Support Us

އިސްލާމް ދީނުގައި ދީނާއި ސިޔާސަތުގެ ގުޅުމުގެ މައްޗަށް ނަޒަރެއް

ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. ދީނާއި ސިޔާސަތަކީ އެކަތި އަނެއްކެއްޗާ އެއްވެސް ގުޅުމެއް ނެތް ދޭއްޗެކެވެ. ޑިމޮކުރަސީގެ ވެރިކަމުގެ އުސޫލަކީ މިއެވެ. އިންސާނީ ހައްގުތައް ލިބިދިނުން އޮތީވެސް ދީނާއި ސިޔާސަތު ވަކިކޮށް މި ދޭތިން ކުރެ ކޮންމެ އެއްޗެއް ވެސް އޭގެ ޖަގަހައިގައި ބޭއްވިގެންނެވެ. ދީނުގެ ޖަގަހައަކީ އަޅުކަމުގެ ތަންތަނެވެ. މިސްކިތާއި ފައްޅިއެވެ. ސިޔާސަތަކީ މީހުންގެ ޖަމާއީ ހަޔާތް ހިންގާނޭ ސިޔާސަތުތައް ކަނޑައަޅާ ގޮތެވެ. ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކެވެ. މިކަމާ ދީނަކާ ގުޅެމެއް ނެތެވެ.

މިއީ ހަމަ ކަން އޮތް ގޮތް ހެއްޔެވެ؟ ނުވަތަ ކަން އޮންނަން ޖެހޭނޭ ގޮތް ހެއްޔެވެ؟ މި ލިޔުމުގައި އަލި އަޅުވާލަން ބޭނުންވަނީ މިކަމުގެ މައްޗަށެވެ. އިސްލާމް ދީނުގެ މައްޗަށް ތަރުކީޒުކޮށް، ދީނާއި ސިޔާސަތާއި ދެމެދުގައި އޮންނަ ނުވަތަ ނޯންނަ ގުޅުމުގެ މައްޗަށެވެ.

ދީނާއި ސިޔާސަތުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ އިސްލާމީ ނޫން ބައެއް 'ސެކިޔުލަރ' ގައުމުތަކުގައި ސިޔާސަތާއި ދީނުގެ ގުޅުން އޮންނަ ގޮތުގެ މައްޗަށެވެ. ހުޅަނގުގެ ބައެއް ގައުމުތަކާއި އިރުމަތީގެ ބައެއް ގައުމުތަކުގެ މައްޗަށް ވެސް ބަލާލަމުންނެވެ.

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ޔޫ.އެސް އަށް ބަލައިލަމާ ހެއްޔެވެ؟ ޔޫ.އެސްގައި 73 ޕަސަންޓު މީހުން، އެމީހުންގެ ހުވިއްޔަތު (އައިޑެންޓިޓީ) ކަނޑައަޅާލުމުގައި، އެމީހުންނަކީ ނަސާރާއިން ކަމުގައި ބުނެއެވެ. އަދި، އެމެރިކާގެ އާބާދީގެ 40 ޕަސަންޓާއި 53 ޕަސަންޓާ ދެމެދުގެ އަދަދެއްގެ މީހުން، ރައީސެއްގެ ގޮތުގައި، ލާއިލާހީ (އިލާހަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ، އެތިސްޓިކް) ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމުގައި ބުނެއެވެ. އަދި، އެމެރިކާގެ އާބާދީގެ 56 ޕަސަންޓު މީހުން ދެކޭ ގޮތުގައި ދީނީ އަސަރު މުޖުތަމައުން ފިލައިދިޔުމަކީ މުޖުތަމައުއަށް ލިބޭ ގެއްލުމެކެވެ. އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް 60 ޕަސަންޓެއްހާ މީހުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ކޮންގުރެސްގެ މެމްބަރުންގެ ގޮތުގައި ތިބެން ޖެހޭނީ ދީނީ ވަރުގަދަ އަގީދާއެއްގެ މަތީގައި ތިބޭ ބަޔެކެވެ. އެމެރިކާގެ ކޮންގުރެސްއަކީ މާލީ ގޮތުންނާއި ގާނޫނުތައް ހެދުމުގެ ގޮތުންނާއި ދިފާއީ ކަންކަން ހިންގުމުގެ ގޮތުން ވެސް އެތައް ބާރުތަކެއް ލިބިފައި އޮންނަ މުއައްސަސާއެކެވެ.

މީގެ އިތުރުން، އެމެރިކާގެ ރިއާސީ ނޫނީ އަދިވެސް އެހެން، އާންމު އިންތިޚާބުތަކުގައި، ދީނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިކަން އެންމެ ސާފުކޮށް ފެނިގެން ދިޔައީ އެމެރިކާގެ 2009 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައެވެ. މި ދެ އިންތިޚާބުގައި ވާދަކުރެއްވި އެއް ކެންޑިޑޭޓަކީ ބަރާކް ހުސައިން އޮބާމާއެވެ. އޭނާގެ ބައްޕައަކީ މުސްލިމަކަށް ވުމާއި އަދި އޭނާގެ ދެވަނަ ނަމަކަށް އާންމުކޮށް މުސްލިމުންނަށް ކިޔައި އުޅޭ އަރަބި ނަމެއް އޮތުމުން، އޭނާއަކީ މުސްލިމެއް ކަމުގައި ބެލެވުނެވެ. އަދި މިއީ އޭނާ ވެރިކަމަށް ވަޑައިގަތުމަށް އޮތް ހުރަހެއް ކަމަށް ވެސް ވިއެވެ. އެހެންވެ، ތަކުރާރުކޮށް، ވިދާޅުވެ، އޭނާއަށް ސާބިތުކޮށްދެއްވަން ޖެހިވަޑައިގަތީ އޭނާއަކީ މުސްލިމެއް ނޫން ކަމެވެ. އޭނާއަކީ ގަވާއިދުން، ކަނީސާއަށް ވަޑައިގަންނަވާ، ނަސާރާ ދީނުގެ އަހުލުވެރިއެއް ކަމެވެ.

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ދީނާއި ސިޔާސަތާއި އޮންނަ ވަރުގަދަ ގުޅުމެވެ. ސެކިޔުލަރ އެމެރިކާގައި ވެސް، އެތަނުގެ ގިނަ ބަޔެއްގެ ދީން ކަމުގައިވާ ނަސާރާ ދީނުގެ މީހެއް ނޫން މީހަކަށް، ވެރިކަމަށް އައުމަކީ ދަތި ކަމެއް ކަމުގައެވެ. މި ގުޅުން ނެތް ނަމަ، އަދި، އެމެރިކާގެ ގިނަ ބަޔަކަށް މިއީ މުހިއްމު ކަމަކަށް ނުވިނަމަ، ބަރާކް ހުސައިން އޮބާމާއަށް، އޭނާއަކީ ނަސާރާ ދީނުގެ އަހުލުވެރިޔެއްކަން، ތަކުރާރުކޮށް، ސާބިތުކޮށްދެއްވަން ޖެހިވަޑައިގަތީސް ހެއްޔެވެ؟

ދެން އިނގިރޭސި ވިލާތަށް ބަލައިލަމާ ހެއްޔެވެ؟ އިނގިރޭސި ވިލާތް، އާދެ، ޔޫ.ކޭ. ގައި ގާތްގަނޑަކަށް، އެތާނގެ އާބާދީގެ 60 ޕަސަންޓު މީހުންނަކި ނަސާރާއިން ކަމުގައި ބުނެއެވެ. އަދި، އުތުރު އަޔަރލެންޑު ފަދަ، ޔޫ.ކޭގެ ބައެއް ސަރަހައްދުތަކުގައި، މި އަދަދު 90 ޕަސަންޓަށް ވުރެ މައްޗަށް ދެއެވެ. ގާނޫނީ ސިފައެއްގައި ލިޔެވިފައި ނެތަސް، އެއްވެސް ތަނެއްގެ ރަސްކަލަކަށް ނޫނީ ރަނިކަމަނާ އަކަށް އެތަނެއްގެ މައި ދީން ކަމުގައި ބެލެވޭ ދީނުގެ މީހެއް ނޫނީ ނާދެވޭނޭ ކަމަށް ބުނެވެއެވެ.

މި އުސޫލުގެ މަތިން، އިނގިރޭސި ތަޚުތަށް ވެސް، ނަސާރާ ދީނުގެ އެންގިލިކަން މަޒްހަބުގެ މީހެއް ނޫން މީހަކަށް ނާދެވޭނޭ ކަމަށް ބެލެވެއެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތައް ބުނާ ގޮތުން، ލޭޑީ ޑަޔަނާ 'އަވަހާރަވުމުގައި' ނުވަތަ 'އަވަހާރަކޮށްލުމުގައި' އެ ކަމަނާގެ މުސްތަގުބަލުގެ ފިރިކަލުންނަކީ މުސްލިމަކަށްވުން ސަބަބަކަށް ވެއެވެ. އާދެ، މުސްތަގުބަލުގެ އިނގިރޭސި ރަސްގެފާނު، އަމީރު ވިލިޔަމްސްގެ ދޮންބައްޕާފުޅަކީ މުސްލިމަކަށް ވުމީ އިނގިރޭސީންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވަނީއެވެ. ރާވައިގެން، ގަސްދުގައި، ޑަޔަނާ އަވަހާރަކޮށްލުމުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވިޔަސް، މިވާހަކައިން، އެތައް ބައެއްގެ ގަބޫލުކުރުމަކަށް، އިޝާރަތްކުރެއެވެ. އިނގިރޭސި ރަސްކަމުގެ އާއިލާ ވާން ޖެހޭނީ ނަސާރާއިންގެ އެންގިލަކަން މަޒުހަބުގެ މީހުން ކަމުގެ ގަބޫލުކުރުމަށެވެ.

މީގެ އިތުރުން، 2011ގައި، ކިންގްސް ޖޭމްސް ބައިބަލްގެ 400 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އިހުތިފާލެއްގައި، އޭރުގެ އިނގިރޭސި ބޮޑުވަޒީރު، ޑޭވިޑް ކެމަރަން ވިދާޅުވީ އިނގިރޭސިވިލާތަކީ، އާދެ، ޔޫ.ކޭ އަކީ، ނަސްރާނީ ދައުލަތެއް ކަމެވެ. އަދި، އިނގިރޭސީންގެ ހަޔާތުގެ އަގުތައް، ވެލިޔުސްތައް، ނެގިފައިވަނީ ބައިބަލް – އެބަހީ ތައުރާތާއި، އަދިވެސް، އިހުގެ އަހުދުގައި ހިމެނޭ މުގައްދަސް ފޮތްތަކާއި އަދި އިންޖީލުން ވެސް – ކަމެވެ. އަދި، މި ހަގީގަތް ފާޅުކުރުމާ މެދު އެއްވެސް އިނގިރޭސި މުވާތިނަކު ޖެހިލުންވެ، ބިރުގަނެގެން ނުވާނޭކަން ވެސް، އޭނާ ވިދާޅުވިއެވެ. އިނގިރޭސިންގެ މުޖުތަމައީ ހަޔާތުގައި ދީނީ ޝިއާރު ފާޅުކުރުމާއި ދީނުގެ ރަސްމުތައް ފެނުމަކީ ވަރަށް ވެސް އާންމު ކަމެކެވެ. އިނގިރޭސި އާންމު އެކި އިހުތިފާލުތައް ދީނީ ރަސްމުތަކުން ފެށުމަކީ އާންމު ކަމެކެވެ. އާދެ، އިނގިރޭސި މުޖުތަމައީ ހަޔާތުގައި ދީނާއި ސިޔާސަތް ވަނީ އެއްވެ އެކުވެފައެވެ. މި ދެކަމަކީ ފަހަރެއްގައިވެސް، ކޮންމެ އެއްޗެއް އޭގެ ޖަގަހައިގައި ބޭއްވިފައޮ އޮންނަ އެއްޗަކަށް ނުވެއެވެ.

ދެން، ބައެއް އިރުމަތީ ގައުމުތަކަށް ބަލާލަމާ ހެއްޔެވެ؟ ސެކިޔުލަ ޑިމޮކުރަސީއޭ ބުނެ، އެފަދައިން ސިފަކުރެވޭ ބައެއް ގައުމުތަކެވެ. އެންމެ ފުރަތަމަ އިޒުރޭލެވެ. އިޒުރޭލުގެ ހުވިއްޔަތަކީ ވަރަށް ވެސް އާދަޔާޚިލާފު ގޮތަކަށް އޮންނަ ހުވިއްޔަތެކެވެ. ދީނާއި ގައުމިއްޔަތާއި އެކުވެ، މި ދެބައި، އޭގެ ތެރެއަށް ވިރިފައި އޮންނަ ހުވިއްޔަތެކެވެ. އެހެންވީމާ، ޔަހޫދީއެކޭ ބުނުމުން ދެ މާނަ އެކުލެވެއެވެ. ދީން ކަނޑައަޅާ މާނައަކާއި އަދި ނަސްލު ކަނޑައަޅާ މާނައެކެވެ. ބައެއް ފަހަރު، މި ދެމާނަ އެއްކޮށް ވެސް ނެގެއެވެ. އަނެއް ބައިފަހަރު، ހަމަ އެކަނި ނަސްލަށް ނިސްބަތްކޮށް، ޔަހޫދީއޭ ބުނުމުން، ވަކި ނަސްލަކަށް އިޝާރަތްކުރެވޭ މާނަ ދޭހަކުރެ ވެއެވެ.

މިގޮތުން، ދީނާއި ގައުމިއްޔަތު އެހެން އެއްވެސް ތަނެއްގައި، އެއްވެ އެކުނުވާ ދަރަޖައަކަށް ލާ މެހިފައި އޮތުމުން، އިޒުރޭލުގައި ދީނާއި ސިޔާސަތު އޮންނަނީ އެކުވެ އެއްވެފައެވެ. ދީނީ އެތައް ސިޔާސީ ޕާޓީތަކެއް އޮވެއެވެ. އަދި، ވެރިކަމުގައި، މި ޕާޓީތަކުގެ ނުފޫޒު ވަރަށް ވެސް ބޮޑެވެ. އިޒުރޭލުގެ ކެނެސެޓުގައި، ރައްޔިތުންގެ މަޖުލިހުގައި، ދީނީ އެތައް މެމްބަރުންނެއް ތިއްބަވައެވެ. އެކިއެކި ވުޒާރާތަކުގެ ވަޒީރުންގެ ގޮތުގައި ދީނީ ޕާޓީތަކުގެ މެމްބަރުން ތިއްބަވައެވެ. އިޒުރޭލުގެ ދިފާއީ މުއައްސަސާތައް ފަދަ، އެކި އެކި މުއައްސަސާތަކުގައި، ލަފާ ދިނުމުގެ ގޮތުން، ރައްބާނީން، އާދެ، ޔަހޫދީ ދީނުގެ އިލްމުވެރިން، ތިއްބަވައެވެ. އިޒުރޭލުގެ އެތައް ގާނޫނުތަކެއް، ޚާއްސަ ގޮތެއްގައި ކައިވެންޏާއި ވަރީގެ ގާނޫނުތައް، ބިނާވެފައި އޮންނަނީ 'ހަލަކާ’ގެ މައްޗަށެވެ. އާދެ، ޔަހޫދީ ދީނުގެ ދީނީ ޝަރިއަތުގެ މައްޗަށެވެ.

ފަލަސްތީނުގެ ރައީސް ޔާސިރު އަރަފާތާއި ރަބީން (ވ) ސަލާމްކުރައްވާއިރު އެމެރިކާގެ ރައީސް ކްލިންޓަން (މ)

އިޒުރޭލުގެ ބޮޑުވަޒީރެއް ކަމުގައިވި އިޒަކް ރަބީން އަވަހާރަކޮށްލީ، ޔަހޫދީ ގައުމިއްޔަތާއި ޚިލާފުވެވަޑައިގެން ކަމަށް ގަބޫލުކުރި، ޔަހުދީ ދީނުގެ މީހެކެވެ. އޭނާ އެކަމަށް ހެކި ލިބިގަތީ، ޔަހޫދީ ދީނުގެ އިލްމުވެރިންގެ ވެސް ހިތްވަރުދިނުމާއެކު، ޔަހުދީ ދީނީ ފޮތްތަކުންނެވެ. ލިޔުންތަކުގައި ރަބީންގެ ގާތިލު ސިފަކުރެވިފައިވަނީ ޔަހޫދީ ދީނުގެ ހައްދުފަހަނަޅައިފައިވާ މީހެއްކަމެވެ. މީނާގެ އަމަލާ ގިނަބަޔަކު އެއްބަސްނުވި ކަމުގައި ވިޔަސް، އޭނާގެ ދީން ކުށްވެރިކޮށް، ޔަހޫދީ ދީނަކީ ހަރުކަށި ފިކުރުގެ ދީނެއް ކަމުގައި ބަލައި، މުޖުތަމައުން އޭނާ ބޭރުކޮށެއް ނުލެވެއެވެ.

ދެން އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާއަށް ބަލާލަމާ ހެއްޔެވެ؟ އިންޑިޔާގެ ސިޔާސީ ޕާޓީތަކުގައި، އެކި ދަރަޖައަށް، ހިންދީ ދީނީ ކުލަ ޖެހިފައި ވެއެވެ. މީގެ އިތުރުން، ހިންދީ ބޮލީވުޑު ފިލްމުތަކުގައި ވެސް ހިންދީ ދީނީ ކުލަޖެހިފައި ވެއެވެ. ހިންދީ ފިލްމީ ޑިރެކްޓަރަކު ބުނެފައިވާ ގޮތުން، އެއްވެސް ފިލްމެއްގެ ތަސްވީރުކުރުން، އެކަމަށް އޮންނަ އެމީހުންގެ އިލާހަށް ޝުކުރުއަދާ ނުކޮށް ނުފެށޭނެއެވެ. އަދި އިންޑިޔާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ހިންދީ ދީނީ ކުލަ ވެރިކަން ކުރާ ޕީ.ޖޭ.ޕީ ޕާޓީގައި ވަކިން ގަދައެވެ. އެޕާޓީގެ އުސޫލުތައް ބިނާވެފައި އޮތީ ހިންދީ ގައުމިއްޔަތުގެ މައްޗަށެވެ. އިންޑިޔާގެ ގައުމިއްޔަތުގެ އަސާސަކީ ހިންދީ ދީންކަމުގެ މައްޗަށެވެ.

އިންޑިޔާގެ މިޒަމާނުގެ ބައްޕަ ކަމުގައި ބެލެވޭ މަހާތުމާ ގާނދީ އަވަހާރަކޮށްލީ ކީއްވެހެއްޔެވެ؟ ހިންދީ ގައުމިއްޔަތާ ދުރުވެވަޑައިގެން ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ތަމްސީލުކުރި ހިންދީ ދީންވެރި މީހެކެވެ. ލިޔުންތަކުގައި މި މީހާ ސިފަކުރެވެނީ ހިންދީ ދީނުގެ ހައްދުފަހަނަޅައިފައިވާ މީހެއް ކަމެވެ. ނަމަވެސް، ފަހުގެ ބައެއް ލިޔުންތަކުން، ބީ.ޖޭ.ޕީއަށް ނިސްބަތްވާ މީސްމީހުން، ގާނދީގެ ގާތިލަކީ އަދި އެކަން ރޭވުމުގައި ބައިވެރިވި މީހުންނަކީ ބަތަލުން ކަމުގައި ގަބޫލުކުރާކަން ވެސް ފެނެއެވެ. މީގެ އިތުރުން، ބީ.ޖޭ.ޕީ ފަދަ ދީނީ އަގީދާތަކުގެ މައްޗަށް ބިނާވާ ގައުމިއްޔަތްތައް ދެކެނީ، އެހެން ދީންތަކަކީ އެމީހުންނަށް އޮތް ނުރައްކަލެއް ކަމުގައެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

 

މިސާލަކަށް، ބީ.ޖޭ.ޕީ އިން ދެކޭ ގޮތުގައި، މުސްލިމުންނަކީ އެމީހުންގެ ދީނަށް އޮތް ނުރައްކަލެކެވެ. އެހެންކަމަށް ވުމުން، މުސްލިމުންނާ އިދިކޮޅު ފިޔަވަޅުތައް، އެ ޕާޓީން އަޅަމުން ދެއެވެ. މިސާލަކަށް، ބީ.ޖޭ.ޕީން، އިސްނަގައިގެން، މީސްމީހުނަށް ރަށްވެހިކަން ދިނުމާ ބެހޭ ގޮތުން ފާސްކުރެވުނު ގާނޫނެވެ. އިންޑިޔާގެ ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ހިންގާ ހަރަކާތްތަކެވެ. އަދި، ޕީ.ޖޭ.ޕީގެ ސަރުކާރުތަކުގެ ތާއީދާއެކު، ގެރި ކަތިލުމުގެ ތުހުމަތުގައި، ހިންދީ އެކިއެކި ފަރުދުން އަމިއްލައަށް، މުސްލިމުންނަށް ހަމަލާދީ މުސްލިމުން މެރުމުގެ ހާދިސާތަކެވެ. ދާދި ފަހުން، ބީ.ޖޭ.ޕީ.ގެ ވެރިޔަކު، އަލުހާ އީދުގައި، މުސްލިމުން އުލުހިޔާ ކަތިލުމުގެ ބަދަލުގައި، މުސްލިމުންގެ ދަރިން ކަތިލުމަށް ގޮވާލި ގޮވާލުމުން ވެސް މިކަން ފެނިގެންދެއެވެ.

މަތީގައި ބަޔާން ކުރެވިދިޔަ މިސާލުތަކުގައި މުޅިން ވެސް ގެނެސް ދެވިފައިވަނީ، 'ސެކިޔުލަރ' ޑިމޮކުރަސީ’ގެ ގޮތުގައި ސިފަކުރެވޭ ދައުލަތްތަކެވެ. މަތީގައި ބަޔާންކުރެވި ދިޔަ ބަޔާނުން ފެންނަ ގޮތުގައި، މި ދައުލަތްތަކުގައި ހަގީގަތުގައި ކަންކަން ހިނގަނީ ދީނާ ސިޔާސަތުގެ ވަކިކުރެވިގެންނެއް ނޫނެވެ. ދެން، އިސްލާމް ދީނާއި ސިޔާސަތުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

މިވާހަކަތަކަށް ދިޔުމުގެ ކުރިން، މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. 'ސެކިޔުލަރިޒިމް’ގެ މާނައެވެ. ސެކިޔުލަރިޒަމް ނުވަތަ، ދިވެހި ބަޔެއް ލިޔުންތަކުން ފެންނަ އިބާރަތް ބޭނުން ކުރާނަމަ، 'އަލްމާނިއްޔަތު’، މި ލަފްޒު ތަފާތު މާނަތަކުގައި ބޭނުންކުރެވެއެވެ. ދީނާއި ދުނިޔޭގެ ކަންތައް ވަކިކުރުމުގެ މާނައެވެ. ދީނީ ކަންތައްތައް ބިނާވަނީ ވަހީގެ މައްޗަށް ކަމަށްވާއިރު، ދުނިޔޭގެ ކަންތައްތައް ބިނާވާން ޖެހޭނީ ބުއްދީގެ ބާރުގެ މައްޗަށް ކަމުގެ މާނައެވެ. ދީނީ ކަންކަން ހިންގުމެ މުއައްސަސާއާއި ދުނިޔަވީ ކަންކަން ހިންގުމުގެ މުއައްސަސާގެ ބާރުތައް ވަކިކުރުމެވެ. އާދެ، ހުޅަނގުގައި، މީގެ މާނައަކީ ކަނީސާގެ ބާރުތަކާއި ސަރުކާރުގެ ބާރުތައް ވަކިކުރުމެވެ. މީގެ އިތުރު، ކުޑަ ނަމަވެސް، ތަފްސީލެއް ބޭނުން ވެއެވެ. މައްސަލަ ރަނގަޅަށް ފަހުމްވެދިޔުމަށްޓަކައެވެ.

ފަރަންސޭސި އިންގިލާބަށް ބަލައިލުމުން، މި ނަންގަތް ދެ މުއައްސަސީ ބާރުގެ ދަށުގައިވީ ބާރުތައް ވަކިކުރުން ސާފުކޮށް ފެނިގެން ދެއެވެ. ފަރަންސޭސި އިންގިލާބު ކުރިން، ހުޅަނގުގެ އެތައް ގައުމުތަކެއްގައި ކަންތައް އޮތް ފަދައިން، ކަނީސާއަށް ތަފާތު ބާރުތަކެއް ލިބިފައި އޮތެވެ. ތައުލީމުގެ މަންހަޖު ކަނޑައަޅައި ތައުލީމު ދިނުމުގެ ބާރެވެ. ޓެކެސް ނެގުމުގެ ބާރެވެ. ރޯމުގެ ޕޯޕު، ފަރަންސޭސި ކަނީސާއަށް ބާރު ފޯރުވުމެވެ. ފަރަންސޭސި އިންގިލާބަށް ފަހު، މިބާރުތަކަކީ މަދަނީ، އެބަހީ ސަރުކާރުގެ، ބާރުތަކެއްގެ ގޮތުގައި ކަނޑައަޅާލެވުނެވެ. ތައުލީމީ ކަންތައްތައް ކަނޑައަޅައި ހިންގުމާއި، ޓެކްސް ނެގުމާއި، ގާނޫނީ މީހުން ތައްޔާރުކޮށް، އެމީހުންނަށް ވަޒީފާ ދިނުމާއި، އަދި، ޚުދް، ކަނީސާގެ ޚަރަދުތައް ވެސް ކުރުމަކީ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަން ޖެހޭނޭ ކަންކަމުގައި ކަނޑައަޅާލިއެވެ. މީގެ ބޭނުމަކީ، ދައުލަތެއްގެ ތެރޭގައި ދެ ދައުލަތެއް، – ދީނީ، ކަނީސާގެ، ދައުލަތަކާއި މަދަނީ، ސަރުކާރުގެ ބާރުތަކެއް އެކުލެވޭ ދައުލަތެއް – އޮތުމަ ނުދިނުމެވެ. ދީނާއި އިދި ކޮޅުވުމެއް ނޫނެވެ. ފަރަންސޭސި އިންގިލާބުގެ އެންމެ ފަހުގެ ގާނޫނު އަސާސީ، 'ނެޕޯލިޔަންގެ ގަވާއިދު، މިއިން މިކަން އެނގެއެވެ. އެ ގަވާއިދުގައި، ފަރަންސޭސީ މުޖުތަމައުގެ އަޣުލަބިއްޔަތަކީ ނަސާރާ ދީނުގެ ކެތޮލިކް މަޒްހަބުގެ މީހުން ކަމުގައި ކަނޑައެޅުނެވެ.

މި މަގާމުގައި ވަރަށް ވެސް އާދަޔާ ޚިލާފު ވާހަކައެއް ވެސް ލިޔެލަން ޖެހެއެވެ. ފަލްސަފީ ފިކުރެއްގެ ހައިސިއްޔަތުން، އަލްމާނިއްޔަތުގެ ތާރީޚަށް ބަލާލާއިރު، ހުޅަނގުގައި މި ފިކުރުގެ އަސްލު ގުޅުވަނީ މުސްލިމު ފަލްސަފާވެރިޔަކާއެވެ. އާދެ، އިބްނު ރުޝްދާއެވެ. އިބްނު ރުޝްދަކީ ދީނީ ފިކުރާއި އަލްމާނީ ފިކުރު، އާދެ، ދީނީ ނޫން ފިކުރު، އެންމެ ފުރަތަމަ ވަކިކުރި ފަލްސަފާވެރިޔާގެ ގޮތުގައި ހުޅަނގުގައި ބެލެވޭ ފަލްސަފާވެރިޔާއެވެ. ދެން ފަހުން، ފަލްސަފީ މަދަރުސާއެއްކަމުގައިވާ 'އެވޮރޯސްގެ' އާދެ، އިބްނު ރުޝްދުގެ  މަދަރުސާއިން މިފިކުރު އިތުރަށް ތަރައްގީކުރެވުނެވެ. އިސްލާމީ ދުނިޔޭގައި އިބްނު ރުޝްދު މަޝްހޫރުވެފައި ވަނީ ފިގުހުވެރިޔެއްގެ ގޮތުގައެވެ. އަދިވެސް، ފިގުހު މުގާރަނުގެ މައިދާނުގައި، އާދެ، ފިގުހީ މަޒުހަބުތައް އަޅާކިޔުއްވައި އޭނާ ލިޔުއްވި ބިދާޔަތު އަލް މުޖުތަހިދު، މި ފޮތް، އަދުގެ އިސްލާމީ ޔުނިވަރސިޓީތަކުގައި ކިޔަވައިދެވެއެވެ.

ޝައްކެއް ނެތް ގޮތުގައި، ބައެއް ފަހަރު، އަލްމާނިއްޔަތަކީ ދީނާ ދިމާ އިދިކޮޅު ފިކުރެއްގެ ގޮތުގައި ވެސް، މާނަކުރެވެއެވެ. މީގެ އެންމެ ރަނގަޅު މިސާލެއް، މިޒަމާނުގެ ތާރީޚުން ފެނިގެން ދިޔައީ އިހުގެ ސޯވިއެޓް ޔުނިއަންއިންނެވެ.  ސޯވިއެޓް ޔުނިއަން ފާހަގަކުރެވުނީ ފާޅު ގޮތެއްގައި ދީނާ އިދިކޮޅު އަދި، ދީނާ ހަނގުރާމަކުރި ކޮމިޔުނިސްޓު ދައުލަތެއްގެ ގޮތުގައެވެ. ދީން މަނާކުރި، އަދި ކަނީސާތައް ފަދަ ދީނީ ތަންތަން ނައްތާލި ދައުލަތެއްގެ ގޮތުގައެވެ. ނަމަވެސް، މީގެ މާނައަކީ، މަތީގައި ފެނިގެން ދިޔަހެން، ޑިމޮކުރަސީއާއި ސެކިޔުލަރިޒްގެ ގޮތުގައި ސިފަކުރެވޭ ހުރިހާ ތަންތަނަކީ ދީނާ އިދިކޮޅު ދީނާ ހަނގުރާމަކުރާ ތަންތަން ނޫންކަމެވެ. އަދި، މައިގަނޑުގޮތެއްގައި، މިފަދަ ގޮތެއްގައި ދައުލަތްތައް ސިފަކުރެވެނީ، ކުރިން ނަންގަތް ހެން، އެއް ދައުލަތެއްގެ ތެރޭގައި ސިޔާސީ ދެބާރެއް އޮތުނަ ނުދިނުމަށްޓަކައެވެ.

 

ދެން އިސްލާމް ދީނާއި ސިޔާސަތާއި ދެމެދުގެ ގުޅުމުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އިސްލާމް ދީނުގައި ދީނާއި ސިޔާސަތު އޮންނަނީ ލާމެހިފައެވެ. ނަމަވެސް، މިކަމުގެ ހަގީގަތް ދެނެގަތުމައްޓަކައި، މިލާމެހިފައި އޮންނަ އޮތުމުގެ ތަބީއަތުގެ މައްޗަށް ބަލާލަން ޖެހެއެވެ. އިސްލާމް ދީނުގެ އުނގަންނައިދިނުމުގެ މައްޗަށް ބަލާލުމުން، މި ގުޅުމުގެ ތަބީއަތް ސާފުވެދެއެވެ.

އިސްލާމް ދީނުގެ އުނގަންނައިދިނުންތައް ދެބަޔަކަށް ބަހާލެވެއެވެ. ފަރުދީ ބަޔަކާއި މުޖުތަމައީ ބައެކެވެ. މާނައަކީ ފަރުދުންގެ ހަޔާތާއި ގުޅޭ ބަޔަކާއި މުޖުތަމައުގެ ހަޔާތާއި ގުޅޭ ބަޔެކެވެ. ފަރުދުންގެ ހަޔާތުގެ ބައި ގުޅެނީ އެމީހުންގެ ހަޔާތް، މާތްކަލާނގެއަށް އީމާންވާ، އަދި އެ އީމާންކަންމަތީ ބިނާކުރެވޭ މާތް އަޚުލާގީ ބިންގަލެއްގެ މަތީގައި ގާއިމުކުރުމާއެވެ. އާދެ، މިބައި ގުޅެނީ ފަރުދީ އިސްލާހާއެވެ. މިބައިގައި އަޅުކަމާއި ގުޅޭ ޚާއްސަ ރަސްމުތައް ހިމެނެއެވެ. މިސާލަކަށް ނަމާދުކުރުމާއި ރޯދަ ހިފުމެވެ. މީގެ އިތުރުން ހަލާލާއި ހަރާން ވަކިކޮށް ކަނޑައަޅާލަދޭ ބައިވެސް ހިމެނެއެވެ. އިސްލާމީ ތައުލީމާތުގެ މުޖުތަމައީ ބައި ގުޅެނީ މުސްލިމުންގެ މުޖުތަމައުގެ ކަންކަން ހިންގާލާނެ ގޮތާއެވެ. މި ގޮތުގެ މަގުސަދަކަށް ކަނޑައެޅިފައި އޮތީ ހަމަހަމަކަމާއި އަދުލުވެރި މުޖުތަމައުއެއް ބިނާކުރުމުގެ އަމާޒުފަތް ގަނޑާ ހަމައަށް މުޖުތަމައު ގެންދިޔުމެވެ.

މި ދެބަޔަށް ބަލާލާއިރު ފުރަތަމަ ބައި، އާދެ، ފަރުދުންގެ އިސްލާހާއި ބެހޭ ބައި، މިބަޔާއި ދީނާއި ގުޅެނީ ސޫރީ (ފޯމަލް) ސިފައެއްގައެވެ. މާނައަކީ ހެޔޮލަފާ މީހަކަށް ވުމުގެ ގޮތުން ސޫރީކަންތައްތަކެއް އަދާކުރަން ޖެހުމެވެ. ކުރިން ވެސް ބުނިފަދައިން ނަމާދުކުރުމާއި ރޯދަހިފުން ކަހަލަ ކަންކަމެވެ. ސޫރީ ކަންކަމޭ ބުނެވެނީ މިފަދަ ކަންކަން އަދާކުރެވެނީ ކަނޑައެޅިފައި އޮންނަ ސޫރައެއްގެ (ފޯމް) މަތިންނެވެ. މިސާލަކަށް، ނަމާދަށް ބަލާލާ ނަމަ، މިކަން އަދާކުރެވެނީ ކަނޑައެޅިފައި އޮންނަ ކިޔުންތަކަކާއި ހަރަކާތްތަކެއް މެދުވެރިވެގެންނެވެ. މީގެ އިތުރުން، ކުރިންވެސް ބުނެވިދިޔަ ފަދައިން، މިބައިގެ ތެރޭގައި ނުކުރަން ކަނޑައެޅިފައިވާ، އާދެ، ހަރާން ކަންތައްތަކެއް ވެސް ހިމެނެއެވެ. މި ސޫރީ ކަންކަމުގެ ޒަރިއްޔާއިން، މުއުމިނާގެ ނަފްސުގައި އީމާންކަމުގެ ހުޅުކޮށް ރޯކޮށް، އެ ހުޅުކޮޅުގެ އެހީގައި، ތެދުވެރިވުމާއި، އަމާނަތްތެރިވުމާއި، އަނެއްކުންނަށް ކަމޭހިތައި އަޅާލުންފަދަ އަޚުލާގީ ރިވެތި ސިފަތައް ލިބިގަތުމުގެ މަސައްކަތް ކުރުމުގައި ދެމިތިބެން ޖެހެއެވެ. ދީނީ ތައުލީމާތުގެ މި ބަޔަށް ޚާލިސް ދީނީ ބަޔޭ ކިޔެއެވެ. މިބައި ގުޅެނީ އިންސާނީ ނަފްސީ ހާލަތާކަމުން، (ހިޔުމަން ކޮންޑިޝަން) ދީނުގެ މިބަޔަކަށް، ތަނާއި ވަގުތަށް ރިއާޔަތްކޮށް ބަދަލެއް ނާންނާނެއެވެ. އާދެ، އިންސާނާގެ ނަފްސީ ހާލަތަކީ، އިންސާނާ އުފެދިފައިވާ ގޮތަކީ، އެހާލަތަށް، ފަހަރެއްގައި ވެސް ބަދަލެއް އަންނާނޭ ހާލަތަކަށް ނުވުމުންނެވެ.

މިއާ ތަފާތުކޮށް، އިސްލާމް ދީނުގެ މުޖުތަމައީ ތައުލީމާތުތަކާއި ދީނާއި ގުޅެނީ ދެންމެ މިނަންގަތް ފަދަ ސޫރީ ސިފައެއްގައެއް ނޫނެވެ. އެކަން ގުޅެނީ މަބްދައީ ނުވަތަ އުސޫލީ (ޕްރިންސިޕަލް-ބޭސްޑް) ސިފައެއްގައެވެ. މިބައިގައި ހިމެނޭ ތައުލީމާތުތަކުގައި، ހުކުމުތަކުގައި، ބާރު އެޅިފައިވަނީ އެހުކުމްތަކުގެ ސޫރަތަކުގެ މައްޗަކަށް ނޫނެވެ. ނަމަވެސް، އެހުކުމްތަކުން، ގަސްދުކުރެވޭ މަގުސަދު ހާސިލުކުރުމުގެ މައްޗަށެވެ. މިސާލަކަށް، ތަރިކަ މުދާ ބެހުމުގެ މައްސަލައަށް ބަލާލާއިރު، ކީރިތި ޤުރުއާނުގައި ދެ ގޮތަކަށް ހުކުމްތައް އައިސްފައި ވެއެވެ. އަދުލު އިންސާފުވެރިކަމުގެ މައްޗަށް ބިނާވާ، ވަސިއްޔަތެއް ލިޔެ، އެކަމުގެ މައްޗަށް ބިނާވެ ތަރިކަމުދާ ބަހާލުމެވެ. ބަޤަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ވަނަ އާޔަތުގައި އޮތް ފަދައިންނެވެ. މީގެ އިތުރުން، ވާރުތަވެރިންނާއި އަދި، އެމީހުންނަށް ހައްގު މިންވަރު ކަނޑައެޅިފައި ވެސް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި ވެއެވެ.

ނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި އަދި 176 ވަނަ އާޔަތާއި މިތިން އާޔަތުގައެވެ. ނަމަވެސް، މި އާޔަތްތަކުގައި ވެސް، އިސްކަން ދެވިފައިވަނީ ވަސިއްޔަތެއް ލިޔެވިފައި އޮތް ނަމަ، އޭގެމައްޗަށް ބިނާކޮށް، ތަރިކަ މުދާ ބެހުމަށެވެ. މިކަންކަން ހަމަ ޖެހިފައި އޮތީ ކީރިތި ގުރުއާން ބާވާލެއްވުނު އިރު، މުޖުތަމައުގައި ކަންކަން އޮތް ގޮތުގެ މައްޗަށް ބަލައި، އަދުލު އިންސާފު ގާއިމު ކުރުމުގެ މަގުސަދުގައެވެ. މިސާލަކަށް، އަންހެނުންނަކީ އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ނުކުރާ ބައެއް ކަމަށް ބަލައި، އަދި، އެމީހުންނަކީ އެހެން މީހުން ބަލަން ޖެހޭ ބަޔެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންނެވެ. މީގެ މާނައަކީ، މުޖުތަމައެއްގައި ހުރިހާ ޒަމާނެއްގައި އަދި ހުރިހާ ތަނެއްގައި ކޮންމެހެން، މިހެން ކަންތައް އޮންނަން ޖެހޭނޭ ވާހަކައެއް ނޫނެވެ. އަންހެނުންނަކީ ވެސް މަސައްކަތްކޮށް އާމްދަނީ ހޯދާ ބަޔަކަށް ވެފައި، އެމީހުންނަށް، އެހެން މީހުންނަށް ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި އޮތުމުން، ކީރިތި ޤުރުއާނުގެ މިފަދަ ތައުލީމާތުތަކުން ހަގީގަތަކަށް ހަދާލަން ބޭނުންވާ އަދުލު އިންސާފުގެ މަގުސަދު ހަގީގަތަކަށް ހަދައެއް ނުލެވެއެވެ.

ނަމަވެސް، ކީރިތި ޤުރުއާނުގެ މުޖުތަމައީ މިފަދަ ތައުލީމާތުތަކަށް ބަލައިލުމުން، އަދި، އެންމެ އިހުގެ އަސްހާބު ބޭކަލުން އަމަލުކުރެއްވި ގޮތުގެ މައްޗަށް ވެސް ބަލާލުމުން އެނގޭކަމަކީ މިފަދަ މުޖުތަމައީ ތައުލީމާތުތަކާ ބެހޭ އާޔަތްތައް ބަޔާންކުރެވިފައި އޮތީ، އިހުގެ އިލްމުވެރިން، އެބޭކަލުންގެ ވިސްނުމާއި އަދި މުޖުތަމައުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށް ރިއާޔަތްކޮށް އެއާޔަތްތައް މާނަކުރެއްވި ގޮތަށް، އަދުގެ މުޖުތަމައުއަށް އެއާޔަތްތައް ފައްތައި، މިއަދު އެއާޔަތްތައް އަލުން މާނަ ކުރަން ކުރިމަތިލާ ބަޔަކަށް، އެކަން ކުރެވޭނޭ ސިފައެއްގައެވެ.

ހަމަ މިފަދަ ގޮތެއްގައި އިސްލާމީ ފިގުހުގައި ހުދޫދުގެ ނަމުން ނަންދެވޭ އުގޫބާތުގެ މައްޗަށް ވެސް ބަލާލެވިދާނެއެވެ. މުޖުތަމައީ މި ތައުލީމާތުތައް ވެސް ދީނާ ގުޅެނީ ސޫރީ ސިފައެއްގައެއް ނޫނެވެ. މަބްދައީ، އުސޫލީ ސިފައެއްގައެވެ. މުޖުތަމައު އިސްލާމީ ވަނީ، އަތް ކެނޑުމާއި މީހުން މެރުމާއި ހައްދު ޖެހުމަކުން ނޫނެވެ. މުޖުތަމައު އިސްލާމީ ވަނީ މިކަންކަމުން ގަސްދުކުރެވޭ މަގުސަދުކަމުގައިވާ އަދުލު އިންސާފު ގާއުމުކުރެވިގެންނެވެ. ކީރިތި ޤުރުއާނުގެ ނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. ކަލޭމެން މުސްލިމުންނަށް، މާތްކަލާނގެ އަމުރުފުޅުކުރައްވަނީ އަދުލުވެރިވުމަށެވެ. މިއާޔަތުގައެވެ.

އާދެ، މުޖުތަމައީ ހުކުމްތަކުގެ މަގުސަދަކީ އަދުލުއިންސާފު ހިންގާލުމެވެ. އެހެންވެ، ކީރިތި ޤުރުއާނުގައި މިފަދަ އާޔަތްތައް އިބާރާތްކުރެވިފައި ވަނީ، އެއާޔަތްތަކުގައި ވާ ސޫރައަށް ބާރު ދިނުމަށްވުރެ ބޮޑަށް، އެ އާޔަތްތަކުން ގަސްދުކުރެވޭ އުސޫލުތަކަށް ބާރު ދީފައެވެ. މިކަމުގެ ހެކިތައް، ޚުދް ކީރިތި ގުރުއާނުންނާއި އަދި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސުންނަތުންނާއި އަދި، އަސްހާބު ބޭކަލުންގެ އަމަލުފުޅުތަކުންނާއި، އިސްލަމީ ފިގުހު އުފެދުމުގެ ކުރީގެ ދުވަސްތަކުގައި މުސްލިމުންގެ އިލްމުވެރިންގެ މެދުގައި ކުރެވުނު ބަހުސްތަކުން ފެންނަން އެބަ އޮތެވެ. އަދި، ޚުދް، އިސްލާމީ ފިގުހުން ވެސް މިކަން ފެންނަން އޮވެއެވެ. މީގެ ތަފްސީލަށް މިމަގާމުގައި ދެވޭކަށް ނެތެވެ. ނަމަވެސް، މިކަމުގެ ތެރެއަށް ވަންނަން ބޭނުން ކޮންމެ ބޭފުޅަކަށް ވެސް، މީގެ ތަފްސީލާއި އަދި މިކަމާ ބެހޭ ބައެއް ލިޔުންތައް ހިއްސާކޮށްލެވިދާނެއެވެ.

މިއިން އެނގެނީ، އިސްލާމް ދީނާއި ސިޔާސަތާއި އާދެ، މުޖުތަމައުގެ ކަންކަން ހިންގުމަށް ކަނޑައެޅޭ ގޮތްތަކާއި ގުޅުން އޮތްކަމެވެ. އެ ގުޅުމަކީ ތެލާއި ފެނުގެ ގުޅުން ފަދަ ގުޅުމެއް ނޫންކަމެވެ. އިސްލާމް ދީނުގައި ދީނާއި ސިޔާސަތާއި ގުޅުން އޮތް ކަމުގައި ވިޔަސް، މިގުޅުމަކީ ސޫރީ ގުޅުމެއް ނޫނެވެ. މިގުޅުން ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ. ހަމަހަމަ ކަމާއި އަދުލު އިންސާފުގެ އުސޫލުތަކުގެ މައްޗަށެވެ. އެހެންވެ، އަދުގައި، އިސްލާމް ދީނާއި ސިޔާސަތުގެ ގުޅުމުގެ ވާހަކަދައްކާއިރު، މި މައްސަލަ އިތުރަށް ދިރާސާކޮށް ބަހުސްކުރަން ޖެހެއެވެ. ފަހަރެއްގައި ވެސް، އިސްލާމީ ފިގުހު އަދު އޮތީ، އޭގެ ހުރިހާ ތައުލީމާތުތަކެއް، އޭގައި ހުރި ސިފައިގައި، އަދުގެ މުޖުތަމައުގައި ހިންގާލެވޭ ފަދަ ގޮތެއްގައެއް ނޫނެވެ. އިސްލާމީ ތައުލީމާތުތައް، އިހުގެ ލިޔުންތަކުގެ ވެސް އެހީގައި، މުސްތަގިއްލު ގޮތެއްގައި، އަދުގެ ދުނިޔޭގެ މުސްލިމު މުޖުތަމައީ ހާލަތަށް ވެސް ރިއާޔަތްކޮށް، އިސްލާމީ ފިގުހު އިތުރަށް ތަރައްގީކުރަން ޖެހެއެވެ.

އިހުގައި ކަން އޮތް ގޮތާއި ތަފާތު ޚިޔާލެއް މީހަކު ފާޅުކުރާއިރަށް، އެމީހަކު، ކާފަރުކޮށް، ދީނުން ބޭރުނުކޮށް، އެމީހަކު ކިޔާއެއްޗަކާ މެދުވެސް ވިސްނާލައިގެންނެވެ. މި މަސައްކަތަކީ މީގެ ދޮޅު ގަރުނެއްހާ ދުވަސްކުރިން ފެށިގެން މުސްލިމުންގެ މެދުގައި ކުރެވެމުން އަންނަ މަސައްކަތެކެވެ. މިސާލެއްގެ ގޮތުން އައްލާމާ އިގުބާލުގެ ރިކޮންސްޓުރަކްޝަން އޮފް އިސްލާމިކް ރެލިޖަސް ތޯޓު، މިފޮތް ބަލާލާށެވެ. މި ނަންގަތް ފިގުހީ ތަޖުދީދު، އާކުރުން، މި މަސައްކަތް ކުރުމުގެ އިލްމީ އަދި ފިކުރީ އޮށް، މިފޮތުގައި އިންދިފައި ވެއެވެ. މިކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދަނީ، ޚުދް މުސްލިމުންގެ ސަބަބުންނެވެ. މުސްލިމުންގެ ޒިހުނީ ކަންނެއް ކަމުންނެވެ. އަޅުގަނޑުމެންގެ މުޖުތަމައުތައް ހަގީގަތުގައި ވެސް އިސްލާމީ މުޖުތަމައުތަކަކަށް ހަދާލަން ބޭނުންނަމަ، މި ފިކުރީ މަސައްކަތް ކުރިއަށް ގެންދަން ޖެހެއެވެ. މިކަން ކުރުމުގެ އިލްމީ އަދި ޒިހުނީ ގާބިލުކަން ހުރި މީހުން އުފައްދަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މިދިވެހިބިމުގައި މިވަވުތު ހުންނެވި އެންމެ މައުލޫމާތު ގިނަބޭފުޅެއްކަން އަޅުގަނޑު ގަބޫލުކުރާނީ. ނަމުގެ ކުރިޔަށް "އަލްޢައްލާމާ" މިލަޤަބު ދޭން ހަމަ ހައްޤު ބޭފުޅެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *