Support Us

ދައުލަތެއްގެ ފުރިހަމަ އުސޫލު ވަނީ އިސްލާމީ ސިޔާސަތުގައި (4)

ކާނާ ބޯނާ (ބަނޑުފުރާނަ މުއްތިކުރެވޭނޭ އެންމެހާ ކަމެއް):

އިސްލާމްދީނުގައި ކާބޯ ތަކެތި ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބިގެންވެއެވެ. އަދި އިންޒާރު ކުރައްވައިފައިވަނީ އެ ހޯދާ އެއްޗަކީ ޙަލާލު އެއްޗެހި ކަމުގައި ހެދުމަށެވެ. ހަމަ މިބީދައިން ނުފުދޭ މީހުނާއި ފަޤީރުންނާއި ނިކަމެތިންނަށް ފުދުންތެރިން ޞަދަޤާތްކުރުމަށާއި ފެނުގެ އާރުތަކުންނާއި ވަޅުތަކުން ފެން ލިބޭނޭ ގޮތް ހެދުމަށް އިސްލާމްދީން އަމުރުކުރެއެވެ. މިއިން ކަމަކަށް ހުރަސް އަޅާ ކޮންމެ މީހަކަށް އެކަމުގެ ޢުޤޫބާތް އޮތްކަމުގެ އިންޒާރު ލިބިފައިވެއެވެ. މިއިން އެނގެނީ މި ޚިދުމަތަށް ދީނުގައި ބާރުއަޅައިފައިވާ މިންވަރެވެ.

ﷲ ވަޙީކުރައްވައިފައިވެއެވެ. يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ ۙ وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ ۖ فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ (އަލް މާއިދާ، 4). މާނައީ: "އެއުރެންނަށް حلالކުރެއްވީ، ކޮން އެއްޗެއްތޯ ކަލޭގެފާނާ އެއުރެން سؤالކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް حلالކުރެއްވިއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި، ދޫނީގެ ތެރެއިން ޝިކާރަކުރުމަށް އެ ތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ حال، ތިޔަބައިމީހުން އުނގަންނައިދިން ޖަނަވާރާއި، ދޫނީގެ ޝިކާރަ حلالކުރެއްވިއެވެ. اللَّه ތިޔަބައިމީހުންނަށް އުނގަންނައި ދެއްވި ކަންތަކުގެ ތެރެއިން އެ ތަކެއްޗަށް، ތިޔަބައިމީހުން އުނގަންނައިދެމުއެވެ. ފަހެ، އެތަކެތި ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކާށެވެ! އަދި އެ ޝިކާރައިގެ މައްޗަށް اللَّهގެ اسمފުޅު ތިޔަބައިމީހުން ކިޔާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ، حسابބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ)

ބޯހިޔާވަހިކަން (އާދައިގެ ރައްތިޔަތަކަށްވެސް ވާރެއާއި އަވިން ސަލާމަތްވުމުގެ އިންތިޒާމް):

އިސްލާމްދީނުގައި ގޯތި ގެދޮރު ހުއްދައެވެ. ޢިމާރާތްކުރުމާއި ޢިމާރާތް ޒީނަތްތެރިކުރުން ހުއްދައެވެ. އަދި މުދަލާއި ޢިމާރާތް މިލްކު ކުރުންވެސް ހުއްދައެވެ. އެ ތަންތަނާއި ތަކެތި މާތްކުރައްވައިފައިވެއެވެ. ﷲގެ ވަޙީ ބަސްފުޅުގައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ (އަންނޫރު 28). މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهلވެރިންނަށް سلامކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ)

އަދި ކުޑަމިނުން ރައްޔިތުންނަށް ހިޔާވަހިކަން ލިބިދިނުމަކީ ވެރިންގެމައްޗަށޤ އިސްލާމްދީން އަމުރުކުރާކަމެކެވެ. ރަސޫލު (ޞޢޥ) ގަދަ އަމުރުން އަމުރުކުރައްވައި ރައްޔިތުންނަށް ލިބިދެއްވި ފުދުންތެރިކަމެކެވެ. އަދި މި ކަމުގެ ބޮޑު ކަމުން ޢަދުލު އިންސާފުގައި ގޯތި ގެދޮރާއި މުދާ ބެހެވޭނޭ ގޮތާއި މިލްކުވެރިކަން ހިނގަންވީ މަގު ދީނުގައިވެއެވެ. މުދަލުން ބައި އެޅޭނޭ ގޮތާއި މިލްމުވެރިކަމުގައިވާ ބިމާއި ގަސްގަހާގެއްސާއި ދަނޑުތަކުގެ އެންމެހާ ފައިދާއެއް ބެހެވި ދާންވީ ޙަލާލު ގޮތް، ކުޑަކުދިންނާއި އަންހެނުން ހަމަހަމަވާ އުސޫލުން އަންގަވައިފައިވެއެވެ. މުދާ ބެހެންވީ އިންސާފުވެރި އުސޫލުވެސް ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 12 ވަނަ އާޔަތުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވައިފައިވެއެވެ.

ދުޅަހެޔޮ ސިއްޙަތު (ބަލިބަލިން ރައްކާތެރިވުން):

އިސްލާމްދީން ފުރިހަމަ ޞިއްހަތަކަށް ގޮވައިލައެވެ. ޖެހިދާނެ ބަލިބައްޔަށް ރައްކާތެރިވުމަށް އަންގަވައިފައިވެއެވެ. އަދި ރަސޫލާ (ޞޢޥ)ގެ ސުންނަތުން އެނގޭ ގޮތުގައި އިންސާނާ ސާފުތާހިރުވުމަކީ ޘަވާބު އިތުރުވާ ކަމެކެވެ. އަދި އެކަމަށް ކިޔެވުމާއި އިތުރު ހޯދުންތަކަށް ފުރުސަތު އެބަ އޮތެވެ. ނަމާދުގެކުރިން ވުޟޫކުރުމަށް އަންގަވައިފައި އެވެ. ފެންވަރި ގައިންތާހިރުވުމަށާއި ކުޑަކަމު ބޮޑުކަމު ދިއުމަށްފަހު ކަންކަންކުރަންވީގޮތް އަންގަވައިފައިވެއެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު ސާފު ހެދުންލުމަށާއި ހުވަނދު ލުމަށްވެސް އިސްލާމްދީން އަމުރުކުރެވެ. އަބަދުވެސް ސާފު ތާހިރުވުމަށް ދީން އަމުރުކުރައްވައިފައިވެއެވެ. ޒީނަތްތެރިވުމަށް އަންގަވައިފައިވެއެވެ. ޚުދު ރަސޫލު (ޞޢޥ) ވެސް، އެކަލޭގެފާނުންގެ ފޭރާންކޮޅު ސާފުކޮށް ބެހެއްޓުމަށް ﷲ އަމުރުކުރައްވައިފައިވެއެވެ. އެ ކަލާނގެ ވަޙީކުރައްވަނީ وَثِيَابَكَ فَطَهِّرْ (މުއްދަޘިރް،4) މަނައީ: "އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهرކުރައްވާށެވެ!"

ތަޢުލީމް (އުނގެނުމާއެކު ތަރުބިއްޔަތު ލިބުމުގެ އެންމެހާ ކަމެއް):

އިސްލާމްދީނުގެ ދުސްތޫރުގައި އެންމެ ފުރަތަމަ އައިސްފައިވާ ބަސްފުޅުންވެސް ކިޔެވުމަށް ދީން ބާރުއަޅާމިންވަރު ދޭހަވެއެވެ. އިޤްރައު ސޫރަތުގެ ފުރަތަމަ 5 އާޔަތުގައިވަނީ "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلمން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."

އިސްލާމްދީނުގައި ލިޔަން ކިޔަން ދަސްކުރުމަށް އަންގަވައިފައިވެއެވެ. ޢިލްމު ހޯދުމަށް އަންގަވައިފައިވެއެވެ. އިލާހީ އެއްކައުވަންތަކަމާއި ދީން އުނގެނުމަށް އަންގަވައިފައިވެއެވެ. އަދި ބިމުގައި ޢިލްމު ލެއްވިކަމާއި ކާޢިނާތު ދެނެގަތުމާއެކު ﷲ ގެ އެއްކައުވަންތަކަން ދަސްކުރުމަށް އަންގަވައިފައިވެއެވެ. ވީ އިރު އިސްލާމްދީނުގައި މި އަސާސްވެސް ލިބިގެންވެއެވެ.

ޢާއިލާ ބިނާކުރުން (ކާވެނިކުރުމާއި ދަރިން ހޯދައި ބެލެހެއްޓުމަށް ބޭނުންވާނޭ ފޯރުންތެރިކަން):

ކީރިތި ޤުރުއާނުގައި ކާވެންޏާމެދު ހުރި ވާހަކަތައް ގިނަގުނައެވެ. ކާވެނިކުރުމުގައި ބަލަންވީ ކަންކަމާއި ޝަރުޠުތަކާއި ކަވެނީގައި އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ މުހިންމުކަމާއި ކާވެނި ރޫޅައިލުމަކީ ރުއްސަވާކަމެއް ނޫންކަމުގެ ވާހަކަތައް އެބަހުއްޓެވެ. އަދި އަންހެނުންގެ ޙައްޤުތަކައި އަނބިފިރިންގެ ޙައްޤުތަކާއި ދަރިން ހޯދުމުގައި ސަމާލުވާންވީ ކަންކަމާއި ދަރިން ގެންގުޅުމުގައި ވިސްނަންވީ ކަންކަން ވަރަށް ފުރިހަމައަށް އެބަހުއްޓެވެ. ކްރިސްތިއަންދީނުގެ ކެތަލިކް މަޒުހަބުގެ ބުނުންތަކާއި ހިދުއިޒަމްގެ އުސޫލުތަކާއި ޔަހޫދީންގެ ފިކުރަށް ބަލާއިރު މިއިން ދީނެއްގައި ނެތްވަރަށް އިސްލާމްދީނުގައި އާއިލާއެއް ބިނަކުރުމުގެ އަސާސްތަކާއި ދެމެހެއްޓުމުގެ އަސާސްތަކުގެ ވާހަކަ ދުސްތޫރުވެގެން އައިސްފައި ވާކަމުގައެވެ.

ﷲ ވަޙީކުރައްވައި އަންގަވަނީ "وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا (ނިސާ، 3). މާނައީ: "يتيمންނާމެދު، عدلވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދިންނާ ކާވެނިކުރުމުގައި، عدلވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدلވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ" އާދޭހެވެ. އިސްލާމްދީނަކީ ޢާއިލާ ޙިމާޔަތްކުރާ، ބަދަހިކުރާ، އުފާވެރިކުރާ،އަދި އާއިލާ ގުޅުވާ ދީނެވެ.

އަސާސީ ބޭނުންތައް: (ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު):

އިސްލާމްދީނުގައި އިންސާނިއްޔަތަށް ފޯރުކޮށްދޭން އަންގަވައިފައިވާ އެންމެ މުހިންމު އެއް ޚިދުމަތަކީ ފެނުގެ ޚިދުމަތެވެ. މި ޒަމާނަކަށް އައިސް ކަރަންޓު ފަދަ ފޯނުފަދަ އަދި ނަރުދަމާގެ ނިޒާމަކީ ދީނުގައި މަނާކުރާ ހަރާމްކުރާ ކަންކަމެއް ނޫނެވެ. މިއީ ދީން އަމުރުކުރާ ފަދައިން ދުނިޔެ އާރާސްތުކުރުމަށް ކުރަން ޖެހޭ ކަންކަމެވެ. އާ ޢިލްމު ހޯދައި ދެނެގަތުމަށް އަންގަވައިފައިވާ އެންގެވުމުގެ ތެރޭގައި ކުރަން ޖެހޭ ކަންކަމެވެ. އަދި އޭގައި އިންސާނިއްޔަތަށް ގެއްލުން ނުވާ ކޮންމެ ކަމެއް ހުއްދަވާފަދައިން އަދުގެ ދީނީ އިމާމުން އަމުރުކުރައްވައި، ކުރުމަށް ބާރުއަޅުއްވައިފައިވާ ކަންކަމެވެ. މިއީ މަނާ ނޫންކަމެއްކަން ޙުސައިން ޢަބްދުއްރަހްމާން (2010) ބަޔާންކުރައްވައެވެ.

އަޅުގަނޑުމެންނަށް އޮތީ ޙައްޤުގޮތުގައި ހޯދައި ހޭދަކުރުމެވެ. "يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ [٢:٢٦٧] (ބަޤާރާ 267) މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި قصد ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، اللَّهއީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

ދަތުރުފަތުރުގެ ފަސޭހަކަން (އެއްތަނުން އަނެއް ތަނަށާއި ރަށްރަށަށް ގޮސް އައިސްވުމުގެ ލުއިކަން):

އިސްލާމްދީނުގައި ދަތުރުފަތުރުކުރުމުގެ ލުއި ފަސޭހަކަމަށް ބަސްފުޅުތައް އައިސްފައިވެއެވެ. އެބައިމީހުންނަށް ޙައްޤުތަކެއް ވާކަމާއި އެ ޙައްޤުތައް ޙިމާޔަތްކުރަން ޖެހޭނޭ ކަމައި މަގުތައް ހަދައިދީ އަމާން ވެއްޓެން ޤާއިމްވާންޖެހޭނޭކަން ސާބިތުވެއެވެ. މާނައަކީ ދީނުގައި ދަތުރުވެރިންނަށް ފަސޭހަކޮށްދޭން ޖެހެއެވެ. ދަތުރުފަތުރު ތަރައްޤީކުރަން ޖެހެއެވެ. ދައުލަތެއްގައި އެ ކަންކަން ޤާއިމްކޮށްދީ ބެލެހެއްޓެން ޖެހެއެވެ. މީގެ ވާހަކަތައް ލިޔެވިފައިވާ އާޔަތްތަކުން އެއް އާޔަތެއްގައިވެއެވެ.

"فَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ ۚ ذَٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ اللَّهِ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ [٣٠:٣٨]" މާނައީ: "ފަހެ، ތިމާގެމީހާއަށާއި، مسكينއާ އަށާއި، ދަތުރުވެރިޔާއަށާއި، (މިއިން ކޮންމެ މީހަކަށް) އެމީހެއްގެ حقދޭށެވެ! اللَّهގެ وجهފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

ހަމައެކަނި މިއާޔަތަށް ވިސްނިޔަސް ދައުލަތުން ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމު ޤާއިމްކޮށް ބަލަހައްޓައި އަމާންކޮށްދޭން ޖެހޭކަން ސާބިތުވެއެވެ. މިފަދަ ކިތަންމެ އާޔަތަކުން، ކިތަންމެ ޙަދީޘަކުން ހެކި އެބަހުއްޓެވެ.

މުއާޞަލާތު (ފޯނާއި ޓީވީއާއި ނެޓްގެ ވަސީލަތްތަކުން ލިބެން ޖެހޭ ފުދުންތެރިކަން):

މި ޒަމާނަށް އައި ތަރައްޤީގެ އެންމެ ވަރުގަދަ އެއް އިންގިލާބަކީ މުއާސަލާތުގެ އިންގިލާބެވެ. ލޮލަށް ނުފެންނަ ހިސާބެއް، ނުބެލޭ ގޮތެއް، ނު ހޯދޭ ދިމާއެއް މިއަދު ނެތެވެ. މުޅި ދުނިގެ ކުބުރަކަށް ވެއްޖެއެވެ. ވީއިރު ދުރު ދުރުގައި ތިބޭ ޢާއިލާގެ މީހުންނާ ޤައުމީ ވަޒީފާގެ ވެރިންނާ މުޢާމަލާތްކޮށް ޚަބަރުދީ ފަތުރައި ހެދުމަށް މި ވަސީލަތް ބޭނުންވެއެވެ. އަދި ދީނީ ފަތުވާދިނުމާއި ޢިލްމީ މަދުރަސާތައް ނެޓްވޯކްތަކުގައި ޤާއިމްވާއިރު މި ވަސީލަތްތައް ކޮންމެ ރައްޔިތަކަށް ލުއިފަސޭހަކަމާއެކު ލިބެން ޖެހެއެވެ. މިއީ ކަނޑައެޅިގެން ނަފުސަކަށް ދީނަށް ގެއްލުން ލިބެނިވި އެއްޗެއްކަމުގައި ނުވާނަމައެވެ.

އާދޭހެވެ. ދީނުގައި މި ޚިދުމަތް މަނައެއް ނޫނެވެ. ޚަބަރު ހޯދުމާއި ޢިލްމު ފެތުރުމުގައި މަނާނޫން ކަންތައް މީގައިވާތީ މިއީ ހުއްދަ ކަމެއްކަމުގައި މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (2009) އެއްބަސްވެލައްވައިފައިވެއެވެ.  އަދި މައުމޫން ޢަބްދުލް ޤައްޔޫމް (2002) ހާމަކުރައްވައެވެ.

ޚިޔާލުފާޅުކުރުން (ތިމާގެ ހިތުގައި އުފެދޭ އެންމެހާ ޚިޔާލާއި ތަޢުރީފު ހާމަކުރުމުގެ ފޯރުންތެރިކަން):

އިސްލާމްދީނަކީ ޚިޔާލުފާޅުކުރުމާއި ތަޢުރީފާއި އިހުސާންތެރިކަމުގައި ކަނޑައެޅިގެން ފުރުސަތު ލިބެންޖެހޭކަމަށް ދުސްތޫރުގައި އޮތް ދީނެވެ. ވެރިންނަށް ރައްޔިތުން މަޝްވާރާ ދޭން ޖެހެއެވެ. ވެރިން އެ މަޝްވާރާ ކުރައްވަން ޖެހެއެވެ. އަދި ކަންކަމުގައި، ޚިދުމަތުގައި އެކަމުގެ އަގު ވަޒަންކޮށް ތަޢުރީފު އަދާކުރަންޖެހެއެވެ. ނަސޭހަތް ދިނުމާއި މިފަދަ އެންމެހާ ކަމަކަށް ދައުލަތްތަކުގައި ފުރުސަތު އޮންނަންޖެހޭނެއެވެ. މި ފުރުސަތު އިސްލާމްދީނުގައިވެއެވެ.

ﷲ ވަޙީކުރައްވައިފައިވާ އާލް އިމްރާން ސޫރަތުގެ 109 ވަނައާޔަތުގެ މާނައިގައިވެއެވެ. " خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

ދީނުގެ ޙުދޫދުން ބޭރުވާނަމަ ކޮންމެ މީހަކަށްވެސް ނަސޭޙަތްދީ އިސްލާޙުކުރުމީ ދީނުގައި އަންގަވައިފައިވާ ކަމެކެވެ. އަދި މި ކަންކަންކުރުމުގެ އަޚުލާޤްވެސް ޤުރުއާނާއި ސުންނަތުގައިވެއެވެ.

އާމްދަނި ހޯދުން (ދިރިއުޅުމުގެ މުހުތާދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު):

ދީނުގައި އަންގަވަނީ ފަތިސްނަމާދަށްފަހު މަސައްކަތްތަކަށް ދިއުމަށެވެ. ޙަރާމް ކުރެއްވި ކޮންމެ ކަމެއް މެނުވީ ބިމުގައި ކޮށް އާމްދަނީ ލިބިގަތުމަށެވެ. އަދި ހަލާލުތަކެތި ހޯދައި ކައި ބޮއި އުޅުމަށް އަމުރުކުރައްވައިފައިވެއެވެ. ވީމާ ދީނަކީ ފުރިހަމަ ދީނެކެވެ. މަސައްކަތަށް އަމުރުކުރާ އާމްދަނީ ހޯދުމަށް ތަރުޙީބު ލިބިފައިވާ ދީނެކެވެ. އިންސާނީ ޙައްޤު ފުރިހަމަ ދީނެކެވެ. ވަކި ކަމެއްކުރުމަށް މި ދީނުގައި މަނާކުރަނީ އެ ކަމަކުން ގެއްލުން ލިބެނިވި ކަންކަމެވެ.

ﷲ ވަޙީކުރައްވައިފައިވެއެވެ. وَجَعَلْنَا النَّهَارَ مَعَاشًا [٧٨:١١] މާނައަކީ: "އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ." އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ (ޔާސީން،35). މަނައަކީ: "[1] (އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟ (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް) އަލްހަމްދު ލިﷲ އެވެ. ފުރިހަމަ ދީނެކެވެ.

ވިޔަފާރި (ގަނެވިއްކުމުގެ ހަމަޖެހޭ އުސޫލާއި އެ ކަންކުރުމަށް ބޭނުންވާނޭ މީހުންނަށް އެ ފުރުސަތު):

އަލް ބައިޢު އަކީ ވިޔަފާރީގައި، އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަސާސެވެ. ދީނުގައި ގަދަ އަމުރުން އިންޒާރުތަކާއި އަމުރުތައް އައިސްފައިވަނީ ވިޔަފާރިއަށެވެ. މަކަރު ހެދުމުން ލިބޭނޭ ގެއްލުމާއި ވިޔަފާރިކުރުމުގައި އިތުރުކުރުން ހިމެނޭ ގޮތްގޮތާއި މިންވަރާއި، މިހާރު މި ކިޔޭ ޓެކްސް (ޒަކާތް) ނެގުމުގެ އުސޫލުވެސް ކީރިތި ޤުރުއާނުގައިވެއެވެ. ވަރަށްވެސް ފުރިހަމައަށް އެކި އެކި ބާވަތުން އިތުރުކުރެވޭނޭ ގޮތާއި އިތުރުކުރެވޭނޭ މިންވަރު މި މާތް ދުސްތޫރުގައިވެއެވެ.

ﷲގެ ވަޙީގައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ [٦١:١٠] މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذابއަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟" އަދިވެސް ވަޙީކުރައްވައެވެ.  "تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ [٦١:١١] މާނައީ: "(އެއީ) ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمانވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفسތަކުން اللَّهގެ މަގުގައި ތިޔަބައިމީހުން جهادކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

އިސްލާމްދީން ބާރުއަޅުއްވައި ޤުރުއާނާއި ސުންނަތުން ވަނީ ވިޔަފާރި ދަސްކޮށްދެއްވައި އޭގައި ބަރަކާތާއި ފައިދާ އިންތިހާއަށް ލައްވައިފައިވާކަމަށް އަންގަވައިފައެވެ. އޭގައި މަކަރު ނުހެދުމަށާއި އެއީ ފާފައެއްކަމުގައިވެސް އަންގަވައިފައިވެއެވެ. "وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ [٥٥:٩] މާނައީ: "عدل إنصافގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް). ވިސްނަވާށެވެ. އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. ފުރުސަތު ގިނަ ކަމިޔާބު އުސޫލުތަކެއް ލިބިފައިވާ ޙިކުމަތްތެރި ދީނެކެވެ.

އިޙުތިރާމްކުރުން (ވެރިންނާއި ޢިލްމުވެރިންނާއި މުއައްސަސާތަކަށާއި ރައްޔިތުންނަށް):

ޤައުމެއް ޖަމާޢަތެއް ހަލާކުވެ ނެތި "އަނދައި" ދިއުމުގައި އެންމެ ވަރުގަދަ "އަލިފާނަކީ" އިޙުތިރާމްކުރުންނެތުމާއި ފަސާދަކުރުން ގިނަވުމެވެ. އެ ޖަމާޢަތެއްގެ ބާރު ގަދަވަނީ ވެރިންނާއި ޢިލްމުވެރި މާތް މީހުންނަށާއި ސަލާމަތީ ބާރުތަކަށައި އެފަދަ އެހެން މުއައްސަސާތަކަށާއި ލޮބުވެތިރައްޔިތުންނަށް އިޙުތިރާމްކުރުމުގެ އާދަ ހަރުލައިފައިވާނަމައެވެ. މީގެ ނަމޫނާ މި ރާއްޖެއިންވެސް ދަނީ ފެންނަމުންނެވެ.

އިސްލާމްދީނަކީ ވެރިންނަށް އިޙުތިރާމްކުރަން އަންގަވައިފައިވާ ދީނެކެވެ. އަދި ދީނީ ޢިލްމުވެރިންނާއި ޢިއްޒަތްރިންނާއި އެކަކު އަނެކާއަށް އިޙުތިރާމްކުރުމަކީ ދީނީ ވާޖިބެކެވެ. ﷲ ވަޙީބަސްފުޅުގައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا [٤:٥٩]" މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّهއަށް ކިޔަމަންވާށެވެ! އަދި، رسولއާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّهއަށާއި، رسولއާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّهއާއި، އެކަލާނގެ رسولއާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عملކުރާށެވެ!) ތިޔަބައިމީހުން، اللَّهއަށާއި، آخرةދުވަހަށް إيمانވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

ވަރަށް ބޮޑަށް ވިސްނައިލަންޖެހޭ ނުކުތާއެއް:

މިފަދަ ބަދަހި ގުޅުން އޮތް ޖަމާޢަތްތަކުން އެ ކަންކަން  ނެތިކޮށްލާ ބަޔަކު ދުނިޔޭގައިވެއެވެ. އެއީ މުސްލިމުން ފަސާދަކޮށް ނަސްލީ ރުޅި އުފެއްދުމަށެވެ. އެއަށްފަހު ޢަޤީދާއާ ކުޅުމަށެވެ. ﷲގެ ވަޙީބަސްފުޅުގައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنقَلِبُوا خَاسِرِينَ [٣:١٤٩]" މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! كافرވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دينން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حالގައެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

އެއްވެސް ޙާލެއްގައި ޤައުމެއްގެ އެކެއް އަނެކެއްގެ މަސްކައި ޣީބަ ބުނެ ފުރައްސާރަކޮށް ކުށްވެރިކޮށް ހެދުމެއް ނެތެވެ. އޮތީ މަޝްވަރާއާއި ނަސޭހަތެވެ. ﷲގެ ބަސްފުޅުގައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ [٤٩:١١]

މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

ދެން ވިސްނަވާށެވެ. ކޮންމެ ޤައުމެއްގެ ކޮންމެ ޖަމާޢަތެއްގެ ކޮންމެ ބަޔަކު ކިޔައި ލިޔެ ހެއްޖަސް މިއަށްވުރެ ބޮޑު ހިމާޔަތަކާއި ޙައްޤެއް އިންސާނިއްޔަތަށް ކޮބައިތޯއެވެ. މަތީގައި ބަޔާންވި އާޔަތުގައި ވި ކުށެއްކޮށްފިނަމަ ދީނުގައި ވާ އަދަބުވެސް ބޮޑެވެ. ވީމާ އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. އިލާހީ ވެރިކަމުގެ ރިވެތި ނިޒާމެކެވެ.

ކްރިސްތިއަނުންގެ ފޮތުގައިވާގޮތާ ޚިލާފަށް ޑިމޮކްރަސީ:

މި ހިސާބުން ކްރިސްތިއަން ދީނުގެ ނުކުތާއަކަށް ޖެހިލާނަމެވެ. އެހެނީ ވެރިންނަށް ހިތުހުރި ގޮތަކަށް އެއްޗެހި ކިޔައި ފުރައްސާރަކުރުމަކީ އެބައިމީހުން "މިނިވަންކަމުގެ ތާކިހަލުގައި" ނެރުނު މުޑުދާރު ފަތުވާއެކެވެ. ޑިމޮކްރަސީއާއި އިންސާނީ ޙައްޤު އޮޅުވައިލައިގެން ނެރުނު އާ މުސީބާތެކެވެ. އެބައިމީހުންގެ ތެރޭގައި އެކަން އޮންނަކަމާއި އެމީހުންނަކީ އެންމެ ބޮޑަށް މިނިވަންކަން ދޭ މީހުންކަމުގައި ބުނަމުންނެވެ. އަދި އެބައިމީހުންގެ ފަތުވާއެއްކަމުގައި އެބައިމީހުންގެ ދީނުގައި އެ މިނިވަންކަން އޮތްކަމަށް ބުނާ ބުނުމާމެދުގައެވެ.

ކިންގް ޖޭމްސްގެ ވަރސަން ކަމަށް ބުނާ ބައިބަލްގައި (އިންޖީލުގެ އަސްލު ބަދަލުކޮށްގެން ހަދައިފައިވާ ކްރިސްތިއަނުންގެ ދީނީ ފޮތް، The King James Version of the Holy Bible- Old Testament) ގެ ދިވެހި ތަރުޖަމާ (http://gospelgo.com/Maldives.htm) 20 ވަނަ ބައިގައިވެއެވެ. (މިއީ އެބައިމީހުންގެ ކެތަލިކް މަޒްހަބުކަމަށް ބުނާ އުސޫލެއްގެ ފިކުރެއްކަމުގައިވެއެވެ)

"ރަނގަޅު ދީންވެރި ޞާލިޙް އަޅުންކަމުގައި ހެދިގެން ދިޔަ ބަޔަކު ޢީސާގެ ފާނާ ބައްދަލުކޮށް އެމީހުގެ ސަރުކާރުގެ އުނި ކަމުގެ ވާހަކަ ދެއްކި އެވެ. އެގޮތުން އޭރުގެ ރަސްގެފާނު ކައިސަރަށް ޓެކްސް ދައްކަން ޖެހޭނެތޯއާއި އެ ރަސްގެފާނުންގެ އަމުރަށް ކިޔަމަންވާން ޖެހޭނެތޯ، އެ ރަސްގެފާނަކީ އެމީހުންގެ ދީނުގެ މީހެއް ނޫންކަމުގައިބުނެ ހެއްޖެވެ. ޢީސާގެ ފާނުން އެމީހުނަށް ދެންނެވި ކަމަށް ވިއެވެ. ކަލޭމެން ޓެކްސް ދައްކަން ގެންގުޅޭ ފައިސާ ދައްކަބަލާށޭ. ދެން އެމީހުން ފައިސާ ދެއްކީމަ އެއްސެވިކަމަށްވަނީ މިގެ މި ފުށުގައި މިވަނީ ކާކުގެ ކުރެހުމެއްހޭ. އެމީހުން ބުނީ ކައިސަރު ރަސްގެފާނުންގެ ތަސްވީރު ކަމުގައި. އެ ހިނދު ޢީސާގެފާނުން ވިދާޅުވީ ކަމުގައިވަނީ އެހެންވިއްޔާ އެ ރަސްގެފާނުންގެ އެއްޗެއް އެ ރަސްގެފާނަށްދީ މާތްރަސްކަލާނގެއަށްވީ އެއްޗެއް އެ ކަލާނގެއަށްދީ."

ބައްލަވާށެވެ. ﷲ ގެރަސޫލު ޢީސާގެފާނުން ކަންތައްކުރެއްވި ގޮތްކަމަށް އެބައިމީހުންގެ ފޮތުގައިއެވަނީ އޭރުވެސް ވެރިންނަށް ކިޔަމަންވުމަކީ މުހިންމުކަމެއްކަން ސާބިތުކޮށްދީފައެވެ. ވެރިން ޙިމާޔަތްކުރެއްވީއެވެ. އެއްޗެއް ކިޔުއްވީކީ ނޫނެވެ. އަދި ކިއެއްތަ އެ ބައިމީހުނާ އެއްބައިވީކީވެސް ނުމެ ނޫންމެއެވެ. މިއިން އެނގެނީ ފޮތް އޮތަސް އެބައިމީހުން ތަބާވަނީ އެބައިމީހުންގެ ދުނިޔަވީ އުފަލަކަށްކަމެވެ. އިލާހީ އަމުރަކަށް ނޫނެވެ. ނޫނީ އެބައިމީހުންގެ ޢަޤީދާއަކަށްވެސް ނޫނެވެ. ނުވިތާކަށް އެބައިމީހުގެ ގޮތްފޮތް އެއީ އިންސާނިއްޔަތަށް މާ މާތްގޮތެއްކަމުގައި ހަދައި ހިތުހުރި ގޮތަކަށް އަމުރުތައް ނެރެނީއެވެ. ޚުދު އެމީހުންގެ އުސުލުތައްވެސް ބަލައި ނުގަންކަމުގެ، މިއީ ވަރުގަދަ މިސާލެކެވެ. ހެއްކެކެވެ.

މިނިވަންކަން:

މިނިވަންކަމަކީ ކޮބައިތޯއެވެ؟ ބޭނުންހާ ކަމެއް އެއްވެސް މީހަކަށް ކުރެވުމަކީ މިނިވަންކަންތޯއެވެ؟ ތިމާގެ ވަށައިގެން އަލިފާން ޖަހައިހަދަން ބޭނުންވީމާ އެކަން ކުރެވޭނެބާވައެވެ؟ އެހެނީ ދެން ތިބީންނަށް އެކަމުގެ ގެއްލުން ވާނެއެވެ. އެ ހިސާބުން އެހެން މީހެއްގެ މިނިވަންކަމަށް އަރައިގަނެވުނީއެވެ.

މިނިވަންކަމަކީ ކޮބައިތޯއެވެ؟ ތިމާ ދާ މަގުމަތީގައި ކަނޑައެޅިގެން ހުތުރުބަހުން ތިމާގެ "ތަސްބީޙަ" ކިޔަމުން ދިއުމާއި ހިނގާ މަގުގެ މެދަށް ބޮޑުކަމުދިއުމަށް އޭނާ ބޭނުންވުމުން ކުރުމަކީ މިނިވަންކަން ބާވައެވެ؟ ނޫނެކެވެ. އޭރުން އެމަގުން ބޭނުންކުރާ އޭނާ ނޫން އެންމެންގެ މިނިވަންކަން ގެއްލުނީއެވެ. ބުއްދިވެރި ބުނުމެއްގައި ބުނާފަދައިން ދިދައިގެވެސް ދެ ކަން އޮންނަނީ ހައްޔަރުކޮށްފައެވެ. އެ ދެ ކަން ދޫވީމާ އެއީ ދިދައަކަށް ނުވާނެއެވެ. ހަމަ އެފަދައިން އިންސަނާގެވެސް ހިފެހެއްޓެންޖެހޭ "ކަން"ތަކެއް ހުންނާނެއެވެ. އެ ކަންތައް ދޫ ވެއްޖެނަމަ ކިޔޭނީ އިންސަނާއެއް ނޫނެވެ.

އިސްވެ ދިޔަ 12 ނުކުތާގައި އިސްލާމްދީން ވަނީ އިންސާނާއަށް މިނިވަންކަން ދީފައެވެ. އަދި މިނިވަންކަން ލިބުމުގައި އަޚްލާޤަކާއި އުސޫލެއް ވެއެވެ. ޙުދޫދެއްގެ ތެރޭގައި އެކަން ކުރުމަށް އަންގަވައިފައިވެއެވެ. މިގޮތުން ދީނީ މިނިވަންކަންވެސް ޤުރުއާނުން ލިބިފައިވާކަމަށް މީހުން ދެކެއެވެ. ނަމަވެސް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޭގެ ޒާތުގައި ނެތެވެ. އެހެނީ އެ ފޮތުގައި އަންގަވަނީ ދީނަކީ އިސްލާމްދީންކަމުގައެވެ. އެ ދީނުން ބޭރުވެއްޖެ ނަމަ އެމީހަކީ ނަރަކަވަންތަވެރިއެއްކަމުގައެވެ. އުސޫލުން ބޭރުވީއެވެ. އިންސާނީ އުސޫލަކީ އިސްލާމްދީނުގެ އުސޫލެވެ.

އިންސާނާއަށް ބޭނުންވާ އަސާސީ ބޭނުންތަކުގައި މިނިވަންކަން ލިބިގެންވެއެވެ. މިދީނަކީ އެފަދަ ބަރަކާތާއި ކަރާމާތާއި އެހީތެރިކަމާއި އޯގާތެރިކަން ލައްވައިފައިވާ ދީނެކެވެ. ﷲ ވަޙީކުރައްވަނީ "وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ [٩٨:٥] (ބައްޔިނާ، 8) މާނައީ: "باطل މަގުން އެއްކިބާވެތިބެ، اللَّهއަށް އަޅުކަން خالصކުރާ حال، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު قائمކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دينއަކީ އެއީއެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

އިސްލާމްދީނުގައިވަނީ މިއަމުރެވެ. ދީނަކީ އިސްލާމްދީނެވެ. އުޅެންޖެހެނީ އެ ދީނަށެވެ. އަމަރުކުރައްވަނީ އެނޫންގޮތެއް ޚިޔާރުކުރި މީހާއީ ކާފިރެއްކަމާއި ނަރަކައިގެ ގިނިން ސަލާމަތްވާން އެދޭނަމަ އިސްލާމްވުމަށެވެ. ނަމަވެސް ހަމަ އެޤުރުއާނުގައިވެއެވެ. "لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ [٢:٢٥٦]" މާނައީ: "دينއަށް ވެއްދުމުގައި مجبورކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالةގެ އަނދިރިކަމުގެ ތެރެއިން، هدايةގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطانއާޔަށް كافرވެ اللَّهއަށް إيمانވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدةގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް)

ހަމަ މިހިނދު ވިސްނައިލަންޖެހޭ އަނެއް ކަމަކީ ދީނަކީ އިސްލާމްދީންކަމުގައި ވީހިނދު ދީނޭ ކިޔައިގެން ބައެއް ގޮތްތަކަށް އުޅޭ މީހުނަށް ދުއްތުރާކުރުމަކީ އޮތްކަމެއް ނޫންކަމެވެ. ސަލީބަށާއި ބުދަށާއި އަލިފާނަށާއި ފެނަށާއި އަދި އެ ނޫން އެއްޗެހި ކަލާނގެ ކަމުގައި ހަދައިގެން އަޅުކަންކުރާ ބަޔަކު ދުނިޔޭގައި އެބަ އުޅެއެވެ. އެ ގޮތްގޮތަށް އުޅޭ މީހުނަށް ދުއްތުރާކުރުމާއި އެމީހުނގެ ޢަޤީދާގައި ކަލާނގެ ކަމުގައި ބުނާ އެއްޗެހި ހަލާކުކުރުމާއި ދިމާކޮށް ފުރައްސާރަކުރުމަކީ އިސްލާމުންނަށް މަނާ ކަންކަމެވެ. އެ ކަންކަން ނުކުރުމަށް ދީނުގައި އަންގަވައިފައިވެއެވެ. ހަމަ ކޮންމެ އިންސާނަކަށް އިންސާނީ ޤަދަރު އިސްލާމްދީނުގައި ދީފައިވެއެވެ. ވީމާ މި ފިކުރުވެސް ދެނެގެން ތިބުނީ އިންސާނީ ޙައްޤޭ ކިޔާ މީހުން ދަންނަންޖެހޭނޭ ކަމެކެވެ.

ހަމަ އެކަނި ދީނީ ގޮތުން ބެއްޔަސް އިސްލާމްދީނަކީ މަޖުބޫރުކަމެއް ނެތް، މާތް ދީނެއްކަމާއި އެ ދީނުގެ ދުސްތޫރަކީ ދައުލަތެއްގެ ހުރިހާ ސިފައެއް ލިބިގެންވާ ދުސްތޫރެއްކަން ސާބިތުވެއެވެ.

ޤައުމާއި ރައްޔިތުން ޙިމާޔަތްކުރުން:

ދައުލަތެއްގެ އެންމެ ވަރުގަދަ މޮޓޯއެއްކަމުގައިވާނީ އެ ދައުލަތް ނިސްބަތްވާ ޤައުމުގެ ސިޔާދަތާއި ކަރާމަތާއި އަމާންކަމާއި އިސްތިޤުލާލް ރައްކާތެރިކުރުމެވެ. ޤައުމުގެ މިނިވަންކަމާއި އަމާންކަމާއި ހިދާޔަތު ދެމެހެއްޓުމެވެ. މިކަމުގައިވެސް ދީނުގެ ދުސްތޫރުގައި އަމުރުތައް އެބަ އޮތެވެ. އަދި ޤައުމުގެ ފަރުދުންގެ އިންސާނީ ޙައްޤު ރައްކާތެރިކުރުމަށްވެސް މި ދީނުގައި އަމުރުތައް އައިސްފައިވެއެވެ. ދިފާޢުގައި އިންސާނާއަށް ކުރެވެންޖެހޭ ކަންކަމަށްވެސް ދީނުގައި އަމުރުއައިސްފައިވެއެވެ.

ޤައުމު ދިފާޢުކުރުން:

ކީރިތި ޤުރުއާނުގައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُ الْأَدْبَارَ [٨:١٥]" މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، كافرވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ!" (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް ). ޤައުމަށް ނިސްބަތްވުމުން އެ ޤައުމުގެ އަހުލުވެރިންނަށް ދުސްތޫރުގައި ޤާނޫނު އެބައޮތެވެ. މި ކަމަށް އައިސްފައިވާ އިތުރު ބަސްފުޅުތަކުގައި ވަނީ ޤައުމާއި ދީނުގެ ޢަދުއްވުންނާ ކުރެވޭ ހަނގުރާމައިގައި ފިލާ މީހާ ޤަތުލުކުރުމަށެވެ. މާނައައީ އެއީ ވަރަށް ނުބައި ފާފަތަކުގެ ތެރެއިން ވާކަމެއްކަމުގައެވެ.

ޤައުމުގެ ދިފާޢުކޮށްދިނުމަށް ރައްޔިތުންނާއި ސަރުކާރުތަކަށް އައިސްފައިވާ މިފަދަ އަމުރުތަކުން މި ދީނުގެ ސިޔާސީ އަމުރުތަކުގެ ބާރުގަދަކަން އެބަ ސާބިތުވެއެވެ. ދައުލަތް ހިންގުމުގައި އޮތް މަތިވެރި އުސޫލު ފާޅުވެއެވެ.

ކާފިރުންނާ އޮންނަ ގުޅުމުގެ އިމަށް ވިސްނައި ސަމާލުވާށެވެ.

މިއަދު މުޅި ދުނިޔޭގައި ކާފިރުންދަނީ ވަކި ހިއްޕަމުންނެވެ. އާރެއް ބާރެއް ނެތް ޤައުމުތައް މުށަށްލަމުންނެވެ. އާރާ ބާރު އޮތް ގައުމުތަކުގެ އެ ބާރު ކަނޑުވަން ތަޢުލީމާއި އުފަލާއި އަރާމު ވިއްކައިގެން ކުޅެމުންނެވެ. މި ބޭނުމަށް ތަރައްޤީއާއި ތަހުޛީބާއި ޑިމޮކްރަސީއާއި އިންސާނީ ޙައްޤު "ކާންދޭނަމޭ" ބުނަމުންނެވެ. މިގޮތަށް އިސްލާމީ ޤައުމުތަކަށް ހުށަހޮޅިގަންނަ ގިނަމީހުންނަކީ މިޒަމާނުގައި ކާފިރުންނެވެ. މި ވެރިން ވަދެގަންނަން މަސައްކަތްކުރާގޮތް ޑރ.ޙަސަންޙަމީދު ދަރުމަ 2008 ޖެނުއަރީމަހުގެ ޢަދަދުންނާއި، އިބްރާހީމް "ޝިހާބުގެ މަޒުމޫނުތައް 2″ މި ފޮތުގެ 102 ވަނަ ސަފުޙާގައި އޮތް ލިޔުމުން ދޭހަވާނެއެވެ. އެހަސް މިއަދު ދިވެހި މި ފަސްގަނޑުގައިވެސް ބަސްވިކެނީ ޔަހޫދީންގެއެވެ. މިތަން ބަލަހައްޓަނީ އެމެރިކާނުންނާއި އިނގޭރީންނާއި އެ ފަރާތްތަކާ ގުޅުންއ އޮންނަ މުއްސަނދި ޤައުމުތަކުންނެވެ. އެ ބައިމީހުންގެ ރޮބަޓުންކަމުގައިވާ ޖަމާޢަތްތަކުންނެވެ. މިއީ ހެޔޮ ފިކުރެއްގައި ވިސްނައިލަން ޖެހޭ ނުކުތާއެވެ.

ﷲގެ ވަޙީބަސްފުޅުގައިވަނީ " وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ [٨:٧٣] މާނައަކީ: "كافرވި މީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަންނުކުރާނަމަ (އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް نصرދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ." (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް) މުރާދު ވަރަށް ސާފެވެ. އެކުވެރިކަމުގައި ދުނިޔެ އާރާސްތުކުރުމެވެ. ކާފިރުންނާވެސް ގުޅުން ބާއްވަން ޖެހޭނެއެވެ. ސުވާލަކީ 100% ހެއްޔޭއެވެ. ނޫނެކެވެ.

ﷲ ވަޙީކުރައްވަނީ لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ [٦٠:٨] މާނައީ: "ތިޔަބައިމީހުންގެ دينއާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدلވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدلވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

ކާފިރުންނާއި ޔަހޫދީންނާއި އެބައިމީހުންގެ ރަޙްމަތްތެރިންނަށް އަބަދުވެސް ބަލަންވާނެއެވެ. ވިސްނަންވާނެއެވެ. އެހެނީ އެބައިމީހުންގެ ހިތްތައް މުސްލިމުންނާމެދު ސާފު ނުވާނޭކަން ޙަދީޘުން ސާބިތުވެއެވެ.

ނިންމައިލަމުން:

ޝައްކެއް ނެތެވެ. "ދައުލަތެއްގެ ފުރިހަމަ އުސޫލު ވަނީ އިސްލާމީ ސިޔާސަތުގައި" މިއީއެވެ. ވަރަށް ސާފު އަދި އޮޅުންފިލާ ސުރުޚީއެކެވެ. ދެއްކުނު ހެކިތަކާއި ދަލީލުތަކާއެކު ދަންނަވަން ޖެހެނީ ސުރުޚީގައި އޮތް ގޮތަށެވެ. އާއެކެވެ. "ދައުލަތެއްގެ ފުރިހަމަ އުސޫލު ވަނީ އިސްލާމީ ސިޔާސަތުގައި" އިލާހީ ޙަޟްރަތުން ބާވައިލެއްވި ދުސްތޫރާއި އެ ކަލާނގެ ދެއްކެވި ވެރިޔާ ޙާކިމް އަދި ރަސޫލު ނަބިއްޔާ މުޙައްމަދުގެފާނުންގެ ސުންނަތުގައި މިހުރިހާ ވާހަކައެއް އެބަހުއްޓެވެ.

މި ލިޔުމަށް ކުރެވުނު ބުރަ މަސައްކަތުން ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ލިބިއްޖެއެވެ. ޤައުމާމެދު ކުރެވޭ ފިކުރާއި އިންސާނުންގެ ދިރިއުޅުމަމެދު ވިސްނޭ ވަރު އިތުރުވެއްޖެއެވެ. އަންނަމުންދާ ބަދަލާއި އިންސާނުން އެބައިމީހުންގެ ޤައުމުގައި އެބައިމީހުންގެ ވެރިކަމުގައި ނިކަމެތިވަމުންދާ މިންވަރާމެދު ކަރުނަ ހިލިއްޖެއެވެ. އާދޭހެވެ. އިސްލާމްދީނަކީ އިންސާނިއްޔަތަށް އޮތް ސަލާމަތެއްކަމާއި ދައުލަތެއްގެ ފުރިހަމަ އުސޫލު އޭގައިވާކަން އެނގޭއިރުވެސް އެ ގޮތް ދޫކޮށް އިންސާނުންގެ އަމިއްލަ އުނި އީޖާދަކަށް ލެނބެމުންދާދިއުން އިހުސާސްކުރެވެއެވެ. ފަހެ އިންސާނުންގެ ބުއްދި މަރުވަނީބާވައެވެ.

ﷲ ވަޙީކުރައްވައެވެ. إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ [٢:١٦٤] މާނައީ: "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުއްވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ."

އަދިވެސް ވެއެވެ. هَٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ [٤٥:٢٠] މާނައީ: "މި قرآنއަކީ، މީސްތަކުންނަށްވާ އަލިގަދަ دليلތަކެކެވެ. އަދި يقينކުރާ ބަޔަކަށްވާ هدايةއަކާއި، رحمةއެކެވެ."

އަޅުގަނޑު އުއްމީދުކުރަނީ މި ލިޔުން ކިޔާބަޔަކަށް ﷲ ވިސްނަވައިދެއްވުމެވެ. ތަރުބިއްޔަތުގެ ފައިދާ މިލިޔުން ކިޔުއްވައިފިނަމަ އެނަފުސަކަށްވެސް ކުރުމެވެ. އަދި މި ދުނިޔޭގައި ފެތުރޭ އިސްލާމީ އަޚުލާޤާ ދުރު އެންމެހާ ކަމަކުން މުސްލިމް ޖަމާޢަތްތައް މިންޖުކުރެއްވުމަށް އިރާދަކުރެއްވުމެވެ. އާމީން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *