Support Us

އޮމަދޫ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތަކީ އާބާދީ ކުޑަޔަސް، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން: ރައީސުލްޖުމްހޫރިއްޔާ

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ތިން އަހަރުގެ ކުރިން އެމަނިކުފާނު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި އެ ދަތުރުފުޅުގައި ރައްޔިތުންނާއި ކައުންސިލުން އެންމެ ބޮޑަށް ބޭނުންވީ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯދުންކަން ފާހަގަކުރައްވައި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މިއަދު އެކަމަށް ހައްލެއް ލިބިގެންދިއުމަކީ ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އޮމަދޫގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގެ އަގަކީ 32 މިލިއަން ރުފިޔާއެވެ. މި ބަނދަރާއެކު އޮޑިއެހެލާ ސަރަހެއްދެއްވެސް މި ޕްރެޖެކްޓުގެ ދަށުން ހަދާފައިވެއެވެ.

އޮމަދޫގެ ރައްޔިތުން އެދުނު އަނެއް ކަމަކީ ކަރަންޓްގެ ޚިދުމަތް ރަނގަޅުކޮށްދިނުމަށް ކަމަށާއި މިހާރު ފެނަކައިގެ ފަރާތުން އެރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް، އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށް އަދި ރަށުގައި އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ގުޅައިދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޮމަދޫގެ ފެނާއި ނަރުދަމާ ނިޒާމާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބުރުނީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަކާއި އެރަށު ސްކޫލުގައި ހަ ކްލާސްރޫމްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، މިމަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށާއި މީގެ އިތުރުން ފުޓްސަލް ދަނޑާއި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތ. މަޑިފުށީ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ނިމި، އެރަށުގައި އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކޮށްފައިވާ ކަމަށާއި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށް އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އަދި ވޮލީ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތ. ވިލިފުށީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ އެއްކަމަކީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަންކަން ފާހަގަކުރައްވައި އެރަށުގައި ޤާއިމުކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ސޮއިކޮށް، އެ މަސައްކަތް ބަޔަކާ ޙަވާލުކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ތ. ކިނބިދޫއާއި ހިރިލަންދޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެ ދެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެމްޓީސީސީން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު އިޖުތިމާޢީ ދެ މައްސައަކީ ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލަކަމުގައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖީލަކަށްފަހު ޖީލެއް ހަލާކުވަމުންދާ ކަމަށާއި މި ދެ ކަމުން ކުދިން ސަލާމަތްކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި މި ދެކަން ހުއްޓުވުމަށް ސަރުކާރުން މިހާރު ޕްލޭންތައް އެކުލަވާލާފައި ވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދެ ކަންތަކަށްވެސް އޮތް އެންމެ ބޮޑު ޙައްލަކީ އެންމެ ކުޑައިރުން ފެށިގެން ކުދިން އިސްލާމްދީނުގެ ޞައްޙަ އަޤީދާގައި ތަރުބިއްޔަތުކުރުމަށް ތަޢުލީމު ދީ މުޖުތަމަޢުގައި ހުރި އެފަދަ ނުރަނގަޅު ކަންކަމާ ކުދިން ދުރުކުރުމަށް ބާރުއަޅައި މުޅި މުޖްތަމައު އެކުގައި މަސައްކަތްކަތް ކުރުން ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ބަލި ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ދެން އެންމެން އެކުގައި މަސައްކަތްކުރަންވީ އިތުރަށް ފަހަތަށް ނުގޮސް މި ލިބުނު ކާމިޔާބީގައި ހިފެހެއްޓުމަށް ކަމުގައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2020ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ 10 ބިލިއަން ރުފިޔާގެ އާމްދަނީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ އުނިކަން ފޫބެއްދުމަށް ސަރުކާރުން ގިނަ ލޯނުތަކެއް ނަގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަލުން ކޮވިޑް ފެތުރުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެންކަން ފާހަގަކުރައްވައި ޚާއްޞަކޮށް ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން މިކަމުގައި އިތުރު ސަމާލުކަމެއްދީގެން މަސައްކަތް ކޮށްދެއްވުމަށް އެ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑްގެ ކަރަންޓީނު ސްޕޮޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ރާއްޖެ ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން ގެސްޓް ހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާކަން ކަށަވަރުކުރުމުގެ ގޮތުން މިއަދުން ފެށިގެން އެތަންތަނުގެ އިސްޕެކްޝަނެއް ކުރިޔަށްގެންދަވަން ނިންމަވާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އަމަލުކުރާނަމަ އަނެއްކާވެސް ކޮވިޑްގެ ދަތިހާލަތު އަނބުރާ ރުޖޫއަ ވެދާނެތީ، އެގޮތަށް ވުމުގެ ފުރުޞަތު ނުދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *