Support Us

މިވަނީ އައު ޢާންމު ޙާލަތަށް އާދެވިފައި، ނަމަވެސް ކޮވިޑަށް އަބަދުވެސް ސަމާލުވާންޖެހޭނެ: ރައީސުލްޖުމްހޫރިއްޔާ

އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލެވި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ޢާންމު އުޞޫލުން މިއަދު ފެށުމާ ގުޅިގެން ރާއްޖެއަށް މިހާރު މިވަނީ އައު ޢާންމު ޙާލަތަށް އާދެވިފައި ކަމަށާއި، ނަމަވެސް ކޮވިޑް-19ގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ޤަބޫލުނުކޮށް، ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، އަބަދުވެސް ސަމާލުވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައިވެސް، ދިރާސީ އައު އަހަރަކާ ބައްދަލުކުރާ އިރު، މިއަދު ގަދައަޅައި މަސައްކަތްކުރަންވީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި މި ލިބުނު ކުރިއެރުން އެ ގޮތުގައި ދަމަހައްޓައި، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ފުރިހަމައަށް ޢަމަލުކުރުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި، ދަރިވަރުން ތިބެންޖެހުނީ ސްކޫލަށް ދާނެ ފުރުޞަތެއް ނުލިބި، ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައި ކަމަށާއި، އެހެންކަމުން މިއަދު މި ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުންވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައި ކަމުގައި ވިދާޅުވިއެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، ހުރިހާ ކުދިންވެސް މިއަދު ޢަޒުމް ކަނޑައަޅަންވީ، ކުރިމަތިވާ އުނދަގޫތައް ގިރާކޮށްގެންވެސް، ތަޢުލީމު ހޯދައި، ޤައުމަށް ޚިދުމަތްކުރާ، ބޭނުންތެރި، މައިންބަފައިންނާއި ޢާއިލާ ފަޚުރުވެރިވާ، މުޖްތަމަޢަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭނެ ކުއްޖަކަށްވުމަށެވެ.

ޓީޗަރުން ކުރައްވަމުން ގެންދަވާ، އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގައެވެ.

އެމަނިކުފާނު ވަނީ ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުންކަން ފާހަގަކުރައްވައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ޢާންމު ޙާލަތާއެކު ކުރިއަށް ދިޔުމުގައި ސަރުކާރުން މިހާރު ފަށާފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، ސަރުކާރުގެ މިހާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *