Support Us

ރަނގަޅު ދަރިންތަކެއް އުފެއްދުމަކީ މުޅި މުޖްތަމަޢުގެ ވެސް ޒިންމާއެއް: ނައިބު ރައީސުލްޖުމްހޫރިއްޔާ

ރަނގަޅު ދަރިންތަކެއް އުފެއްދުމުގައި މުޅިމުތަމަޢުގެ މުހިންމު ރޯލު އޮތްކަން ދެނެގަނެ، މުޖުތަމަޢުގެ ހުރިހާ އަފުރާދުން އެކަމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ދިރާސީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލުގައި ޚާއްޞަ އެހީއަށް ބޭނުންކުދިންނަށް ޚާއްޞަކޮށް ބެހެއްޓި ލިފްޓު އިފްތިތާޙް ކޮށްދެއްވާފައެވެ. މިއީ ސަރުކާރުން އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމަށް ފައިދާހުރި މަސައްކަތްތެރި ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ ޒިންމާ ފާހަގަކުރައްވައި، ސްކޫލު ނިންމާ ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބައްޓަންކުރުމަށް ޚާއްޞަކޮށް ބެލެނިވެރިންނާއި ޓީޗަރުން ކެނޑިނޭޅި މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ޕެންޑަމިކްގެ ދަތި ހާލަތުގެ ސަބަބުން އެންމެބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވައި، އެ ދަތި ހާލަތުގައި ވެސް ޚާއްޞަކޮށް ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ހިންގުންތެރިން، ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރެއްވި ބުރަ މަސައްކަތްތަކަކީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކެއްކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މިހާރު ޢާންމު ހާލަތާއި އެގޮތަށް ހުރިހާ ކަމަކަށް ފުރުޞަތުތައް ފަހިވަމުންދާއިރު މި ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ފާއިތުވެ ދިޔަތަން އަލުން ހޯދުމަށްވެސް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާގެ މީހުންގެ މުސާރައާ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލް މަދަރުސާތަކުގެ ޖުމްލަ 92,936 ދަރިވަރުންނާ އެކުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *