Support Us

ބަންގްލަދޭޝް މީހުން ދިވެހިންގެ މެދުގައި މަގުބޫލީ ކީއްވެ؟

މި ދައްކަނީ ހަމައެކަނި އެ މީހުންނަށް 200 އެއްހާ ޑޮލަރު މަހަކު ދިނީމާ ކޮންމެ ފަދަ ހިދުމަތެއް ވެސް ކޮށްދޭން ޖެހިލުން ނުވާ ވާހަކައެއް ނޫނެވެ. ނަމަވެސް ބަންގްލަދޭޝް މަސައްކަތްތެރިން ގެންގުޅެން ދިވެހިންނަށް ފަސޭހަ ކަމަށް ފެންނަ ސަބަބެއްގެ މައްޗަށެވެ. މި ކަން އެންމެ ރަނގަޅަށް އަހަރެން ވިސްނުނީ ދާދި ފަހުން ދިމާވި "ހާދިސާ"އަކާ ގުޅިގެންނެވެ.

އައި.ޖީ.އެމް.އެޗަށް ދިއުމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ އާރް.ޓީ.އެލްގެ ނަމްބަރު 10 ގެ ބަހަށް އެރުމަށް، އަހަރެން ދިރިއުޅޭ އަލިކިލެގެފާނު މަގުން ނުކުމެ، މަޖީދީމަގުގައި ހުރި އޭސް ހާޑްވެއާ ފިހާރަ ކައިރީގައި ހުރި "ބަސް ސްޓޮޕް"އެއް ކައިރީގައި ހުއްޓިލީމެވެ.

ކުރިން ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ޒަމާނުގައި، މި އިނގިރޭސި ދެ ލަފުޒަށް "ބަސް ހުއްޓި" ބޭނުން ކުރި ނަމަވެސް، ދިވެހި ބަހުން މިހާރު މި ގޮތަށް ޖަހައިފައެއް ނުހުރެއެވެ. ޓޫރިޒަމް ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރި، ގްރޭޑް 11 އަދި 12 ގައި އަހަރެންނާއެކު އުޅުނު އަންހެން ކުއްޖަކު ބުނިހެން މިހާރު އެ ފަދަ "ހެއްވާ މާނައެއް" އެކުލެވޭ އެއްޗެއް ޖަހާކަށް ނުޖެހެއެވެ.

"ބަސް އަންނަ ތަން ފެނުނީމަ އެނގޭނެ މިއީ ބަސް އަންނަ ތަނެއްކަން،" އޭނާއަކީ ވެސް، ވަޒީފާގެ ގޮތުން ހުޅުމާލެއިން މާލެއަށް ބަސް ދަތުރު ކުރަން ޖެހޭ މީހަކަށް ވާތީ، އަހާލުމުން ޖަވާބުގައި ބުންޏެވެ.

މި ސުވާލު އަހަރެން ކުރުމުގެ ބޭނުމަކީ، ކޮންމެ ގައުމެއްގައި ވެސް، ގިނަ މީހުން ދަންނަ ބޭރު ބަހެއް (މިސާލަކަށް، އިނގިރޭސި ނުވަތަ ފަރަންސޭސި) ބޭނުން ކުރުމުގެ އިތުރުން އެ ގައުމެއްގެ މާދަރީ ބަސް ބޭނުން ކޮށްފައި ހުންނާތީއެވެ. އަދި މި ދެންނެވި ވެރިޔާގެ ޒަމާނުގައި "ބަސް ހުއްޓި" ޖަހާފައި، މިހާރު އެ ދެ ލަފުޒު ފެންނަން ނެތި، ހަމައެކަނި އިނގިރޭސި ދެ ލަފުޒު "ބަސް ސްޓޮޕް" ޖަހާފައި ހުންނަ ތަން ފެނިގެން، ސުވާލު އުފެދިގެންނެވެ.

ކަސްތޫރިގޭ ކުރިމަތީގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ؛ އިރުން ހުޅަނގަށް ނަންބަރު 10 ގެ ބަސް އަންނާނެތީއެވެ. އައި.ޖީ.އެމް.އެޗް.ގެ ދޮރު މައްޗަށް މަޑުކުރާ ބަހަކަށް ވާތީއެވެ. ނަމަވެސް އަހަރެން އިރުއިރުކޮޅާ އިރުމައްޗަކަށް ނުބަލަމެވެ. މަގުމަތީގައި ދުއްވާ އެއްޗެހި ގިނަ ކަމުން ސޯސަން މަގާ ހިސާބުން ވެސް ބަސް ފެންނަލެއް ނާދިރު ކަމުންނެވެ.

މިހެން ހުއްޓާ މެދު އުމުރުގެ ދިވެހި "ދައްތަ"އެއް އެ ބަސް ސްޓޮޕަށް އަތުވެއްޖެއެވެ. އަދި އަހަރެންގެ ގާތުގައި އަހައިފިއެވެ: "މިއީ ބަސް އަންނަ ތަނެއްތަ؟"

އަހަރެންނަށް ވިސްނުނީ އެންމެ ރަނގަޅު ގޮތަކަށް ވާނީ "ބަސް ސްޓޮޕް" ބޯޑަށް އިޝާރާތް ކޮށްލުން ކަމަށެވެ. ދިވެހި ބަހުން ބަސް ސްޓޮޕްގެ މާނަ ނެތް ނަމަވެސް، ބަހެއްގެ ލޯގޯ އެ ބޯޑުން ފެންނަން ހުރުމުންނެވެ. މިހެންވެ، އަހަރެންގެ އަތުން އެ ބޯޑަށް އިޝާރާތް ކޮށްލައިފީމެވެ. ނަމަވެސް ހަމަ އެ ގޮތަށް ހެދުމުން ވެސް އަނެއްކާ އެ ސުވާލު ހަމަ އެ ގޮތަށް ދައްތަ ތަކުރާރު ކޮށްލައިފިއެވެ. މިހެންވެ މި ފަހަރު އަހަރެން "އާނހ،" މިހެން ކިޔައިފައި ޖަވާބު ދީފީމެވެ.

އެކަމަކު ދައްތަ މި ކަމާމެދު ހިތްހަމަޖެހުނު ކަމަކަށް ވެސް ހިއެއް ނުވިއެވެ.

"ބަސް އާދޭތޯ ބަލައިލަ ބަލަ!" ދައްތަ ބުންޏެވެ.

އަހަރެން ޖަވާބު ދިނީމެވެ: "ދުއްވާ އެއްޗެހި ގިނަކަމުން ނުފެނޭ. އެކަމަކު އެހެން ދުވަސްދުވަހުގެ ތަޖުރިބާއަށް ބަލައިފިއްޔާ މި ތަނަށް ބަސް ހަމަ ގައިމު ވެސް ގާތް ކުރޭ."

ނަމަވެސް މި ޖަވާބުން ވެސް ދައްތަ ހިތްހަމަޖެހުނު ކަމަކަށް ނުފެނެއެވެ. ބުންޏެވެ: "ބަސް އަންނަތަން ފެނުނީމައެއްނު އެނގޭނީ ބަސް އަންނަކަން."

މި ހިސާބަށް ދިއުމުން އަހަރެންގެ އަނގަ ވެސް ބަންދު ވެއްޖެއެވެ. އިތުރަށް ސާފު ކޮށްދޭނީ ކިހިނެއްކަން ނުވިސްނުނީމައެވެ. އެހެންކަމުން އަހަރެން ދެން ނިންމީ އަނގައިން ނުބުނެ މަޑުމަޑުން ހުންނާށެވެ.

މިހެން ހުއްޓާ ދެތިން މިނެޓް ފަހުން، އިރުން ހުޅަނގަށް އައި ބަންގްލަދޭޝްގެ ދެ ރައްޔިތުން އަހަރެމެންނާ އަރާހަމަވިއެވެ.

"ބަސް އާދޭތޯ ބަލައިލަ ދީބަލަ!" ދައްތަ ވަގުތުން އެ ބަންގްލަދޭޝް ދެ މީހުން ގާތުގައި ބުނެލިއެވެ.

ހަމަ ބުނެލުމާއެކު، އިތުރު ސިކުންތެއް ވެސް ލަސްނުކޮށް، އަދި ފަހަތަށް އެނބުރި އިރުމައްޗަށް ބަލައިލުމެއް ވެސް ނެތި، އެ ތަނުން އެއް ބަންގްލަދޭޝް މީހަކު ވަގުތުން ޖަވާބު ދިނެވެ: "އަންނަނީ!"

މިހެން ބުނެފައި އެ މީހާ އަހަރެންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ފާޑަކަށް ހީލިއެވެ. ދެން އިތުރަށް އެއްޗެކޭ ނުބުނެ، އޭނާއާއި އޭނާގެ އެކުވެރިޔާ ހުޅަނގަށް އަލުން މިސްރާބު ޖަހައިފިއެވެ.

ދައްތަ ވެސް އަހަރެންނާ ދިމާއަށް އެއްޗެކޭ ނުބުނެ ލަހެއް ނުކުރިއެވެ. އަހަރެންނާ ދިމާއަށް ބުންޏެވެ: "ކޮބާ އެ ބުނީނު ބަސް އެބަ އާދެއޭ!"

އަހަރެން އިތުރަށް އެއްޗެކޭ ނުބުނަމެވެ. ދައްތަ އަޑުއަހަން ބޭނުންވާ ގޮތަށް ބަންގްލަދޭޝް ރަހްމަތްތެރިޔާ ނުވަތަ އެ މީހުންގެ ބަހުން ނަމަ "ބޮންދު" ޖަވާބު ދިނުމުން އަހަރެން އިތުރަށް ބުނާނެ އެއްޗެއް އޮންނާނެ ހެއްޔެވެ؟

އަހަރެންގެ ހިތަށް އަރަމުން އައީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ބަންގްލަދޭޝް ރައްޔިތުންނާ ދިވެހިންނާ ގުޅިލާމެހެމުންދާ ގުޅުންތަކުގެ މައްޗަށެވެ.

ފުންނާބު އުސް ދިވެހިންގެ އިތުރުން "އާދައިގެ ފަންތީ"ގެ ދިވެހި އަންހެނުން ބަންގްލަދޭޝް މީހުންނާ ކައިވެނި ކުރާ މިންވަރު އިތުރުވަމުން އަންނަ "ޓްރެންޑް" އަށެވެ.

ފޮރިން އެކްސްޗޭންޖް ރޭޓް ނުވަތަ ފޮރެކްސް (ބޭރު ފައިސާގެ އަގު) މިނާ ގޮތުން 200 ޑޮލަރުން ފެށިގެން 600 ޑޮލަރު ލިބޭ ވަޒީފާތަކުގައި އުޅޭ ބަންގްލަދޭޝް މީހުންގެ ނަސީބު ހުރި ގޮތުން އަމިއްލަ ގައުމުގައި ފިހާރަތައް ހުޅުވައި، ވިޔަފާރިތައް ފަށައި، އަމިއްލަ ވަޒަނުގައި އެ ތަނުގެ ފަންތީގައި "މަހުޖަނުން"ގެ ގޮތުގައި އުޅުމުގެ ނަސީބު ލިބެމުން އަންނަ ގޮތެވެ.

ބަންގްލަދޭޝް ރައްޔިތުންނަކީ ވެސް ހަމަ އަހަރެމެން ކަހަލަ މުސްލިމުން ކަމަށް ވާތީ، މި ނަސީބު އެ މީހުންނަށް ލިބެމުން އަންނަ ކަމީ އަހަރެމެން ދިވެހިން ވެސް އުފާ ކުރަން ހައްގު ކަމެކެވެ.

އަދި އަހަރެމެންގެ އަމިއްލަ ގައުމުގައި އަހަރެމެން ދިވެހިން ކުރަން ބޭނުން ނުވާ އެތައް "ހަޑި" މަސައްކަތެއްކޮށް، ދިވެހި ރާއްޖެ ތަރައްގީގެ އުސްމިންތަކަށް ގެންދިއުމަށްޓަކައި ބަންގްލަދޭޝް ރައްޔިތުން ވެސް ހިއްސާ ކުރާ މުހިންމު ދައުރަށް "ސެލިއުޓް" ނުވަތަ ސަލާން ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަހަރެން ބަލައިގަންނަމެވެ.

ދެން އަހަރެންގެ ހިތަށް އެރީ މީގެ ދުވަސްކޮޅެއް ކުރިން އަލިކިލެގެފާނު މަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕުގެ ގޮތްޕަކުން ފެނުނު ފޮތަކަށެވެ. ފޮތުގެ ސުރުހީގައި ވަނީ "މަގޭ ބަންގާޅު މުދައްރިސް" މިހެންނެވެ. ފޮތަކީ ދިވެހިންނަށް ބަންގްލަދޭޝް ބަސް ދަސްކޮށްދޭން އިޔާޒް ނަސީމް ލިޔުއްވައިފައިވާ ފޮތެކެވެ. ނޮވެލްޓީން ޗާޕްކޮށް، 80.20ރ. އަށް ވިއްކާ ފޮތެކެވެ.

މި ފޮތުގެ ދެ ފުށުގެ ދެ ފޮޓޮއެއް އަހަރެން ނެގީމެވެ. އެއްޗެއް ލިޔެލަން ނުވަތަ މީހަކަށް ދައްކާލަން ޖެހިއްޖެ ހާލަތެއް އައިސްފާނެތީއެވެ.

އަދި މި ދެ ފޮޓޯ، އަހަރެންގެ ތިމާގެ މީހަކުގެ ގޭގެ ކޮޓަރިތަކާއި ފާހަނާތައް ސާފު ކުރަން އަންނަ ބަންގްލަދޭޝް ފިރިހެނަކަށް ދައްކާލީމެވެ.

"މިއީ މީގެ ތިރީހަކަށް އަހަރު ފަހުން، 'ބައި' ބަންގްލަދޭޝް 'ބައި' ދިވެހި ރައްޔިތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހޮވި، ނުވަތަ ބޮޑު ވަޒީރަކަށް ނުވަތަ ރައީސް އަކަށް ވެދާނެ ދުވަހަކަށް ތައްޔާރުވާން، ދިވެހިންނަށް ބަންގްލަދޭޝް ބަސް ދަސްކޮށްދޭން ތައްޔާރު ކޮށްފައިވާ ފޮތެއް،" އަހަރެންގެ ބައެއް ރައްޓެހިން މަޖަލަކަށް ހަދާލާފައި ބުނާ މި ބުނުން، އަހަރެން އޭނާއާ ދިމާއަށް ބުނެލީމެވެ.

އޭނާ ވަރަށް ސީރިއަސް މޫނަކާއެކު އެ ދެ ފޮޓޮއަށް ރަނގަޅަށް ބަލައިލިއެވެ. ދެން ފެށީ ހޭންށެފެވެ. ބަނޑަށް ތަދުވާ ވަރަށެވެ.

ވީ ކިހެނެއްތޯ އަހަރެން އެހުމުން، އޭނާ ބުނީ އެ ފޮތުގެ ބޭރުގަނޑުގައި ބޮޑު "ކުށެއް" އެބަ އޮތް ކަމަށެވެ. ބަންގްލަދޭޝް ބަހުން އޮތް ލަފުޒުތަކުގައެވެ. އެއީ "މަގޭ ބަންގާޅު މުދައްރިސް" ދިވެހި ބަހުން އޮތް ނަމަވެސް، އޭގެ ބަންގްލަދޭޝް ބަހުގެ ތަރުޖަމާގައި "ޓީޗަރު" ("މުދައްރިސް")ގެ ބަދަލުގައި "ޗީޓަރު" އޮތް ކަމަށެވެ. އޭނާ ބުނި ގޮތުން ނަމަ "މުދައްރިސް" ބަދަލުވެފައި ވަނީ "މަކަރު ވެރިޔާ"އަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *