ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ޖިއޮންގް ވޫންޖިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ދެކުނު ކޮރެއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ކޮރެއާއާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެކުނު ކޮރެއާ އިން ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ވެދިން އެހީތެރިކަން ބަލައިގަންނަ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ޤައުމުން ޝައުގުވެރިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައެއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ދެކުނު ކޮރެއާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.



advertisment