Support Us

ރިޔާސީ އިންތިހާބު 2023:

ކޮންމެ ސަރުކާރަކަށްވެސް އަޅުގަނޑު ނުބައިވަނީ ހިތުހުރި ގޮތަކަށް ކަންކުރަަން ފެށީމަ ނޫނެކޭ ބުނާތީ: ގާސިމް

ކޮންމެ ސަރުކާރަކަށް ވެސް އެ މަނިކުފާނު ނުބައިވަނީ ސަރުކާރުން ހިތު ހުރިހައި ގޮތަކަށް ކަންކަން ކުރަން ފެށީމައި އެކަމަށް ނޫނެކޭ ވިދާޅުވާތީ ކަމަށްް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާާހިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ. ގޮއިދޫގައި ވާހަކަދައްކަވަމުން ގާސިމް އިއްޔެ ވިދާޅުވީ ސަރުކާރުތަކުން ގާނޫނު އަސާސީއާއި އިސްލާމްދީނާއި ދިވެހި ރާއްޖޭގައި އޮތް މިނިވަންކަމާ ތޮޅެން ފެށީމައި އަދި ހަމަ ކޮންމެ ގޮތެއް ހަދާފައި ވެސް ދެވަނަ ފަހަރަށް ވެސް ވެރިކަމަށް އަންނަން ބޭނުންވީމަ އެކަމަށް ނޫނެކޭ ވިދާޅުވާންޖެހޭ ކަމަށެވެ.

"މައްސަލައެއް ނެތޭ ދެ ދައުރަށް ވެސް އަންނަންވީ، ހަ ދައުރަށް ވެސް ހުންނަންވީ. އެކަމަކު ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން އިސްލާމް ދީނަށް ހުރުމަތްކޮށް ހިތައިގެން ކުރަންޖެހޭ ކަންކަން ކުރާނަމަ އަޅުގަނޑުގެ މައްސަަލައެއް ނެތް. ގާނޫނު އަސާސީގައި އޮތީ ދެ ދައުރު ގިނަވެގެން ވިދިވިދިގެން ކުރެވޭނީ. އެކަމު އެ ބަދަލުކޮށްގެން ވެސް އަޅުގަނޑުމެންގެ މައްސަލައެއް ނެތޭ ކުރަންވީއޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމަކީ 2013 ވަނަ އަހަރުގެ ރައީސް ކަމަށް ޕ.ީޕ.ީއެމްގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، 2018 ވަނަ އަހަރުގެ ރައީސް ކަމަށް އެމް.ޑީ.ޕީގެ އިބްރާހިމް މުހައްމަދު ސޯލިހު ގެނައުމަށް ކޯލީޝަން ހައްދަވައިގެން މަސައްކަތް ކުރެއްވި، ސިޔާސީ ތަޖުރިބާކާރެކެވެ.

"ގައުމީ ކެންޑިޑޭޓު"ގެ ނަމުގައި ކެމްޕޭން ކުރައްވަމުން ގާސިމްގެ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކޮބައިތޯ އާއި ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބި ދިވެހި ސިފައިންނަށް ނުވަދެވޭ ގޮތަކަށް ތަނެއް ހުރުމަކީ ރަނގަޅު ގޮތެއްތޯ ސުވާލުކުރެއްވި އެވެ. އަދިި އެއީ ރަނގަޅު ކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލް ނުކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ދެ ހާސް އަށަކުން ފެށިގެން ތިން ރައީސަކު މުލީއާގެއަށް ވަދެވަޑައިގަތުމަށް އެހީތެރިވެދެއްވުމަށްފަހު މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމް ނުކެވަޑައިގެން ހުންނެވީ ދިވެހި ގައުމުގެ އިއްޒަތާއި ޝަރަފާއި ކަރާމަތާއި ދިވެހި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކުރުމުގެ ކުޑަވެސް މިންވަރެއް މިއަދު އޮތް ކަމަށް ދެކެވަޑައިނުގެންނަވާތީ އާއި އެކަންކަން ރަނގަޅުކުރުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި ކަންކަމަށް މި ސަރުކާރުން އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަކި ގައުމަކުން ރައީސް ސޯލިހް ކޮންމެހެނެއް ހަދާފައި ނަމަވެސް ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ކުންފުނިތައް ބޭންކްރަޕްޓްވެފައި އޮތަސް ފޫގޮސްފައި އޮތަސް އެބަޖެހޭ ކޮންމެވެސް ތާކުން ލާރި ގެނެސްގެން ނަމަވެސް ގިނަ މީހުންގެ ސިކުނޑި ހަލާކުކޮށްލާ ހަރާބުކޮށްލާ އެންމެ ރަނގަޅު ވެރިއަކަށް މީނަ ވާކަން ދައްކައިގެން ނަމަވެސް އަޅުގަނޑުމެންގެ އޮތް އަމާންކަމާއި އަޅުގަނޑުމެންގެ އޮތް މިނިވަންކަމުގެ ތެރެއަށް އަތްބާނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވައިފިނަމަ ނަމަ ދިވެހި ރާއްޖޭގައި އަމާންކަމާއި މިނިވަން ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ގާސިމާ މެދު ކަންތައް ކުރި ގޮތުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހަމައެއް ލަމައެއް ނެތި ކަންތައް ކުރަމުން، ދައުލަތުގެ މިލްކިއްޔާތު ރޫޅަމުން ދިޔައިރު ތަފާތު ގޮތްގޮތުން އެކިއެކި ފަރާތްތަކަށް ތަހައްމަލް ނުކުރެވޭ ފަދަ ކެކުޅުމާއި ވޭން ލިބެމުން ދިޔަ ކަމަށާއި ގާސިމަކީ ވެސް އޭގެ ތެރެއިން އެކެއް ކަމަށެވެ.

"ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރަން ފެށީމަ އަޅުގަނޑުމެންނަށް ނުހުރެވެނީ. ނުހުރެވުނީމަ އެއޮތީ އަޅުގަނޑު ޖަލަށްލާފައި. އެ ހިސާބުން އަޅުގަނޑުގެ އަނބިދަރިންނާއި އަޅުގަނޑު ޖަލަށްލާ. ކީއްކުރަންތޯ؟ ވެރިކަމަށް ނިކުންނަން މީހަކު ހިޔާރުކުރި މީހަކު ވެސް ޖަލަށް. ހިތުގައި އޮތް ކަމަށް ވިޔަސް ޖަލަށް،" ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *