...

Support Us

"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ -ފޮޓޯ: ސްޓެލްކޯ

"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރކޮށްފި

ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރކޮށްފިއެވެ.

ޑައެބެޓީސް ސޮސައިޓީއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ޑައިބެޓީސް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާސަން އައިޝަތު ޝިރުހާނާއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޝިރުހާނާ ވިދާޅުވީ، މިއަދަކީ އެ ސޮސައިޓީއަށް ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށާއި، 2000 ވަނަ އަހަރުއްސުރެ ހިލޭ ސާބަހަށް މަސައްކަތްކޮށް، ހަކުރުބައްޔާ މެދު މީހުން ހޭލުންތެރިކުރުވާ، ހަކުރު ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެމުން އަންނަ ކަމަށެވެ. އަދި މިދިޔަ 22 އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، އޭގެ ތެރެއިންވެސް ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ފާހަގަކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހިލޭ ކްލިނިކަކާއި އެ ކުދިންނަށް ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށް ވެސް ޝިރުހާނާ ވިދާޅުވިއެވެ. އެގޮތުން އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި، ޓެސްޓު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެމުން ގެންދިޔަކަން އޭނާ ފާހަގަކުރެއްވިއވެ. އެހެން ނަމަވެސް، 2020 ގައި އެ ސޮސައިޓީއަށް ދިމާވި މާލީ ދަތިތަކާ ހުރެ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ -ފޮޓޯ: ސްޓެލްކޯ

"އަޅުގަނޑުމެން އެކި ފަރާތްތަކަށް ދަންނަވަމުން ގެންދިޔައިން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ވެދެއްވުމަށް. އަދި މި ކުދިންނަށް ހަމަ އެ ކުދިންގެ ދިރިއުޅުން ރަނގަޅު ގޮތުގައި ކުރިއަށްގެންދިއުމަށް، އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިރި ތިބުމަށޭ، އެހީތެރިވުމަށް އަޅުގަނޑުމެން އެދެމުންދިޔައީ. އަޅުގަނޑު ވަރަށް އުފާވެއްޖެ ސްޓެލްކޯއިން އަޅުގަނޑުމެންނަށް މިކަމުގައި އިޖާބަދީ، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެންގެވީތީ،" ޝިރުހާނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާއެކު ދެއްވާނެ ކަމަށާއި ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާއި އަދި ދިމާވެދާނެ ކަންކަމަށް ބަލައި އަބަދުވެސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާވެގެން ގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން. އެގޮތަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެސްއޯއީސްތަކުން، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން، މިކަހަލަ ގޮތަކަށް ހަވާސާވެގެންދާ ފަރާތްތަކާ ދޭތެރޭގައި އަޅާލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަން،" ޝަރީފް ވިދާޅުވިއެވެ.

އަދި ސްޓެލްކޯގެ މެނޭޖްމަންޓާއި ބޯޑުން އެކަމަށް އިސްނަގައި، އެކަން ކުރުމުގެ ފުރިހަމަ ބާރާއި، އިހްތިޔާރު ދެއްވީތީ ބޯޑަށާއި، މެނޭޖްމަންޓަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި މުޖުތަމައު ތެރޭގައި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ، ޖަމާއަތްތަކަށް ކުންފުނީގެ ސީއެސްއާރުގެ ދަށުން ވެވެން އޮތް އެހީތެރިކަމެއް ވަމުންގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.