އަމިއްލަ ހަރަދުގައި ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އއ. އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް ބެލެހެއްޓުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަސައްކަތަކީ ބައެއް ރަށްރަށުގެ މަގުބައްތިތައް ނިވި، އެ ރަށްރަށުގެ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ފެށި ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ. އެ ޕްރޮޖެކްޓުގެ އަމާޒަކީ އެ ރަށްތަކުގެ މަގުބައްތިތަކަށް އެއްވެސް މައްސަލައެއް ނުޖެހި އަބަދުވެސް ދިއްލިފައި ހުރުން ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފު އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އއ. އަތޮޅުގެ އެހެން ރަށްރަށަށްވެސް އެ ހިދުމަތް ފުޅާކޮށް, ސްޓެލްކޯގެ އިންޖީނުގެއެއް ހިންގާ ކޮންމެ ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ މި އަހަރު ނިމުމުގެ ކުރިން އެ ކުންފުނިން ހަވާލުވާނެ ކަމަށެވެ.
ސްޓެލްކޯގައި ތިބީ އެ މަސައްކަތް ކުރަން ބޭނުންވާ ހުނަރާއި ތަމްރީން ލިބިފައިވާ މުވައްޒަފުން ކަމަށާއި މަގުބައްތިތައް އަބަދުވެސް ދިއްލިފައި ހުރިކަން ކަށަވަރު ކުރުމަކީ ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުންގެ ޒިންމާއެއް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.



advertisment

