Support Us

މުޙައްމަދު ބިން ޒާއިދު ތުރްކީއަށް

އިމާރާތުގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާން ތުރްކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާން ނިންމަވައިފިއެވެ. މިއީ 10 އަހަރުތެރޭގައި އޭނާ ތުރްކީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.އޭނާ އެންމެ ފަހުން ތުރްކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ 2012 ގައެވެ.

އަންކަރާގެ މަޞްދަރުތަކާ ޙަވާލާދީ އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ދުވަހު ނޫސް ބުނާގޮތުގައި މި ދަތުރުފުޅުގައި ބިން ޒާއިދު ވަރަށް ގިނަ ފައިލްތަކަކާ ބެހޭގޮތުން ބަހުސްކުރައްވާނެއެވެ. އޭގެތެރޭގައި ތުރްކީން ޤަޠަރަށް އެހީވުމުގެ މަސްއަލައާއި ލީބިޔާއާއި ސޫރިޔާއާއި ޔަމަނުގެ މަސްއަލައާއި ޖާސޫސުކުރުމާ ބެހޭގޮތުން އެއް ޤައުމު އަނެއް ޤައުމަށް ކުރާ ތުހްމަތުތަކާއި އިސްރާއީލާއެކު އިމާރާތުން ގުޅުން ބަދަހިކުރަމުންދާ މަސްއަލަ ފަދަ މުހިއްމު މަސްއަލަތައް ހިމެނޭނެއެވެ. މިފަދަ މަސްއަލަތަކުގެ ސަބަބުން އަބޫ ޡަބްއި- އަންކަރާ ގުޅުންތައް ވަނީ ވަރަށް ނުތަނަވަސް ވަޅުގަނޑަކަށް ވެއްޓިފައެވެ.

އިންޑިޕެންޑެންޓް ބުނާގޮތުގައި އިމާރާތުގެ ޙަޤީޤީ ވެރިޔާ މި ދަތުރުފުޅުގައި އިޤްތިޞާދީ މަސްއަލަތަކަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެއެވެ.މި ނޫސް ބުނާގޮތުގައި ޝައިޚު މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާން މިއަދު އަންކަރާއަށް ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.

އިޤްތިޞާދީ ފައިލަށް ބަލާއިރު ތުރްކީއާ އިމާރާތާ ދެމެދުގައި ވިޔަފާރީގެ މަގެއް ހުޅުވުމުގެ މަސްއަލަ ހިމެނެއެވެ. މި މަގު ދަތުރު ކުރާނީ އީރާނުގެތެރެއިން ލައިފައެވެ. މިކަމުގެ ސަބަބުން ވިޔަފާރި ދަތުރުތަކުގެ މުއްދަތު ކުރުވެގެންދާނެއެވެ.

ނުތަނަވަސްކަން ކުޑަވުން

ތުރްކީ އިމާރާތު ގުޅުންތައް އަހަރުތަކެއް ވަންދެން ނުތަނަވަސްކަން މަތީގައި އޮތުމަށްފަހު މި ނުތަނަވަސްކަން މިހާރު ވަނީ ކުޑަވާން ފަށައިފައެވެ. މި ދިޔަ އޮގަސްޓް މަހުގެ 30ވަނަ ދުވަހު ރައީސް އުރްދުގާނާ ޝައިޚު މުޙައްމަދު ފޯނުން ބައްދަލު ކުރައްވައިފައި ވެއެވެ. އޭގެ ދެ ހަފުތާ ފަހުން އިމާރާތުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޠަޙްނޫން ބިން ޒާއިދު އާލު ނަހަޔާންގެ ރިޔާސަތުގެ ދަށުގައި އިމާރާތގެ ވަފްދެއް އުރްދުގާނާ އަންކަރާގައި ބައްދަލު ކުރެއްވިއެވެ.

މި ދުވަސްވަރާ ދިމާކޮށް ތުރްކީން ހާމަކުރިގޮތުގައި ތުރްކީގެ ހަކަތައިގެ ދާއިރާގައި އިމާރާތުން ވުނަކުރުމާބެހޭ މަޝްރޫޢުތަކެއް ވަރަށް އަވަހަށް ފަށާނެއެވެ. މީގެއިތުރަށް ތުރްކީގެ ނޫސް އޭޖެންސީތައް ބުނާގޮތުގައި ތުރްކީން ޕާކިސްތާނާއި އިމާރާތާއެކު މުދާ ނަޤްލުކުރުމާ ބެހޭ އައު މަގެއް ހުޅުވާނެއެވެ. މި މަގުގެ ސަބަބުން ސުވޭސް ކެނެލް ހުރަސްނުކޮށް މާ ކުރު މުއްދަތެއްގެ ތެރޭގައި އަދި މާ އަގު ހެޔޮކޮށް ޔޫރަޕަށް މުދާ ނަޤްލު ކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *