Support Us

ކިނބިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި

ތ. ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

އެ ރަށު ޒުވާނުންގެ މަރުކަޒުގައި މިއަދު މެންދުރުކުރީ ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ފެނާއި ނަރުދަމާއާއި، ފެން ރައްކާކުރާ ނިޒާމް އަދި ފުޓްސަލް ދަނޑު އެޅުން ފަދަ މަޝްރޫޢުތަކާއެކު ސަރުކާރުން ކިނބިދޫގަައި މިހާރުވެސް ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަވާކަމުގައި ކައުންސިލުގެ ރައީސް ޢަލީ ޙުސައިން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، ކިނބިދޫގެ އާސާރީ ތަނެއްކަމުގައިވާ ވޭރު ޙިމާޔާތްކުރުމާއި، ކިނބިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުން ހިމެނެއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި ކިނބިދޫގައި އިޤްތިޞާދީ ޙަރާކާތް އިތުރުކުރުމަށް ބޭނުންވާ ކަމަށާއި، ފަތުރުވެރިކަމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން އަދި އިޖްތިމާޢީގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލް މެންބަރުން މަޝްވަރާކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާ ގުޅޭ މަޢުލޫމާތުގެ އިތުރުން، ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ކޮމިޓީން ވަނީ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކުރައްވާފައިވާ ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް މިރަށުގައި ކުރިޔަށް ގެންދިޔުމަށް ވިސްނުންފުޅުހުރިކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިޔަށްދާ ކަމަށާއި، ދެން ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އިޤްތިޞާދީގޮތުން ހުރި ފުރުޞަތުތަކާއި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކައުންސިލްތަކާއި ރައްޔިތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެންމެން ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *