Support Us

ބުޅަލަށް އަނިޔާ ކުރުމަކީ ދިވެހިންގެ ކަށީގައި ހިފައިފައިވާ "ނުލަފާ" އާދައެއް

ބުޅަލުގެ ވާހަކަ އަނެއްކާ ވެސް ގަދަވެގެން މިދިޔައީ އިއްޔެ މުޅި ސޯޝަލް މީޑިއާ އަށް ފެތުރިގެން ދިޔަ، ބަނޑު ބޮޑު ބުޅަލެއްގެ ގަޔަށް ދިވެހި ފިރިހެނަކު ވަޅި ހަރާލައިގެން މަރާލުމުން، އެ ތަނުގައި ތިބި ބަޔަކު އޭނާ އަށް ހަމަލަ ދީ، ބޮޑު ކަންތައްގަނޑަކަށް ވުމުންނެވެ.

އޭގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ ބުޅަލެއް ދަންޖައްސާ މަރާލިކަން ސިފަވާ ގޮތަށް، އޭގެ ކަރުގައި ދިވެހި ފިރިހެނަކު ވާ ޖަހައިގެން އުފުލައި، ބިންމަތީގައި ދަމާ ކޫއްތާ މަންޒަރު ފެނިފައެވެ. އަދި ޚުދު އަހަންނަށް ވެސް ވަނީ ސިކުނޑި އަށް އުނދަގޫ ވާ މަންޒަރެއް ފެނިފައެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި ނަގާ ކިޔާ އާއިލާއެއް އުޅޭ ގެއެއްގެ ފުރާޅުމަތިން ކުދިކުދި ބުޅާތަކެއް ބިދޭސީ ނޯކަރަކު ގޯންޏަކަށް ލާ މަންޒަރު، އެ ބުޅާ ތަކުގެ މަންމަ، ބިރުން ކައިރިވާން ނުކެރިފައި، ދުރުގައި ބަލަން އޮތް މަންޒަރެވެ. ދިވެހިނަށް މަގު ދައްކަން ތިބޭ ބަޔަކު އެންމެނަށް ފެންނަ ގޮތަށް މި ފަދަ އަމަލު ތައް ކުރުމަކީ އޭގެން އެހެން ދިވެހިންނަށް ކޮން ކަހަލަ ފިލާވަޅެއް ލިބޭނެ އަމަލެއް ހެއްޔެވެ؟

ކޮންމެއަކަސް މި ފަދަ ނޭއްގާނީ އަމަލުތަކަށް "ނުލަފާ" މި ބަސް ބޭނުން ކުރަން މި ނިންމީ އިނގިރޭސި ބަހުން ބޭނުން ކުރާ "ކްރުއެލްޓީ" މާނަ ކުރުމުގެ ނިޔަތުގައެވެ.

ކޮންމެ ފަދަ ޖަރީމާ އެއް ވެސް ހިންގާފައި، ނަފުސާނީ މައްސަލައް ހުރި ކަމަށް ދައްކައިގެން، އިންސާނުން މި ކުޅަ ކުށުން ބަރީއަވުމަކީ ހަމައެކަނި ބޭރު ގައުމުތަކުގައި ހިނގާ ކަމެއް ނޫނެވެ. މިހާރު ދިވެހި ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. މީހަކު މަރާލާފައި ވެސް، އެއީ ނަފުސާނީ މައްސަލައެއް ހުންނަ ގާތިލެއްކަން ސާބިތު ކޮށްދޭން، ފައިސާ އަޅާލީމާ ގާނޫނީ ވަކީލުން މަސައްކަތް ކޮށްދެއެވެ.

އަދި ޝަރީއަތަކީ ދެ ފަރާތުގެ މަސްލަހަތު ވެސް ތަމްސީލު ކުރަން ޖެހޭ ކަމަކަށް ވާތީ، ކުށް ކުރާ މީހާ އަށް ވެސް އެ މީހާގެ ދިފާއު ބޭނުން ކުރުމުގެ ހައްގު އޮންނަން ޖެހުނެއް ކަމަކު، "ޕްލީ ބާގެއިން" އާއި ތަފާތު އެހެން "ޑީލް"ތައް ހަދައިގެން ކުށުގެ އަދަބު ލުއި ކުރުމަކީ ވެސް އާއްމު ކަމަކަށް ވެއްޖެއެވެ. އެ މީހަކަށް ހައްގު އަދަބު ނުދޭން ގާނޫނީ ވަކީލުން، ފައިސާ އަށްޓަކައި، މަސައްކަތް ކުރަނީ، ގިޔާމަތް ދުވަހަކީ ނެތް އެއްޗެއް ކަމަށް ބަލައި، ތިމާ ޖަވާބުދާރީވާން ޖެހޭ މާ މަތީ ފަރާތެއް ވާކަން ހަނދާނުން ކައްސާލީ ބާވައެވެ؟

މި ކަންކަމަށް ހަޖޫ ޖަހާ މީހުން ވެސް މަދެއް ނޫނެވެ. އެ ގޮތުން ދިވެހިންގެ މެދުގައި މަގުބޫލު ކޮމެޑިއަން އެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ރޯވަން އެޓްކިންސަން، ނުވަތަ މަޖާ ނަމުން ނަމަ "މިސްޓަރ ބީން" ވެސް ވަނީ ޝަރުއީ ދާއިރާ އަށް ޖޯކު ޖަހާފައިވާ ކުޑަ ވީޑިއޯ އެއް ހަދައިފައެވެ. އޭގައި ދައްކަނީ އޭނާ އަކީ ނަރަކަ ހިންގަން ހަވާލު ވެ ހުންނަ ޝައިތާނާ ކަމަށާއި އަދި އެންމެ ފުރަތަމަ ނަރަކަ އަށް ވަނުމަށް މަރުހަބާ ކިޔަނީ ގާނޫނީ ވަކީލުންނަށް ކަމުގައެވެ! ދޮގު ހެދުމުގެ މޮޅު އުކުޅުން ގާނޫނީ ވަކީލުން ބޮޑެތި ކުށްވެރިން ސަލާމަތް ކޮށްދޭތީ ހަޖޫ ޖަހައިފައެވެ.

ރާއްޖޭގެ އިންތިހާބީ ރައީސް ކަމަށް ހޮވުމުގެ ކުރިން ޑރ. މުހައްމަދު މުއިއްޒު ވަނީ ބުޅާ ބައިތިއްބާނެ "ޝެލްޓާ"އެއް ނުވަތަ "ހިޔާ"އެއް ހަދައިދޭނެ ކަމަށާއި އަދި އަތްފޯރާފަށުގެ ހަރަދެއްގައި ބުޅަލަށް ބޭސް ފަރުވާ ކޮށްދޭނެ މަރުކަޒެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ވައުދު ވެވަޑައިގެންފައެވެ. އަދި މިއަދު މި ފެނުނު "ނުލަފާ" ކަމުގެ އިންތިހާއިން ހައްދަފަހަނަޅާފައިވާ މި ޖަރީމާއިން ވެސް، "ގެދޮރު ނެތް" ބުޅަލަށް ކޮންމެހެން ވެސް ހިމާޔަތް ދޭން ޖެހިފައިވާކަން ކޮންމެ ދިވެއްސަކަށް ވެސް އިހްސާސް ވާނެއެވެ.

މި ކަމާމެދު ވިސްނާލަން ޖެހޭ އިތުރު ސަބަބަކީ ގޭގައި ގެންގުޅޭ ބުޅަލަށް ބޮޑު ބައްޔެއް ޖެހުމުން ހަރަދު ބޮޑު ފަރުވާ ނުކުރެވޭނެތީ ބުޅާ ތައް މަގުމައްޗަށް ދޫކޮށްލާ މީހުން ވެސް މަދު ކަމަށް ނުފެންނާތީއެވެ. އަދި އެންމެ ބޮޑު ހިތާމަ އަކީ "ފޯރިއެއް" އަރައިގެން ބުޅާ ގެންގުޅެން ފަށާފައި ވަކި ދުވަހެއް ވީމާ "ފޫހިވެގެން" ގެއިން ބުޅާތައް ބޭރު ކުރާތީއެވެ.

މި ގޮތުން ބަލާއިރު، ބުޅަލާމެދު ފާޑެއްގެ ތައައްސުބެއް ވެސް ބައެއް ދިވެހިން ގެންގުޅޭ ކަމަށް ފެނެވެ. މިސާލަށް، މި ފަހަކުން މަގުމަތީ އެކްސިޑެންޓެއްގައި ސައިކަލަކުން ޖެހި ބުޅަލެއް މަރުވިއެވެ. އާއްމު އުސޫލުން މި ހަބަރު ރިޕޯޓް ކުރި ނޫހުން ވަނީ ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް ހޮސްޕިޓަލްގެ އައި.ސީ.ޔޫ އިން ފަރުވާ ދޭން ޖެހުނު ކަމަށް ލިޔެފައެވެ. ނަމަވެސް ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފުވެ، މި ޒަހަމް ވެފައި އޮތް ބުޅަލުގެ ފޮޓޯ ވެސް ވަނީ އެ ނޫހުގައި ޖަހާފައެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟

މީގެ އިތުރުން މިހާރު މާލޭގެ އެތަންމިތަނުގައި ރަތް ކުލައިގެ ދިޔާ އެއްޗެހި އަޅައިން ފުޅި ބަހައްޓައި، ބުޅާ "ބިރު ގަންނަވަން" މަސައްކަތް ކުރާ ބަޔަކު ވެސް އުޅޭކަން ފާހަގަ ކުރެވެއެވެ. މިއީ ސައިންސްގެ އަލީގައި ބަލާލާއިރު، ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ބުޅަލަށް ރަތް ކުލަ ރަނގަޅަށް ނުފެންނަކަން، ސައިންސްވެރިން ދެނެގަނެފައިވާތީއެވެ.

އަދި މިއީ ހަމައެކަނި ބުޅަލާ މެދު ބައެއް ދިވެހިން ކަންތައް ކުރާ ގޮތް އެކަންޏެއް ނޫނެވެ. އެހެން މީހުންގެ ގޭގައި ރީއްޗަށް ގަސް އިންދާފައި ހުންނަ ތަން ފެނިފައި، ގަސް އިންދާފައި ހުންނަ މުށިތައް ގަނެގެން ގެއަށް ގެނެސް، އެއަށް ފަހު މާ ބޮޑަށް "ކަންނެތް" ވެގެން ހަފުތާއެއް ދެ ހަފުތާއް ވަންދެން ފެންފޮދެއް ވެސް ނާޅައި، އަޅައި ނުލައި، ގަސްތައް މަރުވާން ދޫކޮށްލުމަކީ ވެސް ދިވެހިންގައި ހިފާފައިވާ "ނުލަފާ" އާދައެކެވެ.

މާލޭގެ ގެތައް އެތައް ބުރިއަކަށް އުހަށް ނެގުމާއެކު، ކުރިން އެއް ބުރީގެ ގޭގޭގެ ފުރާޅުމަތީގައި ހިމާޔަތް ހޯދައިގެން އުޅުނު ބުޅާ ތައް މިއަދު ހިމާޔަތް ހޯދަމުން އަންނަނީ ޕާކް ކޮށްފައިވާ ހަތަރު ފުރޮޅު ލީ ދުއްވާ އެއްޗެއްސާއި، އަދި ސައިކަލްތަކުގެ ދަށުގަ އެވެ.

އާއްމު ގޮތެއްގައި ފަތިހާއި އިރުއްސޭ ވަގުތުގައި ހަރަކާތްތެރިކަން އިތުރު މި ލޯބި ލޯބި ޖަނަވާރަކީ އެ ސޮރުމެންނަށް ހޮޓާ ހޮޓަލުންނާއި ގޭގެއިން ކާން ނުދޭ ނަމަ މަރުވުން ގާތް ހައިވާނުން ތަކެކެވެ. އަދި ބުޅަލަކީ، ބައެއް މީހުންގެ މިޒާޖުގެ ގޮތުން އެ ސޮރުމެން ދެކެ ބިރު ގަންނަ ނަމަ ވެސް، އެ ތަކެއްޗަށް އަނިޔާ ކުރުމަކީ މާތް ރަސްކަލާނގެ ލައުނެތް ލައްވާފައިވާ ކަމެކެވެ.

ނަމަވެސް އިންސާނުންނަކީ ފާޑެއްގެ ބައެކޭ ވެސް ބުނެވިދާނެ ފުރުސަތު އެބައޮތެވެ. ގޭގޭގެ ދޮށުގައި ބަހައްޓާ ކުނި ކޮތަޅު ފަޅާތީ އޭ ކިޔާފައި، ރަށެއްގައި ބުޅާ މަރަން ވެސް ބަޔަކު ނުކުތެވެ. އަނެއްކާ ވެސް ހިޔާލަށް އަންނަނީ މި ފަދަ މައްސަލަތަކަށް ހައްލެއް އަންނާނީ ޑރ. މުއިއްޒުގެ ވައުދާ މެދު އަމަލު ކުރާނެ ގޮތާއި އަދި ކުރާނެ އަވަސް މިންވަރެއްގެ މައްޗަށް ކަމެވެ.

ވަލު ޖަނަވާރަށް ކަމަކާ ނުލާ އަނިޔާ ކުރުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. ކެއުމަށްޓަކައި ފިޔަވާ އެއްވެސް ދިރޭ އެއްޗަކަށް ގޯނާ ކުރުމަކީ ވެސް ބޮޑު ވެގެންވާ ފާފައެކެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ބަނދެގެން ގެންގުޅުނު ބުޅަލެއްގެ ވާހަކަ އަކީ މަޝްހޫރު ވާހަކަ އެކެވެ. އެ ސޮރަށް ކާން ބޯން ނުދީ މަރުވުމަށް ދޫކޮށްލުމުން އެ ބުޅަލަށް އެ "އަނިޔާ" ދިން އަންހެންމީހާ އަށް އަދަބެއްގެ ގޮތުން ނަރަކަ އަށް ވައްދަވާނެ ކަމަށް މާތް ރަސްކަލާނގެ ނިންމެވިކަން މިއީ އެންމެން ދަންނަ ހަދީސްފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *