ވަގު ސްލިޕެއް ފޮނުވައިގެން ނެގި 170،000ރ. އަށްވުރެ އަގުބޮޑު ޑައިވް ކޮމްޕްރެސަރެއް މާލޭ ފަޅުގައި އޮތް ބޯޓެއްގައި ހުއްޓާ ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ވަގު ސްލިޕެއް ފޮނުވައިގެން ޑައިވް ކޮމްޕްރެސަރަކާއި އެއާ ގުޅުން ހުރި ތަކެތި ނަގައިފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން އެ ތަކެތި ފެނިފައި ވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައި ހުއްޓާ ކަމަށެވެ.
ވަގު ސްލިޕް ފޮނުވައިގެން މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފިހާރައިން ކޮށްފައިވާ ވިޔަފާރީގެ އަގު 171،292 ރުފިޔާއަށް އަރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެއެވެ.
މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.