މި މަހު 30 ގައި އޮންނަ ވޯޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެއްޖެ ނަމަ ރައްޔިތުން ފަޚުރުވެރިވާ ފަދަ ކެބިނެޓެއް އެކުލަވާލައްވާނެ ކަމަށާއި ކެބިނެޓްގައިި ހިމެނިވަޑައިގެންނަވާނީ އެ ދާއިރާތަކުގެ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒުގެ ކެބިނެޓް އެކުލައްވައިލާފައިވާ ގޮތް ކަމަށް ބުނެ ވަޒީރުންގެ ފޮޓޯއާއި މިނިސްޓްރީތައް ހިމެނޭ ގޮތަށް ޕީޕީއެމް/ޕީއެންސީގެ ލެޓާ ހެޑްގައި ޑޮކިއުމަންޓެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ޑޮކިއުމަންޓުގައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ ދިނުމަށް ހަމަޖައްސާފައިވަނީ ޖަމިއްޔަތުއް ސަލަފަށެވެ. ނަމަވެސް ނަމެއް ފޮނުވާފައިނުވާތީ ވަކި ބޭފުޅެއް އެ މިނިސްޓްރީއަށް އަދި ކަނޑައަޅާފައިނުވާ ކަމަށް އެ ޑޮކިއުމަންޓްގައި ބުނެފައިވެ އެވެ.
ސަންގުޓީވީ އާއި ޗެނަލް13 ގުޅިގެން ރޭ ގެނެސްދިން "އާސްކް މުއިއްޒު" ލައިވް ޕްރޮގްރާމުގައި މީހަކު ކުރި ސުވާލެއްގައި، ސަލަފް ޖަމިއްޔާއަށް އެޑިއުކޭޝަން މިނިސްޓްރީ ދީފައިވޭތޯ ދެންނެވުމުން ޑރ. މުއިއްޒު ވިދާޅުވީ އެއްވެސް ޖަމިއްޔާއަކަށް އެޑިއުކޭޝަން މިނިސްޓްރީ ދޭން ފޮނުވާފައިނުވާ ކަމަށެވެ. އަދި މީސްމީޑިއާގައި އެ މަނިކުފާނުގެ ކެބިނެޓް ކަމަށް ބުނެ ދައުރުވަމުން ދަނީ "އެއްވެސް ހަގީގަތެއް ނެތް ޑޮމިއުމަންޓެއް" ކަމަށެވެ.
"ކެބިނެޓް އެކުލަވައެއްނުލަން. އެކަހަލަ އެއްވެސް ކަަމެއް ނިންމާފައެއް ނޯންނާނެ އަދި މަޝްވަރާއެއް ވެސް ނުކުރަން. އަދި ވަރަށް އިނީޝިއަލް ސްޓޭޖެއްގައި އޮތީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ މަނިކުފާނު އިންތިހާބުވެއްޖެ ނަމަ، އެ މަނިކުފާނުގެ ކެބިނެޓަށް ކަނޑައަޅުއްވާ ވަޒީރުންނަކީ ހިންގުންތެރި، ހީވާގި އަދި އެ ދާއިރާގެ ތައުލީމާއި ތަޒުރިބާ ހުރި ބޭފުޅުންނަށްވާނެ ކަމަށެވެ.
"ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް އަދި އޮތީ ވަރަށް އިނީޝިއަލް ލެވެލެއްގައި. ރައްޔިތުން ފަޚުރުވެރިވާ ފަދަ ކެބިނެޓެއް އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ވެގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ، ނަތީޖާ ނެެރެދޭނެ ސަރުކާރަކަށް ކަމަށެވެ. އަދި ވެރިކަމަށް ވަަޑައިގެންނަވާ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ނަތީޖާ ދައްކަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނެސްދެއްވާފައިވާ ރާއްޖޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނަކީ މިހާރު ޕާކްކޮށްފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނު އަލުން ވުޖޫދުކޮށް ގައުމަށް އިގުތިސާދީ ކުރިއެރުން ގެނައުމަށްޓަކައި ރާއްޖޭގައި އެސްއީޒެޑް ގާއިމްކުރާނެކަން މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެސްއީޒެޑް ގާއިމްކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި އިންވެސްޓްމަންޓްތައް ގެނެވި އާމުދަނީ ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރާއްޖެއިން 2026 ގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ލޯން ދައްކަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭނެކަން ފާހަގަކުރެއްވި އެވެ. އެހެންވެ އެންމެ ފުރަތަމަ ކަމަކަށް އިގުތިސާދުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ފައިސާ ޗާޕްކުރުން ހުއްޓާލައްވާނެ ކަމަށާއި ބޭކާރު ހަރަދުތައް ކުޑަކުރުމާއި އެމްޑީޕީ ސަރުކާރުން އާއްމު ކަމަކަށް ހަދާފައިވާ ރިކަރެންޓް ހަރަދުތަކާއި މުސާރަ ދިނުމަށް ގައުމުތަކުން ލޯން ނެގުން ހުއްޓާލައްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިި އެވެ.
މީގެ އިތުރުން މައިގަނޑު އިގުތިސާދުތައް ކަމުގައިވާ ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސްވެރިކަން ހަރުދާނާކުރުމަށްޓަކައި އިންވެސްޓާ ކޮންފިޑެންސް ގެނެސް، ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ގާނޫނީ ބާރުވެރިކަންދީ އަލުން ޑޮލަރު ޖަމާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެސްޑީއެފް އަށް ޑޮލަރު ޖަމާކުރާނެ އިތުރު ގޮތްތައް ހަދާނަން. މިހާރު އެއާޕޯޓުން ލިބޭ ފައިސާ އެކަނި އެއަށް މި ޖަމާކުރަނީ. އެހެން ނަމަވެސް ޓޫރިޒަމް ދާއިރާއިން ވެސް ލިބޭ އާމްދަނީން އެއްބައި އެއަށް ޖަމާކުރާނީ. އެސްޑީއެފްގައި ވެސް ހުންނާނެ ފުދޭވަރެއްގެ ޑިޕޮސިޓެއް. އަދި އަޅުގަނޑުމެންގެ އާމްދަނީ އިތުރު ކުރެވިގެންދާ މިންވަރަކަށް އަަޅުގަނޑުމެންގެ އަތުގައި އެކަށީގެންވާ ވަރަށް ފައިސާ ހުންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އިގުތިސާދު ހަރުދަނާ ކުރުމުގެ ހުރިހާ މަސައްކަތްތަކެއް 2024 އަދި 2025 ގައި ކޮށް ލޯން ރިފައިނޭންސް ކުރުމުގެ މަސައްކަތްތައް ވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށެވެ. އެހެންވެ މި ހުރިހާ ކަމެއް އެއްވެގެން އަންނައިރު 2026 ގައި މާބޮޑު ކަންބޮޑުވުމެއް ނޯންނާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment