Support Us

ހިނިތުންވުމުގެ ޖާދޫ

ތިބާ މީހެއްގެ ގާތަށް ދިޔައިރު އެ މީހާ ރުޅިއައިސްފައި ހުރިނަމަ ތިބާއަށް ކުރެވޭނީ ކޮންކަހަލަ އިޙްސާސެއްހެއްޔެވެ؟ ތިބާގެ ރަޙްމަތްތެރީންގެ ކުރިމަތީގައި ތިބާ ހީލާއިރު ތިބާގެ ހިތަށް އަރާނީ ކޮން އެއްޗެއް ހެއްޔެވެ؟ ތިބާ ޑަކްޓަރަށް ދައްކަން ގޮސް އޭނާގެ ކޮޓަރިއަށް ވަންއިރު އޭނާ ހީލައިފައި އިންނަމަ ތިބާގެ ހިތަށް ވަންނާނީ ކޮންކަހަލަ އިޙްސާސެއް ބާވައެވެ! ތިބާ މަސައްކަތްކުރާ ތަނުގެ ވެރިޔާއާ ބައްދަލުވާއިރު އޭނާ މޫނު ކުނިކޮށްފައި ހުރިނަމަ ތިބާއަށް ލިބޭނީ ކޮންފަދަ ހާސްކަމެއް ބާވައެވެ؟ ހިނިތުންވުމަކީ ޖާދޫއެއްކަން ތިބާއަށް އެނގޭހެއްޔެވެ؟

އިޤްތިޞާދީ ގުޅުންތަކާއި ޑިޕޮލޮމެޓިކު ގުޅުންތަކާއި އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ބޭނުންވާ ކަމަކަށް ހިނިތުންވުން ވެފައިވާކަން ތިބާއަށް އެނގޭހެއްޔެވެ؟ އެއީ މިއަދު އެކަމަށް ތަމްރީނު ދެވޭ ފަންނެއްކަން ދަންނަމުހެއްޔެވެ؟ ވިހިވަނަ ސައްތަ ފެށުމާ ހަމައިން ހިނިތުންވުން ޢިލްމެއްގެ ގޮތުގައްޔާއި ފަންނެއް ގޮތުގައި ކިޔަވާދެވޭކަން އިނގޭހެއްޔެވެ؟

ވިލުން ހުރި ހިނިތުންވުމާ އެއްވަރު އެއްވެސް އެއްޗެއް ނުވެއެވެ. އެއީ ހިތް ދަމައިގަތުމަށް ލިބިގެންވާ ވަރުގަދަ ދަގަތްފާނަގަނޑެކެވެ. މީގެ އިތުރަށް ހިނިތުންވުމަކީ ދުޅަހެޔޮކަމުގެ ރަމްޒެއް ވެސްމެއެވެ. ހިނިތުންވުމުގެ މުހިއްމުކަން ބަޔާންކޮށް ދެއްވާ ކައު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( لا تَحْقِرَنَّ مِنَ المَعْرُوفِ شَيْئًا، ولَوْ أنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ – އެއްވެސް ހެޔޮ ކަމެއްގެ އަގު ތިބާ ވައްޓައިނުލާށެވެ! ހިނިތުންވެފައިވާ މޫނަކާއެކު ތިބާގެ އަޚާއާ ބައްދަލުކޮށްލުން ކަމުގައި ވިޔަސްއެވެ. ))

ޗައިނާގެ ހަރުބަހެއްގައި ވެއެވެ. (( ހިނިތުންވެލާން ނުދަންނަ މީހާ ފިހާރައެއް ހުޅުވައިގެން ނުވާނެއެވެ. )) ފިހާރައިގެ ސޭޓަކަށް މޫނު ކުނިކޮށްފައި ހުންނަ މީހަކު އިންނަމަ އެ ފިހާރައަށް ވަންނަ މީހުން މަދުވާނެތީއެވެ.

ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ޙަޤީޤީ ހިނިތުންވުމަކީ ރަންގަނޑެއްފަދަ އެއްޗެކެވެ. އެ ކަން އޮޅުވައެއް ނުލެވޭނެއެވެ. ޙަޤީޤީ ރަނުގައި ހުންނަ ވިދުން އެހެން އެއްޗެހީގައި ހުންނަ ވިދުމާ ތަފާތު ވާނެއެވެ.

ހިނިތުންވުމަކީ ބަންދުކޮށްފައި ހުންނަ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެކެވެ. ހިނިތުންވުމަކީ ވޭންކަނޑުވާދޭ ބޭހެކެވެ. އެއީ ހިތާމަ ފިލުވައިދޭ ފަރުވާއެކެވެ. އެއީ ނަފްސުތަކަށް ވާޞިލުކޮށްދޭ އެންމެ ކައިރި މަގެވެ. އެއީ ހިތްތަކާ އެންމެ ގާތް ދޮރެވެ. އެންމެ މިޒާޖު ރަނގަޅު ބަޔަކީ ހިނިތުންވެރީންނެވެ. އެންމެ ހިތްހެޔޮ ބަޔަކީ ހިނިތުންވެރީންނެވެ.

ސައެންސީން ވިދާޅުވާ ގޮތުގައި ކޮންމެ އިންސާނަކަށް ޚާއްޞަ ކެމިކަލުސްތަކެއް ލިބިގެންވެއެވެ. އޭނާ ހިތާމައަކަށް، ނުވަތަ ކަންބޮޑުވުމަކަށް، ނުވަތަ ހާސްކަމަކަށް ހާސާވެއްޖެނަމަ އޭނާގެ ހަށިގަނޑުން މި މާއްދާ ތަފާތު މިންވަރަށް އުފައްދާނެތެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މީހަކު ހިނިތުންވެލާއިރު އޭނާގެ މޫނުގެ މަސްތަކުން 5އާ 13 ދެމެދުގެ ޢަދަދަކަށް ޙަރަކާތްތެރިވާނެއެވެ. މިއާޚިލާފަށް އޭނާގެ މޫނު ކުނިކޮށްލާއިރު 47 މަސްކޮޅު ޙަރަކާތްތެރިވާނެއެވެ.

ހިނިތުންވުމުގެ ޞީއްޙީ ފައިދާތައް

ހިނިތުންވުމަކީ އިންސާނާއަށް ޞިއްހީ އެތައް ފައިދާތަކެއް ލިބޭ ކަމެކެވެ. އޭގެތެރޭގައި މި އަންނަ ކަންތައްތައް ވެއެވެ.
1- އިންސާނާގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރައްކައުތެރިކޮށް ދިނުން
2- ލޭ މައްޗަށް ދިޔުން ތިރިކޮށް ދިނުން
3- ލޭހިނގުން ތާޒާކޮށް ދިނުން
4- ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް ދިނުން
5- ހިތުގެ މަސައްކަތަށާއި ސިކުނޑީގެ މަސައްކަތަށާއި ހަށިގަނޑުގެ މަސައްކަތްތަކަށް ފަހި އަސަރުތަކެއް ފޯރުން.
6- ހިތުގެ ވިންދު ތަންޒީމުކޮށްދިނުން.
7- އިންސާނާގެ ނަފްސުގެ ތެރެއަށް ހަމަހިމޭންކަމާއި ހިތްހަމަޖެހުން ފާއްދައިދިނުން
8- މޫނުގެ ކުލާ އަލިކޮށްދީ އުޖާލާކޮށް ދިނުން
9- ޒަމާނީ ބައެއް ބަލިތަކަށް ލިބިގެންވާ ފަރުވާއަކަށް ވުން.
10- ހާސްކަމާއި ކަންބޮޑުވުމުން އަމާންކަން ހޯދައިދޭ އަމާން ބަންދަކަށް ވުން
11- މިޞްރުގެ ޙަކީމުންގެ ދިރާސާއެއް ބުނާގޮތުގައި މޫނު ކުނިކޮށްގެން ހުރުމަކީ މޫނުމައްޗަށް ރޫ އެރުން އިތުރުކޮށްދޭނެ ކަމެކެވެ. މި ރޫ އަރާނީ ލޯ ކައިރިއަށެވެ. މިހެންވެ މިދިރާސާކުރެއްވި ބޭފުޅުން ދެއްވާ ނަސޭޙަތަކީ އަބަދުވެސް ހިނިތުންވެލައިގެން ހުރެވޭތޯ ބަލާށެވެ!

އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަޤާތެއް

ކައު އިތުރު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރައްވަނީ (( تَبَسُّمُكَ في وجهِ أخيكَ لك صدقةٌ – ތިބާގެ އަޚާގެ ކުރިމަތީގައި ތިބާ ހިނިތުންވެލާހިނިތުންވެލުމަކީ ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ. )) ލޮބުވެތި ރަސޫލާގެ މި ބަސްފުޅާމެދު ނިކަން ވިސްނާލަ ބަލާށެވެ! ރަސޫލާގެ ނަސޭޙަތް ކިހާ މަތިވެރި ހެއްޔެވެ؟ އެކަލޭގެފާނުގެ ނަސީޙަތްޕުޅުގައި ދުނިޔެއާއި އާޚިރަތުގެ މަޞްލަޙަތު ހިމެނެއެވެ. އެއީ ދުނިޔަވީ މަންފާއަކަށް ޓަކައި ދެއްވި ނަސޭޙަތެއް ނޫނެވެ. އެއީ މާއްދީ ފައިދާއަކަށް ޓަކައި ދެއްވި ފައިދާއެއް ވެސް ނޫނެވެ. ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުގައި މި ވަނީ ހިނިތުންވުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއްކަން އަންގަވައިފައެވެ. އެއީ ﷲގެ އަޅާ އެކަލާނގެ ޙަޟްރަތާ ކުއްތަން ކުރުވާނެ ކަމެކެވެ. މިހެންވެ އެއީ ޞަދަޤާތެއް ކަމަށް ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. އެއީ އަޅުގަނޑުމެންނަށް ލޯ ލާރިއެއް ވެސް ޚަރަދުނުކޮށް ކުރެވެން އޮތް ޞަދަޤާތެކެވެ. އެހެންކަމުން ހެޔޮ ގޮތުގައި ބޭނުންކުރަން އެގޭމީހާއަށް އެއީ ކަންޒެކެވެ. އެއިން އެތައް ހިތްތަކެއް އަޅުވެތިކޮށްލެވިދާނެއެވެ. އެތައް ނަފްސުތަކެއްގެ ތެރެއަށް ވަދެވިދާނެއެވެ.

ހިނިތުންވުމަކީ ޖާދޫއެއް ފަދަ ބާރުގަދަ ހަތިޔާރެކެވެ. ހިނިތުންވުމުގެ ސަބަބުން އެތައް ނަފްސެއް ދިރި ތާޒާވެގެން ދެއެވެ. އޯގާވެރި ހިނިތުންވެލުމަކީ އަމާންކަމުގެ އައްސޭރިއަށް ތިބާ ގެންގޮސްދޭނެ އުޅަނދެކެވެ.

"ހިނިތުންވެލުމަކީ ޞަދަޤާތެކެވެ." މި ބަސްފުޅުން އެކަމުގެ މުހިއްމުކަން އެނގެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ހިނިތުންވުމަކީ އެންމެންނަށް ދޭހަވާ ބަހެކެވެ. އެހެނަސް އެބަހުން ވާހަކަދައްކަން އެނގޭ މީހުން އެހާ ގިނައެއް ނޫނެވެ. ކީރިތި ރަސޫލާގެ ބަސްފުޅުން އެއީ އަޅުކަމެއްކަން ވެސް އެނގިއްޖެއެވެ. ރަސޫލާގެ ސީރަތަށް ބަލާއިރު އެކަލޭގެފާނަކީ މީސްތަކުންގެ ހިތްތައް އެކުވެރި ކުރެއްވުމަށް ޓަކައި ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކުރެއްވި ބޭކަލެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަކީ މިކަމުގައި އަޅުގަނޑުމެނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަޞްޙާބުންނާ ބައްދަލު ކުރައްވާއިރު އަބަދުވެސް ހުންނަވަނީ ހިނިވަރުނަކުރައްވައިގެންނެވެ. އެއިން ބޭކަލެއްގެ ފުށުން ކުށެއް ފެނިވަޑައިގަތަސް އެ ކުށް ރަނގަޅު ކޮށްދެއްވައި ތެދުމަގު ދައްކަވަނީ ހިނިވަރުނަކުރެއްވުމާއެކުގައެވެ. އެއީ އެއްވެސް އެއްޗެއް ހޭދަކުރަން ނުޖެހޭ ކަމެކެވެ. ތުންފަތުން ނުކުމެގެން ލޮލުގެ ދޮރޯށިން ލައިފާ އެސްފިޔަ ޖަހާލަން ބޭނުންވާ ވަގުތުކޮޅެއްގެ ތެރޭގައި ހިތަށް ވަދެއެވެ. މާތްﷲ ރުއްސުންލެއްވި ޖަރީރު ވިދާޅުވިއެވެ. "އަހުރެން އިސްލާމްވި ދުވަހުން ފަށައިގެން ރަސޫލާ صلى الله عليه وسلم އާ ބައްދަލުވާ ކޮންމެ ވަގުތަކު އެކަލޭގެފާނު ހިނިވަރުނަ ނުކުރައްވަވާ ހުންނެވި ވަގުތެއް ނުދެކެމެވެ. )) އެކަލޭގެފާނާއެކު މުޢާމަލާތު ކުރާ ބައެއް މީހުން ބައެއް ފަހަރަށް ހަރުކަށިވިޔަސް އެކަލޭގެފާނު އެމީހުންނާއެކު މުޢާމަލާތު ކުރައްވައިފައިވަނީ އޯގާވެރިކަމާ ހިނިވަރުކުރެއްވުމާއެކުގައެވެ.

އެއް ދުވަހަކު ރަށްފުށުގެ އަރަތްބަކު އައިސް ދެންނެވިއެވެ. ((އޭ މުޙައްމަދުގެފާނޭވެ! ކަލޭގެފާނުގެ އަތްޕުޅުގައި ހުރި ﷲގެ މުދަލުން އަޅުގަނޑަށް ދިނުމަށް ވިދާޅުވާށެވެ!) އެހިނދު ރަސޫލާ صلى الله عليه وسلم ހިނިވަރުނަކުރައްވައި އޭނާއަށް މުދާ ދެއްވިއެވެ. ކީރިތި ރަސޫލާގެ އެންމެފަހު އާލާސްކަންފުޅުގައި އަބޫބަކްރުގެފާނު އިމާމުވެ ފަތިސްނަމާދު ކުރައްވަނިކޮށް ކޮޓަރިކޮޅުގެ ދޮރިފޮތިގަނޑު ކައްސަވާލައްވައިފާ ބައްލަވައިލެއްވުމަށްފަހު އެމީހުންނާ ދިމާއަށް ހިނިވަރުނަކުރެއްވިއެވެ. އެކލޭގެފާނުގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. (( إنَّكم لن تَسَعُوا الناسَ بأموالِكم، ولكنْ يَسَعُهم منكم بَسْطُ الوجهِ وحُسنُ الخلُقِ – ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ މުދާތަކުން މީސްތަކުން ތަނަވަސްކޮށެއް ނުދެވޭނެއެވެ. އެހެނަސް ތިޔަބައިމީހުންގެ ފަރާތުން އެބައިމީހުންނަށް ތަނަވަސްކަން ދެވޭނީ ހިނިތުންވުމުންނާއި ރިވެތި ޚުލުޤުންނެވެ.))

ﷲގެ ނަބިއްޔާ ސުލައިމާނުގެފާނު ބޮޑު ސިންގާ ސަރާސަރު ވާދީއެއްގައި ދަތުރުފުޅު ކުރައްވަމުން ވަޑައިގަންނަވަމުން ކުޑަކުޑަ ހިންޏަކާ ދިމާއަށް ވެސް ހިނިފުޅުވަޑުވައިލެއްވިއެވެ. އެ ހިނި ސުލައިމާނުގެފާނުގެ ލަޝްކަރުގެ ސިފައިންގެ ފައިދަށުވެދާނެތީ އޭތީގެ ޤައުމުގެ ހިނިތަކަށް އަވަހަށް ފިލުމަށް އިންޒާރުދިނުމުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَتَبَسَّمَ ضَاحِكًا مِنْ قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ – ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!))

އަޚުން އަޚުންގެ ކުރިމަތީގައި، އަވަށްޓެރިން އަވަށްޓެރީންގެ ކުރިމަތީގައި ، މައިންބަފައިން ދަރީންގެ ކުރިމަތީގައި، ފިރިން އަނބީންގެ ކުރިމަތީގައި ހިނިތުންވުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެކަމުގެ ސަބަބުން އިޖްތިމާޢީ ވަރަށް ގިނަ މަސްއަލަތަކެއް ޙައްލުވެގެންދާނެތީއެވެ. ޞުލްޙަމަސަލަސްކަން ފެތުރިގެންދާނެތީއެވެ. ރުޅިވެރިކަންނެތި އެކުވެރިކަމާއި، އެއްބަނޑުއެއްބަފައިކަން ޢާއްމުވެގެންދާނެތީއެވެ. ހަތުރުވެރިކަން ނެތި ކުލުނުވެރިކަމާއި އޯގާވެރިކަމުގެ ހިޔަލަށް އެންމެތަކުންނަށް ވަދެވިގެންދާނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
912112
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *