ގައުމީ ވޮލީ ޓީމުގެ ކެޕްޓަން ހުޒާމް އަލީ (ހުޒާންޓޭ) މިއަދު ކައިވެނިކޮށްފިއެވެ.
ވ. ފެލިދުއަށް އުފަން ހުޒާންޓޭ، 28، ކައިވެނިކުރީ ހދ. ނޮޅިވަރަންފަރުގެ މޮޅު ވޮލީ ކުޅުންތެރިޔާ އައިޝަތު ނޫރާ، 23، އާއެވެ. ކައިވެނި އޮތީވެސް ކަލަންޑަރުން ރީތި 12.11.21ގެ ހަވީރު ނޮޅިވަރަންފަރު ސްކޫލްގައެވެ. ރަށުގެ ގިނަ ބަޔަކު ކައިވެނީގެ ހަފުލާގައި ބައިވެރިވިއެވެ.
ހުޒާންޓޭ އާއި ނޫރާގެ ކައިވެންޏާ ގުޅިގެން އެ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖްތައް ގިނަ ބަޔަކު ދަނީ ފޭސްބުކް މެދުވެރިކޮށް ވެސް ފޮނުވަމުންނެވެ. މިގޮތުން ހުޒާންޓޭއަށް އެންމެ ފުރަތަމަ ތަހުނިޔާ ވިދާޅުވީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝްއެވެ. ހުޒާންޓޭ އާއި ނޫރާ ކައިވެނީގެ ސެޓްފިކެޓް ހިފައިގެން ތިބި ފޮޓޯއަކާއެކު ފޭސްބުކްގައި ރަނޭޝް ވިދާޅުވީ "ހަޔާތުގައި ކޮންމެ ކަމެއް ކުރިމަތިވިޔަސް، މިއަދު ތިޔަ ހުރި އުފާވެރިކަންމަތީގައި އަބަދުވެސް ދެމިހުންނާނެ ކަމަށް އުންމީދުކުރަން" ކަމަށެވެ.
ހުޒާންޓޭއަކީ 2019 ޑިސެމްބަރުގައި ނޭޕާލްގައި ބޭއްވި 13 ވަނަ ސާފް ގޭމްސްއަށް ދިޔަ ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ކެޕްޓަނެވެ. ގާނޫނީ ވަކީލްކަން ކިޔަވައިފައިވާ ނޫރާއަކީ ރަށާއި އަތޮޅު ފެންވަރުގެ ވޮލީ މުބާރާތްތަކުގައި ކުޅޭ ހުނަރުވެރި ސެޓަރެކެވެ.