Support Us

ތިމަރަފުށީ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި

ތ. ތިމަރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީގައި ކުރިޔަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށާއި، ދާދިފަހުން ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރެވިފައިވާ ކަމަށާއި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްދާ ކަމުގައި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ތިމަރަފުށީގައި ޖުމްލަ ގޮތެއްގައި ކުރިޔަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ތިމަރަފުށީގެ ރައްޔިތުން ބަލައިގަންނަ ކަމަށާއި ތިމަރަފުށީގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ކައުންސިލުގެ ރައީސް އިސްމާޢީލް އިބްރާހީމް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ތިމަރަފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި، އެއަރޕޯޓްގެ ދަތުރުތައް މަދުވުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާކަމާއި، އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ މާ ގިނަ ފުރުޞަތުތަކެއް ނެތުމުން ދިމާވާ އިޤްތިޞާދީ ދަތިތަކާއި، މަގުހެދުމުގެ މަޝްރޫޢު ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށާއި، ކޮމިޓީގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނުފެށި ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުންކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ މަސައްކަތް ފެށޭނެކަމުގައި ވިދާޅުވިއެވެ. އަދި، މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމަކާ އެކީ އެކަން ކުރެވޭނެ ގޮތެއް ބައްލަވައިދެއްވާނެ ކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް މިއަންނަ އަހަރަށް ބަޖެޓްކުރެވޭތޯ މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެ ރަށުގެ ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑިންގ މަސައްކަތް މިހާރަށް ބޭނުންވާނެ ކަންކަމާއެކީ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، މެދު ފަންތީގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރާވާފައިވާ މަޝްރޫޢުގައި ހިމަނައިގެން އެރަށުގައިވެސް އެފަދަ ހޮސްޕިޓަލެއް ކުރިޔަށް އޮތް ތާނގައި ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ތ. އަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވައި އެކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ރަށުގެ ރައްޔިތުން އެދޭކަންކަން ފަހިކޮށްދީ ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ތިމަރަފުށީގެ ރައްޔިތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *