Support Us

އޮމަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި

ތ. އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

އޮމަދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލް އާބާތުރަ ފިލުވުމާއި، ބޭނުންވާ ބައެއް ވަޞީލަތްތައް މަދުކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މަސްވެރިކަމާގުޅޭ މަސައްކަތްކުރުމަށާއި، ދަނޑުވެރިކަމަށް ދޫކުރާ ބިން ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރ އަދި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް ޒުވާނުންގެ މަރުކަޒެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ރަށަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި، އެ ރަށު ޞިއްޙީ މަރުކަޒަށް ބޭނުންވާ ވަޞީލަތްތަކާއި، ކަންކަން ކުރުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ހިމެނެއެވެ.

‎އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ދާއިމީ ގޮތެއްގައި އަންހެނުންނަށް އާމްދަނީ ލިބޭނެ ގޮތަށް އަންހެނުން ބާރުވެރިކުރުމަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި، އޮމަދޫގައި މަތީ ޘާނަވީ ތަޢުލީމު ހާސިލުކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

‎މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މި ބަނދަރަކީ 32 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.

‎ރައީސުލްޖުމްހޫރިއްޔާ މިހާރު އޮމަދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *