Support Us

ނޮވެމްބަރު 3 ގެ ހާދިސާ: 2

"ދުޝްމަނުންގެ ކިބައިން ދިވެހި ރައްޔިތުން ޙިމާޔަތް ކުރުމަށް ހަނގުރާމަ ކުރަން ނުކުންނަން ވޮލެންޓިއަރ ކުރިން"

އެޑިޓަރުގެ ނޯޓު:

ތިރީގައި މި ގެނެސްދެނީ، ދިވެހިންގެ ބަޔަކާ ގުޅިގެން 3 ނޮވެމްބަރ 1988ގައި ލަންކާ ޓެރަރިސްޓުންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލަ ތަޖުރިބާކުރެއްވި ބޭފުޅުންގެ ތެރެއިން، އޭރު ސިފައިންގޭގައި އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އޭރުގެ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލްގެ ތަޖުރިބާއެވެ. ސްކޫލް ނިންމެވުމަށްފަހު އެން.އެސް.އެސްގެ ވަޒީފާއަށް ޖަލީލް ވެންނެވީ 1980ގައެވެ. ހާދިސާ ހިނގިއިރު ޖަލީލް ހުންނެވީ އެން.އެސް.އެސްގެ ޓާސްކް ފޯސްގެ އޮފިސަރ އިންޗާޖްގެ އެހީތެރިޔާގެ މަގާމުގައެވެ. ސިފައިންގޭގެ ތަފާތު ރޭންކުތަކުގައި 32 އަހަރު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ފެބްރުއަރީ 2012ގައި ރިޓަޔަރ ކުރެއްވިއިރު ޖަލީލް ހުންނެވީ މޭޖަރ ޖެނެރަލްގެ ރޭންކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ވެސް ޖަލީލް ވަނީ އަދާކުރައްވައިފައެވެ.

ތިރީގައި މި ވަނީ ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅޭ ގޮތުން މޭޖަރ ޖެނެރަލް (ރޓޑ) މޫސާ އަލީ ޖަލީލް "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

ދެވަނަ ބައި

ސިފައިންގެއިން ނިކުމެ ރައްދު ހަމަލާ ދިނުމުގެ މަޝްވަރާ:

ގާތްގަނޑަކަށް އެ ދުވަހުގެ 08:30 އެހާކަންހާއިރު މޭޖަރ މުޙައްމަދު ޒާހިރުގެ އަރިހުން ސިފައިންގެ ވެރިޔާއާއި ވެރިޔާގެ ނައިބުގެ ޙާލުކޮޅުގެ ވާހަކައިން ސުވާލުކުރިން. މި ސުވާލުކުރަން މިޖެހުނީ މިހާވަރު ގަދަ ޙަމަލާތަކެއް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވީއިރުވެސް މެދުކެނޑުމެއްނެތި ދެމުންގެންދާތީ އާއި ދުޝްމަނުންގެ މީހުން ގޭގެއަށް ވަދެ ޗެކުކޮށް އެބޭފުޅުން ހޯދާ އަތުލައިގަންނަން މަސައްކަތް ކޮށްފާނެތީ އާއި ދިވެހިރައްޔިތުންނަށް ދެމުންގެންދާ ކަމަށް އަޑުއިވުނު އަނިޔާތަކުން އެބައިމީހުންނަށް ކެރިކުޅަދާނަ ނުވާނެކަން ޔަގީންވާތީ. ދެން އަޅުގަނޑު އެދުނީ ދުޝްމަނުންނަށް ޙަމަލާދޭނެ ބަޔަކު ސިފައިންގެ ތެރެއިން ނެރެންވެއްޖެ ކަމަށް. އޭރު ސިފައިންގޭގެ ވަށައިގެން މީހުން ޑިޕްލޯއި ކުރެވުނު ކަމަށާއި ރައްޔިތުން ޙިމާޔަތް ކުރެވޭނެ ގޮތެއް ރޭވުމަށް.

މިފަދައިން ވާހަކަ ދައްކަދައްކާ ހުއްޓައި އަނެއްކާވެސް ޙަމަލާތައް ވަރުގަދަވާން ފަށައިފި. އަޅުގަނޑު ދިޔައީ ހުޅަނގު ފަރާތަށް. މޭޖަރ މުޙައްމަދު ޒާހިރު ވަޑައިގަތީ ދެކުނު ފަރާތަށް. އަނެއްކާވެސް މީހުންނަށް ހިތްވަރުދީ ސާބިތުވެތިބުމަށް އަންގައި ސިފައިންގޭގެ ހުރިހާ ސެކްޓަރ ތަކަކަށް ބޭނުންވާނެ ވަޒަން ބަޑިގުދަނަށް މީހުން ފޮނުވައިގެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރީން. އެއަށްފަހު ގާތްގަނޑަކަށް ގަޑިއެއްހާއިރު ވީފަހުން އަޅުގަނޑާއި ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކް ބިލާލް އާ ދިމާވެއްޖެ. ދިމާވީ އަނބުގަސް ކައިރިން. އަޅުގަނޑުމެން ދެމީހުން އެކުގައި ކަހަލަ ގޮތަކަށް 29 (ސީނިއަރ އޮފިސަރުންގެ އެކަމަޑޭޝަން ކުރިމަތި) އާ ހަމައަށް އައިއިރު މޭޖަރ މުޙައްމަދު ޒާހިރު ވެސް ޑިޕްލޯއި ކުރެވިފައި ތިބިމީހުން ޗެކްކުރެއްވުމަށްފަހު މިތަނަށް ވަޑައިގަތީ. އަނެއްކާވެސް އަޅުގަނޑަށް ދައްކަން ފެށުނީ 08:30 ހާއިރު މޭޖަރ މުޙައްމަދު ޒާހިރުއާ ދެއްކުނު ވާހަކަތައް. އެއީ ހަމަ ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކުން ސިފައިންގެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ލިބިދާނެ ހިތާމަވެރި ކަންތައް ތަކަކުން. މިފަދަ ބަޔަކު ނެރެން ހިނގާށޭ ވިދާޅުވެ އަޅުގަނޑުގެ ހިޔާލަށް ތާޢީދުކުރެއްވި. އެވަގުތު ހަމަ ބަޔަކު ނެރުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ބަޔަކު އެކަށީގެންވާ ރަނގަޅު ވެރިއެއްގެ ދަށުގައި ނެރެގެން ނޫނީ ރައްދު ޙަމަލާ ނުދެވޭނޭ ކަމަށް ދެންނެވުމުން ކުޑަ ހިނދުކޮޅަކު އެއްވެސް އެއްޗެކޭ ވިދާޅުނުވެ މަޑުކޮށްލައްވާފައި ލެފްޓިނެންޓް ބިލާލް އާދަމް އިބްރާހިމް މަނިކުއަށް ބައްލަވާލެއްވި. އޭރު އެތަނުގައި ތިބީ އަޅުގަނޑުމެން ތިން މީހުން.

ސިފައިންގެއިން ނިކުމެ ރައްދު ހަމަލާދިނުމަށް ތައްޔާރުވުން:

ދުޝްމަނުންގެ ކިބައިން ދިވެހި ރައްޔިތުން ޙިމާޔަތް ކުރުމަށް ހަނގުރާމަ ކުރަން އަޅުގަނޑު އަމިއްލައަށް އިސްނަގައިގެން ނުކުންނަން ވޮލެންޓިއަރ ކުރިން. އެވަގުތު މޭޖަރ މުޙައްމަދު ޒާހިރު ވެސް އަޅުގަނޑުގެ ނުކުތުމަށް ތާޢީދު ކުރެއްވި. ނަމަވެސް ވިދާޅުވީ ނުކުންނާނީ ބަހުގައި ކަމަށް. ނުކުމެ ޕެރޭޑް ކުރާ މަގުތަކުން ދުއްވާފައި އެނބުރި ސިފައިންގެއަށް ވަނުމަށާއި ދުޝްމަނުންގެ ހަބަރުތައް ވީވަރަކުން އޮޅުންފިލުވުމަށްވެސް ވިދާޅުވި. ވަގުތުން އަޅުގަނޑު ދެންނެވީ ދުޝްމަނުންގެ ބަޔަކު ރަށަށް އެރިތާ ފަސް ގަޑިއިރުވެފައި ވުމާއެކު އެބައިމީހުން މިހާރު ތިބޭނީ ހަނގުރާމަވެރި މަޤާމްތަކުގައި ކަމަށާއި، އެމީހުން ޙަމަލާދެމުންދާ ހަތިޔާރު ތަކުގެތެރޭގައި އާރު.ޕީ.ޖީ 7 ބޭނުންކުރާ ކަމަށާއި، ބަހެއްގައި ނުކުތުން ރަނގަޅު ނޫން ކަމަށާއި މަގުތައް ހުރަސްވާނެ ގޮތަށް ބެރިކޭޑްތަކެއް ފަސް ގަޑިއިރު ތެރޭގައި ދުޝްމަނުންނަށް ޤާއިމު ކުރެވިފައި ހުންނަން ވާނެތީ. ނަމަވެސް މިވާހަކަ ތަކަށް މާބޮޑު ތަރުޙީބެއް ނުދެއްވާ ސިފައިންގެ ރައްދު ހަމަލާ ދިނުމަށް ދެ ބަސް ނެރުއްވާނީ ކަމަށާއި ފުރަތަމަ ބަހުގެ ވެރިއަކަށް ދާނީ އަޅުގަނޑު ކަމަށާއި، ފުރަތަމަ ބަހަށް ވާގޮތެއް ބަލާފައި ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކު ބިލާލްގެ ބެލުމުގެ ދަށުން ދެވަނަ ބަސް ފޮނުވާލާނީ ކަމަށް. ވަށައިގެން ޙަމަލާދެމުންދާއިރު ބަހެއްގައި ނުކުތުމަށް ހަމަޖެހުމުން އެއީ ކިތަންމެ ނުރައްކާތެރި ކަމެއްކަމުގައި ވިއަސް އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކޮށްދެވިދާނެ ކިތަންމެ ކުޑަ ނަމަވެސް ކަމެއް އޮވެދާނެތީ އެދުވަހު ބަސް ދުއްވަން ރަނގަޅު ޑްރައިވަރަކު ހޯދުމަށް އަޅުގަނޑު އަވަސްވެގަތިން. މިހެން އުޅުނު އުޅުމުގެ ތެރޭގައި ޓްރާންސްޕޯޓް ސެކްޝަންގެ މެކޭނިކެއް ކަމުގައިވާ ޕްރައިވެޓް އަޙްމަދު ޝަރީފް ކަރޯ ފެނުމުން އޭނާގެ ކައިރީގައި އެމަޖެންސީ ބަހުގައި ބޭރަށް ނުކުންނަން ގަސްތުކުރާ ވާހަކައާއި ބަސްދުއްވާނީ ޕްރައިވެޓް އަޙްމަދު ޝަރީފް ކަރޯ ކަމަށާއި ބަޑިގުދަން ކައިރިއަށް ބަސް ގެނައުމަށް އެންގިން. ކުޑަ އިރުކޮޅެއްގެ ތެރޭގައި ބަޑިގުދަން ކައިރިއަށް ބަސް ގެނައި. ނަމަވެސް ޕްރައިވެޓް އަޙްމަދު ޝަރީފް ކަރޯ އަށް ބަސް ދުއްވޭގޮތް ނުވުމުން އެހެން ޑްރައިވަރަކު ފެނޭތޯ ދެކުނު ބަޑީގެ ކައިރީގައި ހުއްޓާ ލާންސް ކޯޕްރަލް އިސްމާޢީލް ރަޝީދު ދާތަން ފެނުމުން ބަސް ދުއްވައިދެއްވުމަށް އެދުނިން. އޭރު ސްޓާފް ސާރޖެންޓް ޚަބަރު ދޮންމަނިކު އާއި މޭޖަރ މުޙައްމަދު ޒާހިރު ބަހުގައި ނުކުންނާނޭ ބަޔަކުވޭތޯ ބަޑި ގުދަނުގެ ކައިރީގައި ތިއްބަވައިގެން މަސައްކަތް ކުރައްވާ. މި ދެ ބޭކަލުންގެ އިތުރަށް މޭޖަރ ޝައުކަތު އިބްރާހިމް އާއި ފަސްޓް ލެފްޓިނަންޓް އިނގިރޭސި އުމަރު މަނިކާއި ސާރޖެންޓް ބަނޑިދޫ ޢަބްދުއްރަހީމް އާއި ޕްރައިވެޓް އަޙްމަދު ރަޝީދު ބަށިމާ ވަރަށް އަވަދިނެތިކޮށް ބަޑިގުދަނުގައި ޙަރަކާތްތެރިވަމުން ގެންދެވި.

ރަށުތެރޭގެ ޙާލަތު ބެލުމާއި ރައްދު ހަމަލާ ދިނުމުގެ މަސައްކަތް ފެށުން:

ބަސް ދުއްވާނޭ ރަނގަޅު ޑްރައިވަރަކު ލިބުމާއެކު އަޅުގަނޑުމެން އަވަހަށް ބަޑިގުދަނަށް އައިސް ބަހުގައި ދާނޭ ބަޔަކީ ކޮބައިތޯ ބެލިއިރު ކަމުވޮށިގެންވާ ކަހަލަ ބަޔަކު ފެންނަށް ނެތުމުން ރަނގަޅު ބަޔަކު ގޮވައިގެން ނުކުތުން ރަނގަޅުވާނެ ކަމަށް މޭޖަރ މުޙައްމަދު ޒާހިރު އަށް ދެންނެވިން. އެއަށްފަހު ފެންޑާތަކަށް ސްޓާފް ސާރޖެންޓް ޚަބަރު ދޮންމަނިކު އާއި ލާންސް ކޯޕްރަލް އަޙްމަދު ނަސީމު ގޮވައިގެން ގޮސް ފެންޑާ ތަކުގައި ތިބި މީހުންގެ ތެރެއިން ވޮލެންޓިއަރ ކުރާނެ ބަޔަކު ވޭތޯ މަސައްކަތް ކުރީން. މިގޮތުން އެއްވެސް ކަހަލަ ފަސްޖެހުމެއްނެތި އާނއެކޭ ބުނި މީހުންގެ ތެރޭގައި ޕްރައިވެޓް އާދަމް ނަސީރު ޝޭޑީ، ލާންސް ކޯޕްރަލް އަޙްމަދު ނަސީމް ތިނަދޫ، ޕްރައިވެޓް މުޙައްމަދު އިބްރާހިމް މެކާނޯ ފާހަގަކުރެވޭ. މީގެ އިތުރުން ޕްރައިވެޓް މުޙައްމަދު ހަސަން އާހިޔާ، ސ.ސާރޖެންޓް ޚަބަރު ދޮންމަނިކު، ލާންސް ކޯޕްރަލް އިބްރާހިމް ޝުކުރީ، ކޯޕްރަލް މުޙައްމަދު ތައުފީޤް މޯރާ، ލާންސް ކޯޕްރަލް އިސްމާއީލް ރަޝީދު ބަހުގައި އަޅުގަނޑާ އެކުގައި ނުކުތުމަށް ތައްޔާރުވި. ބޭރަށް ނުކުންނާނޭ ބަޔަކު ލިބުމުން ބަޑި ގުދަން ކައިރިއަށް އައިއިރު ބަޑި ގުދަން ކައިރީގައި މޭޖަރ މުޙައްމަދު ޒާހިރު ޕީ.ކޭ.އެމް އަށް ވަޒަން ފީތާއެއް ލޯޑް ކުރައްވައިގެން ޕީ.ކޭ.އެމް ހިއްޕަވައިގެން ހުންނެވި. ނަމަވެސް ޕީ.ކޭ.އެމް އަކީ އޭރު ރާއްޖެއަށް އައު ވައްތަރެއްގެ ބަޑިއަކަށް ވުމާއެކު އެ ވައްތަރު ބަޑީގެ ޓްރޭނިންގ އޭރު އަދި އެއްވެސް ބަޔަކަށް ލިބިފައި ނެތުމާއެކު އެބަޑި ޖަހަމުން ދަނިކޮށް މައްސަލައެއް ޖެހި ހުއްޓޭ ގޮތް ދިމާވިއަސް އެކަން ރަނގަޅުކުރުމާއި އެ ޖެހުނީ ކޮން މައްސަލައެއްކަން ނޭނގޭނެތީއާއެކު މިފަދަ މައްސަލައެއް ޖެހި، ޖަހަމުން ގެންދާ ބަޑިއަށް ހުއްޓުމެއް އަރައިފިކަން ދުޝްމަނުންނަށް އެނގިއްޖެނަމަ ދުޝްމަނުން އެ ލިބުނު ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމަ ގޮތުގައި ބޭނުން ކުރާނެކަން ޔަޤީންވާތީ ޕީ.ކޭ.އެމް އަށްވުރެ މިކަހަލަ ވަގުތަކަށް އަޅުގަނޑަށް ރަނގަޅީ ބެލްޖިއަމް ޖީ.ޕީ.އެމް.ޖީއެއް ކަމަށް މޭޖަރ މުޙައްމަދު ޒާހިރު އަށް ދެންނެވީން. ޖަވާބުގައި ވިދާޅުވީ ތިމަންނާވެސް ޖަލީލްއާ އެކުގައި ދާނެ ކަމަށާއި ވީމާ، މިބަޑި ރަނގަޅުވާނެ ކަމަށް. ދެން ބަހުގައި ދާން ވޮލަންޓިއަރ ކުރި މީހުން ބަހަށް އެރުމަށް އެންގުމުން އެމީހުން ބަހަށް އަރަން ފެށި. އޭރު ލާންސް ކޯޕްރަލް އިސްމާޢީލް ރަޝީދު އިންނެވީ ޑްރައިވަރަކަށް. މީހުންތައް ބަހަށް އަރަމުން ދިޔައިރުގައި މޭޖަރ މުހައްމަދު ޒާހިރު އާއި އަޅުގަނޑާއި ސްޓާފް ސާރޖެންޓް ޚަބަރު ދޮންމަނިކުއާ ތިބީ ބަހުގެ ކައިރީގައި. އޭރު ސިފައިންގޭގައި އެމަޖެންސީ އަށް ބޭނުންކުރި ބަހުގެ ފަހަތުގައި ސީޓް ހުންނަ ގޮތުން މީހުންނަށް ތިބެވުނީވެސް ދެފަރާތަށް ބެހިލެވިފައިވާ ކަހަލަ ގޮތަކަށް.

ޖަލީލް އާއި ބިލާލްގެ ހަވާލުގައި ހަތިޔާރު ދީފައި މީހުން ނެރެން އެންގުން

މީހުންތައް ބަހަށް އަރަމުންގޮސް މޭޖަރ މުޙައްމަދު ޒާހިރު އާއި އަޅުގަނޑު އަދި ސްޓާފް ސާރޖެންޓް ޚަބަރު ދޮންމަނިކު އާއި ތިން މީހުންނަށް ވުމުން ޕީ.ކޭ.އެމް. ހިއްޕަވައިގެން މޭޖަރ މުޙައްމަދު ޒާހިރު އެރުއްވީ ބަހުގެ ފަހަތަށް. މޭޖަރ މުޙައްމަދު ޒާހިރު އެރުއްވުމުން ސްޓާފް ސާރޖެންޓް ޚަބަރު ދޮންމަނިކު އަޅުގަނޑާއެކު ބަހުގެ ކުރިއަށް އެރުމަށް އެންގިން. އެއަށްފަހު ބަސްދުއްވަން އިންނެވި ލާންސް ކޯޕްރަލް އިސްމާޢީލް ރަޝީދު އަށް އެއްވެސް ސަބަބަކާ ހެދި ބަސް ނުދުއްވިއްޖެނަމަ ސްޓާފް ސާރޖަންޓް ހަބަރު ދޮންމަނިކު ބަސްދުއްވަން ޖެހިލައްވާނެ ކަމަށް އެންގިން. ސްޓާފް ސާރޖަންޓް ހަބަރު ދޮންމަނިކު އާއި އަޅުގަނޑު ބަހަށް އެރުމުން ބަސް ދުއްވާލައިފި.

ބަސް ދުއްވާފައި ގޮސް މޫނިމާ ގަހާ އަރާ ހަމަވިތަނާ ބަސްހުއްޓާލުމަށް މޭޖަރ މުޙައްމަދު ޒާހިރު އެންގެވި. ބަސް ހުއްޓާލުމަށް އެންގެވީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރިން. ޖަވާބުގައި މޭޖަރ މުޙައްމަދު ޒާހިރު ވިދާޅުވީ މިހިރަ ހިލަ ބަސްތާތައް ބަހުގެ ފަހަތުގައި ޖަހަން ކަމަށް. އެއަށްފަހު އެ ހިލަ ބަސްތާތައް ޖަހަން އެންގެވި. އެވަގުތު އަޅުގަނޑު ދެންނެވީ ހިލަބަސްތާ ތަކަށް އެއްޗެއް އަރާ ގޮވައިފިނަމަ އެ ހިލަތައްވެސް ބުރަބުރައިގެން ގޮސް މީހުންގެ ގަޔަށް އަރާ ވަރަށް ބޮޑަށް ޒަހަމްވާނެ ކަމަށް. ކުއްލިއަކަށް ކޮމިއުނިކޭޝަނުން (3 ބުރި ޢިމާރާތުން) ނުކުންނަވާ ކެޕްޓަން އަޙްމަދު ނަޢީމް މުޙައްމަދު "ޓޫޓޫ ޒާހިރަށް ފޯނެކޭ" ބުނުއްވުމުން މޭޖަރ މުޙައްމަދު ޒާހިރު ވަޑައިގަތީ ކޮމިއުނިކޭޝަނަށް. ދެން ބަހުގައި ތިބި މީހުން ފައިބާ ބަހުގެ ފަހަތަށް ހިލަބަސްތާތައް އަރުވަން ފެއްޓި. ބަސްތާތައް ޖަހަމުން ދިޔައިރުގައި ބަހުގެ ކުރީގެ ބިއްލޫރިގަނޑު ހުރުމުގެ ސަބަބުން ބަހުގެ ކުރިއަށް އަރާ މީހުންނަށް ބަޑީގެ ބޭނުންކުރަން ކައިރީގައި ތިބެގެން ދަތިވާނެތީ އަޅުގަނޑުގެ އަތުގައި އޮތް އޭ.ކޭ 47 ބަޑިން ޖަހާ ބަހުގެ ބިއްލޫރިގަނޑު ތަޅާލީ. ކުޑަ އިރުކޮޅެއްގެ ފަހުން މޭޖަރ މުޙައްމަދު ޒާހިރު އެނބުރި ބަސް ކައިރިއަށް ވަޑައިގެންނެވި. ބަސްކައިރިއަށް ވަޑައިގެންފައި ވިދާޅުވީ ނައިބު ވިދާޅުވިއޭ ޖަލީލް އާއި ބިލާލްގެ ހަވާލުގައި ހަތިޔާރު ދީފައި މީހުން ނެރޭށޭ. މިހެން ވިދާޅުވުމަށްފަހު މޭޖަރ މުޙައްމަދު ޒާހިރު ވަޑައިގަތީ އެސް.އީ.ކޭ އާ ދިމާލަށް. އެއަށްފަހު ބޭރަށްދާން ވޮލަންޓިއަރ ކުރި މީހުންނާ އެކުގައި އަޅުގަނޑު މަސައްކަތްކުރީ ބަހުގައި ބޭރަށް ނުކުމެވޭތޯ.

ގޭޓް ތާށިވުމާއި ގޭޓް ވައްޓާލަން މަސައްކަތްކުރުން

ބޭރަށް ނުކުމެވޭތޯ މަސައްކަތް ފެށީމާ ދުޝްމަނުންގެ ޙަމަލާތައް ވަރުގަދަކޮށް ނުކުތަނުދިނުމަށްޓަކައި އެބައި މީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދިޔަ. މެދުކެނޑުމެއްނެތި އާރ.ޕީ.ޖީ ގޭޓްގެ ތެރެއަށް ފޮނުވަމުން ދިއުމާއި އޭ.ކޭ 47 ބަޑި މެދުނުކެޑި ޖަހަމުން ގެންދިއުމާއި މޯޓަރުން ހަމަލާދިނުން އިތުރު ކުރި. މިހެންވުމުގެ ސަބަބުން ގޭޓަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ގޭޓް ހަލާކުވެ ގޭޓް ނުހުޅުވޭގޮތް ދިމާވި. ގޭޓް ނުހުޅުވޭނެކަން ޔަޤީންވުމުން ގޭޓް ހަލާކުކޮށްލައިގެން ނޫނީ ބަހަށް ސިފައިންގެއިން ބޭރަށް ނުނިކުމެވޭނެތީ ގޭޓް ވައްޓާލާ ނުވަތަ ކޮންމެ ގޮތަކުން ނަމަވެސް ހަލާކުކޮށްލައިގެން ނުކުތުމަށް ގަސްދުކުރިން. މިހެންކަމުން މޭޖަރ ޝައުކަތު އިބްރާހިމަކީ މިކަހަލަ މަސައްކަތް ތަކުގެ ވަރަށް ތަޖުރިބާ ލިބިލައްވާފައިވާ ބޭކަލަކަށް ވާތީ ޓްރެކްޓަރ ބޭނުންކޮށްގެން ގަދަކަމުން ގޭޓް ހުޅުވަން ބޭނުންވާ ވާހަކަ ދެންނެވިން. ހަމަ އެވަގުތު ޕްރައިވެޓް އިބްރާހިމް ރުޝްދީ ހޯއްދަވައި ޓްރެކްޓަރ ތައްޔާރު ކުރެއްވުމަށްފަހު ގޭޓް ވައްޓާލުމަށް ޕްރައިވެޓް އިބްރާހިމް ރުޝްދީ ޓްރެކްޓަރުގައި އައި. އަދި ހަމަ އެވަގުތު ޓްރެކްޓަރ މަޑުކުރުވުމަށްފަހު ހަދަންވީ ގޮތަކީ ޓްރެކްޓަރުގެ ބޯބުރި ވިއްދާ އެ ބޯބުރިއާ ގޭޓާއެކު އެއްސުމަށްފަހު ޓްރެކްޓަރ ފަހަތަށް ޖަހައި ގޭޓް ނައްޓާލާނީ ކަމަށް ބުނުއްވާ މިގޮތަށް ރޭވި. ނަމަވެސް ޓްރެކްޓަރ ގޭޓްގައި ޖެއްސުމަށްޓަކައި ކައިރިކޮށްލި ވަގުތު ގޭޓް ކަވަރ ކޮށްގެން ތިބި ދުޝްމިނުން އަނެއްކާވެސް ވަރަށް ގަދައަށް ޙަމަލާދޭން ފެށި. މިވަގުތު ޓްރެކަޓަރ ދުއްވަން އިން ޑްރައިވަރ ޕްރައިވެޓް އިބްރާހިމް ރުޝްދީ އަށް ހަދާލެވުނު ގޮތަކުން ޓްރެކްޓަރ ފުންމައިގެން ގޮސް ގޭޓްގައި ޖެހި ގޭޓްގެ ތިރި ނެއްޓިގެންގޮސް ޓްރެކްޓަރ ހުންގާނު ތެރެއަށްވަދެ ލާމެހި ޓްރެކްޓަރ ހުއްޓުނީ. މިގޮތަށް މިކަން ދިމާވުމުން އެއްވެސް ކޮޅަކަށް ގޭޓްވެސް އަދި ޓްރެކްޓަރ ވެސް ގުޑައެއްނުލި. ހަމަ މިވަގުތު ޕްރައިވެޓް އިބްރާހިމް ރުޝްދީއަށް ދުޝްމަނުންގެ ޙަމަލާތަކަށް ކެތްނުކުރެވިގެން ޓްރެކްޓަރުން ފޭބި. އޭރު އަޅުގަނޑު ހުރީ ޓްރެކްޓަރުގެ ކަނާތްފަރާތު ކުރީކޮޅުން ކަވަރ ނަގައިގެން، ޙަމަލާދެމުންދާ ދުޝްމިނުންނަށް ރައްދު ހަމަލާ ދިނުމަށްޓަކައި މަސައްކަތް ކުރަން. ދެން ޓްރެކްޓަރަށް އެރީ ޕްރައިވެޓް ޢަބްދުﷲ ޝަރީފް ކަމެއް ނުވަތަ ޕްރައިވެޓް ލުތުފީ ކަމެއް މާރަނގަޅަށް ހަނދާނެއް ނެތް. ނަމަވެސް ޓްރެކްޓަރަށް އެރީ މި ދެ މީހުންކުރެ ކޮންމެވެސް މީހެއްކަން ޔަޤީން. ދެވަނައަށް ޑްރައިވަރަކަށް އެރި މީހާއަށްވެސް ޖެހުނީ ކެތްނުކުރެވިގެން ފައިބާން. އެއީ އެވަގުތަކީ ދުޝްމަނުންނަށް ޓްރެކްޓަރ ނުކުންނަން އުޅޭކަން އެނގިގެން ޙަމަލާތައް ވަރުގަދަ ކުރިވަގުތު. ތިންވަނައަށް ޓްރެކްޓަރަށް އެރީ ޕްރައިވެޓް މޫސާ އިބްރާހިމް. ޕްރައިވެޓް މޫސާ އިބްރާހިމް އަށް އެހީތެރިވުމަށްޓަކައި ލެފްޓިނެންޓް ޙަސަން ނަސީރު އާއި އަޅުގަނޑު، ޕްރައިވެޓް މޫސާ އިބްރާހިމް ދެފަރާތުގައި ތިބެގެން ކަހަލަ ގޮތަކަށް ތިބެ ޙަމަލާ ދެމުން ގެންދިޔައިން. ނަމަވެސް މީނާއަށްވެސް ޖެހުނީ ޓްރެކްޓަރުން ފައިބާން. ތިންވަނަ ޑްރައިވަރ ފޭބިއިރު ޓްރެކްޓަރުގެ ކުރީކޮޅު އޮތީ ގާތްގަނޑަކަށް ގޭޓް މެދެއްހާ ހިސާބަށްވުރެ އެތެރެއަށް (އުތުރަށް) ގޮސްފައި. މިވަގުތު ކެނޑިނޭޅި މޯޓަރ ބޮންތައް ބަނޑޭރިގޭ މައްޗަށް އޮހެމުން ދޭ. އޭގެ ތެރެއިން ސްޓޭޖް ކައިރިއަށް ވެއްޓުނު ބޮންތަކުން ލާންސް ކޯޕްރަލް ގްރެވުލް މުޙައްމަދު ނަޢީމްގެ ފަޔާއި، ޕްރައިވެޓް ޢަބްދުއްނާސިރުގެ އަތް ވަރަށް ބޮޑަށް ޒަހަމްވެ ދުނިއަޅާފައި ލޭ އަންނަމުންދޭ. ލާންސް ކޯޕްރަލް ގްރެވުލް މުޙައްމަދު ނައީމްގެ ފައި ބެންޑޭޖްކޮށް އޭނާއަށް އެހީތެރިވަމުން ގެންދިޔައީ މޭޖަރ ޝައުކަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން. ޕްރައިވެޓް ޢަބްދުއްނާސިރުގެ އަތުން ބޮކިޖަހާފައި ލޭ އަންނަލެއް ގިނަކަމުން މީހާގެ ގައިން ލޭހުސްވެދާނެހެން އަޅުގަނޑަށް ހީވީމައި އަޅުގަނޑު ލައިގެން ހުރި ކޮމްބެޓް ޔުނީފޯމްގެ ގަމީހުގައި އިންނަ ނާޑުވާ ފަށުން ޕްރައިވެޓް ޢަބްދުއްނާޞިރުގެ އަތުން އަންނަ ލޭ މަނާވާ ވަރަށް އެއްސީ. އެއަށްފަހު އެދުވަހު ބޭނުންކުރި ސިކްރޫމަށް އޭނާ ގެންދިޔައީ. ޓްރެކްޓަރ ރަނގަޅަށް ތާށީވެ ގޭޓް ނުހުޅުވުމުން ވެހިކަލެއްގައި ބޭރަށް ނުނުކުމެވޭނެކަން އެނގުމުން ފައިމަގުގައި ނުކުތުމަށް އަޅުގަނޑު ނިންމީ. ވުމާއެކު މިކަންތަކުގެ މަޝްވަރާ ހޯދުމަށް މޭޖަރ މުޙައްމަދު ޒާހިރު ހޯދިއިރު އެމަނިކުފާނުވެސް އުޅުއްވަނީ ސިފައިންގެ ވަށައިގެން ހެދިފައިވާ ދިފާއީ މަޤާމްތައް ބެލެހެއްޓުމަށް ތިބި ސިފައިން ޗެކްކޮށް އެތަންތަނުން އެމީހުންނަށް ސިފައިންގެ ދިފާޢު ކުރެވޭތޯ ބެއްލެވުމުގައި. އަޅުގަނޑު ފެނުމުން މޭޖަރ މުޙައްމަދު ޒާހިރު ކުއްލިއަކަށް އަޅުގަނޑު ކައިރިއަށް ވަޑައިގަތް. ވަޑައިގަތުމުން އަވަހަށް ޓްރެކްޓަރާއި ގޭޓަށް ދިމާވިގޮތް ދަންނަވާ ފައިމަގުގައި ނުކުތުމަށް ޤަސްދުކުރާ ވާހަކަ ދެންނެވިން. އެއަށްފަހު ނުކުންނާނޭ މީހުން ހޯދުމަށްޓަކައި ފެންޑާ ތަކަށް ދިޔައީ. ފުރަތަމަވެސް އަޅުގަނޑަށް ވަދެވުނީ އަޅުގަނޑު އުޅޭ ފެންޑާއަށް. އެއީ އަޅުގަނޑާއެކު ލެފްޓިނެންޓް އާދަމް އިބްރާހިމް ބިލާލް ގެންދިއުމަށް. ފެންޑާއަށް ވަންއިރު ފެންޑާގައި މޭޖަރ ހުސައިން އިބްރާހިމްފުޅާއި މޭޖަރ ހ. މޫސަ ތިއްބެވި.

އަޅުގަނޑު ވަނުމާއެކު ކަންތައްތައް ހިނގަމުންދާ ގޮތާމެދު ސުވާލު ކުރެއްވި. ދެން ވެގެން އުޅޭގޮތާއި ކަން ހިނގަމުންދާގޮތް ކިޔައިދިނުމުން މޭޖަރ ހ.މޫސަ އަޅުގަނޑުގެ ގައިގާ ބަޤަލްޤީރު ކުރެއްވި. އެއަށްފަހު އަޅުގަނޑަށް ވަރަށް ހިތްވަރުދެއްވާ ދުޝްމަނުންގެ ޙަމަލާތައް ބަލިކޮށް އެއްވެސް ޙާލެއްގައި މިތަނަށް ދުޝްމަނުންނަށް ވަދެވޭނެ ފުރުސަތު ނުދިނުމަށާއި، މަސްކަތުގައި ޙަރަކާތްތެރިވާ ސިފައިންނަށް ހިތްވަރުދެއްވާ އެމީހުންގެ ހިތްހަމަޖެހޭ ފަދަ ގޮތަކަށް މަސައްކަތް ކުރަމުން ގެންދާށޭ ވިދާޅުވި.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *