Support Us

އެއާ އޭޝިއާގެ މެނޭޖްމަންޓް ބައްދަލުވުމެއްގައި ސީ.އީ.އޯ ހުސްގަޔާ، މަސާޖެއްގައި

ރަސްމީ ބައްދަލުވުންތަކުގައި ވެރިން ހުސްގަޔާ ތިބުމަކީ ކޮން ކަހަލަ ކަމެއްހެއްޔެވެ؟ މި ސުވާލު އުފެދުނީ މެލޭޝިއާގެ އަގުހެޔޮ ނުވަތަ "ބަޖެޓް އެއާލައިން" ހިންގާ ކުންފުނި "އެއާ-އޭޝިއާ"ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ޓޯނީ ފެރްނާންޑެސް އެ އެއާލައިން ހިންގާ ކުންފުނި ކަމަށްވާ "ކެޕިޓަލް އޭ ބަރްހާދް"ގެ މުވައްޒަފުންނާއެކު ދާދި ފަހުން ބޭއްވެވި ރަސްމީ ބައްދަލު ކުރެއްވުމެއްގައި، ހުސްގަޔާ އިންނަވައިގެން، އިންޑޮނޭޝިއާގެ އަންހެނަކު ލައްވާ އޭނާ މަސާޖް ކުރަމުން "މީޓިން" ކުރިއަށް ގެންދާ މަންޒަރުގެ ފޮޓޯއެއް، ޓޯނީގެ "ލިންކްޑްއިން" ސަފުހާގައި އޭނާ ހިއްސާ ކުރެއްވުމާ ގުޅިންނެވެ.

ޓޯނީގެ މި ފޮޓޯ ފެނުނު އެތައް ފަރާތްތަކުން ފާޑު ކިޔަމުން ބުނެފައި ވަނީ، ހުސްގަޔާ އިނދެ، ރަސްމީ ބައްދަލުކުރެއްވުންތައް ބޭއްވެވުމަކީ އަހުލާގީ މިންގަނޑުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެއާ-އޭޝިއާ އަކީ މިހާރު މަތިންދާބޯޓު އޮތް އަދަދާއި އެ ކުންފުނީގެ ފްލައިޓްތައް ދަތުރު ކުރާ މަންޒިލުތަކުގެ އަދަދަށް ބަލާއިރު މެލޭޝިއާގެ އެންމެ ބޮޑު އެއާލައިނެވެ. އެ ގޮތުން، އެތެރެއާއި ބޭރުގެ 165 މަންޒިލަކަށް މިހާރު ދަތުރުކުރެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެއާއެކު، 25 ގައުމު ހިމެނެއެވެ.

އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް "ދަ ނިއު ޔޯކް ޓައިމްސް" އިން 2007 ވަނަ އަހަރު ބުނެފައިވަނީ އެއާ-އޭޝިއާ އަކީ އަގުހެޔު އެއާލައިނެއް އޭޝިއާ ބައްރަށް ތައާރަފު ކުރުމުގައި "އެންމެ ކުރީގައި އޮތް" އެއާލައިން ކަމަށެވެ.

އެއާލައިންތަކާއި އެއާޕޯޓްތަކުގެ ހިދުމަތްތަކުގެ ފެންވަރު މިނެކިރުމުގެ ކުރީގައިވާ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ "ސްކައިޓްރެކްސް" އިން ވަނީ، ދުނިޔޭގެ އެންމެ ރަނގަޅު އަގުހެޔޮ އެއާލައިނަކީ އެއާ-އޭޝިއާ ކަމަށް ޖެހިޖެހިގެން 14 އަހަރު ބުނެފައެވެ. އަދި މި އަހަރު ވެސް މި މަގާމު ދީފައި ވަނީ މި އެއާލައިނަށެވެ.

އެއާ-އޭޝިއާ އަކީ މެލޭޝިއާ އާއި ސިންގަޕޫރުގެ ގައުމީ ފުޓުބޯޅަ ޓީމާއި އަދި އިނގިރޭސި ޕްރެމިއާ ލީގްގެ ދެވަނަ އެއް ނުވާ ޓީމު މެންޗެސްޓާ ޔުނައިޓަޑް ވެސް ސްޕޮންސާ ކޮށްފައިވާ އެއާލައިނެކެވެ.

ޓޯނީގެ މި ބައްދަލުކުރެއްވުމަކީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތެރިކަމުގެ އަހުލާގަށް ތައުރީފު ކުރައްވަން ބޭއްވެވި އޮންލައިން ބައްދަލުވުމެކެވެ. ނަމަވެސް ހުސްގަޔާ އިންނަވައިގެން މި ފަދަ ސީރިއަސް ބައްދަލުކުރެއްވުމެއް ކުރިއަށް ގެންދެވުމުގެ ނަތީޖާއަކަށްވީ އޭނާ ބޭނުންފުޅުވި މަގުސަދު ހާސިލުނުވުން ކަމަށް، ފާޑުކިޔުންތެރިން ބުނެފައިވެއެވެ.

ލިންކްޑްއިން ސަފުހާގައި މި ފޮޓޯ ހިއްސާ ކުރައްވަމުން ޓޯނީ ވިދާޅުވީ ވޭތުވެދިޔަ ހަފުތާއަކީ ވަރަށް ހާސްކަން ބޮޑު "ސްޓްރެސް"ތަކެއް ކުރުވި ހަފުތާއެއް ކަމަށާއި، އެ އެއާލައިންގެ އިންޑޮނޭޝިއާ ގޮފީގެ ސީ.އީ.އޯ. ވެރަނިތާ ޔޯސަފައިން ނަސޭހަތް ދެއްވީ މަސާޖެއް ހޯދުމަށް ކަމަށެވެ.

"އިންޑޮނޭޝިއާ އާއި އެއާ-އޭޝިއާގެ ސަގާފަތް ވަރަށް ކަމުދޭ. ސަބަބަކީ ކުންފުނީގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއެކު ވެސް މަސާޖު ކުރަމުން ބައްދަލުވުމެއް ބޭއްވޭތީ،" މައްސަލަ ބޮޑުވި ފޮޓޯ ހިއްސާ ކުރައްވަމުން ޓޯނީ ލިޔުއްވާފައިވެއެވެ.

އޭނާގެ މި ފޮޓޯ އަށް މީސްމީހުންގެ ނުރުހުން އަމާޒުވާން ފެށުމުން މިހާރު ވަނީ "ޑިލީޓް" ކޮށްލައްވައިފައެވެ. އަދި އެ ފޮޓޯ ފުހެލައްވާފައި އިތުރު ލިޔުމެއް އޭނާގެ ލިންކްޑްއިން ސަފުހާ އަށް އަރުއްވަމުން އޭނާ ވަނީ މުވައްޒަފުންނާއެކު ބާބަކިއުއެއްގައި ބައިވެރިވެވަޑައިންގަންނަވާ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ.

"އަހަރެމެން ހީމ ސަމާސާ ކުރަމު. އަހަރެމެން ކުޅިވަރު ކުޅެމު. އަހަރެމެން އުފާ ކުރަމު. އަހަރެމެން ތަޅާފޮޅައި، މޮޅުވެ ހަދަނީ ވެސް އެންމެން އަބަދު އެކުގައިމެ،" ފަހުން ހިއްސާ ކުރެއްވި ބާބެކިއު ފޮޓޯއަށް އިޝާރާތް ކުރައްވާ ޓޯނީ ލިޔުއްވާފައިވެއެވެ.

"ގަދަފަދަކޮށް ތިބޭތި. އަދި އަބަދުވެސް ހުރިހާ ކަމަކާ މެދުގައި ވެސް ރަނގަޅު (ޕޮޒިޓިވް) ގޮތުގައި ވިސްނުން ބަހައްޓާތި،" ލިންކްޑްއިންގައި މިހާރު ހިއްސާ ކުރައްވާފައިވާ ބާބެކިއު ފޮޓޯގެ ލިޔުންކޮޅު ނިންމަވާލައްވަމުން ޓޯނީ ވިދާޅުވެފައިވެއެވެ.

ޓޯނީގެ ހުސްގަޔާ ބައްދަލުވުން ބޭއްވެވި ފޮޓޯ އާ ބެހޭ ގޮތުން މަދު ބަޔަކު ނަމަވެސް ތައުރީފު ވެސް ކޮށްފައިވެއެވެ.

"މަޖާ ކުރާ ވަގުތު ޖެހިއްޖެ،" އެ ފޮޓޯ އަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެއެވެ.

"ތިޔަ ޕޮޒިޓިވް ވިސްނުމާއި ކެތްތެރިކަމަކީ ރޫހީ އުފާވެރި ކަމެއް ގެނެސްދޭ ކަމެއް. ތިޔަ ރޫހީ ހިތްވަރާއި ސަގާފަތް ދެމިގެންދެވުމުގައި ހުންނަވާތި،" އެހެން މީހަކު ކޮމެންޓް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *