމުން، އެގޮތުގައި ހިފަހައްޓައިގެން ތިބޭ ބައެއްކަމުގައި ވެސް މެއެވެ. ދެން، އެންމެ ފަހު އާޔަތް، އާދެ، 286ވަނަ އާޔަތުގައި، އޮތީ މިގޮތުގައި، އިލާހީ ތެދުމަގުގައި، ފައިތިލަ ސާބިތުކޮށްތިބުމުގެ ހެޔޮ ތައުފީގު ދެއްވުމަށް އެދި، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާއެކެވެ. އެދުއާގައި ވާރިދުވެފައި އޮވެއެވެ. ربنا لا تؤاخذنا إن نسينا أو أخطأنا ربنا ولا تحمل علينا إصرا كما حملته على الذين من قبلنا، ربنا ولا تحملنا ما لا طاقة لنا به، واعف عنا واغفر لنا وارحمنا أنت مولانا فانصرنا على القوم الكافرين، 'ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެނަށް، ހަނދާން ނެތިގެން ނުވަތަ ނޭނގިގެން، ކުރެވޭ ކުށްފާފަތަކަށް އަޅަމެނަށް އަދަބު ނުދެއްވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެ ދިޔަ (ބައެއް) އުއްމަތްތަކުގެ މީސްތަކުން އުފުލުމަށް ޖެއްސެވި ފަދަ ދަތި އުނދަގޫ ކަންތައްތައް، އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! (އެކަންކަން) އުފުލުމަށް ކުޅަދާނަވެގެންނުވާ ވަރުގެ ކަންކަން އުފުލުމަށް، އަޅަމެނަށް، ނުޖައްސަވާނދޭވެ! އަދި އަޅަމެންގެ (ކުށްފާފަތައް) ފުއްސަވާފާނދޭވެ! އަދި (އެފަދަ ކަންކަން ކުރެވިދިޔަ ކަމައްޓަކައި) އަޅަމެނަށް މާފުދެއްވާފާނދޭވެ! އަދި އަޅަމެނަށް ރަހުމަތްލައްވާނދޭވެ! އިބަ ރަސްކަލާނގެއީ އަޅަމެންގެ ކަންތައް ބައްލަވާވޮޑިގެންވާ އަޅަމެންގެވެރި ރަސްކަލާނގެއެވެ! ފަހެ، ހައްގުގޮތް އިންކާރުކުރާ މީހުންގެ މައްޗަށް، އަޅަމެނަށް، ނަސްރުދެއްވާފާނދޭވެ!'. އާދެ، އަލްބަޤަރާ ސޫރަތް ނިންމާލެވިފައިވަނީ މާނައިން ފުރިގެންވާ، ލޮލުން ކަރުނަ ފާއްދާލާ އަސަރުގަދަ މި ދުއާއިންނެވެ.

ދެން އަންނަ ހަލަގާއަކުން ފެށިގެން، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި އެކުލެވޭ މިނަންގަތް ބައިތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައިލެވޭތޯ މަސައްކަތް ކުރާނަމެވެ. މާތްﷲގެ ކިބަފުޅުން އެކަމަށް ތައުފީގު ދެއްވުމަށް އެދި ދުއާކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *