...

Support Us

އަމާޒަކީ ދައުރު ނިމޭއިރު ބޮލަކަށް ޖެހޭ މިންވަރު 17،000 ޑޮލަރާ ހަމައަށް އިތުރުކުރުން: ޑރ. މުއިއްޒު

އަމާޒަކީ ވެރިކަމުގެ ދައުރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު ގާތްގަނޑަކަށް 17،000 ޑޮލަރަށް އިތުރުކުރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ އިގުތިސާދީ މެނިފެސްޓޯ އާއްމުކުރުމަށް ރޭ މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން 2018 ގައި ނިމުނުއިރު ރާއްޖޭގެ އާމްދަނީ ބޮޮލަކަށް ޖެހޭ ނިސްބަތް 10،000 ޑޮލަރުގައި އޮތްއިރު މި ސަރުކާރުގައި ބޮލަކަށް ޖެހޭ މިންވަރަކީ އެންމެ 12 ޕަސެންޓް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ދަރަންޏަށްވުރެ އާމްދަނީ ގިނަ ކަމަށާއި މި ސަރުކާރުގައި އާމްދަނީ އަށްވުރެ ދަރަނި ގިނަކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

"އަމާޒަކީ 2028 އަންނައިރު ރިއަލް ޖީޑީޕީގެ އަދަދު 150 މިލިއަން ޑޮލަރަށް އިތުރުކުރުން. އޭރުން ބޮލަކަށް ޖެހޭ މިންވަރު ގާތްގަނޑަކަށް 17،000 ޑޮލަރު ވަރު ޖެހޭވަރަށް އިތުރު ކުރެވޭނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރޭގެ މި ރަސްމިއްޔާތުގައި ޑރ. މުއިއްޒު އަރިހުގައި އެމް.އެމް.އޭގެ ގަވަރުނަރުކަން ކުރައްވައިފައިވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަތް، އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ އަދި އެމް.އެންޕީގެ އިސް ހުރިހައި ބޭފުޅުންނާއި ތިން ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ބައިވެރިވިއެވެ.

އެމްޑީޕީގެ ސަރުކާރުން ފާއިތުވި ފަސް އަހަރު ދުވަހު ގައުމުގެ އިގުތިސާދާ މެދު ގެންގުޅެމުންދިޔަ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން 114 ބިލިއަން ރުފިޔާއަށް ދަރަނި އަރައިފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ފާއިތުވި ފަސް އަހަރު އުފެއްދި ދަރަނި 60 ބިލިއަން ރުފިޔާއަށް އަރާއިރު ޖުމްލަ ދަރަނި 146 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރިޒާވްގައި 612 މިލިއަން ޑޮލަރު ހުރި ކަމަށާއި މިހާރު ހުރީ 594 މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޔޫޒަބަލް ރިޒާވްގައި 284 މިލިއަން ޑޮލަރު ހުރިއިރު މިހާރު މި އަދަދު ވަނީ 150 މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޔޫޒަބަލް ރިޒާވް އެމަނިކުފާނުގެ ސަރުކާރެއްގައި 500 މިލިއަން ޑޮލަރާ ހަމައަށް ގެންދިއުމަކީ އަމާޒު ކަމަށެވެ. އަދި އެ ރިޒާވް އިތުރުކުރުމަށް ފަހު އޭގެން އިންޓަނޭޝަނަލް އެކިއެކި ޕޯޓްފޯލިއޯތަކުގައި އިންވެސްޓްކޮށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ވެސް އިންވެސްޓްކޮށް އޭގެން ވެސް ފައިދާ ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ހަރަދުތަކާއި މި ސަރުކާރުގެ ހަރަދަށް ބަލާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ޖީޑީޕީގެ ނިސްބަތުން ހަރަދުތައް ހުރީ 33 އިންސައްތައިގައި ކަމަށާއި ނަމަވެސް މި ފަސް އަހަރު 40 އިންސައްތައަށް ހަރަދުތައް އަރާފައިވާ ކަމަށެވެ. ނަމަވެސް އެ ހަރަދާ އެއްވަރަށް މަޝްރޫއުތައް ނިންމާފައިނުވާއިރު އެ ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް މި ދަތުރުކުރީ. މުޅިން ވެސް ފެންނަނީ ނުނިމި ހުރި މަޝްރޫއުތައް. މަޝްރޫޢުތައް ފަށައިފައި ކުންފުނިތައް ގެއްލިފައި ވަނީ. މިހެން ގޮސް މާޔޫސްކަމުގައި ރައްޔިތުން ތިބީ. އައުޓްޕުޓެއް ނުފެނޭ. ރައްޔިތުންނަށް ކަމެއްނުވޭ. އެކަމު ހަރަދު އިންތިހާއަށް ބޮޑުވެގެން ގޮސްފައި މިވަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު އަންނަ ނޮވެމްބަރު 17 ގައި ނިމޭއިރު ބަޖެޓް ޑެފިސިޓް ހުރީ 15 އިންސައްތައިގެ ޑަބަލް ޑެފިސިޓުގައި ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ އަދަދު ސިންގަލް ޑެފިިސިޓަށް ބަދަލުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދަރަނި އަދާކުރުމަށް އުފެއްދި އެސްޑީއެފްސީގައި މި ސަރުކާރުން އައިސް ޑޮލަރުގެ ބަދަލުގައި ރުފިޔާ އަޅަމުން ގެންދާ ކަމަށާއި އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ގާނޫނެއްގެ ދަށުން މަހުންމަހަށް ޑޮލަރު ޖަމާވާ ފަންޑަކަށް އެސްޑީއެފް ހައްދަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން 2016 ގައި ހުރި ހިސާބަށް ގެންދަވާނެ ކަމަށާއި ރާއްޖޭގެ ދަރަނިތައް ދެއްކުމަށްޓަކައި ކްރެޑިޓް ރޭޓިން މަތިކޮށް، އިންވެސްޓާ ކޮންފިޑެންސް އަނބުރާ ގެނެސް ލޯންތައް ރީފައިނޭންސްކޮށް، އެޗްޑީއެފް ވަރުގަދަކޮށް އެއަށް ޑޮލަރު ޖަމާކޮށްގެން 2026 ގައި ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދައްކަން މާބޮޑު ދަތިތަކެއް ނޯންނާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވަނީ 10 ބިލިއަން ޑޮލަރުގެ ދަރަނި ކަމަށާއި މި ސަރުކާރުން ކޮމާޝަލް ބޭންކްތަކުން ނަގާފައިވާ ދަރަނި 40 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭގެ 50 އިންސައްތައަކީ އިންޑިއާއިން ނަގާފައިވާ ލޯންތައް ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލެނީ ހަމައެކަނި މި ގައުމުގައި ބޭރު ސިފައިން ތިބެގެން އެކަނި ނޫން ކަމަށާއި ގައުމުގެ މިނިވަންކަން އިގުތިސާދީ ގޮތުންވެސް ގެއްލިފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ ވަކި ގައުމަކަށް ގޮސް މިއޮތީ އަޅުގަނޑުމެންގެ އިގުތިސާދީ މިނިވަންކަން ބަރޯސާވެ ނިމިފައި. ކުރިއަށްދާން ބަލާއިރު މިހުރީ ވިސްނަން ޖެހޭ ކަންކަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.