Support Us

ވަންދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ތ. ވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަންދޫގައި ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި މިސްކިތުގެ މަޝްރޫޢު އަދި ފެނަކަ އާ އިމާރާތް އެޅުމުގެ މަޝްރޫޢު ކުރިޔަށްދާ ކަމުގައި ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުން ވެސް އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. އެގޮތުން، އެ ބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ބޭނުންވާ ކަމަށާއި ފުޓްސަލް ދަނޑު އަދި އައުޓްޑޯ ޖިމް ފަދަ ކުޅިވަރު އިންފްރާސްޓްރަކްޗަރ ބޭނުންވާކަން ހިމެނެއެވެ. އަދި ކައުންސިލް އިދާރާ ހިންގާ އިމާރާތް ބާވެފައިވުމުން އާ އިމާރާތެއް ބޭނުންވާ ކަމަށާއި، ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ އަންހެނުން ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބޭނުންވާ ވަޞީލަތްތަކާއި އެފަދަ ވަޞީލަތްތައް ޤާއިމުކުރުމަށް ޖާގަ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި، އެބޭފުޅުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މިހާރު ދެއްވާ މުސާރަޔާއި ޢިނާޔަތްތައް ކުޑަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫގައި ކުރިޔަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ މިސްކިތުގެ މަސައްކަތް ޓެންޑެރިންގ އިވޭލުއޭޝަން ކުރިޔަށްދާ ކަމަށާއި އަދި ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް މަގުފަހިކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމުގައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް ދެ ގުނަޔަށް އިތުރުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *