Support Us

ރައީސް ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް (ވ)
ރިޔާސީ އިންތިހާބު 2023:

ކޯލިޝަން އެއްބަސްވުމާ ސަރުކާރުން ހިލާފުވިޔަސް ޖޭޕީން ކުރިއަށްދަނީ ގައުމު ހަމަނުޖެހުމަކަށް ނުގެންދާން: ގާސިމް

ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އެ ސަރުކާރަކުން ކަންތައްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް އެޕާޓީން އަބަދުވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދަނީ ގައުމު ހަމަނުޖެހުމަކާ ހަމައަށް ނުގެންދަން ވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް "ގާސިމްގެ ތަސައްވަރު 2023″ އަށް ދެއްވި އިންޓަވިއުއެއްގައި، ވެރިކަން ކުރާ އެމްޑީޕީއާ އެކު ކޯޝަންގައި އޮންނަވައި ސެޕްތެމްބަރު 9 ގެ ރިޔާސީ އިންތިހާބުގައި އަމިއްލަފުޅަށް ވާދަކުރައްވަން ނިންމެވި ގޮތާ މެދު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ކޯލިޝަނުންގައި އޭރު އޮތް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތު ޕާޓީން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރަމުން ގެންދަނިކޮށް ޕާޓީތަކުގެ ލީޑަރުން ޖަލަށްލިކަން ގާސިމް ފާހަގަކުރެއްވި އެވެ. ނަމަވެސް ގާސިމަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުން ޖަލަށް ނުލެވުނު ކަމަށާއި ރާއްޖޭން ބޭރުގައި ހުންނަވައިގެން ވެސް އެ އިންތިހާބު ކޯލިޝަނަށް ކާމިޔާބު ކޮށްދެއްވުމަށް އިސްކޮށް ހުންނަވައިގެން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ވަރަށް ގިނަ މެމްބަރުންތަކެއް ކުރި ބުރަ މަސައްކަތާ ވެސް އެކުގައި ކަމަށެވެ. ނަމަވެސް އެމްޑީޕީއާ އެކު ޖޭޕީން ހެދި ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން އަމަލްކުރަމުން ނުދާކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކޯލިޝަނުން އެއްބަސްވި ގޮތަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އެ މެމްބަރުން ހިމެނޭ ދާއިރާތަކަށް ކުރިމަތިލާން ފުރުސަތު ނުލިބުނު ކަމަށާއި އެމްޑީޕީން 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއެއް ދޫކޮށްލަން އަދި ދޭން ވެސް ބޭނުންނުވި ކަމަށެވެ.

"އޭރު ރައީސް ސޯލިހް ވެރިކަމަށް އައުމާ އެކު އަޅުގަނޑުމެން އެއްބަސްވިން 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބްގައި އެ ދާއިރާތަކަށް އެހެން ބޭފުޅުން ނުނެރެ އޭރު ޖޭޕީގެ މަޖިލިސް މެމްބަރުން ގޮތުގައި ތިއްބެވި ބޭފުޅުންނަށް އެ ދާއިރާތަކަށް ވާދަކުރުމުގެ ފުރުސަތު ކޮންމެ ޕާޓީއެއްގައި ތިބި ނަމަވެސް ދޭން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެއްބަސްވެފައިވާ ގޮތަށް ޖޭޕީއަށް ވަޒީފާތަކާ އެނޫން ވެސް މަގާމުތަކާއި ކައުންސިލްތަކުގެ ކަންތައްތައް ވެސް އަދި މެމްބަރުންގެ ކަންތައްތައް ވެސް ނިމިގެން ނުދިޔަ ކަމަށެވެ. ނަމަވެސް އެޕާޓީން ކެތްތެރިކަމާ އެކު ތިބީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ޖޭޕީން 2018 ގެ ރިޔާސީ އިންތިހާބްގައި ބުރަ މަސައްކަތްތަކެއް ކުރީ 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ޖޭޕީއަށް އޮތުމާއި ސިޔާސީ މަގާމުތަކާއި ރައީސުލްޖުމްހީރިއްޔާއަށް ބާރު ލިބޭ ދައުލަތުގެ ވަޒީފާތަކުގެ 25 އިންސައްތަ ޖޭޕީއަށް ދިނުމަށް އަދި ރައީސް މައުމޫނަށް 20 އިންސައްތަ އަދި އަދާލަތު ޕާޓީއަށް އަށް އިންސައްތަ ގޮތަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެ ކަންތައްތައް ހަމަޖެހިގެން ދިޔައިރު 92 ޕަސެންޓް އޮތީ އެމްޑީޕީއަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އޭރުވެސް އެމްޑީޕީގެ އިސް ބޭބޭފުޅުން ވާހަކަތައް ދައްކަމުން ގެންދިޔައީ މައްސަލަތައް ޖެހެމުން ދިޔައީ އެމްޑީޕީއަށް ވަޒީފާތައް މަދުވެގެންނޭ، ކޯލިޝަނަށް މާ ގިނަ ވަޒީފާތައް ދީގެންނޭ، ކުރީގެ ރައީސް މުހައްމަދު ނަސީދު ވެސް އެވާހަކަ އެގޮތަށް ދައްކަވަމުން ގެންދެވި،" ގާސިމް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ކެމްޕެއިން ކުރިއިރު ކޯލިޝަނާ ބެހޭ ގާނޫނެއް ގެންނަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އަދި ވެސް އެ ގާނޫނެއް ނުފެންނަ ކަމަށާއި އެފަދަ ގާނޫނެއް ހެދޭނެ މުއްދަތު ދައުރު ނިމުމުގެ ކުރިން ދެން ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީގުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީއެއް ދިން، ގާނޫނު އަސާސީ ވެސް ބަދަލު ކުރަން ބޭނުންވެއްޖެއްޔާ ބޭނުން ކުރުމުގެ ބާރު ވެސް ދިން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޯލިޝަނާ އެކު މަސައްކަތް ކުރައްވަނީ ބޮޑު މަގާމެއްގެ ބޭނުމުގައި ނޫން ކަމަށާއި މަގާމެއްގެ ބޭނުން ހިފަނީ އެވަގުތަކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތަކުގައި ކުރިއަށް ދެވެން އޮތީ މިވެނި މަގާމެއްގައި ނުވަތަ އެވެނި ވަޒީފާއެއް ނުވަތަ މެމްބަރު ކަމެއްގައި ހުރެގެން ކަމުވާތީ އެމަސައްކަތެއް ކުރުމުގައި ބޭނުމުގައި ކަމަށެވެ. އަދި އިސްލާޙުގެ ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރައްވަމުން ގެންދެވީ ރައްޔިތުންގެ ލާބަޔާއި މަންފާއާއަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުން ވެސް ޖުމްހޫރީ ޕާޓީއާ އެކު ހެދި ކޯލިޝަންގެ އެއްބަސްވުމާ ހިލާފުވެ އެޕާޓީން ކޯލިޝަންތަކުން ބޭރުކޮށްލިކަން ފާހަގަކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *