Support Us

މިނިވަން އުފާ ކާނިވަލް 2023– ހުޅުމާލޭގައި މިރޭ ފަށަނީ

މިނިވަން އުފާ ކާނިވަލް 2023– މިރޭ ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އަރބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައި ކަމަށް އާބަންކޯ އިން ބުނެއެވެ. މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަރ ޓެގްގެ ހަރަކާތްތައް ހިމެނިފައިވެއެވެ.

"މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ." އާބަންކޯ އިން ބުނެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކާނިވަލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީސިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާ އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން:

– ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޒިޔާރަތް ނުކުރުން

– ކާނިވަލުގައި އުޅޭއިރު ވީހާވެސް ގައިދުރުކަން ބެހެއްޓުން

– ގިނަގިނައިން އަތްދޮވުން

މިރޭ ކާނިވާ ހުޅުވިގެން ދާއިރު، ހަ ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ވީމާ، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސް ކުރަމެވެ.