Support Us

ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ތ. ގާދިއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

އިއްޔެގެ މި ބައްދަލުކުރެއްވުމުގައި ގާދިއްފުށި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރ ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ އިޖްތިމާޢީ ފޭރާން ގޯސްވަމުން ދިޔުމުގެ ސަބަބުން ގާދިއްފުށީގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާދިއްފުށީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ސްކޫލް ޢިމާރާތުގެ މަސައްކަތް އެވޯޑްކުރެވިފައިވާކަމުގައެވެ. މީގެ އިތުރުން ވެސް ފުލުހުންގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެބޭފުޅުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކުން ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބިމުގެ ދަތިކަމާއި، މަސައްކަތްކުރާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގާދިއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *