Support Us

ނާލާފުށީ އައު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

މ. ނާލާފުށީ އައު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައި ދެއްވައި، މ. މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ނާލާފުށީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ނާލާފުށީގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާއި އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ 538 ކިލޯވޮޓްއެވެ. ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށުގެ މެދުގައި ނަމަވެސް އައު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ހަވީރު ވަނީ މުއްޔަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މުލީގައި ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދިޔަ މަޝްރޫޢުކެވެ. މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.