Support Us

ރިޔާސީ އިންތިހާބު 2023

ސަރުކާރު ވެގެންދާނީ ދެ ފުށް ފެންނަ ސަރުކާރަކަށް، ކޮރަޕްޝަނަށް ފުރުސަތެއް ނުދޭނަން: ޑރ. މުއިއްޒު

ޕީޕީއެމް/ޕީއެންސީ ކޯލިޝަން ސަރުކާރު ވެެގެންދާނީ ދެ ފުށް ފެންނަ ސަރުކާރަކަށް ކަމަށާއި އެ ސަރުކާރުގައި ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ހަރަކާތުގައި ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅުދައްވަމުން ޑރ. މުއިއްޒު ވިދާޅުވީ އިހުލާސްތެރި، ތެދުވެރި މަސައްކަތެއް ނުކުރާ އެއްވެސް މީހަކަށްް އެ މަނިކުފާނުގެ ސަރުކާރުގައި ބައިވެރި ނުވެވޭނެ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ ސީރިއަސް މަސައްކަތްތަކެއް ކޮށް ރައްޔިތުންނަށް ނަތީޖާ ނެރެ، ދައްކައިދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ނޭނގޭ، ޖަވާބުދާރީނުވެވޭ އެއްވެސް ކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އަމިއްލަފުޅަށް ވެސް ނުކުރައްވާނެ ކަަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދޭނަން. އެކަން ކުރާ ފަރާތެއް ފާހަގަވެއްޖެއްޔާ އަޅުގަނޑު އިސްވެ ފިޔަވަޅު އަޅާނީ،" މި މި ރަށުގެ އިތުރުން މި އަތޮޅުގެ ގިނަ ބަޔަކު ބައިވެރިވި ބޮޑު ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިހާތަނަށް ވެފައިވާ ހުރިހާ ވައުދުތަކެއް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ އެ ސިޔާސަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ކޮށްދެއްވަން ކަމަށާއި އިރާދަކުރެއްވިއްޔާ އެ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާ މަސައްކަތަކަށް ވެގެންދާނީ ގައުމުގެ މިނިވަންކަން ޔަގީން ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

"ޑިޕްލޮމަސީގެ ރިވެތި އުސޫލުން، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ފޮލޯ ކޮށްގެން އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އިސްތިގުލާލް އިރާދަކުރެއްވިއްޔާ ރައްޔިތުން ދެއްވާ ފުރިހަަމަ ތާއީދާއި ބާރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކޮށްގެން އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންކަމާ އެކު ހިމާޔަތް ކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ކެބިނެޓަށް ނަންގަވާ ޓީމު ވެގެންދާނީ ހަވާލުކުރާ ޒިންމާ، އިއުލާސްތެރިކަމާ އެކު އަދާކުރާނެ، ފަސްބައި ސާފު، އެދެވޭ ބާރު ސްޕީޑްގައި ރެއާއި ދުވާލު މަސައްކަތް ކުރަން ކެރޭ، ހީވާގި، ކެރޭ ތައުލީމާއި ގާބިލްކަން ލިބިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނަވާ ޓީމަކަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކެބިޓްގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އެހެން އިދާރާތައް ވެސް އޮންނާނީ އެފަދައިން ކަމަށާއި އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ވެރިކަން ފުރަތަމަ ދުވަހުން ފެށިގެން ކޮށް ރައްޔިތުންނަަށް އެކަން ދައްކަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ގައުމީ ވިސްނުމުގައި ޕީޕީޢެމް/ޕީއެންސީ ކޯލިޝަނާ އަލަށް ގުޅިވަޑައިގެންނެވި ފަރާތްތަކާއި އެކިއެކި ޕާޓީތަކުގައި ތިބި ފަރާތްތަކުން ވެސް ގައުމީ ވިސްނުން އިސްކޮށް ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ވޯޓް ދީފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ދިވެހީންގެރާއްޖެއަށް ދިއުމުގެ ވިސްނުން އިސްކުރުމަށްޓަަކައި ކޮންމެހެން ޕާޓީ ބަދަލުކުރަން ނުޖެހޭ ކަމަށާއި އެ ހުރި ޕާޓީއެއްގައި ހުރެގެން ވެސް ގައުމަށްޓަކައި އެ މަނިކުފާނަށް ވޯޓް ދެވިދާނެ ކަމަށެވެ.

"އެ ހުންނެވި ޕާޓީއެއްގައި ހުންނެވިދާނެ. ކޮންމެހެން ޕާޓީ ބަދަލުކުރުމަކީ މުހިންމު ކަމެއް ނޫން. ކޮންމެ ޕާޓީއެއްގައި ހުންނެވިޔަސް ހަތަރު ނަމްބަރަށް ވޯޓް ދެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ދޭ ވޯޓް ވެގެންދާނީ ދިވެހީންގެރާއްޖެ ދިވެހިންނަށް ހޯދައިދޭ ވޯޓަކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ ދިވެހި ރައްޔިތުން ދޭ ތާއީދާ އެކު، އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުން ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *